މޫދު އޮތީ ލޭކުލައަށް! 

މީގެ ދެތިން ރެއެއް ކުރިއެވެ. ފޮނަދޫ-ކައްދޫ ފާލަން މައްޗަށް ވަރަށް ގިނަމީހުން އެއްވަމުންދާ ވާހަކަ މީސްމީޑިއާގެ ގްރޫޕެއް ތެރޭގައި ދެކެވެމުން އަންނަ ކަމަށް މަޢުލުމާތު ލިބުނެވެ. ދުވަސްކޮޅުގެ ގޮތުންނާއި ލ. އަތޮޅުގައި ދާދިފަހުން ހިނގާފައިވާ ހާދިސާގެ މަތިން ހަނދާންވުމުން، ވަގުތުން ސައިކަލުގައި ނިކުތީ ފާލަން މައްޗަށް ދިއުމަށެވެ.

ތެދެކެވެ. ފޮނަދުއާއި ކައްދުއާއި ދެމެދުގައި އޮންނަ ފާލަން ފެށޭ ހިސާބުގައި ދިހަބާރަވަކަށް މީހުން ތިއްބެވެ. އެމީހުން ބަލަމުން ގެންދިޔައީ މޫދަށެވެ. ދިޔަރެހަށް ރާޅު ބީއްސާލައި ހިސާބަށެވެ. ރާޅުޖަހާ ހިސާބުން ގޮނޑުދޮށަށެވެ. އެމީހުންގެ ލޮލުން އަހަރެންވެސް ބަލައިލީމެވެ. ސަހަރޯއެވެ. މޫދުގެ ވަކި ހިސާބެއް އޮތީ ލޭ ކުލައަށެވެ. މަންޒަރު ފެނުގޮތް އަހަރެންގެ ކެމެރާއަށް ގައިދުކޮށްލީމެވެ. އެތަން އޮތްގޮތް ސިފަކޮށްދޭން އެންމެ ފަސޭހަވާނީ ފޮޓޯ ދައްކައިލުމުންދޯ އެވެ.

ފޮނަދޫ-ކައްދޫ ފާލަން ފެށޭ ހިސާބުން ހުޅަނގުފާތު މޫދު ރަތްވެފައި

ދިޔަރެހާ ހަމައިން ފެށިގެން ބޭރަށް ހައެއްކަ ފޫޓަށް އޮތީ ރަތްވެފައެވެ. ހީވަނީ ކޮންމެވެސް އެއްޗެއްގެ ލޭތަކެއް އެޅިފައި އޮތްހެންނެވެ. ނަމަވެސް އެއީ އެއްވެސް ކަހަލަ ދިރޭ މަޚްލޫޤެއްގެ ލޭ ނޫންކަން ވިސްނަައިގަނެވުނީ ރަށުގެ ގޮނޑުދޮށުން ބޮޑު ސަރަހައްދަކަށް މިގޮތް ވެފައި އޮތްކަމަށް އެތަނުން މީހުން ބުނީމައެވެ. ރަށުގެ މީހުން އުޅޭ ސަރަހައްދުގެ މަގަކާއިދިމާ ގޮނޑުދޮށަށް ފުލުހުންގެ ބޭފުޅުންކޮޅެއް ފައިބައިގެން ބަލަމުންދާކަމަށްވެސް ބުނީމައެވެ.

 “ތިޔައީ އަލްގަލް ބްލޫމް އެއް!” 

