ޤައުމީ ތާރީޚު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި، ތާރީޚުގެ ކަންކަން ދިރާސާކޮށް ތާރީޚް ކުރިއެރުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ 11 ބޭފުޅަކަށް ޚިދުމަތުގެ ފިލާ އަރުވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް، ބަހާއި ތާރީޚާ އަދި ޅެންވެރިކަމުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަން ކުރައްވަމުން ގެންދަވާ އުސޫލުން ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާއިން މި ފަހަރު އެކެޑަމީން ދޭ އަގުވަޒަން ކުރެއްވުމުގެ ފިލާ އެރުވުމުގައި އެކެޑަމީން ބަލައިފައިވަނީ މައިގަނޑު ތިން މިންގަނޑަކަށް ކަމަށްދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.
އެ މިންގަނޑުތަކަކީ:
– މަޖައްލާތަކުގައާއި ޢިލްމީ ވެބްސައިޓުތަކުގައި ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ ގޮތުން 05 ލިޔުމަށް ވުރެ ގިނަ ލިޔުން ޝާއިޢުކުރައްވައިފައިވުން.
– ދިވެހި ތާރީޚާއި ސަގާފަތާ ގުޅޭ ދާއިރާއިން ފޮތް ލިޔުއްވައިފައި ވުން.
– ދިވެހި ތާރީޚު ކިޔަވައިދެއްވުމުގައި މަދުވެގެން 05 އަހަރު އުޅުއްވައިފައި ވުން
ރޭގެ ޖަލްސާގައި ފިލާ ލިބިފައިވާ 11 ބޭފުޅުންގެ ފުރަމަލަތައް ހުށައަޅައިދީފައިވެއެވެ. އެގޮތުން ފިލާ ލިބިލެއްވި ބޭފުޅުންގެ ފުރަމަލަތައް ވެސް ހިމަނާލާނަމެވެ.
1. ޑރ. ރަޝީދާ މުޙައްމަދު
ޑރ. ރަޝީދާ މުޙައްމަދު ދީދީއަކީ ޕޮލިޓިކަލް ސައިންގެ ދާއިރާއިން ޕީއެޗް.ޑީ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ރޭޑިޔޯއާއި ޓީވީގެ ތަފާތު ޕްރޮގުރާމްތަކުގައި ދިވެހި ތާރީޚުގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވައިފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދެއްވި ސައްޔާހުންގެ ދަތުރު މި ޕްރޮގުރާމުގައި ވެސް މަޢުލޫމާތު ދެއްވައިފައި ވެއެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ރަޝީދާ މުޙައްމަދު ދީދީ ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ހިންގާ ދިވެހި ބަހުގެ ޑިގްރީ ކޯހުގައި، ދިވެހިރާއްޖޭގެ މި ޒަމާނުގެ ތާރީޚު ކިޔަވައިދެއްވަމުންނެވެ. އަދި މި ކޯހުގެ އަތްމަތީ ކަރުދާސްތައް ތައްޔާރު ކުރައްވައިފައި ވަނީވެސް ޚުދު ރަޝީދާ މުޙައްމަދު ދީދީއެވެ.
2. އަލްފާޟިލް ޢަބްދުﷲ ޙިލްމީ
އަލްފާޟިލް ޢަބްދުﷲ ޙިލްމީ ތާރީޚީ މަސައްކަތްޕުޅު ފެއްޓެވުމުގެ އެންމެ ބޮޑު ސަބަބު ގުޅިފައި ވަނީ 1962މ. ގައި ހަވަރު ތިނަދޫން މީހުން ބޭލުމާ ގުޅިގެން ނެތިގެން ގޮސްފައިވާ އެ ރަށުގެ އާސާރުތަކާއި، ތަރައްގީއާއި ތަހުޒީބާއި ކުރިއެރުމާއި މީސްމީހުންގެ ޢާއިލީ ވަނަވަރު، ހިނގަމުން މިދާ ޖީލާ ޙިއްޞާކުރެއްވޭތޯ ބެއްލެވުމުގެ ގޮތުންނެވެ. މީގެއިތުރަށް ދިވެހިތާރީޚީ ޞަފުޙާތަކުން ފެންނަން ނެތް ބައެއް ކަންކަން ވެސް ހޯއްދަވައި އެ ފަދަ ކަންކަން ވެސް ހިނގަމުންދާ ޖީލާއި ޙިއްޞާ ކުރައްވައެވެ. ޢަބްދުﷲ ޙިލްމީ ވަނީ 166 އަށްވުރެ ގިނަ ދިރާސީ އަދި ތާރީޚީ މަޢުލޫމާތުގެ ލިޔުންތައް ބޭނުން ބަޔަކަށް ފަސޭހައިން ބަލައިލެވޭ ގޮތަށް “ގަލެހިރި.ކޮމް” ( www.galehiri.com ) ގައި ޝާޢިޢުކުރައްވަފައެވެ.
