އަފޭންކުޑައިރޭ ރޯދަމަހު ހަވީރު އޮންނާނޫ ގޭށު ގިރަން ފަނިޖަގާ ބޮން ފެންފޮދަ ފިނިކޮށްލާން ގަނޑަފެން ބަލާ މާންދުއަށް ދިޔުން. އެރަށަކޫ ފޮނަދުވާ ޖެހީގެން އޮންނަން ކައްދޫ ދޫކޮށްފާ އޮންނަން ރަށް. މާންދު އެޔޯ މަހަ ފިނިކެރުމުގެ މަސެއްކެތް ކެރަން ރަށެއް. އޭރޭ އެރަށުން ރޯދަމަހު ހަވީރު ގަނޑަފެން ދޫކެރާޅެތް. ގަނޑަފެން ހުންނާނޫ ހަތަރެސްކަނަށް ދިގަކޮށް ބޮޑަތި އެތިއެތިގަނޑަށް. އެމީހުން ގަނޑަފެން ދޫކެރާކަށް ވަކި އުސޫލެއް ކަނޑައަޅާފައެއް ނޯވޭ. އެކުއްދަކު ބޭނުން ވަރަކަށް ގަނޑަފެން ދޭޅެތް. މާންދުއަށް ގަނޑަފެން ބަލާ ދަނޫ މިރަށުކުދޫން އެކަންޏެއްނޯން. ގަމުންވެސް ކުދުވެރިން ބައި ހަދާލާފާ މާންދުއަށް ގަނޑަފެންބަލާ ދާޅެތް.

އަހަރުމެން ކުޑައިރު، ރޯދަމަހު ހަވީރު އޮންނާނީ ގޭގައި ގިރާ ފަނިޖަގާއި ބޯ ފެންފޮދު ފިނިކޮށްލުމަށް ގަނދުފެން ބަލައި މާންދުއަށް ދިއުމެވެ. އެ ރަށަކީ ފޮނަދުއާ ޖެހިގެން އޮންނަ ކައްދޫ ދޫކޮށްފައި އޮންނަ ރަށެވެ. މާންދު އަކީ މަސް ފިނިކުރުމުގެ މަސައްކަތްކުރާ ރަށެކެވެ. އޭރު އެ ރަށުން ރޯދަމަހު ހަވީރު ގަނޑުފެން ދޫކުރާނެ އެވެ. ގަނޑުފެން ހުންނާނީ ހަތަރެސްކަނަށް ދިގުކޮށް ބޮޑެތި އެތިއެތިގަނޑަކަށެވެ. އެމީހުން ގަނޑުފެން ދޫކުރާކަށް ވަކި އުސޫލެއް ކަނޑައަޅާފައެއް ނޯވެއެވެ. އެ ކުއްޖަކު ބޭނުން ވަރަކަށް ގަނޑުފެން ދޭނެއެވެ. މާންދުއަށް ގަނޑުފެން ބަލައި ދަނީ މިރަށު (ފޮނަދޫ) ކުދިން އެކަންޏެއް ނޫނެވެ. ގަމުންވެސް ކުދިވެރިން ބައި ހަދާލާފައި މާންދުއަށް ގަނޑުފެން ބަލައި ދާނެއެވެ.

ކޮންމަ ކުއްދަކުވެސް ހަވީރަށް ބައިސްކާ ތައްޔާރަކޮށްލައިގެން އަސުރުން ފައިބައިގެން މަޑަރާގަކު ނައްޓާލާނޫ. މެހެން ދަންއިރޭ ބައެއް ދޮހާދޮހާ މަގު ކާރީ ހުންނަ އުނބޯވައް ގަހަތެކުން އުނބޯވައް ބިންނަމު. ނޯނުއްވާ ސަޓަނި ހަދާން ކުއްޅަފެލާފަތް ކޮޅެއް ބިނދެލަމު. މަޖާ ވާހަކަ ދައްކަމުން ގާތްގަނޑަކަށް ފަހެއް ޖަހާން ވަންއިރަށް މާންދޫ މައި ގޭޓާ ހަމަޔަށް ދެވޭތޯ ބަލަމު. އެއްބައި ދޮހާ ދޮހާ އަފޭންނަށް ދެވެންއިރޭ ގަމު ކުދުވެރީން ގަނޑަފެން ހިފައިގެން ނައްޓާލާފާޅަ.