ގޮނޑުދޮށަށް ފައިބައިގެން ތަންކޮޅެއް ރަނގަޅަށް މޫދަށް ބަލަން ފެށީމެވެ. ޒާތެއްގެ ނުބައި ވަހެއްވެސް ހިނދުރީގައި ޖެހުނު ހެން ހީވިއެވެ. ފޮޓޯ ނަގަން ފެށީ އެހިސާބުންނެވެ. މިއީ އާދައިގެ ކަމެއް ނޫންކަން އެނގޭތީއެވެ. ނާމާން ކަމެއް ކަމަށް ވިސްނާ މީހުންވެސް އެތަނުގައި ތިބިކަން އެމީހުންގެ ވާހަކަތަކުން އެނގުނެވެ. ނަމަވެސް އަހަންނަށް ވިސްނުނުގޮތް ތަފާތެވެ. ފޯނުން ސާޗްކުރަން ފެށީމެވެ. އަހަންނަށް ވިސްނުނުގޮތް ރަނގަޅުތޯ ޗެކްކުރުމަށެވެ. މާލޭ އިންގްލިޝް ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު، ފިޝަރީޒް ސައިން މާއްދާ ކިޔަވައިދެއްވަން އުޅުނު އަހަރެމެންގެ ފިޝަރީޒް ސައިންސް ޓީޗަރު ލޯރެންސް މަތިން ހަނދާންވީ ‘ލޯރެންސް ސަރ ބުނެދިން ލަފުޒެއް’ ހިތަށް ނައިސްގެންނެވެ. ފިޝަރީޒް ސައިންސުން ކިޔަވައިދިން ‘ފިނޯމިނާ’އެއް ނުވަތަ ގޮތްނޭނގޭ އަޖައިބުކަމެއް އެކުލެވޭ ކަމަކަށް ކިޔާ ކޮންމެވެސް ލަފުޒެއް ހަނދާންވޭތޯ ވިސްނަންފެށީމެވެ. ކުއްލިއަކަށް ހަނދާނަށް އައީ ‘އަލްގޭ (އަލްގައި)”ގެ މަތިންނެވެ. ދެން ހަނދާންވީ ‘އަލްގަލް ބްލޫމް’ އެވެ. ހަމަ އެއާއެކު ‘ރެޑް ޓައިޑް’ އެވެ. ފިޝަރީޒް ސައިންސް ޓީޗަރު ކިޔައިދިން ވާހަކަތައް ހަނދާނަށް އަންނާކަށް ގިނަ ވަގުތު ތަކެއް ނުނެގިއެވެ.

އަހަންނަށް އެނގިހުރި މަޢުލޫމާތު، އެތަނަށް އެއްވެ ތިބި މީހުންނާ ހިއްސާކުރީމެވެ. އަހަރެން ބޭނުންވާވަރަށް ފޮޓޯ ނަގައިގެން ގެއަށްދިޔަ މަގުމަތީގައި ރައްޓެއްސެއް ކައިރީގައި ވަރަށް ޔަޤީންކަމާއެކު އަހަންނަށް އެނގިހުރި މަޢުލޫމާތު ހިއްސާކުރީމެވެ. “އަހަންނަށް 98 ޕަސެންޓް ޔަޤީންކަމާއެކު ބުނަން ކެރޭނެ އެއީ އަލްގަލް ބްލޫމް އެއްކަމަށް.” އަހަރެން ބުނީމެވެ.

ގެއަށް ވަދެވުމާއެކު އަވަސްވެގަތީ މުނިއަވަސް މެދުވެރިކޮށް އެންމެ ފުރަތަމަ މި ޚަބަރު ‘ފަޅައިލުމަށެވެ.’ ބްރޭކް ކޮށްލުމަށެވެ. އެކަމަކު ހީވާ ހީވުމެއް ލިޔެލުމަކީ ކުރުން އެންމެ ރަނގަޅު ގޮތް ނޫންކަމާއި މުނިއަވަސްގެ ސިޔާސަތެއް ނޫންކަމުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރި ކަލްޗަރުގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޚަބަރުތައް ހިއްސާކުރައްވާ ބޭފުޅަކަށް ގުޅައިލީމެވެ. ވަގުތުން އެބޭފުޅާ ފޯނު ނެންގެވިއެވެ. އަހަރެންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އެބޭފުޅާ ވިދާޅުވީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅެއްގެ ނަންބަރު ފޮނުވާނެ ކަމަށެވެ. މިނެޓެއްގެ އިންތިޒާރެއްވެސް ކުރާކަށް ނުޖެހުނެވެ. އެސްއެމްއެސް އަކުން ލިބުނު ދެ ނަންބަރުން އެއް ނަންބަރަށް ގުޅައިލީމެވެ. މައްސަލަ ސާފުކޮށް ކިޔައިދިނީމެވެ.

