27 މާރޗް 2019 އާގުޅޭ…..
“ހުންނާނެ މެންދުރު ކެއްކި މަސްބަތާއި ރިހާކުރު ވެސް. ހިނގާ ދާން ކާން..” ޒީނާ އިޒުވާނުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
ދޮރު ހުޅުވާލުމަށް އިޒުވާނުގާތު މަޑުކުރުމަށް ބުނުމަށްފަހު ޒީނާގޮސްވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އެއްޗެއްހި ބަދަލުކޮށްލައިގެން ބޭރަށް ނުކުތްއިރު އިޒުވާނު ސޯފާގައި ޓީވީއަށް ގެއްލިފައި އިނެވެ. ޒީނާ ފެނުމުން އިޒުވާނު ލޯބިން ހީލިއެވެ. ޒިނާވެސް ހިނިތުންވުމެއް ފޮނުވާލަމުން އަވަސްވެގަތީ އިޒުވާނަށް ކާންހެދުމަށެވެ. މޭޒުމައްޗަށް ކާން ތައްޔާރު ކުރުމަށްފަހު ފްރިޖުން ފެންފުޅިއެއް ނަގައިގެން ޖޫސްތައްޓެއް ތައްޔާރުކޮށްލިއެވެ.
“އިޒުވާން. އާދޭ ކާން. ޒީވެސް އަންނާނަން ފާހަނާއަށް ވަދެލާފައި. މަވެސް ވަރަށް ބަނޑުހައި..” ޒިނާ އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ. އިޒުވާނު ސޯފާއިން ތެދުވިއެވެ. ޒިނާ ދިއުމުން އިޒުވާނު ތެދުވެގެން ގޮސް ހުއްޓުނީ އެގޭ މައިދޮރާށި ކައިރީގައެވެ. ސިއްރު ސިއްރުން ދެކޮޅު ހޯދާ ބަލާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ކުއްލިއަކަށް މީހަކު ދޮރުން އެތެރެއަށް ދެމިގަތެވެ. އެމީހަކު ވަތްގޮތަށް ގޮސްވަނީ ޒީނާގެ ކޮޓަރިއަށެވެ. އިޒުވާނު ދޮރު ލައްޕާލިއެވެ. ނަމަވެސް ދޮރު ތަޅުލާކަށް ހަނދާނެއް ނެތެވެ.
ފާހަނާގައި އުޅުމަށްފަހު ފާހަނާގެ ދޮރު ހުޅުވާލިއެވެ. އޭރު ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. ކޮޓަރީގެ ބޮކި އެނދީކަމަށް ބަލާފައި ފާހަނާގެ ބޮކިވެސް ނިއްވާލިއެވެ. ފާހަނާގެ ބޮކި ނިއްވާލުމާއެކު މުޅި ކޮޓަރިވެސް އަނދިރި ގުދަނަކަށްވެގެން ދިޔައެވެ. އާދައިގެ ފިޔަވަޅުތަކާއެކު ކުރިއަށް ހިނގައިތީ ކޮޓަރިން ނުކުތުމަށެވެ. ކުއްލިއަކަށް އޭނަގެ ފުރަގަހުން މީހަކު އައިސް އަނގަމަތީގައި އަތްއެޅިއެވެ. ލިބުނު ސިހުމަކާއެކު ޒީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސަލާމަތްވުމަށް ތެޅިގަނެވުނެވެ. ހަޅޭއްލަވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އޭނަގެ އަނގަވަނީ ބައްދުވެފައެވެ. ގަދަ ބާރު ދެއްކި ނަމަވެސް ކުރެވޭނެ ކަމެއްނެތެވެ. ސަލާމަތްވޭތޯ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. އެމީހެއްގެ ބާރު ގަދަކަމުން ޒީނާއަށް މާބޮޑު ކަމެއް ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައިވެސް ބެލީ ސަލާމަތްވޭތޯއެވެ. އެމީހާ ޒީނާ ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. އެމީހާގެ ބާރު މާގަދައެވެ. ހަޅޭއްލަވައިގަތް ނަމަވެސް އިޒުވާނުގެ ހިލަމެއްވެސް ނުވިއެވެ. ޒީނާ ރޯމަހެއްހެން ސަލާމަތްވޭތޯ ތެޅިފޮޅެމުން ދިޔައެވެ.
