ޢަލީ އާޒިމް (ދޮން އައްޔަ) އަކީ ބެކްސްޓޭޖް ޑާންސަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ސްކްރީނުން ފެންނަން ފެށި މޫނެކެވެ. ނެށުމުގެ ހުނަރަކީ ހަމަ ގައިމުވެސް އަލީ އާޒިމް (ދޮން އައްޔަ) އަށް ލިބިފައިވާ މޮޅު ހުނަރެކެވެ. ނެށުމުގައި 15 އަހަރުވާންދެން އެކި ގްރޫޕްތަކުގައި އައްޔަ މަސައްކަތްކުރިި އެވެ.
ޓީވީ ސްކްރީނުން އެންމެ ފުރަތަމަ އައްޔަ ފެނުނީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ދިން ފުރުސަތަކުންނެވެ. ވީޑިއޯ ލަވައަކުންނެވެ. އެއަށްފަހު ދެން އައްޔަ އަށް ފުރުސަތު ލިބުނީ ފައްތާހުގެ ފިލްމަކުންނެވެ. “އާދޭސް” ގައި އައްޔަ އަދާކުރީ ސައިޑް ރޯލެކެވެ. އައްޔަގެ ފިލްމީ ކެރިއަރ ފެށުނީ މިހިސާބުންނެވެ. ނަމަވެސް ފިލްމީ ދާއިރާއަކީ ކަޑައްތުކުރަން އުނދަގޫ ދާއިރާއެކެވެ. ވަކިން ޚާއްޞަކޮށް ފިލްމީ ޢާއިލާއަކަށް ނިސްބަތްނުވާ ތަރިންނަށެވެ. ނަމަވެސް އައްޔަގެ ނަސީބު ވަރަށް ގަދައެވެ. ދިވެހި ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް ފިލްމީތަރި، ޕްރޮޑިއުސަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އަށް އައްޔަ ފާހަގަކުރެވުނީ ދެވަނަ ޔޫއްޕެއެއްގެ ގޮތުގައި ކަމަށްވެސް ވެދާނެއެވެ. ހަމަ ގައިމުވެސް އައްޔައަށް އެންމެ ގިނައިން ފުރުޞަތުތައް ދީ، މި ދާއިރާގައި އައްޔަ ފައިތިލަ ސާބިތުކޮށްލުމަށް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތް ކޮށްދެމުންދާ އެއް ފަރާތަކީ ޔޫއްޕެއެވެ.
ފިލްމީ ދާއިރާގައި އައްޔަ އަކީ ސްޕަރސްޓާރަކަށް ހެދުމަށް ޔޫއްޕެ މަސައްކަތްކުރާކަން މިއީ އެންމެން ދަންނަ ކަމެކެވެ. ޚުދު ޔޫއްޕެގެ ކެރެކްޓަރ ކުޅެންވެސް ބައެއް ފިލްމުތަކުގައި ފުރުޞަތު ދީފައި އެބަހުއްޓެވެ. ފިލްމު “ދެވަންސޫރަ” އަކީ މިކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. އެ ފިލްމުގައި ޔޫއްޕެ އަދާކުރާ ކެރެކްޓަރ، ތަފާތު ރަހައަކާއިއެކުގައި ނަމަވެސް، ޔޫއްޕެގެ ދެވަނަ އެކްޓިންއެއް ފެނިގެންދާހާ މޮޅަށް އައްޔަގެ ހުނަރު ފެނިގެންދެއެވެ. މިއީ ހަމަ ސީދާ ޔޫއްޕެގެ މަސައްކަތްކަން ފިލްމީ ދާއިރާގެ ކަންތައްތައް ގާތުން ބަލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
މިވަގުތު ފިލްމުތަކުން އެންމެ ގިނައިން ފެންނަމުންދާ ފިރިހެން ސްޓާރަކީ ދޮން އައްޔައެވެ. ތަފާތު ކެރެކްޓަރތައް އަދާކުރަމުން، އޭނާގެ ހުނަރު ދައްކަމުންދަނީ ޔޫއްޕެގެ ހެޔޮއެދުންތަކާއެކުގައެވެ. ޔޫއްޕެ ދެމުންދާ ފުރުޞަތުތަކާއި އެކުގައެވެ. މިކަން ޚުދު އައްޔަވެސް ހެޔޮހިތުން ޤަބޫލުކުރެއެވެ.