މިނިސްޓްރީން ވާހަކަދެއްކެވި އޮފިޝަލް، ޝާފިޔާ ނައީމް ވިދާޅުވީ މަންޒަރު ނުފެނި، ލޮނުގެ ސާމްޕަލެއް ނުނަގައި ސީދާ ވަކި ޖަވާބެއް ދެއްވަން ދަތިފުޅުނަމަވެސް، އަހަރެންގެ ވާހަކަތަކުން ދޭހަވަނީ އެއީ އަލްގަލް ބްލޫމްއެއް ކަމަށްވެސް ވިދާޅުވިއެވެ. ތަފްޞީލް ހޯއްދެވުމަށް ވަރަށްގިނަ ވާހަކަތައްވެސް ޝާފިޔާ އެއްސެވިއެވެ. އަހަރެން ނެގި ފޮޓޯތައް ފޮނުވައިދިނުމަށްވެސް އެދިލެއްވިއެވެ.

ފޮޓޯތައް ފޮނުވައިލާ ޚަބަރު ލިޔަން ފެށީމެވެ. “ފޮނަދޫގެ ގޮނޑުދޮށުން ބޮޑުބައެއް، ރަތްލޭ ކުލައިގައި.” ސުރުޚީއަކަށް ޖަހައިލާ ދެތިން ޖުމްލައެއް ލިޔެލާފައި ދެ ފޮޓޯއަކާއެކު ޚަބަރު ޖެހީމެވެ. އިސާހިތަކުން އާޓިކަލް އަށް ‘ހިޓްސް’ ލިބެންފެށީ އޮބިނޯންނަ ވަރަށެވެ. އެއަށްފަހު، އާޓިކަލް ފުރިހަމަ ކުރުމަށްޓަކައި އިތުރު މަޢުލޫމާތުތައް ލިޔެ އަދާހަމަކޮށްލީމެވެ.

 އަލްގަލް ބްލޫމް އަކީ ކޮބާ؟ 

އަލްގަލް ބްލޫމަކީ މޫދުގައި އެކުލެވިގެންވާ ކުދި ދިރުންތަކުގެ ތެރޭގައި އޭގެ އާބާދީ ވަކި މިންވަރަކަށް ހިފެހެއްޓިފައިވާ އަލްގައި ތައް އެއްވެސް ހައްދެއްނެތި ކުއްލިއަކަށް އިތުރުވެގެން ދާ ދިއުމަށް ކިޔާ ނަމެކެވެ.

މި ފަދަ އަލްގަލް ބްލޫމްތައް ފެތުރޭ ސަރަހައްދުތަކަށް މޫދަށް އެރުމާއި، ގޮނޑުދޮށްތައް ބޭނުން ކުރުމަކީ އެފަދަ ދުވަސްވަރެއްގައި ކުރުން ރަނގަޅު ކަމެއްނޫނެވެ. އަލްގަލް ބްލޫމްގެ އަސަރު، ވަކި ސަރަހައްދެއްގައި މާގިނަދުވަހު ދެމި އޮވެއްޖެ ނަމަ، އެ ސަރަހައްދުގައި އުޅޭ އެހެނިހެން ދިރޭތަކެއްޗަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. ދިރުންތައް މަރުވެސް ވެއެވެ. މިގޮތަށް މަރުވެގެން ލައްގާ ކަނޑުގެ ދިރުންތަކުގެ ސަބަބުން ރޯގާ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ފަދަ ކަމެއްވެސް ކުރިމަތިވެދާނެއެވެ.