އިޒުވާނު ކާންވެގެން މޭޒުކައިރީގައި ހަމަޖެހިލައިގެން އިނެވެ. ކަމުން ދިޔައިރުވެސް އޭނަގެ މޫނުމަތިން ހާސްވެ ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. އިޒުވާނުގެ މޫނުމަތިން ފެންނަމުންދިޔައީ ވިހަގަދަ ޖާހިލު ހިނިތުންވުމެކެވެ. ކައި ނިންމާލުމަށްފަހު ފުންނޭވާއެއްލަމުން ޖޫސްތަށި ދަމާލިއެވެ. ތަށި މޭޒުމަތީގައި ބަހައްޓަމުން ކޮޓަރީގެ ދޮރަށް ބަލައިލަމުން ލާނެއްޒާތަކަށް ހިނިތުންވެލިއެވެ. އެ ބަލާލުމުގައިވެސް ރަހުމެއް ހަމްދަރުދީއެއް ނެތެވެ.
އިޒުވާނަކީ ކޮންކަހަލަ އަޑިނުބައި މީހެއް ހެއްޔެވެ. މުސްކުޅިންބުނެއުޅެނީ ތެދެކެވެ. އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއްފުޅައްމަތިންވެސް ފުންމާލާނެއެވެ. ޒީނާއަށް އެވަރުގެ އަނިޔާއެއްދޭން ކެރުނީ އެފަކީރުގެ ކޮންކުށެއް އޮވެގެން ހެއްޔެވެ. އިންސާނެއްވިއްޔާ ގޮތެއްވެސް ހުންނަން ޖެހޭނެއެވެ. މިއަދު ޒީނާގެ ހުރިހާވެސް އުއްމީދެއް ވެއްޔާއި މޮޑެވިގެންދާން ދޫކޮށްލަން އިޒުވާނަށް ކެރުނީ ކީއްވެހެއްޔެވެ.؟ ޒީނާ އޭނަދެކެ ވި ލޯބީގެ ބަދަލުގައި އެވަރުގެ ރަހުމެއްނެތް ގޮތަކަށް ކަންތައް ކުރަންކެރުނީ ކީއްވެހެއްޔެވެ؟. ޒީނާގެ އިއްފަތްތެރިކަން ވިއްކާލަން އިޒުވާނަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ.؟ ލޯބިވުމަކީ ކުށަކަށްވާނަމަ ޒީނާއަށް އެކުށުގެ ސަޒާލިބެމުން އެދަނީއެވެ.
ޒީނާ ތެޅިފޮޅެމުން ދިޔައީ އެމީހާގެ ކިބައިން ސަލާމަތްވޭތޯއެވެ. މީގެކުރިންވެސްވަނީ މީހެއްގެ ޝިކާރައަކަށްވެ އިއްޒަތްވެއްޔާއި މޮޑެވިފައެވެ. އަނެއްކާވެސް ޒީނާގެ އިއްފަތްތެރިކަން ފޭރިގަންނަން މީހަކު އެދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އިންސާނުންގެ ސިފައިގައި އުޅޭ މީހުންނަކީ ހަމަ ޖަނަވާރުންނެވެ، ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ޖަނަވާރުންގެ ސިފައިގައި އިންސާނުން އުޅޭކަމެވެ.
ކައިނިމިގެން ގޮސް ސޯފާގައި އިށީނެވެ. އޭނަގެ ހިތުގައި ޒީނާއަށް ލޯބިނެތްތާގައި ހަމްދަރުދީއެއްވެސް ނެތެވެ. ޓީވީގެ އަޑު ބާރުކޮށްލަމުން އަނެއްކާވެސް ނުބައި ފާޑަކަށް ހެމުން ކޮޓަރިއާ ދިމާއަށް ބަލައިލިއެވެ.
އިޒުވާނު ސިހިފައި ތެދުވީ މީހަކު އެގޭ ބޮޑުދޮރުގެ ތަޅުގައި ހިފާލުމުންނެވެ. ދޮރުހުރީ ތަޅުނުލައިކަން ހަނދާންވީ ދެނެވެ. ކަންތަކާ ޖެހުނީތާއޭ ހިތައި ފުންމައިގެން ސޯފާއިން ތެދުވިއެވެ. އަވަސްއަވަހަށް ދޮރާއި ދިމާއަށް ދުއްވައިގަނެވުނެވެ. ދޮރުގެ ތަޅުގައި ހިފާލުމާއެކު ދޮރު ކޮށްޕާލިއެވެ. ނަމަވެސް ބޭރުން ދޮރު ހުޅުވަން ހިފާލި މީހަކު އެއަށްވުރެ ބާރަށް ދޮރު ކޮށްޕާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ހައުލާ އާއި ޒުހުރީ ފެނުމުން އިޒުވާނުގެ ދެލޯ ބޮޑުވެ ހަދާނެގޮތް ހުސްވިއެވެ. ޒުހުރީ ދުއްވައިގަތީ ޒީނާ އުޅޭ ކޮޓަރިއާ ދިމާއަށެވެ.
