މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” އަށް އަތޮޅު ތެރެއިން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ހދ. އަތޮޅުން “ފޯޓީ ޕްލަސް” އަށް ލިބުނު ތަރުހީބުވެސް ‘ހަންޑްރެޑް ޕްލަސް’ ކަމަށް ފިލްމުގައި މުހިންމު، މަޖާ ރޯލެއް ކުޅެފައިވާ އުއްމީދީ ތަރި ޢަލީ އާޒިމް (ދޮން އައްޔަ) ބުނެފިއެވެ.

ހދ. އަތޮޅު ބައެއް ރަށްރަށުގައި ނިމުނު ހަފުތާ ބަންދުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ހަރަކާތްތެރިވި ދޮން އައްޔަ ބުނީ ރަށްތަކުން ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުން ލިބެމުންދާ ފުރިހަމަ މެހެމާންދާރީ ފާހަގަކުރަނީ ވަރަށް އުފަލުން ޝުކުރުވެރިކަމާއެކު ކަމަށްވެސް ދޮން އައްޔަ ބުންޏެވެ.

“އަޅުގަނޑަށް މި އަތޮޅުން ބެހެއްޓި ގާތްކަމާ، ކިޔި ހޫނު މަރުހަބާއަށް އައްޔަގެ އަމިއްލަ ނަމުގަޔާ އަދި “ފޯޓީ ޕްލަސް” ޓީމުގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން.” ހދ. އަތޮޅުން މާލެދާން ފުރަމުން މުނިއަވަސް އަށް ދޮން އައްޔަ ބުންޏެވެ.

ދޮން އައްޔަ އިތުރަށް ބުނީ ފިލްމުގެ ގިނަ ކާސްޓުން ފޮނުވައިދިނުމަށް އަތޮޅު ތެރެއިން ވަރަށް ބޮޑަށް އެދެމުންދާ ކަމަށެވެ. އަތޮޅުތަކުގެ ރައްޔިތުން ބޭނުންވާ ގޮތަށް ވީހައިވެސް ގިނަ ކާސްޓުން ރަށްރަށަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. މަޢުލޫމާތު ލިބޭގޮތުން ރަށްރަށުން އެންމެ ބޮޑަށް ޑިމާންޑްކުރަމުންދަނީ ޔޫއްޕެ، ސީޒަން އަދި ދޮން އައްޔަ ފޮނުވައިދިނުމަށެވެ.

“ފޯޓީ ޕްލަސް” ގައި ޢަލީ އާޒިމް މޮޅު އެކްޓިން އެއް ދައްކާފައިވޭ

ހދ. ކުޅުދުއްފުށީގައި ފިލްމުގެ ޕްރިމިއާއެއް ބާއްވާފައިވާއިރު، އެ އަތޮޅު ނާވައިދޫ، ކުރިނބީ، ހަނިމާދޫގައި “ފޯޓީ ޕްލަސް”ގެ ކާމިޔާބު ޝޯތަކެއް ވަނީ ބާއްވާފައެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.