“އެހާ ގިނައިން ކަރަންފޫ ކާކަށް ނުވާނެ. އަވަހަށް ލޯ އަނދިރިވާނެ.” މިއީ އެންމެ ކުޑައިރުންފެށިގެން މާމަމެން، މަންމަމެންގެ ފަރާތުން އިވެމުން އަންނަ ދެ ޖުމުލަ އެކެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ވާހަކައެއްކަން އެކިއެކި ވަޞީލަތްތަކުން މަޢުލޫމާތު ހޯދުމުން އެނގެއެވެ. އެހެން ނަމަވެސް ކަރަންފުލުގެ އަސަރު ސީދާ ލޮލަށް ކޮށްފިނަމަ، ލޯ އަނދިރިވުންފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް “ސައިޑް އިފެކްޓްސް އޮފް ކްލޯވް އޮއިލް” (ކަރަންފޫ ތެލުން ލިއްބައިދޭ ގެއްލުންތައް) މި މަޢުޟޫގައި ލިޔެފައިވާ މަޒުމޫނަކުން އެނގެން އެބައޮތެވެ.

ދައްކަން މިއުޅެނީ ކަރަންފުލުން ލިބޭ ގެއްލުންތަކުގެ ވާހަކައެއް ނޫނެވެ. ކޮންމެ އެއްޗަކުންވެސް ކޮންމެވެސް ޒާތެއްގެ ގެއްލުމެއް ވުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް އެއީ އެ އެއްޗެއް ބޭނުންކުރަންޖެހޭ ގޮތާއި ޚިލާފަށް ބޭނުން ކުރެވުމުންނެވެ. ކޮންމެއަކަސް، ކަރަންފުލަކީ އަހަރުމެން ހީވެސް ނުކުރާހާ ގިނަގުނަ ފައިދާތައް އޭގައި އެކުލެވޭ އެއްޗެކެވެ.

ކަރަންފުލަކީ މަތިކަރާބޭހުގެ ބާވަތެކެވެ. އަދި މިއީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ވެސް މެއެވެ. މިއީ ދުފާއިރު ބޭނުންކުރާ އެއްޗެކެވެ. މީގެ ކުރީކޮޅުގައި ހަތަރު ތުނޑު ހުންނާނެއެވެ. މިއީ ކުޅި ރަހަލާ، ކަޅުކުލައިގެ އެއްޗެކެވެ. މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ކަރަންފޫ ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިޔާ، އަދި މަޑަގަސްކަރައިގައެވެ. ކަރަންފުލަކީ ކައި ނިމިގެން އަނގައިގެ ތެރޭގައި ހުންނަ ވަސް ކަނޑުވާލުމަށް ވެސް ކައި އުޅޭ އެއްޗެކެވެ.

ކަރަންފޫ ގަސް އާންމުކޮށް ހެދެނީ 10-20 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. ކަރަންފޫ ގަހުގެ ފަތް ހުންނަނީ ދިގުކޮށް ވަށް ފާނޑަކަށެވެ. ކަރަންފޫ ގަހުގެ މާ ހުންނަނީ ރަތް ކުލައެއްގައެވެ. މިއީ ވަރަށް މީރުވަސްދުވާ މަލެކެވެ. ޙަޤީޤަތުގައި ކަރަންފުލަކީ ކަރަންފޫ ގަހުގެ ނުފޮޅި ހުންނަ މަލެވެ. ނުވަތަ މަލުގެ ބޯށިއެވެ.

ދުވާލަކު އެންމެ ދެ ކަރަންފޫ އާއްމުކޮށް ކާންފެށުމުން ލިބޭނެ ޞިއްޙީ ފައިދާތައް މުނިއަވަސް ގެ ކިޔުންތެރިންނަށް ގެނެސްދޭނަމެވެ.

1- ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުން

ދިފާޢީ ނިޒާމަށް އިތުރު ސަޕޯޓެއް ދިނުމަށް ކާން އެންމެ ރަނގަޅު އެކައްޗަކީ ކަރަންފުލެވެ. ކަރަންފޫ ކެއުމުން ލޭގެ ތެރޭގައި ހުންނަ ހުދު ސެލް (ވައިޓް ބްލަޑް ސެލް) ތައް އިތުރުކޮށްދެއެވެ. ވައިޓް ބްލަޑް ސެލްއަކީ ބަލިތަކާއި ހަނގުރާމަކޮށްދޭ ސެލްތަކެވެ. ކަރަންފުލުގައި ގިނަ ޢަދަދަކަށް ވިޓަމިން-ސީ އެކުލެވެއެވެ.

