މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ފިލްމު “ސޯލް” ސާކް ފިލްމު މަހާސަމާގައި ބައިވެރިކުރަން އެންސީއޭއަށް އިއްޔެ ހުށައަޅައިފިކަމަށް ސީޒަން ބުނެފިއެވެ.

މުނިއަވަސް އަށް ސީޒަން ބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކުރުމަށް އެސް ޕްރޮޑަކްޝަން އާާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު “ސޯލް” ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އަށް ހުށައަޅައިފި ކަމަށެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކުރައްވައިގެން 2019 މެއި 07 ން 12 ށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ސާކް ފިލްމު ފެސްޓިވަލް 2019“ ގައި ބައިވެރިކުރުމަށް ސީޒަންގެ ފިލްމު “ސޯލް” އެންސީއޭ އަށް ހުށައަޅާފައި މިވަނީ ބައިސްކޯފު ގައި ފިލްމު ރިލީޒްކުރުމުގެ ކުރިންނެވެ.

މި ފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމުގެ ސުންގަޑިއަކީ 03 އޭޕްރިލް 2018 ވީ ބުދަ ދުވަހުގެ 13:30 އެވެ.

”ސޯލް“ އަށް، ޓީވީއެމްގެ ”މެންދުރުފަސް“ ޕްރޮގްރާމުން ފާހަގަވެގެންދިޔަ ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ރިފްޒާ އާއި ލަންކާގެ ރެޕް އާޓިސް އީސްވަރަން ކޮކިލަންގެ އަޑުން ލަވައެއް ކިޔާފައިވުމުންވެސް މި ފިލްމަށް ޚާއްޞަކަމެއް ލިބިގެންދާނެއެވެ.

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާ ވިއްސަކަށް މިނެޓްގެ ފިލްމެކެވެ.

ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް ސީޒަން ބުނެއެވެ.

”ސޯލް“ގެ ފުރަތަމަ ދައްކައިލުން އާއްމުކުރީ މިދިޔަ ޖެނުއަރީ މަހު 27 ގައެވެ. ބައިސްކޯފް މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމު މިދިޔަ މާރިޗް މަހު ރިލީޒްކުރުމަށް ނިންމި ނަމަވެސް، އަދި އެހާ އަވަހަށް މި ފިލްު ބައިސްކޯފުގައި ރިލީޒް ނުކުރާނެކަމަށް އެސް ޕްރޮޑަކްޝަނުން މަޢުލޫމާތު ދެއެވެ.

މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.