 “މިއަދުވެސް އެބައޮތްތޯ އެގޮތަށް ރަތްވެފަ؟” 

ކުރީ ރޭ މިނިސްޓްރީން އަޅުގަނޑު ވާހަކަދެއްކި ޝާފިޔާ ނައީމް އަޅުގަނޑުކުރެން އެއްސެވިއެވެ. އެއީ ޖެހިގެން އައި ދުވަހެވެ. އަޅުގަނޑަށް ބަލައިލެވިފައި ނެތްވާހަކައާއި، އެތަން ބަލައިލާފައި އަދާހަމައެއް ދޭނެ ކަމަށް ބުނީމެވެ. ލޭކުލައިން ރަތްވެފައި އޮތް ސަރަހައްދު ބަލައިލަން ވަގުތުން ދިޔައިމެވެ. މޫދުގެ ލޮނުގަނޑު އޮތީ ސާފު އަލި ކުލައިގައެވެ. ދިޔަރެހާ ހިސާބުގައި ޗަކަ މަޑެއް ލައްގާފައި ހުއްޓެވެ. ފޮޓޯ ނަގަން ފެށީމެވެ. ނެގި ފޮޓޯއާއި، އަހަރެންގެ ފެންވަރުން ކުރެވުނު ކުޑަކުޑަ ތަހްލީލު ހިއްސާކޮށްލާނަމެވެ.

ޖަމާވެފައި ހުރި ‘މަޑު’ތައް

ފެންނަންހުރި އެއްޗެހި ހުރިގޮތް ސިފަކޮށްދޭކަށް އެހާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން ފިޝަރީޒް މިނިސްޓްރީގެ ޝާފިޔާ ނައީމަށް ފޮޓޯތައް ފޮނުވައިލީމެވެ. ޝާފިޔާ ނަސީމު އަންދާޒާކުރައްވަނީ އެގޮތަށް ހުރި ތަކެއްޗަކީ އަލްގަލް ބްލޫމްގައި ހުރި ދިރުންތަކަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބުމުން މަރުވެފައިވާ ތަކެތި ކަމަށެވެ.

ކޮންމެއަކަސް، އެސަރަހައްދު ބަލައިލުމަށްފަހު ގެއަށްދާން ދުއްވައިލީމެވެ. އެވަގުތު ފޯނު ރިންގްވާން ފެށުމުން ސައިކަލު މަޑުކޮށްލައި ފޯނަށް ޖަވާބު ދިނީމެވެ. ގުޅީ، އެއާލައިނެއްގައި މަސައްކަތްކުރައްވާ ސީނިއާ ސްޓާފެކެވެ. އަހަރެންގެ ރައްޓެއްސެކެވެ.

“އައިސްބަލަ ނިކަން ކައްދު ކައިރިއަށް، ވަރަށް ބޮޑަށް ރަތްވެފަ އެބައޮތް!”

އަހަރެން ވަގުތުން އެތަނަށް ދިޔައިމެއެވެ. ފެނިގެންދިޔައީ ޤުދުރަތުގެ ހިތްގައިމު އަޖައިބެކެވެ. ކުރީ ރޭ ފެނުނު ރަތްކަމަށް ވުރެން ބޮޑަށް، މޫދުން ސަރަހައްދެއް ރަތްވެފައި އޮތްތަނެވެ. ވަގުތު ނަގައިނުލައި ފޮޓޯ ނަގަންފެށީމެވެ. ވީޑިއޯވެސް ކުރީމެވެ.

ކައްދޫ-ފޮނަދޫ ފާލަމުން ކައްދުއަށް އަރާ ހިސާބާ ކައިރިން ހުޅަނގު ފަރާތުގައި އަލްގަލް ބްލޫމް އުފެދިފައި