“ގޮތްކުޑަ ޖަނަވާރު. މިރޭ މަ ކަލެއަށް ދައްކާލާނަން ކޮބައިގެން ހައުލާގެ އަސްލު ސޫރަ..” ހައުލާ އައި ރުޅީގައި އަތްދަމާފައި އިޒުވާނުގެ ކަނދުރާމަތީގައި ޖެހިއެވެ.
ޒުހުރީ ކޮޓަރިއަށްވަތްގޮތަށް ސްވިޗް ހޯދަމުން ގޮސް ސްވިޗް ބޯޑުގައި އަތްޖެހުމާއެކު ހޮޅުބުރި ދިއްލާލިއެވެ. ކޮޓަރިއަށް އަލިކަން ވެރިވުމާއެކު ޒީނާއަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އޭނަގެ ގައިމަތީގައި އޮތީ އިޒުވާނުގެ އެންމެ ގާތްއެކުވެރިޔާ ޖުމާނެވެ. ހައުލާއަށް ބުނާނެ އެއްވެސް އެއްޗެއްނޭންގިފައި ޖުމާނަށް ބަލަން އޮވެވުނެވެ. ގަބޫލުކުރިއަސް ނުކުރިއަސް ލޮލަށް ފެންނަމުން ދިޔައީ ހަގީގަތެވެ.
ޒުހުރީ ފެނުމާއެކު ޖުމާން ތެދުވިއެވެ. ޒުހުރީ އައިގޮތަށް އައިސް ޖުމާނާއި ސަލާމްކޮށްލިއެވެ. ޒީނާއަށް އެމަންޒަރު ފެނުމުން ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ބަސްހުއްޓިފައި މަންޒަރު ބަލަން އޮވެވުނެވެ.
“ތޭންކސް ޖުމާން..” ޒީނާ އެނދުމަތީގައި އޮތީ ވާނުވާ ނޭންގިފައެވެ. ޒުހުރީ ލޯތްބާއި އޯގާތެރިކަމުގެ ބެލުމަކުން ޒީނާއަށް ބަލަމުންދިޔައެވެ. ޒިނާ ފެނުމުން ޒުހުރީގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒީނާއަށްޓަކައި ވެވުނު ލޯބި އޭނަގެ މޫނަށް އަންނަ ބަދަލުތަކުންވެސް ފާޅުވަމުން ދިޔައެވެ. ޒީނާއަށްޓަކައި ފުރާނަވެސް ދޭން އެލޯތްބަށް އެދިއެދި ހުރި ޒުހުރީ ބަލަމުންދިޔައިރު ޒީނާއަށްވެސް ޒުހުރީއަށް ބަލަހައްޓައިގެން އޮވެވުނެވެ. ޒުހުރީ އާދައިގެ ހިނގުމެއްގައި ގޮސް ޒީނާގެ ކޮނޑުގައި ހިފަމުން އެނދުމަތިން ނެގިއެވެ. ޒީނާގެ ދެލޮލަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލެވުނެވެ. ޒުހުރީގެ ދެލޮލުން ޒީނާއަށް ފެނުނީ ލޯތްބާއި ހަމްދަރުދީއެވެ. ކެތްތެރި ކަމެވެ. ކުލުނެވެ.
ޒީނާގެ އަތުގައި ހިފާލިއެވެ. އޭރުވެސް ޒީނާ ހުރީ ވާނުވާ ނޭންގިފައެވެ. ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒުހުރީ ކުއްލިއަކަށް އޭނަ ދޫކޮށްލާފައި ފުރައިގެން ދިޔަ މީހަކު މިއަދު އޭނަގެ ކުރިމަތީގައި އައިސް ހުރީ ކީއްވެބާއެވެ. ވާން މިއުޅެނީ ކިހިނެއްކަމެއް ނޭންގި އަޖައިބުވެ ބަސްހުއްޓިފައި ޒީނާއަށް ހުރެވުނެވެ. ޒުހުރީ މަޑުމަޑުން ޒިނާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ.
“ޖުމާންވެސް އާދޭ..” ޒުހުރީ ނުކުންނަމުން ބުންޏެވެ. ޖުމާންވެސް އެމީހުންގެ ފަސްފަހަތުން ނުކުތެވެ.
ސިޓިންރޫމުގައި ހައުލާއާއި އިޒުވާނު ތިއްބާ ފެނުމުން ޒީނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ފުރަ ދަންވަރުގައި ވާންމިއުޅޭނީ ކީއްބާއެވެ؟ ފެންނަމުން ދިޔަ މަންޒަރުތަކުން ޒީނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ސިކުނޑިއަށްވެސް އުނދަގޫވަމުން ދިޔައެވެ. ޒުހުރީއައިސް އިޒުވާނުގެ މޫނަށް ނަފުރަތުން ފުރިގެންވާ ގޮތަކަށް ބަލަމުން ދިޔައެވެ. ޒިނާއަށްވެސް އިޒުވާނަށް ބަލަހައްޓާއިގެން ހުރެވުނެވެ. ޒީނާ އަނެއްކާވެސް ހައުލާއަށް ބަލައިލިއެވެ.
