‘ހުޑްވިންކާ ސަންފިޝް’ އަކީ ދުނިޔޭން އެއްްކޮށް ނެތި ގޮސްފައިވާ މޫދުގައި ދިރިއުޅޭ މަހުގެ އާއިލާއަށް ނިސްބަތްވާ ބިޔަ މަހެއް ކަމަށް ސައިންސްވެރީން ޔަޤީންކަން ދިންފަހުން އަދި ވާނީ މަދު އަހަރުކޮޅެކެވެ. މި މަހަށް ‘ހުޑްވިންކާ ސަންފިޝް’ ގެ ނަމުން ނަންދީފައިވަނީ އެސޮރުމެންގެ މަޢުލޫމާތު ކިތާބުނުކުރެވޭތާ އެތަކެއް ޒަމާނެއް ވެފައިވުމުން، އެ ޚާއްޞަ ކަމަށް ނިސްބަތްކޮށެއެވެ. އަދި މިއީ ‘ސަންފިޝް’ ދަރިކޮޅަށް ނިސްބަތްވާ އެންމެ ބިޔަ މަހަށް ވުމުންނެވެ.

ނަމަވެސް މިހާރު، ދެކުނު ކެލިފޯނިޔާގެ ގޮނޑުދޮށަކަށް މި ވައްތަރުގެ މަހެއް ލައްގާފައި އޮއްވާ އެހިސާބުގައި އުޅުނު މީހަކަށް މިވަނީ ފެނިފައެވެ. ހަތް ފޫޓްގެ ދިގުމިން ހުންނަ، ކަނޑުގެ މިދިރުން، ދޮންވެލިގަނޑު މަތީގައި އޭގެ ކައްވަޅުގެ ވަގުތުތައް ގުނަމުންދާ މަންޒަރު ފެނުން ވެގެންދާނީ ފާހަގަކުރެވޭފަދަ މަންޒަރަކަށެވެ. މި ހާދިސާ އިތުރަށް ޝައުޤުވެރިވީ މިސޮރު ކެލިފޯނިޔާގެ ގޮނޑުދޮށާއި ހަމައަށް އައިސްފައިވަނީ ކިހާ ދުރަކުންކަން ދިރާސާކުރާ މީހުން ހާމަކުރި ހިސާބުންނެވެ.

ފެނިފައިވާ ހުޑްވިންކާ ސަންފިޝް އަކީ އޮސްޓްރޭލިޔާ އާއި ނިއު ޒީލޭންޑްގެ މޫދުގައި ދިރިއުޅޭ މަހެކެވެ. މި ވައްތަރުގެ މަސް، ދެކުނު އެފްރިކާ އާއި ޗިލީ އާއި ހިސާބުންވެސް ވަނީ ފެނިފައެވެ. އެހެންކަމުން، އުތުރު އެމެރިކާގެ ގޮނޑުދޮށަކާއި ހަމައަށް މިފަދަ މަހެއް ލައްގަންޖެހޭ ސަބަބެއް ނެތްކަމަށް ދިރާސާކުރާ މީހުން ބުނެއެވެ.

ފޮޓޯ: ޓިމް ޓަރނާ

“މިސޮރު ކެލިފޯނިއާ އިން ފެނުމަކީ އެންމެ ބޮޑަށް އެކަމަށް ހިތް ދަމައިގަތް އެއް ސަބަބު.” މިފަދަ މަހެއް ފުރަތަމަ ފަހަރަށް 2017 ގައި ހޯދި ސައިންވެރިޔާ މެރިއޭން ނީގާޑް ސީއެންއެން އަށް ބުންޏެވެ.

“ޗިލީގެ ކަނޑުތަކުގައި އުޅޭ ބާވަތުގެ މަހެއް، ޚައްތުއިސްތަވާ (އީކްއޭޓަރ) ހުރަސްކޮށް މިހިސާބަށް، އަހަރުމެންގެ ގާތަށް އަންނަންވީ ކިހިނެތްބާއޭ ހިތަށްއަރާ؟” ޚައްތުއިސްތަވާ ހުރަސްކޮށް މިސޮރު އެމެރިކާ އާއި ހަމައަށް އައުންވީ އެންމެ ބޮޑަށް މިކަމަށް ސަމާލުކަން ދެވުނު ސަބަބަށެވެ.

ހުޑްވިންކާ އެއް އުތުރު އެމެރިކާއާއި ހަމައަށް ލެއްގުމުގެ ފުރުޞަތެއް ނެތްކަމަށް މި މަސް ފެނުނު މީހުންވެސް ޤަބޫލުކުރެއެވެ. އެމީހުން ހީކުރީ އެއީ އެހެން ދަރިފަސްކޮޅަކަށް ނިސްބަތްވާ ބިޔަ ސަންފިޝް އެއް ކަމަށެވެ. ނަމަވެސް މިސޮރުގެ ފޮޓޯތައް އޮންލައިން މީޑިއާތަކުގައި އާއްމުވާން ފެށުމާއެކު ދިރާސާކުރާ ފަރާތްތަކަށް މިއީ ކޮންކަހަލަ މަހެއްކަން ދަނެގަނެވުނެވެ.

“މިފަދަ މަހަކީ މީހުންނަށް ފާހަގަ ނުކުރެވޭ މަހަކަށް ވެފައިވަނީ އެސޮރުގެ ހުންނަ ތަފާތު ސިފައިގެ ސަބަބުން.” ނީގާޑް އިތުރަށް ބުންޏެވެ. “ސަންފިޝް އާއިލާއަށް ނިސްބަތްވާ މި މަހާއިމެދު ދިގު ތާރީޚެއް އޮންނަ އޮޅުންބޮޅުމެއް އަރާފައިވޭ. އެހެންކަމުން މިސޮރު މިވަނީ އެހެން މީހަކަށް ނުފެނި، އެހެން މީހަކަށް ފާހަގަ ނުކުރެވި އެތައް ދުވަހަކު އުޅެފައި.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.