“އަހަރުގެ އެންމެ ބޮޑު ފިލްމު!، ނުހީ ނުއިނދެވޭނެ!، ފޯޓީ ޕްލަސް ވީމާ ނޯޓީ ވާނެ!، ފޯޓީ ޕްލަސް ބަލާފައި ނުހީ އިނދެއްޖެއްޔާ ލަންކާ ދެކޮޅު ޓިކެޓް!، ޖިމަށް ނުގޮސް މި ފިލްމު ބަލައިގެން ސިކްސްޕެކްސް އަރުވައިލެވޭނެ!” މިއީ ސިޔާސީ ޕާޓީއެއްގެ ވަޢުދުނާމާއެއް ނޫނެވެ. ނަމަވެސް މި ވަޢުދުނާމާ ނުވަތަ މެނިފެސްޓޯ އަކީ ވަރުގަދަ މެނިފެސްޓޯ އެކެވެ. “ފޯޓީ ޕްލަސް“ގެ ޕްރިމިއާ ޝޯއިން އެކަނިވެސް މި ވަޢުދުތައް ފުއްދިއްޖެކަން ސާބިތުކޮށްދިނެވެ.

“ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރު ‘މުނިއަވަސް’ އިން “ފޯޓީ ޕްލަސް” ޓީމުގެ ވަޢުދުނާމާ އަށް ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލާނަމެވެ.

 #އަހަރުގެ އެންމެ ބޮޑުފިލް2019 

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދި ކާމިޔާބު ކޮމެޑީ ފިލްމު “ނޯޓީ ފޯޓީ” އިޝްތިހާރުކުރީވެސް މިފަދަ ޓެގްލައިނެއްގައެވެ. އެ ޓެގްލައިން ކާމިޔާބުކުރީ ވަޢުދު ފުއްދަމުން ރާއްޖޭގެ އެންމެން ހެއްވާލާފައެވެ. އެފަހަރު ހެއްވައިލި ހެއްވައިލުމަށްވުރެން ވަރުގަދައަށް ހެއްވައިލީ މިމަހުގެ ފަހެއްގައި ރިލީޒްކޮށް، ހައުސްފުލް ޝޯތަކެއް މިހާރު އޮލިމްޕަހުގައި ދައްކަމުންދާ “ފޯޓީ ޕްލަސް” އިންނެވެ.

2019 ވަނަ އަހަރު ފެށުމުގެ މާކުރިންވެސް ފޯޓީ ޕްލަސްގެ ޓީމުން ބުނަމުންދަނީ މިއީ އަހަރުގެ ބޮޑު ފިލްމު ކަމަށެވެ. އަހަރެއް އެއްކޮށް ކުރިއަށް އޮއްވައި މިފަދަ ބޮޑު ޗެލެންޖެއްކުރާނީ ފަންވަރު ހުރި އެވަރުގަދަ ވަޢުދު ފުއްދޭނެކަމުގެ ޔަޤީންކަން އޮވެގެންނެވެ. އެ ޔަޤީންކަމާއެކު ފިލްމު ތައްޔާރުކުރެވިގެންނެވެ. އަހަރުގެ ބޮޑުފިލްމުގެ ގޮތުގައި މި ފިލްމު މިހާރުވެސް ވެއްޖެ އެވެ.

 ނުހީ ނުއިނދެވޭނެ! 

ތެދެކެވެ. ނުހީ އެއް ނުއިނދެވޭނެ އެވެ. އެކަން ސާބިތުކޮށްދިނީ ފިލްމުގެ އެންމެ ފުރަތަމަ މަންޒަރުންނެވެ. އެ މަންޒަރަށްފަހުން ދެން ފެނިގެންދިޔަ ހަމަ ކޮންމެ މަންޒަރަކުންވެސް ހީހީ އަވަދިވާވަރުވިއެވެ. ބިރުވެރި މަންޒަރުގެ ތެރެއިންވެސް ހެވޭނެއެވެ. ބަނޑުގައި ގޮށްލާވަރަށް ހެވޭނެއެވެ. އެ ޔަޤީންކަން ފިލްމު ބެލި އެންމެންވެސް ދެމުން އެތިބަ ގެންދަނީއެވެ. ފިލްމު ބަލާ އާއްމު އޯޑިއަންސްގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިނުވާ ރާއްޖޭގެ އެންމެ ފުންނާބު އުސް ފިލްމީ ތަރިންގެ ތަޢުރީފުވެސް އޮހެނީ އެވެ. މަޝްހޫރު ޓީވީ ޕްރެސެންޓަރުންގެ ތަޢުރީފުވެސް އޮހެނީއެވެ.

 ފޯޓީ ޕްލަސް ވީމާ ނޯޓީ ވާނެ! 