އިޒުވާނަށްވެސް ހުރެވުނީ ވާނުވާ ނޭންގިފައެވެ. އެތަނަށް ޒުހުރީއާއި ހައުލާ އަންނަންޖެހުނީ ކީއްވެކަން ނޭންގިފައި އެމީހުންނަށް ބަލަން އިޒުވާނަށް ހުރެވުނީއެވެ. އިޒުވާނަށް ކުއްލިއަކަށް ޖުމާނަށް ބަލާލެވުނެވެ. ޖުމާން ޒާތަކަށް ހަމަ ހިމޭންވެފައި ހުއްޓެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ ހައުލާގެ ވަރުގަދަ އަޑެވެ.
“ޒީނާ ގާތު މަބުނިންދޯ ވަރަށް އަވަހަށް އިޒުވާނަކީ ކާކުކަން އަންގައިދޭނަމޭ. ޒީއަށް އެނގޭނެ މިރޭ ހުރިހާކަމެއްވެސް. މިހިރަ އިޒުވާނަކީކާކުކަން، މި ހައުލާއަކީ ކާކުކަން މިރޭ މަ ޒީއަށް އަލިފުން ޔާއަށް ކިޔައިދޭނަން..” ހައުލާ އިޒުވާންގެ މޫނަށް ބަލާލުމަށްފަހު ދެލޯ ބޮޑުކޮށްލިއެވެ.
“މިހިރަ ބީތާޔާ. ހައުލާގެ ސިކުނޑިއަކީ މީދާ ކޭ އުނބެއްނޫނޭ. މަ ބުނީމެއްނު ކަލޭގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާލާނަމޭ. ހަނދާންވޭތަ؟’ އިޒުވާނަށް ބަލަހައްޓައިގެން ހުރެ ހައުލާ ގޮތްދައްކާލިއެވެ.
“ޒީ ގަބޫލުކުރިއަސް ނުކުރިއަސް މިރޭ އިޒުވާނުގެ އަސްލު ސޫރަ އެނގިގެންދާނެ” ޒީނާއަށް ބަލާލަމުން ހައުލާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“މަ އިޒުވާނު ދަންނަތާ މިވީ ހަތަރު އަހަރު. ވީހާވެސް ވިއްޔާ ވާނީ ގިނަ. މަމީ އޭނަގެ އެކްސް ބިޓު..” ހައުލާ ވާހަކަ ދައްކަން ފެށުމުން ޒީނާ ހައިރާންވެ ހުރެ އިޒުވާނަށް ބަލައިލިއެވެ.
“ހަގީގަތަކީ އެއީ އިންސާނެއްނޫންކަން.. މަ އޭނަ އަށް ވަރަށް ވަފާތެރިވިން. ވަރަށް ލޯބިވެސް ވިން.. ވަރަށް ކެތްވެސް ކުރިން..”ހައުލާގެ އަޑުމަޑުވަމުން ދިޔައެވެ. އޭނަގެ ހިތުގައި އިޒުވާނަށްޓަކައި ވެވުނު ލޯބި އޭނަގެ ވާހަކައިގެ ރާގުން ހާމަވެގެން ދިޔައެވެ.
“މަށާއެއްކޮށް އުޅެމުންވެސް އޭނަ ގަޔަށް ނާރާ އަންހެނަކު ހިއެއްނުވޭ މިއުޑު ދަށުގައިވެސް އުޅޭނެހެން. އޯކޭ ކުރިކަމެއްކުރީ. ދޮގު ހަދައި އޮޅުވާލައިގެންވެސް އުޅުނީ.. ލޯބި ނުވަންޏައި ރީތިކޮށް ބުނި ނަމަވެސް މަ އުފަލުން ދިޔައީމުސް. މީހުންނަށް އޮޅުވާނުލައި ރީއްޗަށް ބުނި ނަމަ މިއަދު ކަލޭ މިތާކު ތިހެންނެއް ނުހުންނާނެ. އެކަމަކު މިހިރަ ޝައިތާނާބަދަލެއް ނުވާނެ. ދުވަހަކުވެސް.” އަތުގެ އިޝާރާތުން ހައުލާ އަތްދިއްކޮށްލީ އިޒުވާނާ ދިމާލަށެވެ. އޭރުވެސް ޒިނާ ހުރީ ވާނުވާ ނޭންގިފައި ހައުލާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހާށެވެ.