2- ހަޖަމުކުރުން ރަނގަޅުކޮށްދިނުން

ހަޖަމުކުރުމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ކަރަންފޫ ބޭނުންކުރެވިދާނެ އެވެ. އެހެނީ ކަރަންފުލަކީ ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމް އުފެއްދުން އިތުކޮށްދޭ އެއްޗެކެވެ. ކަރަންފުލަކީ ހޮޑުލަވާގޮތްވުމުން ދުރުކޮށްދޭ އެއްޗެއްވެސް މެއެވެ. ކަރަންފުލަކީ އޭގައި ފައިބަރުގެ މާއްދާ މުއްސަނދި އެއްޗެކެވެ. ފައިބަރަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ ބަނޑުހިކުމުން ދުރުކޮށްދޭ އެއްޗެކެވެ. ހަޖަމުކުރުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް އެންމެ ރަނގަޅު ގޮތަކީ ކަރަންފޫ މުގުރައިގެން ކެއުމެވެ. ކުޑަ މާމުއިކޮޅެއް އަޅައިގެން ހަނާކޮށްލައިގެން ކެއުންވެސް ރަނގަޅެވެ.

3- ދަތުގައި ރިއްސުމަށް ފަރުވާއެއް

ކަރަންފުލަކީ ‘ލޯކަލް އެނެސްތެޓިކް’ ސިފަތައް ނުވަތަ އައްސިކޮށްދިނުން އޭގައި އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ދަތެއްގައި ރިއްސާނަމަ ރިއްސާ ދަތްމަތީގައި ކަރަންފޫ ބާއްވައިގެން އިންނާށެވެ. ހަމަގައިމުވެސް ދަތުގެ ޑޮކްޓަރަކާއި ހަމައަށް ދެވެންދެން ތަންކޮޅެއް އަރާމުގައި އިނދެވޭނެއެވެ. ދަތުގައި ރިއްސުން ރަނގަޅުކުރުމަށް ދިވެހިން އާއްމުކޮށް މިގޮތަށް ކަރަންފޫ ބޭނުންކުރެއެވެ.

4- ލިވަރ ނުވަތަ ފުރަމޭގެ ޞިއްޙަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ

ލިވަރ ނުވަތަ ފުރަމެއަކީ އަހަރުމެންގެ ހަށިގަނޑު ޑީޓޮކްސިފައި ކޮށްދިނުމާއި އަހަރުމެން ކާ ބޭސް ޣިޒާ (މެޓަބޮލައިޒް) ކޮށްދިނުމުގެ ޒިންމާ އަދާކުރާ ގުނަވަނެވެ. ކަރަންފުލުގައި އެކުލެވޭ ‘ޔުޖިނޯލް’ (eugenol) އަކީ ފުރަމޭގެ މަސައްކަތް ރަނގަޅުކޮށްދޭނެ ކީމި (ކެމިކަލް) މާއްދާއެކެވެ.

5- ތަދުކެނޑުވުމާއި އިންފްލެމޭޝަން ކުޑަކޮށްދޭ

ޔުޖިނޯލް އަކީ އެނެލްސިކް (analgesic) އާއި އެންޓި-އިންފްލެމޭޓަރީ (anti-inflammatory) ގެ ޚާއްޞަ ސިފަތައް ކަރަންފުލަށް ލިއްބައިދޭ ކީމި މާއްދާއެކެވެ. އެހެންކަމުން ކަރަންފުލަކީ ބޮލުގައި ރިއްސުމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މިކަމަށްޓަކައި ކަރަންފޫ ހަފައިގެން ކެވިދާނެ އެވެ. ނުވަތަ ކަރަންފޫ މުގުރުމަށްފަހު ކިރު ތަށްޓަކަށް އަޅައި ކުޑަ ލޮނުކޮޅެއް ލައިގެން ބުއިމުން ބޮލުގައި ރިހުން އަވަހަށް ފިލާނެއެވެ. ކާށި ތެލުގެ ތެރެއަށް ކަރަންފޫ ޗިސްކޮށްފައި އަޅާފައި ބެހެއްޓުމަށްފަހު އެ ތެލުން ނިތްކުރީގައި މަސާޖުކުރުމަކީވެސް ބޮލުގައި ރިއްސުމަށް ފަރުވާ ދެވިދާނެ ގޮތެކެވެ.

6- ކަށްޓާއި ހުޅުހުޅަށް ރަނގަޅު އެއްޗެއް

ކަރަންފުލަކީ ކަށްޓާއި ހުޅުހުޅުގެ ޞިއްޙަތު ރަނގަޅުކޮށްދިމަށް އެހީތެރިވެދޭ ބައެއް މާއްދާތައް ކަމަށްވާ ‘ފްލެވެނޮއިޑްސް، މެންގަނީޒް އާއި ޔުޖިނޯލް’ އެކުލެވޭ އެއްޗެކެވެ. މި މާއްދާތަކަކީ ކަށީގެ ޑެންސިޓީ އިތުރުކޮށްދޭ މާއްދާތަކެކެވެ. ކަށީގެ ޓިޝޫތައް އުފެއްދުމާއި ސިއްޙަތަށް ފައިދާހުރި މައުދަނުގެ މާއްދާތައް ކަށިތެރޭގައި ދައުރުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