3. އަލްފާޟިލް އިމާދު ލަތީފު
އަލްފާޟިލް އިމާދު ލަތީފަކީ ނޫސްވެރިއެކެވެ. ލިޔުންތެރިއެކެވެ. ކޮންމެ ކަމަކާމެދު ބިނާކުރަނިވި ފާޑު ވިދާޅުވާ ބޭފުޅެކެވެ. ތާރީޚުގެ އެކި މައުލޫތަކުގެ މައްޗަށް ލިޔުންތައް ލިޔުއްވާ މުއައްރިހެކެވެ. މަޝްހޫރު ނޫހެއް ކަމުގައިވާ ހަވީރު ނޫހުގެ ރަންޒަމާނުން ފެށިގެން އަދިއަދާ ޖެހެންދެން ވެސް އެކިއެކި ނޫސްތަކާއި ވެބްސައިޓްކާއި މަޖައްލާތަކަށް އޭނާ ވަނީ އެކި ބާވަތްތަކުގެ ލިޔުންތައް ލިޔުއްވައިފައެވެ. މިހާރު ވީމީޑިއާގެ ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ އިމާދު ލަތީފަކީ ދިވެހި ތާރީޚަށް ލޯބިކުރައްވާ ތާރީޚީ ލިޔުންތައް އެކި މައުލޫގައި ލިޔުއްވާ ބޭފުޅެކެވެ. ތާރީޚުގެ ދާއިރާގައި އިމާދު ފާހަގަ ކުރެވެނީ ހާމަކޮށް ދައްކާން އުނދަގޫވެފައި ހުންނަ ކަންކަން ޖެހިލުމެއް ނެތި، ފޮރުވުމެއް ނެތި ހާމަކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އިމާދު ދިވެހިތާރީޚަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގެ ތާރީޚު ދިރާސާކުރައްވައި ލިޔުއްވި ލިޔުންތައް ހިމެނެއެވެ. އޭނާގެ ތާރީޚީ މަސައްކަތްޕުޅުގެ އަގުވަޒަން ކުރައްވައި އައްޑޫ އެވޯޑް ވަނީ ލިބިވަޑައިގެންފައެވެ.
4. އަލްފާޟިލް މުޙައްމަދު ދީދީ
އަލްފާޟިލް މުޙައްމަދު ދީދީއަކީ ބެޗްލާ އޮފް އާޓްސް އިން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައި، ޕޮޕިއުލޭޝަން ސްޓަޑީޒް އިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަލްފާޟިލް މުޙައްމަދު ދީދީއަކީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ހިންގާ ދިވެހި ބަހުގެ ޑިގުރީ ކޯހުގައި ކިޔަވައި ދެއްވާ ދިވެހި ތާރީޚުގެ މޮޑިއުތައް ތައްޔާރު ކުރައްވައި އެ މާއްދާ ކިޔަވައި ދެއްވަމުން އަންނަ މުދައްރިސެކެވެ. މީގެ އިތުރުން ވެސް ދިވެހި ތާރީޚާ ބެހޭ ގޮތުން ބާއްވާ ތަފާތު ފޯރަމްތަކާއި ޕްރޮގުރާމްތަކުގައި އަލްފާޟިލް މުޙައްމަދު ދީދީ މަޢުލޫމާތު ދެއްވައި ދިވެހި ތާރީޚަށް މިހާރު ވެސް ދަނީ ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ.