ސަކަ މިޒާޖެއް ހުންނަ، އެންމެނާ ނިކަން ގުޅޭ ޢަލީ އާޒިމް (ދޮން އައްޔަ) މިމަހުގެ 13 ވަނަ ދުވަހު އޭނާގެ ފޭސްބްކްގައި ނިކަން ސީރިއަސް ޕޯސްޓެއް ޖެހިއެވެ. ގިނަބައެއްގެ ލޮލުގައި އެ ޕޯސްޓް އަޅައިގަނެ، އެތައް ބަޔަކު އެއަށް ފަހި ރައްދުތަކެއް ދީފައިވެސް ވެއެވެ.
އައްޔަ ކޮށްފައިވާ ދިގު ޕޯސްޓްގައި ޖޫނިއާ ސްޓާރެއް، ސީނިއާ ސްޓާރުންނާއި މި ދާއިރާގެ ސީނިއާ ބޭފުޅުންނާއިމެދު ދެކެންވާ އެންމެ ރަނގަޅުގޮތަށް ދެކި، ނަމޫނާއެއް ދައްކާފައިވެއެވެ.
“މި މަސައްކަތުގައި އައްޔައަށް އިތުބާރުކޮށް އައްޔައަށް ޔޫސުފް ޝަފީޢު ތި ދެއްވާ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން. އައްޔައަށް މިހިސާބަށް އާދެވި އައްޔަގެ އިތުރުން ފިލްމު އިންޑަސްޓްރީއަށް އާ ކުދިން ނެރެ، އިންޑަސްޓްރީ އަދި އާކުދިން ކުރިއަރުވަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އައްޔައަށް “ދެވަންސޫރަ”، “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް”، “ނަފްރަތުވުމުން”، އަދި “ދައުވަތު” ކަހަލަ ތަފާޓު މޮޅެތި ފިލްމުތަކުން އައްޔައަށް އިތުބާރުކޮށްފަ އައްޔައަށް ޔޫއްޕެގެ އެހީގަ އެހާ މޮޅެތި ކެރެކްޓަރ ތަކެއް ކުޅުމުގެ ފުރުސަތު ދޭތީވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ކޮޅުނެތްކޮޅަށް އައްޔަގެ ހިތުގައި ޔޫއްޕެއަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމާއިއެކުގައި ޝުކުރުގެ ބަސްތައް އޮއްސާލަމުން ބުނެފައިވެއެވެ.
“….. އިންޝާﷲ، ޔޫއްޕެ ތިކުރާ އިތުބާރާއި ޔަޤީންކަން އައްޔަ އަބަދުވެސް ހިފަހައްޓާނަން އަދި އަހަރެންގެ ވަށައިގެން ތިބި ހެޔޮއެދޭ ހުނަރުވެރި ޕްރޮޑިއުސަރުންނާއި އެކްޓަރުން ސީޒަން ޢަލީ، މުޙައްމަދު މަނިކް، ފާތިމަތު ނަހުލާ، ރަވީ ފާރޫޤް، ފައްތާހް، މުޙައްމަދު ފައިސަލް، ނިޢުމާ، އަޙްމަދު ސަޢީދު ކަހަލަ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އައްޔައަށް ދެއްވާ ސަޕޯޓަށް.” އައްޔަގެ ޝުކުރުގެ ލިސްޓް ޔޫއްޕެއާ ހަމައިން ނިންމައެއް ނުލައެވެ. އައްޔައަށް ބެލުންތެރިންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ސަޕޯޓް ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ. އެކުގައި މަސައްކަތްކުރާ ކޯ ސްޓާރުންނަށްވެސް ޝުކުރުއަދާކޮށްފައިވެއެވެ. ވީޓީވީ އިން ފިލްމު އިންޑަސްޓްރީއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރީ އައްޔަ ކުޅެފައިވާ ގިނަ ފިލްމުތަކެއްގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ އެހީތެރިކަމަށްޓަކައި ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަމުންނެވެ.
ފިލްމީ ދާއިރާއަށް އައްޔަ ވަން ގޮތް ވަރަށް ތަފާތެވެ. 22 ޖެނުއަރީ 2018 ގައި މުނިއަވަސް އަށް އައްޔަ ދީފައިވާ އެކްސްކްލޫސިވް އިންޓަވިއު އަކުިން މިކަން އެނގިގެންދިޔައެވެ.