7- އެންޓިބެކްޓީރިއަލް ސިފަތައް އެކުލެވޭ

ޔުނިވަރިސިޓީ އޮފް ބުއިނޮސް އެއިރެސް އިން ދިރާސާއެއް ކުރިއެވެ. މި ދިރާސާގައި އީ.ކޮލި ބެކްޓީރިއާ އާއި ސްޓެފައިލޯކޯކަސް ބެކްޓީރިއާގެ ތެރެއަށް ކަރަންފޫ ތެޔޮ އެޅިއެވެ. ދިރާސާއިން ދެއްކީ ކަރަންފޫ ތެލަކީ ބެކްޓީރިއާ ނައްތައިލުމަށް ވަރަށް ބޮޑަށް ބާރުއަޅައިދޭ އެއްޗެއް ކަމެވެ.

ސައިފަތްގަހުގެ ތެޔޮ، ކަރަންފޫ އަދި ގަނދަކޯޅި ފަތް ބޭނުންކޮށްގެން ހަދާ ހަކީމީ އަނގަދޮންނަ ފެނެއް (ހާރބަލް މައުތުވޮޝް) އެއް ވެއެވެ. ބެލްޖިއަމްގެ ކޭޔޫ ލެއުވެން ޔުނިވާސިޓީގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕީރިއޯޑޮންޓިކްސް އިން ބުނާގޮތުން، 21 ވަރަކަށް ދުވަހު މި މައުތުވޮޝް ބޭނުންކުރުމުން ހިރުގަނޑުގެ ޞިއްޙަތު ރަނގަޅުކޮށްދީ އަނގައިގައި ހުންނަ ގޯސް ބެކްޓީރިއާ މަދުކޮށްދީ ދަތްފަނިކެއުމުން ދުރުކޮށްދޭނެ އެވެ.

8- ގިނަ ޢަދަދަކަށް އެންޑިއޮކްސިޑެންޓްސް އެކުލެވޭ

ޕޮލީފިނޯލްސް އެންމެ މަތީ މިންވަރަކަށް އެކުލެވޭ އެކައްޗަކީ ކަރަންފުލެވެ. ޕޮލިފިނޯލްސް އަކީ ގަހުގެ ބައިތައް (ފަތާއި މޭވާ) ކާއިރު އެއިން ލިއްބައިދޭ މައިކްރޯނިއުޓްރިއެންޓެކެވެ. މިއީ އަހަރުމެންގެ ހަށިގަނޑަށް ވަރަށް މުހިންމު ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ދަށްކޮށްދިނުން، ލޭހޮޅިތަކުގެ މަސައްކަތް ރަނގަޅުކޮށްދީ ލޭހޮޅިތަކުގެ ފަހެލިކަން (ފްލެކްސިބިލީ) ރަނގަޅުކޮށްދެއެވެ. ހަމައެހެންމެ ލޭހޮޅިތަކުގެ އުމުރު ދިގުކޮށްދެއެވެ.

9- ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ހެޔޮވަރު ވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭ ކަމަށްވޭ

ކަރަންފުލަކީ ހަކުރުބަލި ހުންނަ މީހުނަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެހެނީ ކަރަންފުލަކީ ހަށިގަނޑުތެރޭގައި ހުންނަ އިންސިއުލިން އާއި އެއްގޮތަށް މަސައްކަތްކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭގެ ތެރޭގައި އިތުރުވެފައި ހުންނަ ހަކުރު، ހަށިގަނޑުގެ ސެލްތަތަކަށް ފޯރުވައިދީ މިންހެޔޮކޮށްދީ، ހަކުރުގެ މިންވަރު ޗެކްކޮށްދެއެވެ.

10- ލޭ ގަނޑުވުން ލަސްކޮށްދިނުން

ކަރަންފުލުގައި ހުންނަ ޔުޖިނޯލް އަކީ ލޭގަނޑުކޮށްދިނުން ލަސްކޮށްދޭ ކީމިއެކެވެ. ނަމަވެސް ‘ބްލަޑް ތިނަރ މެޑިކޭޝަންސް’ ނުވަތަ ލޭގެ އޮލަކަންް ކުޑަކޮށްދޭ ބޭސްތައް ބޭނުންކުރާ މީހުން ކަރަންފޫ ބޭނުންކުރުމުގައި އިތުރު ސަމާލުކަމެއް ދޭން ޖެހޭނެކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ކަރަންފޫ ކައިއުޅޭ މިންވަރު އިތުރުކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު ހޯދަންވާނެއެވެ.

ދުވާލެއްގެ މައްޗަށް ދެ ކަރަންފޫ ކައިއުޅޭ ދިވެހީން ނިސްބަތުން ގިނަވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ކަރަންފުލުން ލިއްބައިދޭ ގިނަ ފައިދާތައް މިހާރުވެސް ގިނަ ޢަދަދެއްގެ ދިވެހީންނަށް ލިބެމުންދާނެކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.