5. އަލްއުސްތާޛު އަޙްމަދު ޢަލާ
އަލްއުސްތާޛު އަޙްމަދު ޢަލާ އަކީ ޤުރާން ސައިންސް އިން ޑިޕޮލޮމާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އުސްތާޛު ޢަލާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހިންގާ ޑިގުރީ ކޯސްތަކަށް ދިވެހި ތާރީޚާއި ޙަޟާރަތް މި މާއްދާ ކިޔަވައިދެއްވާ ބޭފުޅެކެވެ. އަދި ހަމައެހެންމެ މި މާއްދާގެ މޮޑިއުލް ތައްޔާރު ކުރައްވައިފައި ވަނީ ވެސް ޚުދު ޢަލާ އެވެ. މީގެ އިތުރުން ވެސް ތާރީޚާ ބެހޭ ތަފާތު ލިޔުންތައް ވެބްސައިޓު ތަކުގައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި ޢަލާ އަކީ ދިވެހި ތާރީޚުގެ ދާއިރާއިން ދިރާސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު އަލްއުސްތާޛު އަޙްމަދު ޢަލާ މީހުންގެ ތެރޭގައި ފާހަގަ ކުރެވެނީ ތަފާތު މުނާސަބަތުތަކުގައި ތާރީޚާ ބެހޭ ގޮތުން ވަރަށް ޝަޢުޤުވެރިކަމާއެކު ތަޤުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ދާދިފަހުން އެކުލަވައި ގައުމިއްޔަތު ކޮމިޓީގައި ވެސް އަލްއުސްތާޛު އަޙްމަދު ޢަލާ ހިމެނިވަޑައިގަންނަވައެވެ.
6. ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު
ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ މެނޭޖްމަންޓާއި މިލިޓްރީ ސްޓަޑީޒްގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ސަޢީދު ފާހަގަ ކުރެވިފައި ވަނީ ތާރީޚީ އެކިއެކި ލިޔުންތައް ލިޔުއްވުމާއި، ދިވެހި ތާރީޚު ކިޔަވައި ދެއްވާ ދިވެހި ތާރީޚާ ގުޅޭ ތަފާތު ފޮތްތައް ލިޔެ ޝާއިޢު ކުރެއްވުމުގައި ވެސް މަސައްކަތްޕުޅު ކުރައްވާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ހިންގާ އެކި ކޯސްތަކުގައި ދިވެހި އަސްކަރީ ތާރީޚު ކިޔަވައި ދެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ދިވެހި ސިފައިންގެ ތާރީޚު ލިޔެ ރައްކާކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޝާއިޢު ކުރެވޭ ފޮތްތައް ލިޔެ އެކުލަވައިލުމުގައާއި އެ ކަންކަމާ ގުޅުން ހުރި ދިރާސާތައް ކުރެއްވުމުގައި އަމިއްލަ ވަގުތު އެކަމަށް ހުސް ކުރައްވައިގެން އަގުހުރި މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އަދި ޤައުމީ އެކި އިޙްތިފާލުތަކާ ގުޅިގެން ސުކޫލުތަކުގެ ދަރިވަރުންނަށް ތާރީޚާ ގުޅުން ހުރި އެކި މަޢުލޫމާތު ދެއްވުމާއި ޤައުމީ އެކި މުނާސަބަތުތަކުގައި ތާރީޚާ ގުޅުން ހުރި މައުޟޫތަކަށް ވާހަކަދެއްކެވުމަކީ ވެސް ޢަބްދުﷲ ސަޢީދުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.
