11 އޭޕްރިލް 2019 އާ ގުޅޭ….
ޒީނާއަށް އިޒުވާނުގެ ފައިބުޑަށް ތިރިވެވުނެވެ. އިސްޖެހިގޮތަށް އިހުނަށްވުރެ ބޮޑަށް ރޮވޭގޮތްވިއެވެ. އެމަންޒަރު ބަލާކަށް ޒުހުރީއަށް ކެތެއް ނުކުރެވުނެވެ. އެހެނަސް ގޮތެއް ނިންމަން ހުރީ ޒިނާއެވެ. އޭނަގެ ކޮންމެ ނިންމުމަކަށް ޒުހުރީ އިހްތިރާމްކުރާނެއެވެ. އިޒުވާނު އެއްވެސް ހަރަކާތެއްނެތި ހުރިގޮތަށް ހުއްޓެވެ. އޭނަގެ އަމަލުތަކުން ޒީނާދެކެ ލޯބިނުވާކަށް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ދޮގުތަކެއް ހަދައިގެން ޒިނާދެކެ ލޯބިވާކަށް ދެއްކުމަށްވުރެ ތެދުތެދަށް ބުނި ނަމަވެސް ޒިނާގެ ހިތަށް ހަމަޖެހުމެއް ލިބުނީސްތާއެވެ.
އެ ފުރަ ދަންވަރުގައި އެގޭތެރޭގައި އަޑުގަދަވެގެން ސަމާއަށްވެސް ހޭލެވުނެވެ. ކޮޓަރިން ބޭރަށް ނުކުނަންނަށްވެސް ހިތަން އެރުމުން އޮތީ ސަމާ ޓީވީ ބަލަން އިނީކަމަށް ހިތަން އަރުވައިގެންނެވެ. ކޮޓަރިން ބޭރަށް ނުކުތްއިރު ފެންނަމުންދިޔައީ އެހެން މަންޒަރެކެވެ. ސަމާ ނުކުމެ ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިން ބަލަމުން ދިޔައެވެ. ވެގެން އުޅޭގޮތް ނޭންގިފައިހުއްޓާ އިޒުވާނުގެ ފައިބުޑަށް ތިރިވެ އިން ޒީނާ އޭނަގެ ލޮލުގައި އަޅައިގަތެވެ. ސަމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެވުނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައެވެ.
“މަ ހިއެއް ނުކުރަން އިޒުވާނު ތީ ތިހާ ދަށުދަރަޖައިގެ މީހެއްކަމަކަށް. އަންހެނުންނަކީ ކަލޭމެންކުޅެން ގެންގުޅޭ ބައެއްކަމަށް ދެކިގެން އުޅުމަށްވުރެ ރަނގަޅުވާނެ ދުރުގަ ތިއްބަސް. އެކަމަކު މަގޭ އޮތީ ވަކި ކޮންކުށެއް..” ޒީނާގެ ގިސްލުމުގެ އަޑު އެންމެންގެ ކަންފަތުގައި ޖެހުނެވެ. ޒުހުރީ އެހެން ހުއްޓަސް ހުރީ ކޮންމެހެން ހުންނަން ބޭނުންވާތީއެއްނޫނެވެ. މަޖުބޫރުވާތީއެވެ. އެ ހިތަށް ކުރަމުންދިޔަ އަސަރު ހިތެއް އޮތް ކޮންމެ އިންސާނެއްގެ ހިތަށް އަސަރުކުރުވާހާ ޒީނާގެ ރުއިމުގައި އަސަރު ހުއްޓެވެ.
