ދިވެހި ފިލްމު ބަލާ ފަރާތްތައް ކުރެން އަހަރުގެ އެންމެ ބޮޑު ފިލްމަކީ ކޮބައިހޭ ސުވާލުކޮށްލުމުން މިހާރު ބުނާނީ “ފޯޓީ ޕްލަސް” އޭކަން ޔަޤީނެވެ. މިހައިތަނަށް ބެލުނު އެންމެ މަޖާ، މޮޅު ދިވެހި ފިލްމަކީ ކޮބައިހޭ ސުވާލުކޮށްލިޔަސް ދޭނީ ހަމަ އެ ޖަވާބެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބެލުންތެރިނާހަމައަށް ގެނައި ބިރުވެރި މަޖާ ފިލްމަކީ ކޮބައިހޭ ސުވާލުކުރިޔަސް ބުނާނީ “ފޯޓީ ޕްލަސް”ގެ ނަންކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

މިމަހު ފަސްވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ދިވެހި ފިލްމު “ފޯޓީ ޕްލަސް”ގެ ކާމިޔާބީ އާއި ފިލްމުގެ މޮޅުކަމުގެ ވާހަކަ އޮލިމްޕަހުގެ ހަތަރުފާރުން އެތެރެ ގުގުމާލާފައިވާއިރު، މީސްމީޑިއާއިންވެސް ފެންނަނީ އެ ފިލްމުގެ މޮޅުވާހަކަ އާއި މަޖާ ވާހަކަ ދައްކަމުން އަންނަތަނެވެ. ބަޔަކަށް ހަޖަމު ވިޔަސް، ނުވިޔަސް މިއީ ކަން އޮތްގޮތެވެ.

ރާއްޖޭގެ ފިލްމީ މަޝްރަހުގެ ޚަބަރުތައް ގެނެސްދިނުމަށް ކަމަށްބުނެ ހިންގަމުން އަންނަ ފޭސްބްކް ޕޭޖް، “ފިލްމީ ދުނިޔެ” އަށް މަންޒަރު ފެންނަގޮތް ތަފާތެވެ. އިވޭ އަޑުތައް ތަފާތެވެ. ފެންނަމުންދަނީ “ފޯޓީ ޕްލަސް” އަށް ލިބެމުންދާ ބޮޑު ކާމިޔާބީ ހަޖަމުނުވެގެން އުޅޭ މަންޒަރެވެ. “ފޯޓީ ޕްލަސް”ގެ ޝޫޓިން ފެށި ދުވަހުންސުރެން ފިލްމީ ދުނިޔެ ޕޭޖުން ކުރަމުން ގެންދަނީ ހަމަ އެންމެ މަސައްކަތެކެވެ. “ފޯޓީ ޕްލަސް” އާއި އެ ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވައްޓައިލުމުގެ މަސައްކަތްތަކެވެ. ތަފާތު ޕޯސްޓްތައް ޖަހައިގެން ގޭސްގަނޑެއް އަނބުރަން އުޅޭ މަންޒަރެވެ. ނަމަވެސް އެ ގޭސްގަނޑުގައި ޖެހިގެން އޭގެ އަސަރުކުރަނީ މަދުބަޔަކަށްކަން އެނގިގެންދަނީ ފިލްމީ ދުނިޔޭގެ ޕޯސްޓްތަކަށް މީހުން ގޮވަމުންދާ އެއްޗެހިންނެވެ.

ދިވެހި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނުވެރިން ތުހުމަތުކުރާ ގޮތުން ފިލްމީ ދުނިޔެ ޕޭޖަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޢާއިލާާއަކުން ހިންގަމުން އަންނަ ޕޭޖެކެވެ. ބައެއް ފަންނާނުން ބުނާގޮތުން މި ޕޭޖް ހިންގުމުގައި ރާއްޖޭގެ މަޝްހޫރު އެޗްޑީ ޗެނަލްއެއް ވެސް ހަރަކާތްތެރިވެއެވެ.

“ފޯޓީ ޕްލަސް”ގެ ހައުސްފުލް ހަތް ޝޯ އޮލިމްޕަހުގައި މިހައިތަނަށް ދައްކާފައިވާއިރު، ފިލްމު ބެލި އެންމެންގެ ތަޢުރީފު އޮހެމުންދަނީ އަނެކުންގެ ކާމިޔާބީއަށް ހަތުރުވެރިވާ ފަރާތްތަކުގެ ހިތަށް ތަދުވާހާ ވަރަށެވެ. އެކަން އެންމެ ބޮޑަށް ފެނިގެންދަނީ ފިލްމީ ދުނިޔެ ޕޭޖުންނެވެ.

