މާރިޗް މަހުގެ ފަހަކުން ފެށިގެން ކާމިޔާބުކަމާއެކު އޮލިމްޕަހާއި ރަށްރަށުގެ ސިނަމާ ހޯލްތަކުގައި ދައްކަމުން އަންނަ “ފޯޓީ ޕްލަސް”ގައި އެންމެ ބޮޑު ރިސްކެއް ނެގި އެއް ފަންނާނަކީ ހަމަ ގައިމުވެސް މަރިޔަމް ޝިފާ ކަމަށް އެއްބަސްވާން ޖެހެއެވެ. ސްޓަންޓްމަން އެއް ބޭނުންކޮށްގެން ނަގަންޖެހޭ ފަދަ ބައެއް މަންޒަރުތައް މި ފިލްމުގައި ކުޅެފައިވަނީ ޚުދު ޝިފާ އަމިއްލައަށެވެ.
“ފޯޓީ ޕްލަސް”ގައި ޝިފާ އަކީ ގައިމުވެސް އިންސާނެއް ނޫނެވެ. މިއަށްވުރެން އިތުރަށް، ޝިފާގެ ކެރެކްޓާ ކިޔައިދީ މި ފިލްމު ބަލަންތިބި މީހުންނަށް ލިބެން ޖެހޭ ސަސްޕެންސް ގެއްލުވާކަށް ނެތީމެވެ. ފިލްމު ‘ދެވަންސޫރަ’ އިން ފިލްމީ ދުނިޔެއަށް ފުރަތަމަ ފިޔަވަޅު އެޅި ޝިފާގެ ހުނަރުވެރިކަން “ފޯޓީ ޕްލަސް”ގައި އޭނާ އަދާކޮށްފައިވާ ތަފާތު ކެރެކްޓާ އިން ކިތަންމެހާވެސް ރަނގަޅަށް ފެނިގެންދެއެވެ. ފިލްމުގެ ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ މަސައްކަތް ހުށައަޅައިދިނުމުގައި ޝިފާގެ ދައުރު ވަރަށް ފުރިހަމައެވެ.
“ފޯޓީ ޕްލަސް”ގައި ޝިފާ އަދާކޮށްފައިވާ ކެރެކްޓަރގެ ގޮތުން، ރިސްކީ ކަންތައްތަކެއް ކޮށްފައިހުރިކަން ފިލްމު ބަލައިލުމުން އެނގެއެވެ. ފިލްމުން ޝިފާ ފެންނަ މަންޒަރުތަކުގެ އިތުރުން، ޝޫޓިންތެރޭގައި ކަންތައްތައް ހިނގައިގޮސްފައި ވާނީ ފިލްމުން މި ފެންނަ މަންޒަރުތަކަށްވުރެން މާ ބޮޑަށްކަން ޔަޤީނެވެ.
ޓެކްނިކަލް ކަންތައްތަކެއް ޝިފާގެ ކެރެކްޓަރ އިން ފެންނައިރު، ބައެއް މަންޒަރުތަކުގައި މަތިން އަންނަތަން ފެނުމާއި ފާރުގައި ތަތްވެގެން، އިށީންދެގެން އިންނަ މަންޒަރުވެސް ފެނެއެވެ. މިފަދަ މަންޒަރުތައް ކުޅުމުގައި ކުރެވުނު ތަޖުރިބާތައް ޝިފާގެ ފަރާތުން އޮޅުންފިލުވައިލުން ބުއްދިވެރިއެވެ.
“އަސްލު ފުރަތަމަ ފަހަރު ވީމާ ވަރަށް ޖެހިލުންވި، ބިރުގަތް. އެކަމަކު ކައިރީގަ ތިބި މީހުން (ފިލްމު ކްރޫ އާއި އެކްޓަރުން) ވާނޭ ބުނީމަ ހިތްވަރުކޮށްލާފަ ޝިފާ ކުރީ. އެއީ އަސްލު އެހާ މައްޗަށް ވަލެއްގަ ޖަހައިގެން ނަގާއިރު ވަރަށް ހަމަ ބިރުގަނޭ. ފުރަތަމަ ފަހަރާ ބަލާފަ ބިރުގަތް، އެކަމަކު ދިޔައީ ސަޅިކޮށް.” ޝިފާގެ ތަޖުރިބާ ކިޔައިދެމުން ބުންޏެވެ. އޭނާ އިތުރަށް ބުނީ ހަވާލުކުރެވުނު ކެރެކްޓަރ ހިތްހަމަ ޖެހޭވަރަށް ކުޅެވުނު ކަމަށެވެ.