މުނިއަވަސް: ކިހިނެތް އެކްޓިންގ އަށް މި ވަދެވުނީ؟
އަލީ އާޒިމް (ދޮން އައްޔަ): އަސްލު ވަރަށް ކުޑައިރުވެސް އެކްޓްކުރާހިތްވޭ. ދެން އެހެންވެކަން ނޭނގޭ ނަށަން މި ފެށުނީ. ނަށަން ފަށައިގެން މިހެން ނަށަން އުޅެނިކޮށްދެން ސްޓޭޖް ޕާފޯމަންސް ތަކުގަ ފޭޝަލް އެކްސްޕްރެޝަން އާ އެއްޗެހިތައް ހަދާތީކަން ނޭނގެ ތަންކޮޅެއް ބޮޑަށް މީހުން ގަޔާވާކަހަލަ ގޮތެއްވީ.
އައްޔަމެން އެނިމޭޝަން ޑާންސް ގްރޫޕްގަ އުޅުނުއިރު އެތާ ތެރޭގަ ހެދީ ކުރު ފިލްމެއް ލޮލީޕޮޕް ކިޔާ އެއްޗެއް. ދެން ހަމަ އެތެރޭގަ މަޖަލަކަށް ކޮށްލި ކަމެއް، ދެން އެކަމަކު އެންމެން ނިންމީ އޭތި ނެރެން ކުޑަކުދިންނަށް. ދެން އެއީ ފުރަތަމަ އެއްޗެއް ކުޅެފަ އިންނާނެ އެއްޗަކީ. ދެން ބޮޑު ފިލްމެއް ފުރަތަމަ ލިބުނީ 2014 ގަ ފައްތާހުގެ އާދޭސް އިން. އެހިސާބުންކަން ނޭނގޭ ދާއިރާއަށް އަސްލު ނިކުމެވިފަ މީނދީ.
އޭރު މަޖަލަކަށް އެކްޓްކޮށްލިޔަސް، މިއަދު އައްޔަ ހުރީ މި ދާއިރާގައި ކުރިއަށް ދިއުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ކަމަރު ބަނދެލައިގެންނެވެ. އެކަން އައްޔަގެ ހިތްވަރުން އެނގެއެވެ. ޓީވީތަކުން ދައްކަމުންދާ ފިލްމުތަކުން އެނގެއެވެ. ސިނަމާތަކަށް ނިކުންނަމުންދާ ފިލްމުތަކުން އެނގެއެވެ. އެންމެ ގިނައިން އެ މޫނެއް ސްކްރީންތަކުން ފެންނަ ސްޓާރަކީ އައްޔައެވެ. މިދިޔަމަހު ރިލީޒްކުރި “ފޯޓީ ޕްލަސް” އިން ތަފާތު މަޖާ ކެރެކްޓަރއަކުން އައްޔަ ފެނިފައިވާއިރު، މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ “ނަފްރަތުވުމުން” ގައި އައްޔަ ފެންނަނީ ސީރިއަސް ރޯލަކުންނެވެ. މީގެ އިތުރުން ބައިސްކޯފު އެޕުން ދައްކަމުންދާ ވެބް ސީރީޒް “ހުވާ” ގައި މިހާރު އައްޔަ ފެންނަނީ ވަރަށް ވަރުގަދަ ‘ގަޓް’ ކެރެކްޓަރ އެއްގައެވެ. އައްޔަގެ ގިނަ ފިލްމުތަކެއް ކުރިއަށް ނިކުންނަންވެސް އެބަހުއްޓެވެ. އެގޮތުން ފިލްމު “ދައުވަތު” އާއި “ލީނާ” އަކީ ފާހަގަކޮށްލެވޭ ދެފިލްމެވެ.
ސްކްރީންތަކުން އައްޔައަށް މިއަދު ލިބިފައިވާ ފުރުޞަތުތައް ލިބުނުގޮތް އައްޔަ ހަނދާން ބަހައްޓައެވެ. ވަކިން ޚާއްޞަކޮށް ޔޫއްޕެގެ އެހީތެރިކަން އޭނާ އަބަދުވެސް ފާހަގަކުރެއެވެ. އައްޔަގެ ފޭސްބްކް ގައި އަދާކޮށްފައިވާ ޝުކުރު ސަތޭކައިން ސަތޭކަ ޔޫއްޕެއަށް ޙައްޤެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި
Thee hama asluves best of the best
އެންމެ ސަޅި އެންމެ ފްރެންޑްލީ އައްޔަ. ވަރަށް އޮބި އެކްޓިން