“ކިތައް އަންހެނުންގެ ދިރިއުޅުން ހަލާކުކޮށްލީ. ރީތި ސިފައެއް ލިބުނީތީ އޭނައަށް ހީވަނީ ސަހަރޯއޭ. މަ ހިތަންއަރާ ދަތްހުރި ދުވަހު ކާށިކެއަސް މިއީ ދެން ބޮޑުވަރޭ..” ހައުލާ ވާހަކަ ދައްކަމުންގޮސް ހުއްޓުނީ ޖުމާންގާތުގައެވެ. ހައުލާ ގޮސް ޖުމާންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އިޒުވާނަށްވެސް ހުރެވުނީ ވާނުވާނޭންގިފައެވެ.
“މިކިޔާދެނީ ތި އިޒުވާނުގެ ނުބައި ނުލަފާކަށް. ބިޓެއް ހޯދަން ބެސްޓްފެރެންޑް އެދުމުން ކަލޭ ބޭނުންވީ ޒީގެ ދުވަސް ދުއްވާލަން. ކީއްވެ؟ އޭނައަށް އެކަންނޫވިތީ. އިޒުވާނު ބޭނުންވީ ޒިނާ ބޭނުންވެގެން އޭނަގަޔަށް އަރަން. އެކަމަކު އެ ޗާންސް ޒީނާއެއް ނުދިން. ދޮގެއްތަ އިޒުވާނު. އެއްޗެކޭ ބުނަން ކެރޭނެތަ؟ ގޮތްކުޑަ ބަކަރި..” އޭރުވެސް އެމީހުން ތިބީ އަސްލުވަނީ ކީއްކަން ނޭންގިފައެވެ. އިޒުވާނަށް ބަލާލެވުނީ ޖުމާނަށެވެ.
“އިޒުވާން ގާތު ބިޓެއްގެ ވާހަކަ ބުނުމުން ތިކަން ކޮށްދޭނަމޭބުނެ އޭނަ ދެއްކީ ކާކުކަން އެނގޭތަ؟ ޒީނާ.. ޒީނާ ހޭބަލިވެގެން ތިއުޅޭ އިޒުވާނު..” ހައުލާގެ ފަހު ޖުމުލައިން ޒީނާއަށް ހީވީ މީހަކު އޭނަގެ މެއަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ޒިނާއަށް އިޒުވާނަށް ބަލާލެވުނެވެ. ސުވާލުން ފުރިގެންވާ ގޮތަކަށެވެ. އޭނަގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވި އިންސާނާ އޭނަ އެހެން މީހަކަށްޓަކައި ޖިސްމު ވިއްކާލާނެ ކަމަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
“އެއީ ތެދެއް ޒީ. އަހަރެން އެހެން ބުނިން އިޒޭ ގާތު. އެކަމަކު ކޮފީއަށް ދިޔަ ދުވަހަކު މަ އެހެން ބުނީމަ އޭނަ ބުނި ޒީގެ ވާހަކަ. މަ ހިތަން އެރި އިޒޭ ހާދަ ގޮތެއްފޮތެއް ނެތޭ. ކިތައްމެ ގާތް މީހެއްނަމަވެސް އޭނަގެ ލޯބިވެރިޔާ ވިއްކާލާނީ ވަރަށް މުޑުދާރު މީހެއް. މަވެސް އެކަހަލަ ކަމެއް ނުކުރާނަން. މަވެސް މީ މާ ރަނގަޅު މީހެއްނޫން. އެއްވެސް އިރެއްގައި އެމީހަކު ރައްޓެހިވެގެން އުޅޭ މީހަކު މިހެން ހަދާނެކަމަށް މަވެސް ގަބޫލެއް ނުކުރަން.. އެކަމަކު..” ޖުމާން ތަފްސީލާއެކު ވާހަކަ ދައްކަމުން ދިޔައިރު ޒީނާއަށް ރޮވިއްޖެއެވެ. އިޒުވާނު ދެކެ ވެވުނު ސާފު ލޯބީގެ ބަދަލުގައި އޭނަގެ ހަށިގަނޑު އެހެން މީހަކަށް ވިއްކާލާނެ ކަމަށް ގަބޫލުކުރަން އަދިވެސް އުނދަގޫވެގެން ދިޔައެވެ. ޒުހުރީއަށް ޒީނާގެ މޫނަށް ބަލައިލެވުނެވެ. ޒީނާ ރޯތަން ބަލަން ހުރުމަކީ ޒުހުރީއަށް ކެތްވާވަރުގެ ކަމެއްނޫނެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ.
“އަދި ނިމުނީއެއްނޫނޭ” އިޒުވާނު ފުރަގަހަށް ގޮސް އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން ވިހަގޮތަކަށް އިޒުވާނަށް ހައުލާ ބަލަމުން ދިޔައެވެ.