މެގަހިޓެއްގެ ދަރަޖަ އަށް ވާޞިލުވެފައިވާ “ފޯޓީ ޕްލަސް” އާމެދު ޝިފާ ދެކޭގޮތް ބަލައިލާނަމެވެ. އޭގެ ކުރިން ޝިފާގެ ހުނަރުވެރި އެކްޓިން ފެނިގެންދާ މި ލަވަވެސް ބަލައިލަމާ ހިނގާށެވެ.
“ފިލްމާ ދޭތެރޭ ބުނާނެ ވާހަކައެއް ނެތް. ހަމަ ހުރިހައި ކަމެއްވެސް ވަރަށް ޕަރފެކްޓް. ހުރިހާ ތަރިންގެ އެކްޓިންވެސް. ލަވަތަކުގަ އެންމެ ދައްކާފަ ހުރި އެކްޓިންވެސް ހަމަ ވަރަށް ސަޅި. ކޮންމެ ބޭފުޅަކަށްވެސް ފިލްމު ބަލައިލީމަ އެނގޭނެ ފިލްމަކީ ރީތި، ފިލްމު ބަލާ ވަގުތުކޮޅަކީ ބޭކާރު ވަގުތުކޮޅަކަށް ވެގެން ނުދާނެ ފިލްމެއްކަން. ހީލާ، ހިތްހަމަ ޖެހި މަޖާކޮށްލަން ދާން ހަމަ އެންމެ ސަޅި އެއް ފިލްމު ކަމަށްވާނެ. ފިލްމު ބަލާފަ ނުބުނާނެ ފިލްމަކީ ހަޑި ފިލްމެކޭ މިވެނި މީހެއްގެ މިވެނި އެކްޓިން ހަޑިއެކޭ. އެއީ ފިލްމަކީ ހަމަ ވަރަށް ފުރިހަމަ ފިލްމެއް.” ފިލްމުގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ޝިފާ ބުންޏެވެ.
“ޝިފާ ކުޅެފަ އޮތް ފިލްމަކަސް، ފިލްމު ބަލާފަ ޝިފާއަށް ވެސް ހެވުނު.” ތަކުރާރުކޮށް ޝިފާ ޔަޤީންކަން ދިނީ ފިލްމު ބަލާފައި މިއީ ހަޑިފިލްމެކޭ އެއްވެސް ބޭފުޅަކު ނުބުނާނެ ކަމަށެވެ.
ތަފާތު މޭކަޕަކާއިއެކު “ފޯޓީ ޕްލަސް”ގައި ބޮޑު ރޯލަކުން ޝިފާ ފެނިގެންދާއިރު، ފިލްމުގެ އެއް ތީމް ލަވަ ‘ލައިލާ’ ގައި ޝިފާ ދައްކާފައިވާ ނެށުމާއި އެކްޓިންއަށް ސާބަސް ހައްޤެވެ. ސިނަމާގެ އޮޑިއަންސް އެއްކޮށް ކެކިގެންދާފަދަ ހުނަރުވެރި އެކްޓިންއެއް ޝިފާ ވަނީ މި ފިލްމުގައި ދައްކާފައެވެ.
ޝިފާ މި ދާއިރާއަށް ނިކުތީވެސް ތަފާތު ގޮތަކަށެވެ. ފިލްމެއްގެ ލީޑް ރޯލުން މި ދާއިރާއަށް އަލަށް ނިކުންނަން ފުރުޞަތުލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރ އަދި މިހާރު ފިލްމު ޑައިރެކްޓް ކުރުމުގައިވެސް ދެވަނައެއް ނެތް ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށް އެކްޓްވެސް ކުރާ ފިލްމަކުން މިފަދަ ފުރުޞަތެއް ލިބުމަކީ ނާދިރުކަމެއް ކަހަލަ ކަމެކެވެ. ނަމަވެސް ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާ އަށް މިފަދަ ނަސީބެއް ލިބުނީ ’ދެވަންސޫރަ‘އިގެ ލީޑް ރޯލުންނެވެ.
ޝިފާއަށް މި ދާއިރާއަށް ވަދެވުމާއި “ފޯޓީ ޕްލަސް” އާއި ގުޅުމެއްވެސް އެބަހުއްޓެވެ. އެކަން ޝިފާ ވަނީ މުނިއަވަސް އާ ހިއްސާކޮށްފައެވެ.
