އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އާޓްސް ކައުންސިލްސް އެންޑް ކަލްޗަރ އެޖެންސީސް (އިފަކާ) އިން ކޮންމެ 3 އަހަރަކުން އެއް އަހަރު ބާއްވާ ވަރލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގެ 8 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި މިމަހު 11 ން 14 އަށް ބޭއްވި މި ސަމިޓްގައި އެކަމަނާގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އިކްރާމް އާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޙައްވާ ނަޒްލާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވަރލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރ ސަމިޓުގެ މައިގަނޑު ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ހުޅުވިފައިވާ ވިސްނުމަކުން: ސަގާފަތާއި އިލްމާއި ބަދަލު (މޯބައިލް މައިންޑްސް ކަލްޗަރ، ނޮލެޖް އެންޑް ޗޭންޖް)” އެވެ. މި ސަމިޓުގެ ބޭނުމަކީ އައު ނަޒަރުތަކުން، އުފެއްދުންތެރި ގޮތްގޮތަށް ސަގާފަތާއި ފަންނުވެރިކަމަށް ބަލައިލުމެވެ. އަދި މި ކަންކަމާއި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. މި ސަމިޓުގެ މަޤްޞަދަކީ ބަވަނަވުމާއި، ޓެކްނޮލޮޖީއާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަގާފީ އަދި ފަންނީ ދާއިރާތަކަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ހުޅުވިފައިވާ ވިސްނުމަކުން ވިސްނުން ފެށުމެވެ.

ވާރލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގެ ސަބަބުން ބައިނަލްއަޤުވަމީ މައިދާނެއްގައި ސަގާފަތާ ބެހޭ އިދާރާތަކާއި މިދާއިރާއާ ގުޅުން ހުރި ތަފާތު އެކިއެކި ފަރާތްތައް އެއްތަންވެ، އެކުގައި މަޝްވަރާ ކުރެވޭނެއެވެ. އަދި މި މަޝްވަރާގެ އަލީގައި ގުޅިގެން މަސައްކަތްތައް ކުރެވިދާނެ ގޮތްތަކާއި، ކުރިމަތިވާ ތަފާތު އެކި ގޮންޖެހުންތަކަށް ހައްލު ކުރެވޭނެ ގޮތްތަކައް ހޯދޭނެ މަގު ފަހިވެގެންދާނެއެވެ. ހަމައެއާއެކު، މިފަދަ ސަމިޓެއްގައި ބައިވެރިވުމުގެ ސަބަބުން، މި ދާއިރާއިން ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވެ، ދިވެހީންނަށް މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ވިދާޅުވެއެވެ.

މި އަހަރުގެ ވަރލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރގައި 81 ގައުމަކުން 432 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާގެ ދިރާސާތައް ކުރައްވާ އަދި ސިޔާސަތުތައް ކަނޑައަޅުއްވާ ބޭބޭފުޅުންނާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިންނަވައެވެ. އަދި މި ސަމިޓުގައި ސަގާފަތާއި ފަންނުވެރިކަން ކުރެއެރުވޭނޭ ފަހުގެ ގޮތްތަކާއި މެދު މަޝްވަރާކޮށް، އަމަލީ ގޮތުން މިކަން ކުރެވޭނެ ގޮތްތައް ދެނެގަނެ މި މަސައްކަތުގައި އެކި ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތްތައް ހިއްސާކުރެވިގެންދިޔައެވެ.

މި އަހަރުގެ ސަމިޓު އިންތިޒާމު ކުރައްވާފައިވަނީ މެލޭޝިޔާގެ ނެޝަނަލް ޑިޕާޓްމަންޓް ފޮރ ކަލްޗަރ އެންޑް އާޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަދި އިލާކާ އިންނެވެ.

މިސަމިޓުގެ ސެޝަންތައް ފެށިގެން ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 2019 މާރިޗު 12 ވީ އަންގާރަ ދުވަހުން ފެށިގެން 2019 މާރިޗު 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.