“ފޯޓީ ޕްލަސް”ގެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ. މިރޭ ޕްރިމިއާކުރާ އެ ފިލްމުގެ އެހެން ވާހަކައެއް ދައްކާލައިހިތުން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ހުއްޓާ ފިލްމުގައި ފެނިގެންދާ ޚާއްޞަ ސްޕެޝަލް އިފެކްޓް މޭކަޕުތައް ހެދީ ކާކުބާާއޭ ހިތަށްއެރިއެވެ. ހިތަށް އެރިޔަސް ވާނެކަމެއް ނޯންނާނެތީ ކުޑަކޮށް ކޮނެލީމެވެ.

އިހަށް އެވާހަކަވެސް ބާއްވަމާ ހިނގާށެވެ. އަހަރެން މިބުނާ ފޭސްބްކް ޕޭޖަށް މީގެކުރިން ބަލައިނުލެވޭނަމަ، އިހަށް އެ ޕޭޖް ބަލައިލަމާ ހިނގާށެވެ.

ޔުނީކް ބްލެންޑް‘ ފޭސްބްކް ޕޭޖް ބަލައިލުމަށްފަހު އަހަރެންގެ އަސްލު މައުޟޫއަށް ޖެހިލާނަމަށެވެ.

ޔުނީކް ބްލެންޑް ގައި ހުރި މޭކަޕްތައް ތަފާތުދޯއެވެ. އޭނާގެ މޭކަޕް ކުރުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލާފައިވޭދޯއެވެ. މިއީ މިރޭ ޕްރިމިއާކުރާ “ފޯޓީ ޕްލަސް” އިން ފެނިގެންދާނެ ގްލެމަރ މޭކަޕާއި ސްޕެޝަލް އިފެކްޓް މޭކަޕްތައް ކޮށްފައިވާ ހުނަރުވެރި ފާތިމަތު ޝިޒްނާ މި ފަންނުން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ އޭނާގެ ޕޭޖެކެވެ.

ފްރީލާންސް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝިޒްނާ އެންމެ ބޮޑަށް ބޭނުންވަނީ ސްޕެޝަލް އިފެކްޓްސް، ކްރިއޭޓިވް އަދި ފެންޓަސީ މޭކަޕުން ކުރިއަށްދާށެވެ. ނަމަވެސް ރާއްޖެ ފަދަ ކުޑަކުޑަ ތަނެއްގައި އެފަދަ ފުރުޞަތުތައް ލިބުމަކީ ވެސް ދަތިކަމެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ.

“ސްޕެޝަލް އިފެކްޓްސް ދާއިރާއަށް ބަލާއިރު ރާއްޖެއަށް ވުރެ ބޭރުގައި ފުރުސަތު ބޮޑީ. ފިލްމް ތަކާ ޝޫޓްސް ތަކަށް ބަލާއިރު ރާއްޖޭގައި ފުރުސަތުތައް މަދު،” މީޑިއާއަކަށް މީގެ ކުރިން ޝިޒޫ ބުނެފައިވެއެވެ.

ފުރުޞަތު ކިތަންމެ މަދުން ލިބުނުނަމަވެސް، ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަކީ ފަންނުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ފަންނުވެރީން ކުރާނެ ކަމެކެވެ. އެގޮތުން ފިލްމީ ދާއިރާގައި ޝިޒްނާގެ މަސައްކަތްތައް މީގެ ކުރިންވެސް ވަނީ ފެނިގެންގޮސްފައެވެ.

“ޑްރާމާ އުޅޭނެ ހަތަރު ޑްރާމާ. އެއް ކުރު ފިލްމު، ތިން ފީޗާ ފިލްމު. އިޝްތިހާރާއި ލަވަތައް ހުންނާނެ ފުދޭވަރަކަށް ގިނައިން މޭކަޕް ކޮށްދީފަ.” މުނިއަވަސް އަށް ޝިޒްނާ ބުންޏެވެ.

މިރޭ ރިލީޒްކުރާ “ފޯޓީ ޕްލަސް” ގައި ފެނިގެންދާނީ ޝިޒްނާގެ މޭކަޕްތަކެކެވެ. ޝިޒްނާ ބުނީ “ފޯޓީ ޕްލަސް” ގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނީ ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރ ފައިސަލް ކަމަށެވެ.

“ފިލްމުގެ އިސް ފަރާތްތަކަށް އަހަރެން ތަޢާރަފްކޮށްދިނީ ފައިސަލް. އެއަށްފަހު ފިލްމުގެ ކޮންސެޕް ޑިސްކަސްކުރެވުނު. މިކަމަށް އަހަރެން އެއްބަސްވީ ބޮޑު ކްރޫއަކާއި އެކުގައި މަސައްކަތް ކުރުމަކީ އަހަންނަށް ލިބޭނެ ބޮޑު ފުރުޞަތަކަށް ވާނެތީ.” ޝިޒްނާ އަށް ‘ފޯޓީ ޕްލަސް”ގެ މޭކަޕް ހެދުމަށް ފުރުޞަތު ލިބުނުގޮތް ހިއްސާކުރަމުން ބުންޏެވެ. މީގެ ކުރިން އޮފީސް ޑްރާމާ މުބާރާތުގެ ބައެއް ޑްރާމާތަކުގައި ވެސް މޭކަޕްކޮށްދީފައިވާ ޝިޒްނާ ބުނީ މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ބޭނުމުގައި ފުރުޞަތުގެ ބޭނުން ހިފީ ކަމަށެވެ.

