މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝަލަބީ އިބްރާހިމްގެ މިއުޒިކް ބޭންޑު “ހައުސް އޮފް މިއުޒިކް” އިން މިރޭ “ބަރިސްތާ މޯލްޑިވްސް ކެފޭ” ގައި ބާއްވާ ޝޯ، ޖޭމު ދޮންކަމަނަ، ހޯރަފުށީ ފަރީދާ އަދި ޖަމީލާ ހަސަނަށް ޚާއްޞަކުރަން ނިންމައިފިއެވެ.

“ގިގް އޮފް ދަ މަންތު”ގެ ނަމުގައި މިރޭ ބާއްވާ ޝޯ ހާއްސަ ކޮށްލަނީ އެތައް ބަޔަކު އެ އަޑުތަކެއްގެ އަވައިގައި ރަނގަޅަށް ޖެހުނު ކުރީގެ މަޝްހޫރު ތިން ލަވަ ކިޔުންތެރިންގެ ފޯރިގަދަ ރީތި ލަވަތަކެއް ޝަލަބީގެ އަޑުން އިއްވާލައި ކުރީގެ ހަނދާންތައް އާކުމަށެވެ.

ހައުސް އޮފް މިއުޒިކްގެ އޮފިޝަލެއް ބުނީ ޖޭމު ދޮންކަމަނަ، ހޯރަފުށީ ފަރީދާ އަދި ޖަމީލާ ހަސަންގެ ލަވަ ތަކުން ފާހަގަކޮށްލެވޭ ލަވަތަކެއް މިރޭ އިވިގެންދާނެ ކަމަށާއި ގިނަ ބަޔަކު ޝޯ ބަލައިލާ، ހިތް އުފާކޮށްލަން ދިއުމަށް އެދޭ ކަމަށެވެ. މިރޭގެ ޝޯގައި ވެސް ގެސްޓް ޖަޖެއް ބައިވެރިވާނެ އެވެ.

ޖޭމ ދޮންކަމަނަ އަދި ހޯރަފުށީ ފަރީދާގެ އިތުރުން ޖަމީލާ ހަސަންގެ ލަވަތަކަކީ ދިވެހިންގެ ހިތްތަކުގައި އެލަވަތަކެއް ބިންވަޅު ނެގިފައިވާ އެތަކެއް ލަވަތަކެއް ހަދިޔާކޮށްފައިވާ މަޝްހޫރު ތިން ފަންނާނުންނެވެ.

ބަރިސްތާ މޯލްޑިވްސް އާއި ހައުސް އޮފް މިއުޒިކް ގުޅިގެން އެ ކެފޭގައި ބާއްވާ ޝޯތަކުގެ ތެރެއިން މަހަކު އެއް ފަހަރު، ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނަށް ޚާއްޞަކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފެބްރުއަރީ މަސް ފެށުމާއެކު ބޭއްވި ޝޯ ޚާއްޞަ ކޮށްލީ ނައިފަރުދޮހޮއްކޮ އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.