“އަނދިރި ފަރާތް” މި ނަމުގައި ބައިސްކޯފާއި ވިލު ސްޓޫޑިއޯއިން މިސްޓްރީ، ހޮރޯ އަދި އެޑްވެންޗަރ ވެބްސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ވިލު ސްޓޫޑިއޯއިން އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) މުނިއަވަސް އަށް ބުނީ “އަނދިރި ފަރާތް” މިއީ އާދަޔާޚިލާފު ހާދިސާތަކެއް ހިމެނޭ ބިރުވެރި އަދި އާހިތަ (އެޑްވެންޗުރަސް) ކަންތައްތަކެއް ފެނިގެންދާ ފަސް އެޕިސޯޑުގެ ވެބްސީރީޒެއް ކަމަށެވެ.

ކ. ހުރާ ގައި ޝޫޓިން ކުރިއަށްދާ “އަނދިރި ފަރާތް” ވެބްސީރީޒްގެ މަޢުލޫމާތު ދެމުން ޝާއްކޮ ބުނީ މިއީ ބައިސްކޯފާއި ގުޅިގެން އުފައްދާ ތަފާތު ވެބްސީރީޒެއް ކަމަށެވެ. މިއީ ވިލު ސްޓޫޑިއޯ އިން އުފެއްދި ކާމިޔާބު ލަވަ “އޭ މަލާ” އަށްފަހުން އެ ސްޓޫޑިއޯ އިން ކުރިއަށްގެންދާ ރަސްމީ ބޮޑު ޕްރޮޖެކްޓެއް ކަމަށްވެސް ޝާއްކޮ ބުންޏެވެ.

“މީގެ ރައިޓަރ އަކީ ހޫދު. ދެން ޓެކްނިކަލް މަސައްކަތުގަ އުޅޭނީ ބައިސްކޯފުން މިރޫ އާ ހާއްޕެ. ވިލު ސްޓޫޑިއޯއިން އަޅުގަނޑާ އަމާން އަދި ފަޔާ.” ވިލު ސްޓޫޑިއޯއިން އުފައްދާ ފުރަތަމަ ވެބްސީރީޒްގެ ޑައިރެކްޓަރ އަދި އެ ސްޓޫޑިއޯގެ ވެރިޔާ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ބުންޏެވެ.

ބޮޑު ކާސްޓެއް އެކުލެވޭ މި ސީރީޒްގައި 14 ފަންނާނުން ހަރަކާތްތެރިވާނެ ކަމަށް ޝާއްކޮ ބުންޏެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަންގެ “އެންޓަޓެއިނަރ”ގެ ގޮތުގައި މަޝްހޫރުވެފައިވާ އިބްރާހިމް އަމާން، ޑާކްރެއިން ގެ ‘މާމުއި’ އިން ފެނިގެންދާނެ މުޙައްމަދު ނަވާލް، ޓިކް ޓޮކްގެ މަޝްހޫރު ފަންނާނު ރިކީ ރިޗް އާއި ހާޒިފް ހިމެނެއެވެ. މީގެ އިތުރުން ފުރުޝާން، އާއި ޚާއްޞަ ފެނިލުމެއްގައި ލަވަކިޔުންތެރިޔާ ފާލިހްގެ ކޮއްކޮ ފައިރޫޒް ވެސް މި ސީރީޒްގައި ހަރަކާތްތެރިވާނެ ކަމަށް ޝާއްކޮ ބުންޏެވެ.

އަންހެން ކާސްޓުންގެ ނަންތައް މިވަގުތަށް އެއްކޮށް ހާމަކުރެވެން ނެތަސް، ފިލްމު “ފޯޓީ ޕްލަސް” އިން ފެނިގެންދިޔަ ހުނޫ ހަރަކާތްތެރިވާނެ ކަމަށް ޝާއްކޮ ބުންޏެވެ.

“އަނދިރި ފަރާތް” ވެބްސީރީޒް ޓީމުގެ ބައެއް މެންބަރުންގެ ސެލްފީއެއް ޝާއްކޮ ނަގަނީ – ފޮޓޯ: ވިލު ސްޓޫޑިއޯ

“މި ސީރީޒްގަ ވަރަށް ބޮޑު ޚާއްޞަ ސަޕްރައިޒެއް ފެނިގެންދާނެ. ހިއެއް ނުވޭ ރާއްޖޭގެ ފިލްމަކުން މިފަދަ ސަޕްރައިޒް އިލެމެންޓެއް ފެނިގެން ގޮސްފަ އޮތްހެނެއް.” ޝާއްކޮ ޑައިރެކްޓްކޮށް އޭނާގެ ސްޓޫޑިއޯ އިން ބައިސްކޯފާއި ގުޅިގެން އުފައްދާ “އަނދިރި ފަރާތް” ވެބްސީރީޒަށް އިތުރަށް އިންތިޒާރު ކުރަންޖެހޭފަދަ ކަމެއް ޝާއްކޮ ދޫކޮށްލިއެވެ.

އެކިއެކި ޕްރޮޑަކްޝަން ހައުސްތަކާއި ގުޅިގެން ބައިސްކޯފުން ވެބްސީރީޒްތަކާއި ތަފާތު ޕްރޮގްރާމުތައް އުފެއްދުން މެކުހަށް ޖަހާފައިވާ މި ދަނޑިވަޅުގައި “އަނދިރި ފަރާތް” ވެބްސީރީޒްގެ ސަބަބުން ހަމަ ގައިމުވެސް ބައިސްކޯފަށް އިތުރު އަލިކަމަކާ އުޖާލާކަމެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.