އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިންގް ޔޫނިއަން، އޭބީޔޫގެ ފުރަތަމަ ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިމުގެ ފުރުސަތު ޕީއެސްއެމްއިން ހުޅުވާލާފައިވަނީ، އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭބީޔޫ ލަވަ މުބާރާތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އައިމިނަތު ހުޝާމާ ވިދާޅުވީ، މި ފުރުސަތަކީ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ލަވަ ކިޔުމުގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ޝޯ އޭބީޔޫގެ މެމްބަރު ހުރިހާ ޤައުމަކުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މި ޕަރފޯމެންސްތައް ދެ ބިލިއިއަނަށްވުރެ ގިނަ ފަރާތްތަކުން ބަލާނެކަމަށް ބެލެވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މޭ 9 އެއްގެ ކުރިން އެ ފަރާތެއްގެ ސީވީ ޕީއެސްއެމްއަށް މެއިލްކުރުމަށް ހުޝާމާ ވަނީ އެދިވަޑައިގަންނަވާފައެވެ.

“މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް އެއް ޖާގަ ލިބިފައިވާއިރު، މި ފުރުސަތަށް ސޯލޯ އަދި ގްރޫޕް ޕަރފޯމަރުންވެސް ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލާފައި. އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި މި މުބާރާތްކުރިއަށްދާނީ.” ހުޝާމާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ހުނަރުވެރިންގެ ހުނަރުތައް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ޕީއެސްއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭބީޔޫގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ޕީއެސްއެމް އިން ވަނީ ފުރުސަތުތައް ހޯދާދީފައެވެ. އޭގެތެރޭގައި އޭބީޔޫ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްއާއި ސޯންގް ފެސްޓިވަލްތަކުގައި ޕީއެސްއިންވަނީ ދިވެހިންނަށް ފުރުސަތު ހޯދާދީފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.