އޯކޭޒް އާއި ބައިސްކޯފް އެޕް ގުޅިގެން ރާއްޖޭއަށް މުޅިން އަލަށް ތަޢާރަފްކުރާ ސިޓް-ކޮމް ސީރީޒް “ކަރުހަކުރު”ގެ ޓީޒާ ރިލީޒްކޮށްފި އެވެ.

އޯކޭޒް އިން އިންތިޒާމުކޮށްގެން މާގިރި ހޮޓެއްގައި މިމަހު 11 ވަނަ ދުވަހުގެރޭ 08:30 ގައި ބޭއްވި ހަފުލާގައި “ކަރުހަކުރު” ގެ ފަސްޓްލުކް ދައްކާލާފައިވާއިރު، ފަސްޓްލުކް ދައްކައިލުމާއެކު މުޅި ހޯލު އެއްކޮށް ކެކިގެން ދިޔައީ ހުނުމުގެ އަޑުންނެވެ.

ސިޓްކޮމް ސީރީޒް އަކީ މަޝްހޫރު ޓީވީޝޯ “ފްރެންޑްސް”، “ބިގްބޭންގް ތިއަރީ” ފަދަ ޓީވީ ޝޯ އެކެވެ. “ކަރުހަކުރު” ފެނިގެންދާނީ 12 އެޕިސޯޑް ގެ ސީޒަން ތަކަކަށް ބަހާލައިގެން ކަމަށް ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން މުނިއަވަސް އަށް ބުންޏެވެ.

“ކަރުހަކުރު” ދައްކާނީ ކޮންމެ އަނގާރަ ދުވަހެއްގެ ރޭ ހަމައެކަނި ބައިސްކޯފް ވީޑިއޯ ސްޓްރީމިންގ އެޕް މެދުވެރިކޮށެވެ.

“ކަރުހަކުރު” ޓީޒާ ލޯންޗިން ހަފްލާގައި ތަފާތު ދާއިރާ ތަކުގެ އެކިއެކި ފަރާތްތަކުން ބައިވެރިވިއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ފަރާތް ތަކުގެ ތެރޭގައި، މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު ގެ އިތުރުން މަޝްހޫރު ފިލްމީ ތަރިންނާއި ލަވަކިއުންތެރިން ހިމެނެއެވެ.

މިހަފްލާ ޝަރަފްވެރި ކޮށްދެއްވީ ފިލްމީ ދާއިރާއާއި ޑޮކިމެންޓްރީ ފިލްމު އުފެއްދެވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑުފެންވަޅުގޭ މުޙައްމަދު މުސްތަފާ ހުސައިން އެވެ.

އޯކޭޒް އިން ބުނީ ކަރުހަކުރަކީ ވަރަށްވެސް ރަހަމީރު އެހާމެ ފޮނިގަދަ އެއްޗަކަށްވާއިރު ރޭގެ ހަފްލާގައި ގިނަބަޔަކު އިންތިޒާރު ކުރަމުން ދިޔައީ ކަރުހަކުރު މިފަހަރު ވެގެންދާނީ ކޯޗަކަށްތޯ ބެލުމަށް ކަމަށެވެ.

“ކަރުހަކުރު” ސީރީޒް ގެ ކާސްޓުން ވަރަށްވެސް ތަފާތުވާނެ ކަމަށް އޯކޭޒް އިން ބުނެއެވެ. އެގޮތުން މި ސީރީޒްގައި ލަވަކިއުމުގެ ދާއިރާއިން އެންމެ ކުރީސަފުގައި އުޅޭ ލަމްހާ ލަތީފް، މިވަގުތު ދިވެހި ސިނަމާއިން އެންމެ ގިނައިން ފެންނަ، ހުނަރުވެރި ތަރި ޢަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ސްކްރީނަށް އަލަށް ތަޢާރަފު ކުރެވޭ ރައުފަތު ޞާދިޤު އެވެ.

ލަމްހާ ލަތީފް ފެނިގެންދަނީ ކުޑަ އާއިލާއެއްގެ ތެރޭގައި ލިއުޝާގެ ކެރެކްޓާގެ ގޮތުގައެވެ. ލަމްހާގެ ވަރަށް މޮޅު އެކްޓިންއެއް މި ސީރީޒުން ފެނިގެންދާނެ އެވެ.

ފިލްމުގެ ކާސްޓުންގެ އެކްޓިންއާއި ބެހޭގޮތުން އޯކޭޒް އިން ބުނީ ތަރިންގެ އެކްޓިން ވަރަށް ރަނގަޅު ކަމަށެވެ.

“ހަމަގައިމުވެސް ބަލާލާފައި ނުބުނެވޭނެ އެކްޓް ކުރަނީ އަލަށް ކަމަކަށް.” ލަމްހާގެ އެކްޓިން އާމެދު އޯކޭޒް ގެ އޮފިޝަލެއް ބުންޏެވެ.

“ދެން ލިއުޝާގެ ފިރިއެއްގެ ގޮތުގައި ފެނިގެންދަނީ ރައުފަތު ޞާދިޤު. ބުނެވޭނީ މީނައަކީ އުފަންވިއިރުވެސް އެކްޓް ކުރުން ކަށީގައި ހަރުލާފައި ހުރި ފަންނާނެކޭ، އެހާވެސް މޮޅު. ޞާދުބޭގެ ދަރިއެއްކަމުން ހަމަގައިމުވެސް ދިވެހިބަސް ވަރަށް ފުރިހަމައަށް ޑައިލޮގް ތަކުގައި ގެނެސްދީފައި އެބަހުރި.”

“ކަރުހަކުރު”ގައި ދައްކައިދޭ އާއިލާ ތެރޭގައި އައިސް އުޅޭ ރަހުމަތްތެރިއެއްގެ ގޮތުގައި ފެނިގެންދަނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޢަލީ އާޒިމް (ދޮން އައްޔަ) އެވެ.

ކަރުހަކުރު ގެ ސްކްރީންޕްލޭ ލިޔަމުންދަނީ ރާއްޖޭގެ އެންމެ ފުންނާބު އުސް ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ.

ޑައިރެކްކުރަނީ ފިލްމާއި ޑްރާމާގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ މުޙައްމަދު މުންތަޝިރު (މުންކޮ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.