“ފޯޓީ ޕްލަސް”ގައި ތަފާތު ތިން ވައްތަރެއްގެ މޭކަޕެއް ޝިޒްނާއަށް ކުރަން ޖެހުނެވެ. ބިއުޓީ މޭކަޕް، ސްޕެޝަލް އިފެކްޓް މޭކަޕްގެ އިތުރުން ކޮމެޑީ މޭކަޕްވެސް ކުރަން ޖެހުނެވެ. “ފޯޓީ ޕްލަސް” އަކީ ރާއްޖޭގައި ރިލީޒްކުރާ ފުރަތަމަ ބިރުވެރި މަޖާ ފިލްމެވެ. އެހެންކަމުން މި ފިލްމުގައި ހެއްވާ މަޖާ މޭކަޕާއި ބިރުވެރި މޭކަޕްވެސް ފެނިގެންދާނެއެވެ.

“ފޯޓީ ޕްލަސް” އަށް މޭކަޕް ހެދުމުގައި އެއްވެސް އުނދަގޫ މޭކަޕެއް ކުރަން ނުޖެހޭ ކަމަށް ޝިޒޫ ބުންޏެވެ. ޝިޒޫ އެހެން ބުންޏަސް، ފިލްމުގައި ވަރުގަދަ މޭކަޕްތަކެއް ކޮށްފައިހުރިކަން ޓްރެއިލާ ތަކުން ފެނިފައިވެއެވެ. ޝިޒްނާ ބުނީ “ފޯޓީ ޕްލަސް” ގައި މަސައްކަތްކޮށްލަން ފުރުޞަތު ލިބުމަކީ ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

ޝިޒޫ މޭކަޕަށް ޝައުގުވެރިކަން އުފެދުނީ ކޮލަމްބޯގައި ފެޝަން ޑިޒައިން ކިޔެވުމުގެ ތެރޭގައެވެ. ޕާސަނަލް މޭކަޕް ކޯހެއް ފުރިހަމަ ކުރުމަށް ފަހު އިތުރަށް ކިޔަވަން ދިޔައީ އިންޑިއާގެ ބެންގަލޫރަށެވެ. އިންޑިއާގެ ބެންގަލޫރުގެ ޕްލޭ އެކެޑެމީން ބްރައިޑަލް އެންޑް އައި މޭކަޕް ކިޔެވުމަށްފަހު، ތައިލެންޑުގެ ބޭންކޮކްގެ އެސް.އެމް.އޭ އެކެޑެމީން ޕްރޮފެޝަނަލް މޭކަޕް އެންޑް ހެއާ ސްޓައިލިން ކޯހެއް ޝިޒޫ ފުރިހަމަ ކުރި އެވެ.

އާޓިކަލް ކިޔަން ފެށުމާއެކު ބަލައިލަން ބުނީ ސޯޝަލް މީޑިއާގައި ޝިޒޫގެ ސަމާލުކަން ލިބުނު މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތައް ހުރި އޭނާގެ ފޭސްބްކް ޕޭޖަށެވެ. އެއިން އެ ފެންނަނީ އޭނާ އެސް.އެމް.އޭ އެކެޑެމީގެ ފަހު އިމްތިހާނުގައި ފެންޓަސީ އަދި ކްރިއޭޓިވް މޭކަޕެއް ކުރަން ޖެހުމުން ކުރި މަސައްކަތުގެ ބައެއް ފޮޓޯ ތަކާއި އިތުރު ފޮޓޯތަކެވެ.

އެފަހަރު ޝިޒޫއަށް ލިބުނު ކޮންސެޕްޓަކީ ރުބީ ރެޑް ޖެމްސް އެވެ. އެ ބޭނުންކޮށްގެން ޝިޒޫ ވިސްނީ ރާއްޖޭގެ ސަގާފަތް ޒަމާނީ ގޮތަކަށް މޭކަޕުން ދައްކާލަށެވެ. ޝިޒޫ އަކީ އެސް.އެމް.އޭ އެކެޑެމީއަށް ކިޔަވަން ދިޔަ ދިވެހި ފުރަތަމަ ދަރިވަރަކަށް ވެފައި މި ފުރުސަތަކީ ރާއްޖޭގެ ސަގާފަތް ދައްކާލަން ރަނގަޅު ފުރުސަތެއް ކަމަށް ޝިޒޫއަށް ގަބޫލުކުރެވުނެވެ.

“ފޯޓީ ޕްލަސް” ގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި ހުރިހާ ތަރިންނަށް ޝުކުރު އަދާކުރަމުން ޝިޒްނާ ބުނީ އެފަރާތްތަކުން ލިބުނު އެއްބާރުލުން ފާހަގަކުރާކަމަށެވެ.

ޝިޒްނާ ބުނީ މި ފިލްމުން ފެނިގެންދާނީ އޭނާގެ ތަފާތު މަސައްކަތެއް ކަމަށެވެ. ފިލްމަކީވެސް ތަފާތު ފިލްމަކަށް ވާނެކަމަށާއި ކޮންމެ މީހަކުވެސް މި ފިލްމު ބަލައިލަން ދިއުމަށްވެސް ޝިޒްނާ އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.