ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމު “ނަފްރަތުވުމުން“ގެ ޓިކެޓް ބުކްކުރުން މިހާރު ކުރިއަށްދާއިރު، ފިލްމުގެ ޓިކެޓް ވިއްކުން މާދަމާ މެންދުރުފަހު 02:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ

އަންނަ މަހުގެ 9 ގައި އަޅުވާ ގޮތަށް ނިންމާފައިވާ “ނަފްރަތުވުމުން“ގެ ޓިކެޓް ވިއްކުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޓިކެޓް ބުކްކޮށްފައިވާ ފަރާތްތަކުން ލަސްނުކުރައްވާ ވީހައި އަވަހަކަށް ޓިކެޓް ނެގުމަށް “ނަފްރަތުވުމުން“ގެ ޓީމުން އެދެއެވެ.

ނަފްރަތުވުމުން“ގެ ޓިކެޓް ބުކްކުރުން މިހާރު ކުރިއަށްދާއިރު،  7384040 އަށް ގުޅައިގެން ވެސް ޓިކެޓް ބުކިން ހެއްދޭނެއެވެ.

ނަފްރަތުވުމުން” އަކީ މިހާރު ކާމިޔާބުކަމާއެކު އޮލިމްޕަހާއި ރާއްޖޭގެ އެކި ރަށްރަށުގައި ދައްކަމުންދާ މެގަހިޓް، ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” ގެ ޑައިރެކްޓަރ ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ބ، ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ މައިގަނޑު ތަރިންނަކީ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން ޔޫއްޕެ ވެސް “ނަފްރަތުވުމުން” ގެ ރޯލަކުން ފެނިގެން ދާނެ އެވެ. ފިލްމުގެ ތަރިންގެ މަސައްކަތަށް ޔޫއްޕެގެ ހިތްހަމަޖެހުން އޮތީ ސަތޭކައިގައެވެ. އެހެންކަމުން ހަމަ ގައިމުވެސް ބެލުންތެރިންނަށް މި ފިލްމުން ފެނިގެންދާނީ މޮޅު އެކްޓިންއެއްކަން ޔޫއްޕެގެ އެހެން މަސައްކަތްތަކުގެ ކޮލިޓީއަށް ވިސްނައިލުމުން ޔަޤީން ކުރެވޭނެއެވެ.

ޔޫއްޕެ ބުނީ “ފޯޓީ ޕްލަސް”އަށް ބެލުންތެރިން ދީފައިވާ ބޮޑު އިތުބާރާއި ޔަޤީންކަމާ އެއްގޮތަށް “ނަފްރަތުވުމުން” އަށްވެސް އެފަދަ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބުމަށް އުއްމީދުކުރާ ކަމަށެވެ.

”ފޯޓީ ޕްލަސް“ގެ ބޮޑު ކާމިޔާބީއާއި ވިއްދައިގެން ސިނަމާއަށް ޔޫއްޕެ މިފަހަރު ދޫކޮށްލާ “ނަފްރަތުވުމުން” އަކީ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ދިވެހި ފިލްމީ އޯޑިއަންސްގެ ބޮޑު އިންސައްތައަކީ ލޯބީގެ ފިލްމަށް ލޯބިކުރާ އޯޑިއަންސަކަށް ވީހިނދު، ސިނަމާތަކަށް ލޯބީގެ އަސަރުގަދަ ފިލްމެއް ނާންނަތާ ދެ އަހަރު ފަހުން އޭޕްރީލް 09 ގައި ރިލީޒްކުރާ “ނަފްރަތުވުމުން” އަކީ އެ އޯޑިއަންސަށް ބޮޑަށް އަމާޒުކޮށް ގެނެސްދޭ ފިލްމެއް ކަަމަށް ޔޫއްޕެ ބުންޏެވެ.

“ޚާއްޞަގޮތެއްގަ މި ފިލްމަކީ ދިވެހި މުޖުތަމަޢަށް ވަރަށް ބޮޑަށް އަމާޒުކުރެވިފަ އޮތް ފިލްމެއް. ޚާއްޞަގޮތެއްގަ ދެމަފިރިންގެ ދިރިއުޅުން ބައްޓަންކުރެވިގެންދާ ގޮތުގެ ސަބަބުން ދިމާވާ ކުދިކުދި ކަންތައްތަކަށް ސަމާލުކަން ނުދެވި، އޭތި ގޯހުން ގޯހަށް  ގޮސްގެން ބޮޑުވެގެން ދިއުން.” ޔޫއްޕެ ބުނީ މިފަދަ އިޝޫ އެއް ނަގައިގެން ދިވެހިންގެ ސަމާލުކަމަށް އެކަން ގެނައުމަށް މި ފިލްމުން ބާރުއަޅާނެ ކަމަށެވެ.

ނަފްރަތުވުމުން” އަކީ މި އަހަރު އަޅުވާ ހަތަރު ވަނަ ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ނިއުމާ މުހައްމަދު ވަދާއީ ފިލްމު “ނިވައިރޯޅި” އެވެ. އޭގެ ފަހުން އޮލިމްޕަހުގައި ދެއްކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ “ގޮށްރާޅު” އެވެ.

ނަފްރަތުވުމުން” ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.