“’ދެވަންސޫރަ‘ އިން އަސްލު ޗާންސް ލިބުނީ ޔޫއްޕެގެ ސައިޑުން. ޝޯއަކުން ދިމާވީ. މީގެ ކުރިން ވޯރކް ކުރީ ނަށާ ގްރޫޕެއްގަ (ޕާރޕްލް ވިންގް ގްރޫޕް). އޭގަ އުޅެނިކޮށް ’ނޯޓީ40‘ ގެ ޕްރިމިއަރ އަށް ދިޔަތަނުން ޔޫއްޕެއަށް ފެނިގެން ޔޫއްޕެ އަޅުގަނޑު ނަށާ ގްރޫޕްގެ ބޮޑުމީހާ ކައިރީ އެދުނީ ޔޫއްޕެ ދެން އަލަށް ހަދާފިލްމަށް ބޭނުމޭ އާކުއްޖެއް ލާން. ބުނީމަ އެކޮޅުން އަޅުގަނޑުުކައިރީ ބުނީ.” ފޯޓީ ޕްލަސްގެ ޝޫޓިން ކުރިއަށްދިޔަ ދުވަސްވަރު ޝޫޓިން ސެޓްގައި ހުރެގެން މުނިއަވަސް ޝިފާ ކިޔައިދިނެވެ.
ޝިފާގެ އެކްޓިން އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެކަކީ ޔޫއްޕެއެވެ. މީގެ އިތުރުން ދެވަންސޫރައިގައި މުހިންމު ރޯލެއް ކުޅުނު ފައިސަލް އަށެވެ.
“ޔޫއްޕެ ވެސް ފާހަގަ ކުރި ޝިފާގެ އެކްޓިން ޓެލެންޓް ވަރަށް ރަނގަޅު ކަމަށް. އާކުއްޖަކާ ބަލާފަ ހަމަ ވެރީ ވެރީ ޓެލެންޓެޑް އޭ ބުނެވޭނީ. ޝީ ޕިކްސް އެވްރީތިންގ ވެރީ ފާސްޓް. އޭތި ޔޫއްޕެ ވަރަށް ފާހަގަ ކުރި. ހަމަ ޑައިލޮގްވެސް ބަލާލާފަ، އެންމެ ބޮޑަށް މީހުންނަށް އުދަގޫވަނީ ޑައިލޮގް. އެއްކަލަ ބަލާލާފަ އެ ޑައިލޮގުތައް ރީއްޗަށް ޑެލިވަރ ކުރުން. އެކަމަކު ޝިފާ ޑައިލޮގްތަކަށް ބަލާލާފަ ވަރަށް ނެޗުރަލްކޮށް ވަރަށް ރީތިކޮށް ޑެލިވަރ ކޮށްދޭ. އެކްޓިންގ އާ ޑައިލޮގް ޑެލިވަރީ ހަމަ ވަރަށް ރަނގަޅުކަމަށް ޔޫއްޕެ ވެސް ފާހަގަކުރި.” ޝިފާގެ ހުނަރާމެދު ވާހަކަ ދައްކަމުން ފައިސަލް ބުންޏެވެ.
‘އަ ސްޓަރ އިޒް ބޯން’ އޭ ބުނާވަރުގެ މޮޅު އެކްޓިންއެއް “ފޯޓީ ޕްލަސް”ގައި ޝިފާ ވަނީ ދައްކާފައެވެ. “ފޯޓީ ޕްލަސް”ގައި ޝިފާ ނެގި ރިސްކުގެ އަގު ކިތަންމެހާވެސް ރަނގަޅަށް ލިބިފައިވާކަން، ފިލްމު ބަލާފައި އޯޑިއަންސުން ޝިފާއަށް ކުރާ ތަޢުރީފުން އެނގެއެވެ.
ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަހަރުގެ އެންމެ ކާމިޔާބު ފިލްމު “ފޯޓީ ޕްލަސް”ގެ 15 ވަނަ ޝޯ މިރޭ އޮލިމްޕަހުގައި ދައްކާނެއެވެ. ޖުމްލަ 20 ޝޯ އޮލިމްޕަހުގައި ދައްކަން ނިންމާފައިވާއިރު 20 ވަނަ ޝޯ ވެގެންދާނީ ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވޭ ޝޯ އަކަށެވެ.
“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ މުނިއަވަސް އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
Mae ves ulhunin kuda dhuvaskolhaku e
manje fulu kolhuga alhaiin
Not good film i hate dhivehi films 😏
Not bad