“މަ ހިތަންއަރާ މަގޭ ހިއްސު ސަލާމަތުންބާއޭ ހުރީ.. އިތުރަށް އަހަރެން ދައްކަން ހުރީ ކޮންވާހަކައެއް. އިޒުވާނަށް އަހަރެން މައާފުކުރިން ކުރަންނުޖެހޭ ހުރިހާކަމަކަށް. އީމާގެ ފުރާނައަށްވެސް ހަމަ ޖެހުމެއްނެތްކަން މިހާރު ވިސްނިއްޖެ..” ސަމާއަށްވެސް ކެތެއްނުކުރެވުނެވެ. ވެގެން އުޅޭގޮތް ނޭންގުނަސް އިޒުވާނުގެ ހަގީގަތެއް ފަޅާއަރައިފިކަން ސަމާއަށް ގަބޫލުކުރެވުނެވެ. ޒުހުރީއަށް ކެތެއް ނުކުރެވުނެވެ. ދިޔަ ގޮތަށްގޮސް ޒީނާ ނަގައި އޭނަގެ މޭގައި ކަރިކޮށްލަމުން ދެއަތްވަށާލަމުން ބައްދާލިއެވެ. ޒުހުރީގެ އަމަލުތަކުން އޭނަ ޒީނާދެކެވަނީ ހަގީގީ ލޯބިކަން އެންމެންނަށްވެސް ފެންނަމުން ދިޔައެވެ. ޒީނާއަށް ވަރަށް ރީތިކޮށް ޒުހުރީގެ ހިތުގެ ތެޅުމުގެ އަޑު އިވެމުން ދިޔައެވެ. އޭރުވެސް ޒީނާގެ ރުއިމަކަށް ބަދަލެއްނާދެއެވެ.
“އަހަރެން ދުވަހަކުވެސް އިޒުވާނަކަށް މައާފެއް ނުކުރާނަން. ހައު ޕޮލިހަށް ގުޅާ. އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން. އީމާގެ މަރުގެ ބަދަލު ވެސް ހިފާނަން. އަލުން އަނބުރާ ދައުވާވެސް ކުރާނަން. އަހަންނަށް ތިލޯބި ހައްޤުވިއަސް ތި ލޯތްބެއް ބޭނުމެއް ނޫން. ކަލެއަށް އަހަރެން ނަފުރަތު ކުރަން..” ޒީނާއަށް ދެލޯ މަރާލެވުނެވެ. އިޒުވާނު ދެކެ ލޯބިވިއަސް އޭނައަށްޓަކައި އިޒުވާނުގެ ލޯބި ކަފުންކޮށް ވަޅުލިއެވެ. މިހާރު އިޒުވާނު އެއީ އޭނަގެ ހަޔާތަށް މުހިއްމު މީހެއްނޫންކަން ކަށަވަރުވެސް ކުރެވުނެވެ.
“ސޮރީ އިޒޭ. ހަމަ ކަލޭގެ ކުށް..” ޖުމާން އެތަނުންނުކުމެގެން ދަމުން އިޒުވާނުގެ މޫނަށް ބަލައިލިއެވެ. އިޒުވާނަށް ކުރެވުނު ކަންތައް ހިތަންއަރާފައި ދެރަވިނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ކުރާނެ ކަމެއްނެތެވެ. އެންމެގެ ކުރިމަތީގައި އޭނަ ބޭޒާރުވެ ނިމިއްޖެއެވެ.
“އަދިވެސް ކަލެއަށް ނުވިސްނޭނެ. މިހާރު ތިހުރީ ރާކަނި މަސްކެވިފަ. ދެން ކަލޭ އޮންނަން ޖެހެނީ ޖަލުގެ ހަތަރުފާރުން އެތެރޭގައި އަނދިރި ހަޔާތެއް ވޭތުކުރަން. މާދަމާ ކަލޭ މިނިވަންވެގެން އަޔަސް މި ހައުލާގެ ކަރިއަކުން ސަލާމަތެއް ނުވާނެ.. މި އެ ހައުލާ..” ހައުލާ ފޯނު ނަގަމުން ފުލުހުންނަށް ގުޅިއެވެ. ސަމާ އޭރުވެސް މަންޒަރު ބަލަން ހުއްޓެވެ.