“މަބުނީމެއްނު ކަލޭގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާލާނަމޭ.. މަމީ ނުބައި ނުލަފާ އަނެހެނެއް. އެކަމް ތިކަހަލަ ޖާހިލު މީހެއްނޫން..” އިޒުވާނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ހައުލާ ބުންޏެވެ.
“ދެންކަންތައް ވެސް ވީ މަބޭނުންވި ގޮތަށް… ޖުމާންއާ މީޓްވީ އިޓްސް މައި ލަކް.. ޖުމާންވެސް މަށަށް އެވާހަކަތައް ކިޔައިދޭން މަޖުބޫރު ކުރުވީމަ އެނގުނީ. ދެން އެވާހަކަ ފަހުން..” ހައުލާ ލާނެއް ގޮތަކަށް ހިނިތުން ވެލިއެވެ. “އެއްވެސް އިރެއްގަ މަ ނުބުނާނަން ޖުމާނަކީވެސް ރަނގަޅު މީހެކޭ. އެކަމަކު ކޮންމެ މީހެއްގެ ގައިގަވެސް ގޯސް ސިފަތަކާއި ރަނގަޅު ސިފަތަކެއް ހުންނާނެ. އެކަމް މިއަދު އޭނައަކީވެސް ކަލެއަށްވުރެ މާ މާތް އިންސާނެއް. އެޓްލީސްޓް އޭނައަށް އަންހެނުންގެ އިހްސާސްތައް އެނގިއްޖެ.. އަދިވެސް ކަލޭ އުޅޭނީ ތިހެން..” އިޒުވާނަށް ހަގީގަތް އެނގެމުން ދިޔަވަރަށް އޭނަ ހާސްވަމުންދިޔައެވެ. އެންމެންގެ ކުރިމަތީގައި އިޒުވާނު ފަޟީހަތްވަމުން ދިޔައެވެ.
“ހައިރާންވާނެ ކަމެއްނެތް. މަ ޖުމާންގެ ބޯ ކާލީ. އޭނަ ކޮނެލީވެސް މި ހައުލާ. މަށަށް ކަލޭގެ ހަގީގަތް އެނގެން ލިބުނީ ކުޑަ ދުވަސް ކޮޅެއް. ކަލޭ ޒީނާ ވިއްކާލީ ކަލޭގެ ބެސްޓް ފްރެންޑަށް. ތިހުރީ ކަލޭގެ ފެންވަރު.. ކާކަށް މިޒަމާނު ޓްރަސްޓް ކުރާނީ..” އިޒުވާނު ހުރީ ބުނާނެ އެއްޗެއް ނޭންގި ބަސްހުއްޓިފައެވެ. ޒީނާ އޭރުވެސް ހަގީގަތަކީ ކޮބައިކަން ނޭންގިފައި ހުރެވުނެވެ. އެކަމަކު އިޒުވާނުގެ އަސްލު ސިފަ އެންމެންގެ ކުރިމަތީގައި ބޭޒާރުވެގެން ދިޔައެވެ.
“ޒީނާގެ ކަންތައް ނިންމާލަން ޖުމާންގެ ބޭނުންކުރަން ކެރުނުކަންވެސް އެއީ ކަލޭގެ ފިޑިކަމުން ކުރެވުނު ކަމެއް. ޖުމާން މަށަށް އެވާހަކަތައް ކިޔައިނުދިންނަމަ ދެން.. މަ ބުނިގޮތަށް ޖުމާން އައިސް ޒިނާ ގަޔަށް އަރަންދެއްކީ އާރޓް. މަ ބުނެގެން އޭނަ އެހެންކަންތައްކުރީ.. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ރޭޕްކުރުމުގެ އެއްވެސް ހައްޤެއް ކަލޭމެން ފިރިހެނުންނަކަށް ނޯންނާނެ..” ހައުލާ ތަފްސިލާއެކު ވާހަކަތައް ކިޔައިދެމުން ދިޔައެވެ.
ހައުލާގެ ވާހަކަތައް އަޑު އަހަމުންދިޔައިރު ޒީނާ ގިސްލާފައި ރޮމުން ދިޔައެވެ. އިޒުވާނަށްޓަކައި ޒީނާވީ ޤުރުބާނީވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލެވިގެން ދިޔައީއެވެ. އެ ލޯތްބަށްޓަކައި އޮއްސާލެވުނު ކަރުނުތައް އެއީ ބޭކާރު އެއްޗެއް ގޮތުގައި ކުރެވުނު ކަމެއްކަމަށް އިހްސާސްކުރެވުނެވެ. އިޒުވާނުގެ މަކަރުވެރިކަން ހާމަވެގެން ދިޔައިރު ޒީނާއަށް ދުނިޔެމަތިންވެސް ފޫހިވެއްޖެއެވެ. ހިތް އެދިމާލަކަށްދަތުރުކުރީތީ ޒީނާ ލަދުވެސް ގަތެވެ. ދެރަވެސް ވިއެވެ. ފޫހިވެސް ވެއްޖެއެވެ. ލޯތްބެއް ވެވިގެން ދިޔަ އިންސާނާވެގެން ދިޔައީ ދަށުދަރަޖައިގެ ނިކަމެއްޗަކަށެވެ.
