މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށް މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބާއްވާ ހަވަލި ފެއަރ މިމަހުގެ 15 ވީ ހޮނިހިރު ދުވަހު ފަށައިފިއެވެ.

ހަވަލި ފެއަރ ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. މި ރަސްމިއްޔާތުގައޮ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ބޭނުންވާ ބާރުވެރިކަން މި ސަރުކާރުން ހޯދައިދޭނެ ކަމަށާއި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.

“މަދަނީ މުޖުތަމައުއަކީ ރައްޔިތުންގެ މަޖިލީހަށްވުރެވެސް، ސަރުކާރަށްވުރެވެސް އަދި ޖުޑިޝަރީއަށްވުރެވެސް މުޙިއްމުކަމެއް، ރައްޔިތުންގެ އިޙުޞާޞްތައް، ރައްޔިތުން ބޭނުންވާ ކަންކަން މިދައުލަތްތެރޭގައި ހިމެނިގެން ދިއުމަށްޓަކައި” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަންކަން ގޯސްވެގެންދާ ވަގުތުތަކުގައި ރައްޔިތުންގެ ވިންދާއި، ރައްޔިތުން ބޭނުންވާގޮތް އެއަޑު އުފުލުމުގައި ހަޤީޤަތުގައި އެންމެ މުޙިއްމުދައުރެއް އަދާކުރާ ބަޔަކީ މަދަނީ މުޛުތަމައު، މަދަނީ ޖަމްއިއްޔާތައްކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިކުރި ދަތުރުތަކުގައި، އަޅުގަނޑުމެން މިކުރި ކެމްޕޭންތަކުގައި މިސަރުކާރަށް އަޅުގަނޑުމެން އައުމުގައި އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ މަދަނީ ޖަމްއިއްޔާތަކުގެ މުޙިއްމުކަން އަދި އަޅުގަނޑުމެން މިބޭނުންވާ ޑިމޮކްރަޓިކް މުޖުތަމައު މިޤައުމުގައި އަށަގަނެ، ހިފެހެއްޓުމަށްޓަކައި އެންމެ މުޙިއްމު އެއް ރޯލެއް ކުޅެވޭނެ ބަޔަކީ މަދަނީ މުޖުތަމައުވެގެން ދިއުން” މިނިސްޓަރ ވިދާޅުވިއެވެ. ޖަމްއިއްޔާތަކަށް މިލިބޭ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްވެސް މިނިސްޓަރ ވަނީ ޖަމްއިއްޔާތަކަށް އިލްތިމާސްކުރައްވާފައެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި ފެއަރ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަށް ކުރިއަށްދާއިރު ފެއަރގެ އެއް ދުވަސް ޚާއްސަކޮށްފައި ވަނީ ބޮޑެތި ވިޔަފާރިތައް ތަމްސީލު ކުރާ ފަރާތްތަކަށެވެ. އަނެއް ދެ ދުވަސް ޚާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

100 އަށް ވުރެ ގިނަ ޖަމްއިއްޔާ ބައިވެރިވެފައިވާ މި ފެއަރ ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު 1300 އިން 1800 އަށް އަދި 2000 އަކުން 2230 އަށެވެ. ފެއަރގެ ތެރެއިން ހެނދުނާއި މެންދުރުފަހު ތަމްރީނު ޕްރޮގްރާމްތަކާއި، ނެޓްވޯކިންގ ސެޝަންތައް އަދި ކީނޯޓް ސެޝަންތައް ކުރިއަށްދާނެއެވެ.

ޖަމިއްޔާތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފެއަރގައި ބައިވެރިވި ބައެއް ޖަމިއްޔާތަކުން ބުނީ މިކަހަލަ ފެއަރ އަކީ ވަރަށް މުހިންމު ފެއަރއެއް ކަމަށާއި މި ފެއަރގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިފަދަ ފެއަރއެއް ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ ޖަމިއްޔާތަކުން ރާވައި ހިންގުމަށް ކަނޑައަޅާ ޕްރޮގްރާމްތައް ހިންގުމަށް ފަންޑު ހޯދޭނެ ވަސީލަތެއް ޤާއިމްކޮށް، ޕްރޮޖެކްޓްތައް ސްޕޮންސަރ ކުރާނެ ފަރާތްތައް ދެނެގަނެ އެހީހޯދުމަށް މަގުފަހިކުރުމާއި، މެންބަރޝިޕް އިތުރުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއެކު ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ މާހައުލެއް ޤާއިމުކުުން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އެކި ދާއިރާތަކުން މަސައްކަތްކުރާ ޖަމިއްޔާތައް ގުޅުން ބަދަހި ކުރުވުމާއި، ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމާއި، ވިޔަފާރިވެރިންނާއި އެހިދޭ ފަރާތްތަކާ ގުޅުވައިދިނުމާއި، ދަރުމަވެރިން އިތުރުކުރުމާއި، ޖަމްޢިއްޔާތަކާ މީޑިއާތަކާ ދެމެދު ގުޅުން ޤާއިމުކުރުންވެސް މި ފެއަރގެ ތެރޭގައި ކުރިއަށްދާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.