ޑާކްރެއިން އެންޓަޓެއިންމެންޓްގެ ތިންވަނަ ކޮމެޑީ ފިލްމު މާމުއިގެ ރަސްމީ ޓްރެއިލަރ މިރޭ އޮލިމްޕަހުގައި ބޭއްވި ޚާއްޞަ މީޑިއާ އިވެންޓެސްގައި ރިލީޒްކޮށްފިއެވެ.

ފިލްމު މާމުއިގެ އޮފިޝަލް ޓްރެއިލަރ ރިލީޒްކޮށްދެއްވީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަލްފާޟިލް ފުއާދު ތަޢުފީޤް އެވެ.

ހެއްވާ މަޖާ ޖޯންރާ އަކަށް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ މާމުއި ފިލްމާމެދު ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ބުނީ، މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމު ކަމަށްވެފައި، ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.

“މާމުއި”ގެ ރަސްމީ ޓްރެއިލަރ ރިލީޒިންގ އިވެންޓްގައި ފިލްމުގެ ބައެއް ތަރިން – ފޮޓޯ: ޑާކް ރެއިން

މޮގާގެ އަންހެނުން އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީންޕްލޭ އަކަށް ޢަލީ ޝިފާޢު ޑައިރެކްޓްކޮށްފައިވާ “މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

“މާމުއި”ގެ ރަސްމީ ޓްރެއިލަރ ރިލީޒިންގ އިވެންޓްގައި ފިލްމުގެ ބައެއް އަންހެން ތަރިނާއިއެކުގައި އާއިޝަތު ފުއާދު – ފޮޓޯ: ޑާކް ރެއިން

މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަޙްމަދު ސަޢީދުގެ އިތުރުން އަލީ ޝަޒްލީމް އެވެ. ފިލްމުގެ ބޮޑު ކާސްޓަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ތަރިއަކީ ފިލްމީ މަސައްކަތަށް އަލަށް ތަޢާރަފުކުރާ ހަމޫދު އެވެ. މޯލްޑިވިއަން އައިޑަލް އިން ވިދާލުމަށްފަހު މިއުޒިކުގެ ދާއިރާގައި ސާބިތިކަމާއެކު ހުރި ހަމޫދު ވެސް މިކަން ޔަޤީންކޮށްދެއެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގައި މި ތަރިންނަށް ދީފައިވަނީ މީގެ ކުރިން ދިވެހި ފިލްމުތަކުގައި ބޭނުން ނުކުރާ ޒާތެއްގެ ނަންތަކެކެވެ. ރޮމާނީ، ސަލްމާން، ތާންޔާ ފަދަ ނަންތަކުން އެކަނިވެސް މިއީ ޑާކްރެއިން އިން ނެރޭނެ އާދައިގެ ފިލްމެއް ނޫންކަން އެނގެ އެވެ.

މާމުއި ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މީގެ ކުރިން ބުނެފައި ވަނީ ”މާމުއި“ އަކީ ވަރަށް ތަފާތު ކޮމެޑީ ފިލްމެއް ކަމަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ އެ ފިލްމަކީ އެ ޓީމުން އުފައްދާ އެންމެ ބޮޑު އަދި އެންމެ ތަފާތު ޕްރޮޖެކްޓް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.