ފިލްމީ ދުނިޔެ ނަމުގައި ހިންގާ ފޭސްބްލް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއް

“ފޯޓީ ޕްލަސް” ކާމިޔާބުކަމާއެކު ކުރިއަށްދާން ފެށުމުން ފިލްމީ ދުނިޔެ ޕޭޖުން އިއްޔެ މިވަނީ ‘ގޭސް ގަނޑެއް އަނބުރަން’ ޕޯސްޓެއް ޖަހާފައެވެ. އެމީހުންގެ ޕޯސްޓްތައް ޖަހާ އާއްމު އުސޫލުންނެވެ. ޙަޤީޤީ މަޢުލޫމާތު އިދިކޮޅަށް އަނބުރާލައިގެންވެ. ފިލްމަށް ލިބޭ ބޮޑު ތަރުހީބު އެއީ ފިނި ތަރުހީބެއްގެ ގޮތަށް ސިފަކޮށްގެންނެވެ. ފިލްމު ބެލި އެންމެން ފިލްމު މަޖާކަމަށް ވާހަކަދެއްކުމަށް މީޑިއާތަކުގައި ލިޔުމަށް “ފޯޓީ ޕްލަސް” ޓީމުން އެދެމުންދާކަމަށް ކަމަށް ބުނަމުންނެވެ. ނޫސް މަޖައްލާތަކުން ފިލްމަކީ ފެންވަރުދަށް ފިލްމެއްކަން ހާމަކުރަމުންދާކަމަށް ބުނެ އޮޅުވައިލަމުންނެވެ. ތެދެކެވެ. ފިލްމީ ދުނިޔެ ޕޭޖަށް ކަން އޮތްގޮތް ނޭނގިދާނެއެވެ. ނޫސް މަޖައްލާތަކުގައި ލިޔެފައިވާ ވާހަކަތައް ފިލްމު ބެލުންތެރިންނަށް އޮޅިފައެއް ނެތެވެ. ފިލްމު ބެލުމަށްފަހު މީސްމީޑިއާގައި ފުނިޖެހެމުންދާ ކޮމެންޓްތައް ލޮލަށް ނުފެނިއެއް ނެތެވެ.

“ޕަބްލިކް ތެރޭ ފިތުނަ އުފައްދަން މިކުރާ މަސައްކަތުގައި ބައިވެރި ނުވަމާ އަދި މި ޕޭޖް ފޮލޯ ނުކުރުން އެއީ ވަރަށްބޮޑު އެދުމެއް.” ފިލްމީ ދުނިޔެ ޕޭޖުން ކުރަމުންދާ ޕޯސްޓްތަކަށް އިޝާރާތްކުރަމުން “ފޯޓީ ޕްލަސް” ގައި ހަރާކާތްތެރިވެފައިވާ މަޝްހޫރު އެކްޓަރ އަލީ ސީޒަން ބުންޏެވެ.

ފިލްމީ ދުނިޔެއިން އަގުވައްޓައިލުމަށް އެމީހުންގެ އަމާޒު ހިފާފައިވާ ޒުވާން ތަރި އެރޫ ބުނީ މިއީ ފިލްމީ ދުނިޔޭގެ ނަމުގައި މީހުންގެ މެދުގައި ފިތުނަ އުފައްދަން ހިންގަމުންގެންދާ ޕޭޖެއް ކަމަށެވެ. ކޮންމެ ބަޔަކު ކުރިކަމަށްވިޔަސް އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ވެސް އޭނާ ބުނެއެވެ.

ފިލްމީ ދުނިޔެ ޕޭޖަށް ހަޖަމް ވިޔަސް ނުވިޔަސް، “ފޯޓީ ޕްލަސް” އަކީ ބެލުންތެރިން އެ ފިލްމެއް އެންމެ ބޮޑަށް ބަލައިގެންފައިވާ ދިވެހި ފިލްމަށް ނޫނީ ނުވާނެއެވެ. އަހަރުގެ ބޮޑު ފިލްމަށް މި ފިލްމު ވަނީ ވެފައެވެ.

ފަޚްރުވިކަމާއެކު “ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަމުން މިގެންދަނީ މުނިއަވަސް އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.