ޒުހުރީ ލޯތްބާއި އޯގާތެރިކަމާއެކު ޒީނާގެ މޫނަށް ބަލައިލިއެވެ. އެ ނާޒުކު ދެލޮލަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. ޒުހުރީއަށް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. ޒީނާއާ ދުރައްޖެހެމުން ފަސް އެނބުރިފައި ހިނގައިގަތީ އެތަނުންދާށެވެ. ކިތައްމެ ވަރަށް ޒީނާދެކެ ލޯބިވިއަސް ޒީނާގެ ހިތުގައި އޭނައަށްޓަކައި ލޯތްބެއް ނެތްކަން ޒުހުރީއަށް ވިސްނުނީއެވެ. ލޯބިވާ މީހަކު ލޯބިނުވާނެކަން އެނގިހުރެ އެމީހެއްގެ ކުރިމަތީގައި ހުރުމަކީ ކެތްވާވަރުގެ ކަމެއް ނޫނެވެ. ޒުހުރީގެ އެ ހަރަކާތުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަ ވެގެން ދިޔައެވެ.
“ޒުޒު..” ޒީނާގެ އަޑު ޒުހުރީގެ ކަންފަތުގައި ޖެހުނެވެ. ޒުޒު އޭ ބުނުމުން ޒުހުރީގެ ދެފައި ތުރުތުރު އަޅައިގެން ދިޔައެވެ. އެހެން ނަމަވެސް ފަސްއެނބުރި ބަލާކަށް ޒުހުރީގެ ހިތެއް ބޭނުމެއް ނުވިއެވެ.
“ޒީ ދޫކޮށްލާފައި ދަނީތަ؟” ޒުހުރީއަށް ފަސްއެނބުރިފައި ޒީނާއަށް ބަލާލެވުނެވެ. އޭރު ޒުހުރީގެ އެސްފިޔަތަކުގެ ތެރެއިން ކަރުނަ ތިއްކެއް އޭނަގެ ކޯތާފަތަށް ވެއްޓެމުންދިޔައެވެ. އުފަލުންގޮސް ބައްދާލަންވީމަކެއް އުރާލަންވީކަމެއް ނޭންގުނެވެ. އޭރުވެސް ޒީނާ ދުރުގައި ޒުހުރީއަށް ބަލަން ހުއްޓެވެ. ލޯބިން ފުރިގެންވާ ގޮތަކަށެވެ. ޒުހުރީއަށް ޒީނާގެ ދެލޮލުން ލޯބި ފެންނަމުން ދިޔަކަހަލައެވެ. ޒުހުރީއަށް އެއްވެސް ހަރަކާތެއް ގެންނާނެހާވެސް ހިތްވަރެއް ނުލިބުނެވެ.
“ޒުޒޫ. އަހަރެންގެ ލޯބި ހަމަ އެކަނި ހައްޤުވާ ފަރާތަކީ ތީ” ޒީނާ ދުވެފައި ކަހަލަގޮތަކަށް ގޮސް ޒުހުރީގައިގައި ބައްދައިގަތެވެ. ޒުހުރީއަށް ހީވީ މުޅި ކައުނުވެސް އެކަމުގެ އުފަލުގައި ބައިވެރިވަމުން ދިޔަހެންނެވެ. އުފަލުން ޒީނާގެ ގައިގައި އަތްވާށާލެވުނެވެ. އުފަލުންގޮސް ޒުހުރީގެ ދެލޯ ކަރުނުން ފުރުނެވެ. އެލޯތްބަށް އެދި އެދި ހޯދަމުންދިޔަ ލޯބިވެރިޔާ މިއަދު އޭނަގެ މީހަކަށް ވީއެވެ. އޭނަގެ ހައްޤަކަށްވީއެވެ. ލޯތްބަކީ ކޮބައިކަން ޒީނާއަށް ވިސްނުނެވެ. ޒުހުރީއަށް އޭނަގެ ލޯބި ވެސް ހައްޤުވީއެވެ. ޒީނާ ބޭނުންވީ އޭނަ ދެކެ ލޯބިވާ މީހަކު އޭނަގެ ހަޔާތަށް އައީއެވެ. ޒުހުރީއަކީ ލޯބިވާން އެނގޭ އިންސާނެކެވެ.