ފޯޓީ ޕްލަސް ވީމާ ނޯޓީ ވަނީ ކިހާވަރަކަށްކަން މި ފިލްމުން ދައްކުވައިދެއެވެ. ސާޅީހުން މައްޗަށް ގޮސްފައިވާ މަނިކް، ޔޫއްޕެ، ސަޢީދު، ސީޒަންގެ ލާނެތްކަން ނިކަން މަޖާކޮށް ފެނިގެންދެއެވެ. އަނެއްކޮޅުން ޝީލާ އާއި އަޒޫ ލާނެތްވަނީ ކީއްވެގެންކަންވެސް ފިލްމު ބަލައި ނިމޭއިރު އެނގޭނެއެވެ. މި ފަންނާނުންގެ އިތުރަށް، ފިލްމުގައި ހަރަކާތްތެރިވެފައިވާ ހަމަ ކޮންމެ ފަންނާނެއްގެ ފަރާތުންވެސް ފެންނަނީ އިންތިހާ ލާނެތްކަމެވެ. ފިލްމުގައި ދައްކުވައިދޭ ހަންޑިވެސް އެހާމެ ލާނެތެވެ. ލާނެތް، މަޖާ ޑައިލޮގުތަކާއި މަންޒަރުތަކުން ފިލްމުގެ ލޮނު ހެޔޮވަރުކޮށްދީފައިވާލެއް ނިކަން ފުރިހަމަ އެވެ.

 ފޯޓީ ޕްލަސް ބަލާފައި ނުހީ އިނދެއްޖެއްޔާ ލަންކާ ދެކޮޅު ޓިކެޓް! 

ނަސީބަކުން ފޯޓީ ޕްލަސް ބަލާފައި ނުހީ އިނދެއްޖެއްޔާ ލަންކާ ދެކޮޅު ޓިކެޓް ދޭން ބުނި، މި ފިލްމުގައި ތަފާތު ކެރެކްޓާ އެއް ދައްކައިދީފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އަކަށް ނުޖެހުނެވެ. އެހެންކަމުން މި ވަޢުދުވެސް މިއޮތީ ފުއްދިފައެވެ.

 ޖިމަށް ނުގޮސް މި ފިލްމު ބަލައިގެން ސިކްސްޕެކްސް އަރުވައިލެވޭނެ! 

މަޖާޒީ ގޮތުން ޢަލީ އާޒިމް (ދޮން އައްޔަ) ވެފައިވާ ވަޢުދުވެސް އެއީ ފުއްދިފައިވާ ވަޢުދެއްކަން މި ފިލްމު ބަލައިލުމުން އެނގޭނެއެވެ. މި ފިލްމު ބެލުމަށްފަހު ބައެއް ފިލްމީތަރިންވެސް އެކަންވަނީ ފާހަގަކޮށްފައެވެ.

ޔޫއްޕެ ޕްރޮޑަކްޝަންސް އާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފެއްދި “ފޯޓީ ޕްލަސް” ގެ ހައުސްފުލް ފަސް ޝޯ އަޅުވައިފިއެވެ. މިރޭ އޮތީ ހަވަނަ ޝޯއެވެ. ފިލްމުގެ 20 ޝޯ އޮލިމްޕަހުގައި އެކަނިވެސް ދައްކާނެއެވެ. މިއީ މިއަހަރުގެ މިހައިތަނަށް އެޅުވި ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ފިލްމެވެ.

ރާއްޖޭގައި އުފެއްދި ފުރަތަމަ ހޮރޯ ކޮމެޑީ ފިލްމު “ފޯޓީ ޕްލަސް” ބެލުމަށްފަހު އޮހެމުން އަންނަ ކޮމެންޓްތައް ވަރަށް ގިނައެވެ. ހުރިހަ ކޮމެންޓެއް ގެންނަން ވެއްޖެއްޔާ ދުވާލަކު ދެތިން ހަތަރު އާޓިކަލް ހަދައިލެވޭހާވެސް ކޮމެންޓްތައް ގިނައެވެ.

މަޝްހޫރު ބަޠަލު ޖުމައްޔިލް މި ފިލްމު ބަލާފައި ބުނެފައިވަނީ މިއީ ޔޫއްޕެ އުފެއްދި ފިލްމުތަކުގެ ތެރެއިން ވަރަށްވެސް މޮޅު އަދި އެހާމެ މަޖާ ފިލްމެއް ކަމަށެވެ. ފިލްމު ބަލައިގެން ބަނޑުގައި ގޮޅި ޖަހާވަރު ވާނެކަމަށްވެސް ޖުމަލް ބުނެއެވެ. ކުޅަދާނަ ނެށުންތެރިޔާ އަދި އެކްޓަރ އަހްމަދު އަޒްމީލް (އަޒޭ) ބުނީ މިފިލްމު ފަށައިގެން ނިމެންދެން ވެސް ހީނުލާ އެންމެ ވަގުތަކުވެސް ނުއިނދެވުނު ކަމަށާއި މިފިލްމަކީ ހަމަ “މާސްޓާޕީސް” އެއް ކަމަށެވެ.

މިފަދަ ކޮމެންޓްތައް އޮހެމުން އަންނައިރު، އެއްވެސް އިދިކީލި ކޮމެންޓެއް ނުލިބެއެވެ. ފިލްމު ޕްރޮމޯޓް ކުރުމަށް ފިލްމުގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި އެކްޓަރުން ދެއްކި ވާހަކަތަކުގައި އެއްވެސް ‘ހޮޅި ވާހަކަ’ އެއް ނުވަތަ އޮޅުވައިލުމެއް ނެތްކަންވެސް ސާބިތުކޮށްދެއެވެ. އެހެންކަމުން މިކަންކަމުން ސާބިތުކޮށްދެނީ “ފޯޓީ ޕްލަސް”ގެ ޓީމަކީ ވައުދު ފުއްދާ ހުނަރުވެރި ޓީމެއްކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.