ކޮންމެ ކުއްޖަކުވެސް ހަވީރަށް ބައިސްކަލް ތައްޔާރުކޮށްލައިގެން އަސުރުން ފައިބައިގެން މަޑު ރާގެއްގައި ނައްޓާލާނެއެވެ. މިހެން ދާއިރު ބައެއް ދުވަސްދުވަހު މަގު ކައިރީ ހުންނަ އެނބޫ ގަސްތަކުން އެނބޫ ބިންނަމުއެވެ. ނޫނިއްޔާ ސަޓަނި ހަދަން ކުއްޅަފލާފަތް ކޮޅެއް ބިންނަމުއެވެ. މަޖާ ވާހަކަ ދައްކަމުން ގާތްގަނޑަކަށް ފަހޭއް ޖަހާން ވާއިރަށް މާންދޫ މައި ގޭޓާއި ހަމައަށް ދެވޭތޯ ބަލަމު އެވެ. ބައެއް ދުވަސް ދުވަހު އަހަރުމެންނަށް ދެވޭއިރު ގަމު ކުދިވެރީން ގަނޑުފެން ހިފައިގެން ނައްޓާލާނެ އެވެ.

ގަނޑަފެން ހުންނާނޫ މާންދޫ މައި ދޮރަމައްތު ހުންނަން ބޮޑަ ފައިބަރު ފޮށިގަނޑަކު. އެފޮށިގަނޑާ ކާރިކެރާނޫ ފަހަރަކު ބައިސްކަލެއް. ކޮންމަ ކުއްދަކުވެސް އެފޮށިގަނޑާ ކާރިކޮށްލޫމާ އެތާތިބެން މީހުން އެކުއްދަކު ބޭނުން ވަރަކަށް ގަނޑަފެން ދޭޅެތް. ބައެއް ކުދޫން ބައިސަކަލު ފަހަތު އަށުގަނޑަށް ދެ ގަނޑަފެންގަނޑަ ވެސް އަރުވައި. އަނިއްބައިކުދޫން ސުތުލި ގޯންޏަކަށް ގަނޑަފެން އަޅައިގެން ބައިސްކަލު ފުންގާނަ މައްތު ބަހައްޓައިގެންވެސް ގެނެތް.

ގަނޑުފެން ހުންނާނީ މާނދޫ މައި ދޮރުމަތީ ހުންނަ ބޮޑު ފައިބަރު ފޮށިގަނޑެއްގައެވެ. އެ ފޮށީގަނޑާއި ކައިރި ކުރާނީ ފަހަރަކު ބައިސްކަލެކެވެ. ކޮންމެ ކުއްޖަކުވެސް އެ ފޮށިގަނޑާ ކައިރިކޮށްލުމުން އެތާ ތިބޭ މީހުން އެ ކުއްޖަކު ބޭނުން ވަރަކަށް ގަނޑުފެން ދޭނެ އެވެ. ބައެއް ކުދިން ބައިސްކަލް ފަހަތު އަށިގަނޑަށް ދެ ގަނޑުފެންގަނޑު ވެސް އަރުވައެވެ. އަނެއްބައި ކުދީން ސުތުލި ގޯންޏަކަށް ގަނޑުފެން އަޅައިގެން ބައިސްކަލު ހުންގާނު މަތީ ބަހައްޓައިގެން ވެސް ގެންނާނެ އެވެ.