ހައުލާއަށް އުފަލުން ރޮވުނެވެ. ލޯތްބަކީ ވޭންދެނިވި އެއްޗެއް ނަމަވެސް އޭގެ ފޮނިކަން އޭނަގެ ލޯ ކުރިމަތީގައި ފެންނަމުން ދިޔައެވެ. ސަމާއަށް ހުރިހާ ހަގީގަތެއް ހައުލާ ކިޔައިދެމުން ދިޔައެވެ. ކުޑައިރުކޮޅެއްނުވެ އެގެއަށް ފުލުހުންއައިސް މައުލޫމާތު ސާފުކުރަންފެށިއެވެ. ހައުލާހުރިހާ ވާހަކަތަކެއް ކިޔައިދެމުން ދިޔައެވެ. ބަޔާންވެސް ދިނީ ހައުލާއެވެ. އިޒުވާނު ހައްޔަރުކޮށްގެން ގެންދެވުނެވެ. އިޒުވާނު އިސްއޮބާލައިގެން ހުރެ ނުކުމެގެން ފުލުހުންނާއެކު ނުކުމެގެން ދިޔުމަށް ހިނގައިގަތެވެ.
އިޒުވާނަށް ހަމަ އެކަނި ބުނެލެވުނީ “އަހަންނަށް މައާފުކުރޭ.”
ޒީނާ ފަސް އެނބުރި ބަލައިވެސް ނުލިއެވެ. ޒުހުރީގެ ގައިގައި ބައްދާލައިގެން ހުރީއެވެ. ޒުހުރީއަށް އޭނަގެ ލޯބި ހައްޤުވެގެން ދިޔައެވެ. އިޒުވާނަށް ލޯބި ނުލިބުނުތާ ހަޔާތުގައި ހަމަ ޖެހުމެއްވެސް ނުލިބުނެވެ. ޖަލުގެ ހަތަރުފާރު ތެރޭގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. އިޒުވާނަށް ޒީނާހައްޤެއްވެސް ނޫނެވެ. ޒީނާއަށް އިޒުވާނުގެ ލޯބި ހައްޤު ނުވިއަސް ޒުހުރީއަށް ޒީނާގެ ލޯބި ހައްޤުވެގެން ދިޔައެވެ. އިޒުވާނަށް އޭނަގެ ލޯބި ގެއްލުނީއެވެ. މުޅި އުމުރަށެވެ. ހަގީގީ ލޯތްބަކީ ކޮބައިކަން ޒީނާ އަށް ވިސްނުނީ ޒުހުރީގެ ފަރާތުންނެވެ.
***
“ޑެޑީ” ތިން އަހަރުގެ ޒިނާދު ކުޅެން އުޅެމުން ދުވެފައި އައިސް ޒުހުރީ ގާތުގައި އިށީންނަމުން ޒުހުރީއަށް ގޮވާލިއެވެ. ޒީނާ އޭނަގެ އަށްމަހުގެ ބަނޑާއެކު އައިސް ޒުހުރީގާތުގައި ދޮންވެލިގަނޑުމަތީ އިށީނެވެ. ޒުހުރީއާ ކައިވެނިކޮށްގެން ޒީނާ އުޅެމުން ދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ޒުހުރީއަށް ޒީނާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެމުން ދިޔައެވެ. އުފާވެރި ދުވަސްތަކެއް އެދެމަފިރިންނަށް މާތްﷲ މިންވަރުކުރެއްވިއެވެ. ޒީނާގެ ލޯބި ޒުހުރީއަށް ހައްޤުވެގެން ދިޔައެވެ. ޒުހުރީއަށް އޭނަގެ ލޯބިވެސް ކާމިޔާބުކުރެވުނެވެ.
(ނިމުނީ)
ޙައްޤުވިއަސް 2 (އިންތިޒާރުކޮށްލައްވާ)
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23