 ތަހްލީލުން ބުނަނީ ކީކޭ؟ 

މިއީ ފެބްރުއަރީ 28 ވަނަ ދުވަހު ކައްދޫ ކައިރީގައި، ހުޅަނގު ފަރާތުގައި އުފެދިފައި އޮތް އަލްގަލް ބްލޫމް ރެޑް ޓައިޑެކެވެ. މިކަން އިތުރަށް ބެލުގެ ޝަޢުޤުވެރިކަން އުފެދުނަސް، މި ސަރަހައްދަކީ މިކަން ބެލޭނެ މާގިނަ ވަޞީލަތްތަކެއް ނެތް ތަނެކެވެ. ނަމަވެސް، މިކަން ބެލުމަށް އޮތް އެންމެ ފަހުގެ ‘އޮޕްޝަން’ އަށް އަހަރެން ދިޔައިމެވެ. ލ. ފޮނަދޫގައި ހުންނަ ‘ބްލޫ ބްރިޖް މޯލްޑިވްސް’ގައި އުޅޭ ސީނިއާ ބޭފުޅަކަށް ގުޅައިލީމެވެ. އަލްގަލް ބްލޫމް އުފެދިފައިވާ ސަރަހައްދުން ‘ސާމްޕަލް’ ނަގައިގެން ޓެސްޓް ކުރެވިދާނެތޯ އަހައިލީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. ބްލޫ ބްރިޖް މޯލްޑިވްސް އަކީ ކަނޑުގެ ދިރުމެއް ކަމަށްވާ ހުއިފިލަނޑާ ދިރުވައި އާލާކުރަމުން އަންނަ ކުންފުންޏެއްކަމުން މިކަންވީ އެމީހުންނަށް މުހިންމު ކަމަކަށެވެ.

https://www.youtube.com/watch?v=Qwp13YPNEds

ޓެސްޓްކޮށް ބެލުމަށްފަހު އެމީހުންނަށް ލިބުނު ނަތީޖާ ހިއްސާކުރިއެވެ. ޔަޤީންކުރެވުނު ގޮތަށް އެއީ އަލްގަލް ބްލޫމް އެކެވެ. އެމީހުން ނެގި ސާމްޕަލްގައި ވަރަށް ގިނަ ވައްތަރު ވައްތަރުގެ ދިރޭތަކެތި އެކުލެވެއެވެ. އަލްގަލް ބްލޫމް އެއްގައި އާއްމުކޮށް ހުންނާނީ ކޮންމެވެސް އެއްބާވަތެއްގެ ދިރޭތަކެއްޗެވެ. އެހެންކަމުން މިފަހަރު މި ފެނުނު އަލްގަލް ބްލޫމް އަކީ ވަރަށް ތަފާތު އަލްގަލް ބްލޫމްއެކެވެ.

މިގޮތަށް އަލްގަލް ބްލޫމް އެއް އުފެދުނު ސަބަކީ އެތަކެއް ދުވަހެއްވާންދެން ގަދައަށް ހޫނުވުމަށްފަހު، ހުއްޓައިނުލާ ބޯކޮށް ވާރޭވެހި، ރަށުތެރެއިން މޫދަށް، ގޮނޑުދޮށަށް ފެންގަނޑު ފައިބައިގެން ދިއުމުގެ ތެރޭގައި އެކިއެކި ކެމިކަލްތައް އެޅިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް ބްލޫ ބްރިޖް މޯލްޑިވްސްގެ އޮފިޝަލް ބުނެއެވެ.

 ނިންމައިލަމުން…. 

އަލްގަލް ބްލޫމެއް އުފެދި މިގޮތަށް މޫދު ރަތްވެފައި ހުރުމަށް ރެޑްޓައިޑޭ ކިޔައެވެ. މިއީ އެއްވެސް ހާލެއްގައި ރޫހާނީ ކަމެއް ނޫނެވެ. މިކަން އަޅުގަނޑު މި ފާހަގަކޮށްލީ، މީގެ އަހަރުތަކެއް ކުރިން، އިންޑިޔާގެ ގޮނޑުދޮށެއް މިހެން ރަތްވާން ފެށުމުން، އެ ސަރަޙައްދުން ބައެއް މީހުން ބިރުން އުޅުނެވެ. އަނެއްބަޔަކު ފެންގަނޑަށް އަޅުކަން ކުރިކަމަށްވެސް ޚަބަރުތަކުން އެނގުނެވެ. ކޮންމެ ކަމަކަށް ޚުރާފާތުގެ ބޯދާ ވިސްނުން ވިސްނާކަށް ނުވާނެއެވެ. މާތްﷲ އަކީ އެންމެ ކުޅަދުންވަންތަ އިލާހެވެ. އެ އިލާހުގެ ކުޅަދުންވަންތަކަމުން އަހަރުމެން މިކިޔާ ޒާތްޒާތުގެ ފިނޯމެނާތައް ތަޖްރިބާކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.