7. ވޮރަންޓް އޮފިސަރ 1 ޙުސައިން ޞަލާޙް ޔޫސުފު
ވޮރަންޓް އޮފިސަރ 1 ޙުސައިން ޞަލާޙް ޔޫސުފްއަކީ ދިވެހިބަހާއި، ހިއުމަން ރިސޯސް މެނޭޖްމަންޓާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ޙުސައިން ޞަލާޙް ފާހަގަވެފައި ވަނީ ދިވެހި ތާރީޚީ އެކިއެކި ލިޔުންތައް ލިޔުއްވުމާއި، ދިވެހި ތާރީޚް ކިޔަވައިދެއްވުމުގައާއި، ދިވެހި ތާރީޚާ ގުޅޭ ތަފާތު ފޮތްތައް ލިޔެ ޝާއިޢު ކުރެއްވުމުގައި ވެސް މަސައްކަތްކުރަމުން އަންނަ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ހިންގާ އެކި ކޯސްތަކުގައި ދިވެހި އަސްކަރީ ތާރީޚު ކިޔަވައި ދެއްވައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވެވެ. އޭނާއަކީ މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދިވެހި ސިފައިންގެ ތާރީޚު ލިޔެ ރައްކާކުރުމުގެ ގޮތުން، ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޝާއިޢުކުރެވޭ ފޮތްތައް ލިޔުމުގައާއި އެކަންކަމާ ގުޅުންހުރި ދިރާސާތައް ކުރެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ޙުސައިން ޞަލާޙް ގެންދަވަނީ ކުރައްވަމުންނެވެ.
8. އަލްފާޟިލް އިޔާޒު ނަސީމު
އަލްފާޟިލް އިޔާޒު ޖާދުﷲ ނަސީމަކީ 2000 ވަނަ އަހަރުން ފެށިގެން ދިވެހި ތާރީޚާއި ސަޤާފަތާބެހޭ ލިޔުންތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކްލްޓީ އޮފް އާޓްސްއިން ދިވެހިބަހުގެ ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި އަރަބި ބަސް ކިޔަވައިދެއްވުމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައިވއެވެ. އޭނާ ވަނީ ނޫސް މަޖައްލާ ތަކުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުންނާއި ޢަރަބިބަހުން ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތާ ބެހޭ ލިޔުންތައް ލިޔުއްވައިފައިވެއެވެ. ހަމަ އެހެންމެ ދިވެހިބަހުގެ އެކެޑަމީން ނެރޭ ފަތްތޫރައަށް ވެސް ލިޔުއްވަމުން ގެންދަވާ އަލްފާޟިލް އިޔާޒު ނަސީމު ގެންވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ތަފާތު ކޯސްތަކުގައި ވެސް ދިވެހި ތާރީޚު ކިޔަވައިދެއްވަމުންނެވެ. ގިނަ ބަސްތައް ދެނެވަޑައިގަންނަވާ އިޔާޒު ނަސީމު ތާރީޚު ދާއިރާގައި ފާހަގަކުރެވެނީ ފަސޭހަފުޅު ކަމާއެކު ކޮންމެ ވާހަކަފުޅެއްވެސް ކުރުކޮށް ފޮނިކޮށް ބަޔާންކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
9. އަލްފާޟިލް އާދަމް ޙަލީމް
އަލްފާޟިލް އާދަމް ޙަލީމް ނުވަތަ މުންޑޫ ޙަލީމަކީ ނޫސްވެރިއެއް އަދި ލިޔުންތެރިއެކެވެ. އާފަތިސް ނޫހާއި ސަން އޮންލައިންނާއި ވީނިއުސްގެ އިސް މަޤާމުތަކެއް ފުރުއްވައިފައިވާ އާދަމް ޙަލީމަށް ނޫސްވެރިކަމުގެ ޤައުމީ އިނާމާއި ރަން ގަލަން ލިބިވަޑައިގެންފައި ވީ ނަމަވެސް ނޫސްވެރި ކަމަށް ވުރެ ޝައުޤުވެރިވެވަޑައިގަންނަވަނީ ތާރީޚު ދިރާސާތައް ކުރެއްވުމާއި އެ ދާއިރާއިން ލިޔުއްވުމަށެވެ. ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތްޕުޅު އާދަމް ޙަލީމް ފަށްޓަވައިފައި ވަނީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖޭގެ ތާރީޚާ ބެހޭ ގިނަ ހާދިސާތައް ޒުވާނުން ޝައުޤުވެރިވާނެ އައު ގޮތްގޮތަށް ހުށަހަޅުއްދެއްވައިފައެވެ. އޭނާގެ ލިޔުންތަކުގެ ބޮޑު ބައެއް ވަނީ ހަވީރުގެ އާކައިވްގައެވެ. އަދި ބައެއް ލިޔުންތައް އަވަސް އޮންލައިނާއި ވީ ނިއުސްއިން ފެންނަން އެބަހުއްޓެވެ. ރާއްޖޭގެ ތާރީޚުގައި 1887 ވަނަ އަހަރުގެ ފަހުން ހިނގައިފައިވާ މުހިންމު ގިނަ ހާދިސާތަކެއް އާދަމް ޙަލީމް ހިތުން ދެނެވަޑައިގަންނަވައެވެ.