ގަނޑަފެންކޮޅަ ލިބެނޫމާ ކޮންމަ ކުއްދަކުވެސް އަވަހަވީ ގޮތަކަށް ބަލާނޫ ބާރަށް ދުއްވާފާ ރަށަށް އުމުވޭތޯ. މެހެން އުމަންއިރޭ ބައެއް ދޮހާދޮހާ ބައިސްކަލު އަށުގަނޑަށް އަރުވާފާ އޮންނަން ގަނޑަފެންގަނޑަ ވިރީގެން މެދުން ބިންދައިގެންގޮހޮ ފާލަން މައްތަށް ވެއްޓީ ކުދުކުދުވެސްވޭ. އެވަރުންވެސް ގަނޑަފެންކޮޅަކޮޅަ އެއްކޮށްގެން ގެއަށް ގެނެމު.

ގަނޑުފެންކޮޅު ލިބުމުން ކޮންމެ ކުއްޖަކުވެސް އަވަސްވީ ގޮތަކަށް ބަލާނީ ބާރަށް ދުއްވާފައި ރަށް އާދެވޭތޯ އެވެ. މިހެން އަންނައިރު ބައެއް ދުވަސްދުވަހު ބައިސްކަލު އަށިގަނޑަށް އަރުވާފައި އޮންނަ ގަނޑުފެންގަނޑު ވިރިގެން މެދުން ބިންދައިގެން ގޮސް ފާލަން މައްޗަށް ވެއްޓި ކުދިކުދިވެސް ވެއެވެ. އެވަރުންވެސް ގަނޑުފެން ކޮޅުކޮޅު އެއްކޮށްގެން (ހޮވައިގެން) ގެއަށް ގެންނަމު އެވެ.

އޭރު އޮންނާނޫ މިހާރު މިއޮންނަކަހަލަ ރީތި ފާލަމެއް ނޯން. ލޮރީއެއް ދަންނާ ބައިސްކަލަކަށް ދެވޭނޫ ހަމަ ކިރިޔާ. އެފާލަމަކޫ ހުސް ގާ ބޭނުންކޮށްގެން މައްތު ތާރަފަށެއް ލާފާ ހަދާފާ އޮންނަން ހެމަހެމަ ފާލަމެއް.

އެދުވަސްވަރު އޮންނާނީ މިހާރު މި އޮންނަފަދަ ރީތި ފާލަމެއް ނޫނެވެ. ލޮރީއެއް ދަންޏާ ބައިސްކަލަކަށް ދެވޭނީ ހަމަ ކިރިޔާ އެވެ. އެ ފާލަމަކީ މުޅިންވެސް ގައު ބޭނުންކޮށްގެން މަތީގައި ތާރު ފަށަލައެއް ލާފައި ހަދާފައި އޮންނަ ހިމަހިމަ ފާލަމެކެވެ.

ކޮންމަޔަކަސް، ގޭށާ ހިސާބަށް ގަނޑަފެންގަނޑަ ގެނުވެންއިރޭ އޮންނާނޫ ވަރަށް ބޮޑަތަން ކުޑަވެފާ. މިގެނުވެނޫ ފެންގަނޑެއްތޯ ނޯނުއްވާ ލޮނަގަނޑެއްތޯ ބަލާލާނޫވެސް ގެއަށް އުމުވެނޫމާ. ލޮނަގަނޑަ ގެނުވެން ދޮހަޔާ ދިމާވަނޫ ވެސް މަދަކުން ނޯން. ލޮނަގަނޑެއް ގެނުވެނަސް އެއްލައެއްނުލަމު. އެ ލޮނަގަނޑަ ކުދުކޮށްގެން ފެންއެއްޗަކަށް އަޅައިގެން ފަނި ޖަގު އެ ފެންއެއްޗަށް ލައިގެންވެސް ފިނިކެރަމު. ރީތި ފެންގަޑެއް ވެއްޖައިމުން ކުދުކުދުކޮށް ތަޅައިގެން ފަނި ޖަގަށާ ގޭ ފެން ބަނޑިޔަލަށް ވެސް އަޅަމު. ދެން ހުންނަ ބަޔުން ތިމާގަ ގޭގެޔަށް ދީފާ ބާކީވަން އެތިކޮޅަ ގެނައިރޭ ބަހައްޓާން ތަރުމޯޒަށް އަޅާފާ ބަހައްޓަމު. މެހެން ގެނެން ގަނޑަފެންކޮޅުން އެރޭ ހަތަރަދަމާ ވޭ.