‘ޒީނާ ދޫކޮށްލާފައި ދެވުނީ އަހަރެންގެ މޮޔަކަށް..” ޒުހުރީއަށް ކެތް ނުވެގެން ވާހަކަ ދައްކަން ފެށިއެވެ. އެ އަޑާއި ވާހަކަދެއްކި ރާގުންވެސް އޭނަގެ ހިތުގައ ޒީނާދެކެވާލޯބި އިހްސާސްކުރެވިގެން ދިޔައެވެ. ޒުހުރީގެ މޫނުމަތިން ފެންނަމުންދިޔަ މައުސޫމުގޮތް ޒީނާއަށް ތަސައްވަރު ކުރެވުނެވެ. ޒީނާގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އުޖާލާކަންވަނީ ގެއްލިފައެވެ. ޒުހުރީއަށް ޒީނާއަށް ބަލާލެވުނީ ލޯތްބާއި އޯގާތެރި ނަޒަރަކުންނެވެ.
“ޒުހުރީއަށް މާލެ އާދެވުނީ ޒުހުރީގެ ނަސީބު ރަނގަޅުކަމުން. އޭނައައިސް ފުރަތަމަ ވެސް ގުޅީ މަށަށް. އޭރު އިޒުވާނުގެ ހުރިހާ ރޭވުމެއްގެ ހަގީގަތް އޮތީ މަށަށް އެނގިފަ. ޒުހުރީ އެދުނީ އަހަރެންގާތު ޒީނާގެ ދިރިއުޅުން ހަލާކުކޮށްނުލުމަށް. އަހަރެންވެސް މިއީ އަންހެނެއް. އަންހެނެއްގެ ހިތުގައި އަޅާވޭނާ ކެކުޅުން އަހަރެންނަށްވެސް އިހްސާސްކުރެވޭ.” ހައުލާގެ އަޑުމަޑުވެ މަޑުމޮޅިވެއްޖެއެވެ. ހައުލާއަށްވެސް ރޮވޭގޮތްވިއެވެ.
“މަ އިޒުވާނުދެކެ ވީ ހަގީގީ ލޯބި. އަދިވެސް އިޒުވާނުދެކެ ލޯބިވޭ. އެކަމް ގޮތްކުޑަ ގޮތެއްފޮތެއްނެތް ވިޔާނުދާ އިންސާނެއްދެކެ ލޯބި ވެވުނީތީ ލަދުވެސް ގަނޭ.. ޒީނާއަށް ދެރަގޮތެއްވާކަށް މަވެސް ނޭދެން. ޒީ އަކީ ރަނގަޅު މާތްކުއްޖެއް. މިކަހަލަ ގޮތްކުޑަ ޖަނަވާރަކަށް ޒީނާ ހައްޤެއްވެސް ނުވާނެ..” ހައުލާ އައިސް އިޒުވާނުގެ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ. އިޒުވާނު ދުރަށްދާން މަސައްކަތްކުރަން ފެށިއެވެ. ހައުލާގެ ދެއަތުގައި ހިފިއެވެ. ޖުމާން އައިގޮތަށް އައިސް ހައުލާ ދުރުކުރުވިއެވެ. ހައުލާ ރުޅިއައިސްގެން ޖުމާންގެ ގައިން ވީއްލިގަންނަން މަސައްކަތްކުރަމުން ދިޔައެވެ.
“މިކުއްތާ ހަމަ މަރަންވީ. ކަލޭ ހީކުރީ އަންހެނުންނަކީ ކަލޭ ނާޗަރަންގީ ތަޅަން ގެންގުޅޭ ޖާރިޔާތަކެއް ކަމަށްތަ؟ ގޮތްކުޑަ ހިމާރު.. މަ ބުނިންދޯ ކަލޭގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާލާނަމޭ.. މަ ހަށީގަ ނޭވާ ހިނގާހާ ހިނދަކު ލާހިކެއްނޫން އަންހެނަކަށް ބަލައިލާންވެސް..” ހައުލާ ރުޅިއައިސްގެން ޖުމާންގެ ގައިން ވީއްލިގަންނަން މަސައްކަތްކުރަމުން ހަޅޭއްލަވަމުން ދިޔައެވެ. ޖުމާން ހުރީ ހައުލާގައިގައި ބާރަށް ހިފަހައްޓައިގެންނެވެ. ހައުލާ ގޯހެއް ހަދާފާނެތީ ޖުމާން ހުރީ ވަރަށް ހުޝިޔާރުވެގެންނެވެ. ހައުލާގެ ހުރިހާ ހިއްސެއް އެއްފަހަރާ ކެކި އަރަމުން ދިޔައެވެ.