10. އަލްފާޟިލާ އާމިނަތު ޒާހިރު
އަލްފާޟިލާ އާމިނަތު ޒާހިރަކީ, ދިވެހިބަހުގެ ޑިގްރީއާއި ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން މާސްޓަސް ހާސިލު ކުރައްވައިފައިވާ، މިހާރު ޕީއެޗްޑީ ހައްދަވަން ފަށްޓަވައިފައިވާ ބޭފުޅެކެވެ. އޭނައަކީ 2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއެއްގެ ގޮތުގައި ދިވެހިބަހާއި ތާރީޚަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މި ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯސްތަކަށާއި ޖާނަލިޒަމް ކޯސްތަކަށާއި، ޕޮލިޓީކަލް ސައިންސް ކޯސްތަކަށް، އަލްފާޟިލާ އާމިނަތު ޒާހިރު ގެންދަވަނީ ދިވެހި ތާރީޚާ ގުޅޭ އެކިއެކި މޮޑިއުލްތައް ކިޔަވައިދެއްވަމުންނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚާއި، މެދުޒަމާނުގެ ތާރީޚައި 20 ވަނަ ގަރުނުގެ ތާރީޚް ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ތާރީޚާ ގުޅޭ ޕްރޮގްރާމްތަކުގައި ވެސް އާމިނަތު ޒާހިރު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ތާރީޚާ ގުޅޭ ދިރާސާތައް ދަރިވަރުން ލައްވާ ހެއްދުމާ އަމިއްލަފުޅަށް ވެސް ދަރިވަރުންނަށް ދިވެހި ސަޤާފަތާއި އައިޑެންޓިޓީ އެނގޭ މިންވަރު ދެނަގަތުމަށްޓަކައި ޑރ. ނާޝިއާ އާއެކު 2015 ވަނަ އަހަރު ވަނީ ދިރާސާއެއް ކުރައްވައިފައެވެ.
11. އަލްފާޟިލް ޠާޙާ އަބޫބަކުރު
އަލްފާޟިލް ތާޙާ އަބޫބަކުރަކީ، 2006 ވަނަ އަހަރުން ފެށިގެން ދިވެހި ތާރީޚު ދިރާސާކުރައްވާ ލިޔުއްވާ ބޭފުޅެކެވެ. ސިފައިންގެ އައްޑަނަ މަޖައްލާއާއި ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓްގައި ތާޙާގެ ލިޔުންތައް ޝާއިއު ކުރެވިފައިވެއެވެ. ޠާހާ ކުރައްވާފައި ދިރާސާ ތަކުގެ ތެރޭގައި ހައްދުންމަތީގެ ތާރީޚާއި އާސާރުތަކާ ބެހޭ ގޮތުން ކުރައްވާފައިވާ ދިރާސާތައް ހިމެނެއެވެ. އެގޮތުން ހައްދުންމަތީ ގަމުގައި ހުރި ހަތްތެލި، ބުންބެރު ފަދަ ގަދީމީ އާސާރުތަކާއި ގަމުގައި ހުންނަ ބޮޑުފެންގަނޑު ނުވަތަ ޕަރީ ފެންގަނޑާ ބެހޭ ގޮތުން ދިރާސާކުރައްވައިފައިވެއެވެ. ތާރީޚީ ލިޔުންތައް ޝާއިއުކުރުމުގެ އިތުރުން ތާރީޚީ މައުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް އޭނާ ގެންދަވަނީ ހިއްސާކުރައްވަމުންނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކޯސްތަކުގައި ދިވެހިތާރީޚާ ބެހޭ ފިލާވަޅުތައް ނަންގަވައިދެއްވައިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!