ކޮންމެއަކަސް، ގެއާ ހިސާބަށް ގަނޑުފެންގަނޑު ގެނެވޭއިރު އޮންނާނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. މި ގެނެވުނީ ފެންގަނޑެއްތޯ ނުވަތަ ލޮނުގަނޑެއްތޯ ބަލައިލާނީވެސް ގެއަށް އާދެވުނީމަ އެވެ. ލޮނުގަނޑެއް ގެނެވޭ ދުވަހާ ދިމާވަނީ ވެސް މަދަކުން ނޫނެވެ. ލޮނުގަނޑެއް ގެނެވުނަސް އެއްލައެއް ނުލަމެވެ. އެ ލޮނުގަނޑު ކުދިކޮށްގެން ފެން އެއްޗަކަށް އަޅައިގެން ފަނ ިޖަގު އެ ފެން އެއްޗަށް ލައިގެން ވެސް ފިނިކުރަމު އެވެ. ރީތި ފެންގަނޑެއް ވެއްޖެއްޔާ ކުދިކުދިކޮށް ތަޅައިގެން ފަނި ޖަގަށާއި ގޭގެ ފެން ބަނޑިޔަލަށް ވެސް އަޅަމު އެވެ. ބާކީ ހުންނަ ބައިން ތިމާގެ ގޭގެއަށް ދީފައި ބާކީވާ އެތިކޮޅު ގިނައިރުވާންދެން ބެހެއްޓުމަށް ތަރުމޯޒަށް އަޅާފައި ބަހައްޓަމު އެވެ. މިހެން ގެންނަ ގަނޑުފެންކޮޅުން އެރޭ ހަތަރުދަމާ ވާނެއެވެ.

މިގޮތަށް ރޯދަމަހު ދޮހާތެއް ގޮނަގޮނާ ތިއްބާ ހަންޓި ހިލިހިލާ ނައްޓަން ދޮހާ ގާތްވެއްޖޭ ކިޔާން ފަށާޅެތް. އެޔޯ އީދަށް ހަނދަބަލާން ތިން ދޮހަޔަށްވޫ. ދެން އޮޅޭން ފަށާނޫ އީދަ އުމަނައިތި އީދާ ވެގެން. އެވެސް ތަފާތު ކަންކަން ހިނގާދަން ދޮހާކޮޅެއް. އަފޭން ކުޑައިރާ މިހާރު އީދަށް ތައްޔަރަވުމާ ވަރަށް ތަފާތު.

މިގޮތަށް ރޯދަމަހު ދުވަސްތައް ގުނަގުނާ ތިއްބާ ހަންޑި ހިލިހިލާ ނައްޓާ ދުވަސް ކައިރިވެއްޖެޔޭ ކިޔަން ފަށާނެ އެވެ. އެއީ އީދަށް ހަނދުބަލަން ތިން ދުވަހަށް ވީއެވެ. ދެން އުޅެން ފަށާނީ އީދު އަންނާތީ އީދުގެ ކަންތައްތަކުގައެވެ. އެއީވެސް ތަފާތު ކަންތައްތައް ހިނގައިދާ ދުވަސްކޮޅެކެވެ. އަހަރުމެން ކުޑައިރާއި (ޅަ އިރާއި) މިހާރު އީދަށް ތައްޔާރުވުމާ ވަރަށް ތަފާތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.