ޒުހުރީ މާލެއައީ ޒީނާގެ ލޯބި ލިބޭނެކަމަށް އުއްމީދުކޮށްގެން ނޫނެވެ. ޒީނާއާނުލައި އުޅެން އުނދަގޫވެގެންނެވެ. މެލޭޝިޔާގައި ހުރި ދުވަސްކޮޅު ޒުހުރީއަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދެވުނީތީވެސް މޮޔަ ހީކުރެވުނެވެ. ޒީނާ ނުލިބުނަސް ޒީނާ އުޅޭ ގޮތް ބަލަންހުރުމުންވެސް އެ ހިތްހަމަ ޖެހުންވެސް ލިބޭނެތީ އައީއެވެ. ލޯތްބަކީ ދަގަނޑަށް ދަގައްފާނުގެ ބާރު ހުންނަވަރަށްވުރެ ބާރުގަދަ ދަމާބާރެކެވެ. ޖަޒުބާތެކެވެ. ޒުހުރީ މާލެ އައީ ހަމައެކަނި ޒީނާއަށްޓަކައެވެ. ލޯބި ލިބުނަސް ނުލިބުނަސް ޒީނާގެ ގާތްމީހެއްގެ ގޮތުގައި ހުންނަން އަޒުމު ކަނޑައަޅައިގެންނެވެ. އެގޮތަށްވެސް ހިތްހަމަޖެހުމެއް ލިބޭނެނަމަ އެގޮތްވެސް ވަރިހަމަ ވެގެންނެވެ.
ޒީނާ އާދައިގެ ހިނގުމެއްގައިގޮސް އިޒުވާނުގާތުގައި ހުއްޓުނެވެ. އިޒުވާނަށް ބަލަންހުރި ނަމަވެސް އެލޮލުގައި ކުޑަނަމަވެސް ލޯތްބެއް ފެނިގެނެއް ނުދިޔައެވެ. ކަރުނުންފުރިގެންވާ ޒީނާގެ ލޮލުން އިޒުވާނު ދެކެވީ ލޯބިވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ޒިނާއަށް އިޒުވާނުގެ މޫނަށް ބަލަންވެސް ބޭނުމެއް ނުވިއެވެ. ކެތް ނުކުރެވިގެންނެވެ. ކޮންމެ ގޮތަކަށް ކަންތައްވެގެން ދިޔަ ނަމަވެސް އިޒުވާނު ދެކެވީ ތެދުވެރި ލޯތްބެވެ. ޒީނާއަށް ލިބުނުހާވެސް އެއްޗަކީ ކަރުނައެވެ. ހަޔާތުގައި ކަރުނައާއި ހިތާމަނޫން އެހެން އެއްވެސް އެއްޗެއް ނުލިބުނެވެ. ޒީނާގެ ހަޔާތުގައި އުފަލެއް ނެތީހެއްޔެވެ؟
ޒީނާއަށް އިޒުވާނުގެ ފައިބުޑަށް ތިރިވެވުނެވެ. އިސްޖެހިގޮތަށް އިހުނަށްވުރެ ބޮޑަށް ރޮވޭގޮތްވިއެވެ. އެމަންޒަރު ބަލާކަށް ޒުހުރީއަށް ކެތެއް ނުކުރެވުނެވެ. އެހެނަސް ގޮތެއް ނިންމަން ހުރީ ޒިނާއެވެ. އޭނަގެ ކޮންމެ ނިންމުމަކަށް ޒުހުރީ އިހްތިރާމްކުރާނެއެވެ. އިޒުވާނު އެއްވެސް ހަރަކާތެއްނެތި ހުރިގޮތަށް ހުއްޓެވެ. އޭނަގެ އަމަލުތަކުން ޒީނާދެކެ ލޯބިނުވާކަށް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ދޮގުތަކެއް ހަދައިގެން ޒިނާދެކެ ލޯބިވާކަށް ދެއްކުމަށްވުރެ ތެދުތެދަށް ބުނި ނަމަވެސް ޒިނާގެ ހިތަށް ހަމަޖެހުމެއް ލިބުނީސްތާއެވެ.
އެ ފުރަ ދަންވަރުގައި އެގޭތެރޭގައި އަޑުގަދަވެގެން ސަމާއަށްވެސް ހޭލެވުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23