މިރޭ އއ. އުކުޅަސް، ސަމާ އައިލެންޑް ރިޒޯޓް އަދި ރ. އުނގޫފާރުގައި “ފޯޓީ ޕްލަސް” ދައްކާނެ

މެގަ ހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ ހައުސްފުލް 10 ޝޯ އަށްވުރެން ގިނަ ޝޯ އޮލިމްޕަހުގައި ދައްކާފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުންވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް “ފޯޓީ ޕްލަސް”ގެ ޓީމާއި ފިލްމު އަޅުވާފައިވާ ރަށްރަށުން ބުނެފިއެވެ.

“ފޯޓީ ޕްލަސް” މިހައިތަނަށް އަޅުވާފައިވާ ރަށްރަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ނައިފަރުގައި އެއް ޝޯ އަޅުވައި ދެވަނަ ޝޯއަކަށް އެރަށުން އެދެމުން އަންނަ ކަމަށް “ފޯޓީ ޕްލަސް”ގެ ޓީމުން މުނިއަވަސް އަށް މަޢުލޫމާތު ދެއެވެ.

ފިލްމުގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް މުނިއަވަސް އަށް ބުނީ ފިލްމު އަޅުވަން ފޮނުވާނެ ފަރާތްތައް ލިބުން ދަތިކަމުން، ރަށްރަށުން އެދެމުންދާ މިންވަރަށް ރަށްރަށުގައި ފިލްމު އެޅުވެމުން ނުދާކަމަށެވެ. ނަމަވެސް ހުރިހައި ރަށެއްގައިވެސް ފިލްމު ދެއްކުމަށް “ފޯޓީ ޕްލަސް”ގެ ޓީމުން ތިބީ ތައްޔާރަށެވެ.

“ފޯޓީ ޕްލަސް” މިރޭ ވެސް އޮލިމްޕަހުގައި ދައްކާއިރު، އއ. އުކުޅަހާއި ސަމާ އައިލެންޑް ރިޒޯޓް އަދި ރ. އުނގޫފާރުގައި ދައްކާނެއެވެ. އއ. އުކުޅަހުގައި “ފޯޓީ ޕްލަސް” އަޅުވަން ދިޔައީ ފިލްމުގައި ތަފާތު މަޖާ ދެ ކެރެކްޓަރ އަކުން ފެންނަ އަޙްމަދު ސަޢީދު އެވެ.

ސަމާ އައިލެންޑަށް “ފޯޓީ ޕްލަސް” އާއެކު ދިޔައީ ފިލްމުގައި ތަފާތު ކެރެކްޓައަކުން ފެންނަ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އާއި މި ފިލްމުގައި މުހިންމު ރޯލެއް ކުޅެފައިވާ ސްޓެޕް އައްޔަގެ އަންހެނުން ޒިޔާދާ އެވެ.

ރ. އުނގޫފާރަށް “ފޯޓީ ޕްލަސް”ގެ ނޯޓީކަމާއެކު އޯޑިއަންސް ހެއްވައިލުމަށް ދިޔައީ ފިލްމުގައި މުހިންމު، އެހާމެ މަޖާ ރޯލެއް ކުޅެފައިވާ މުޙައްމަދު މަނިކު (މަނިކް) އެވެ. މިއީ ރ. އަތޮޅުގައި މި ފިލްމު އަޅުވާ ތިންވަނަ ރަށް ކަމަށް، “ފޯޓީ ޕްލަސް” ރަށްރަށުގައި އެޅުވުމަށް އިސްވެ ހަރަކާތްތެރިވާ ސްޓެޕް އައްޔަ ބުންޏެވެ.

އަންނަ ހަފުތާ ބަންދާ ދިމާކޮށްވެސް ބައެއް ރަށްރަށުގައި ފިލްމު އެޅުވުމަށް މިހާރު ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.