އަހަރުގެ އެންމެ ބޮޑު ފިލްމު ‘ފޯޓީ ޕްލަސް” އަށް ކުރެވެމުންދާ އިންތިޒާރުގެ ނިމުން މާދަމާރޭ އަންނައިރު، “ފޯޓީ ޕްލަސް” ޕްރިމިއާކޮށްދެއްވާނީ ޕްރިމިއާކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ “ފޯޓީ ޕްލަސް”ގެ ޓީމުން ރައީސް މައުމޫނަށް ދެއްވި ދައުވަތު އެމަނިކުފާނު ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

މުނިއަވަސް އަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ “ފޯޓީ ޕްލަސް” ޕްރިމިއާކުރުމަށް މާދަމާ ރޭ ބާއްވާ ޚާއްސަ ހަފްލާގައި ބޮޑު ރެޑްކާޕެޓް އިވެއްޓެއް ނެތްނަމަވެސް ކުލަގަދަވާނެކަމަށެވެ.

“އަޅުގަނޑުމެންގެ މުޅި ފިލްމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ރައީސް މައުމޫން ފިލްމު އިފްތިތާހުކޮށްދެއްވުމަށް ވަޑައިގެންދެއްވާކަން. މިކަމުން ހާމަވަނީ ރައީސް މައުމޫންގެ ހިތްޕުޅުގައި ދިވެހި ފިލްމީ ދާއިރާއަށް އަދިވެސް އޮތް ލޯތްބާއި ޝައުގުވެރިކަން. ހަގީގަތުގައި ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި ފިލްމީ ދާއިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ. މިއީ ފޮރުވެންނެތް ހަގީގަތެއް.” ރައީސް މަޢުމޫނަށް ދެއްވި ދަޢުވަތު ޤަބޫލުކުރެއްވުމާމެދު ވީނިއުސް އަށް ފިލްމުގެ ޕްރޮޑިއުސަރު ޝަފީގް ބުންޏެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ޕްރިމިއާ ނައިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތ. ބުރުނީގައި ބޮޑު ކާސްޓަކާއެކު ޝޫޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި އުފައްދާ ފުރަތަމަ ބިރުވެރި ކޮމެޑީއެވެ. ”ފޯޓީ ޕްލަސް“ އަކީ މުނިފޫހިފިލާނެ ރަނގަޅު ދިވެހި ފިލްމެއް ބަލަން ބޭނުންނަމަ، ހަމަ ކޮންމެހެންވެސް ބަލަން ޖެހޭ ލިސްޓުގެ އެންމެ ކުރީގައި އުޅޭނެ ފިލްމެކެވެ.

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ ”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. ”ފޯޓީ ޕްލަސް“ އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.