ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައިވަނީ ލޯފަން ފަރާތްތަކަށް ބްރައިލް ބޭނުންކޮށްގެން ކީރިތި ޤުރުޢާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ބްރައިލް އަކީ ފެނުމުން މަހުރޫމްވެފައިވާ މީހުން ކިޔުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ރޭގެ ޖަލްސާގައި ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވައިދިނުމާ ބެހޭގޮތުން ވާހަކަދައްކަވަމުން އަލްޤާރީ އަޙުމަދު ރަޝީދު ވިދާޅުވީ، މި ސަރުކާރަށް މިވީ ކުޑަދުވަސްކޮޅުގެތެރޭގައި ޤުރުއާން ކިޔެވޭނެ މުޤައްރަރެއް ތައްޔާރުކުރުމަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަވެގެންދިޔަ ކަމެއްކަމަށެވެ. އަޙުމަދު ރަޝީދުވަނީ މިއަހަރުގެ ޖަނަވަރީ މަހުންފެށިގެން ދިވެހި ބްރައިލް އެޕެއްގެ ޒަރިއްޔާއިން ލޯފަން ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމުހަމަޖެހިގެން ދިއުމަކީ ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.

“ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އާދެ 6 ހަފްތާގެތެރޭގައި ހިތުދަސް ނޫނަސް ކޮންމެ ހިސާބަކުންވެސް ބަލައިގެން ކިޔެވޭވަރު ކޮށްދެވޭނެ. ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ތިން ގޮތަކަށް ކިޔައިދެވޭއިރު އެންމެ ޒަމާނީގޮތަކީ ލަކްސްބަރީ ޓްރާންސްލޭޓް އެޕް. މި އެޕް މެދުވެރިކޮށް ބައިގަޑިއިރެއްހާއިރު ތެރޭ އަކުރުތަށް އެމްބޯސްކޮށް ޕްރިންޓްކުރެވޭނެ އިންތިޒާމު ހަމަޖެހޭ. މިދިޔަ ޖަނަވަރީ މަހުން ފެށިގެން މި އެޕްގައި ދިވެހި ބްރައުލްވެސްވަނީ ހިމަނާފައި.” އަލްޤާރީ އަޙުމަދު ރަޝީދު ވިދާޅުވިއެވެ.

ޒާޔާ އަޙްމަދު ޒުބެއިރު ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވަނީ – ފޮޓޯ: ރައީސް އޮފީސް

މި ޖަލްސާގައިވަނީ، ލޯފަން ކުއްޖެއްކަމަށްވާ ޒާޔާ އަޙްމަދު ޒުބެއިރު ބްރައިލް ބޭނުންކޮށްގެން ޤުރުއާން ކިޔަވާފައެވެ. 13 އަހަރުގެ ޒާޔާއަކީ ދިވެހި، އިނގިރޭސި އަދި އަރަބި ބްރައިލްވެސް ފަރިތަކަމާއިއެކު ކިޔަން ދަންނަ ކުއްޖެކެވެ.

މި ޕްރޮގްރާމަކީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މަޢުލޫމާތު ދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.