އުއްމީދީ ޒުވާން ޓީމެއްގެ މައްޗަށް އެކުލެވޭ ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ގެ ފުރަތަމަ ލަވަ އަލްބަމް “އަނގުރު” ނެރެފި އެވެ. އޭޕްރީލް 30 ވަނަ ދުވަހު ލަވަ ފޮށީގައި ރިލީޒްކޮށްފައިވާ މި އަލްބަމްގައި ހިތްގައިމު ނުވަ ލަވަ ހިމެނެއެވެ.

ދިވެހި، ހިޕްހޮޕް، ރެގޭ ސްޓައިލްގެ ހިތްގައިމު ލަވަތައް ހިމެނޭ މި އަލްބަމްގެ މިއުޒިކް ހަދާފައިވަނީ އަރުޝަދު ސަޢީދު (އަރޭ)އެވެ. ލަވަތައް ކިޔާފައިވަނީ މުޙައްމަދު އަޤީލް (ބޮކި)، އަރުޝަދު ސަޢީދު (އަރޭ)، އަހްމަދު ޝަރީފް (ސަރިއްޕެ)، އަލްޔާ، ހުސައިން މުބާރިކް (މާރިއޯ) އެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ލީޑްކުރަމުން އަންނަ ޒުވާން މިއުޒީޝަން އަރުޝަދު ސަޢީދު (އަރޭ) މުނިއަވަސް އަށް ބުނީ “އަނގުރު” އަލްބަމްގައި މުޅިންވެސް ހިމަނާފައިވަނީ އަމިއްލަ ރާގު ކަމަށެވެ.

“ރާގުތައް މިއީ މުޅިންވެސް އަމިއްލަ ރާގު. ރާގުތައް ހެދީ ބޮކި އަދި އަޅުގަނޑު. ލިރިކްސްތައް ހެދީ ބޮކި، އަރޭ، ޝަރިއްޕެ.” މުނިއަވަސް އަށް އަރޭ ބުންޏެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ގެ “އަނގުރު” އަލްބަމް އުފެއްދުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރަމުން ޖުމައިރާ ވިއްޓަވެލި މެނޭޖްމެންޓަށް، ޑަިރެކްޓަރ އޮފް ގަވަރމެންޓް ލިއޭސަން އެންޑް ލޯކަލް އެފެއަރޒް އަބްދުލް އަޒީޒް ޢަލީ (އަޒީބެ) އާއި އެ ރިސޯޓްގެ އެޗްއާރް ޑައިރެކްޓަރ ޝިމަން އާއި ލަވަ ފޮށި މެނޭޖްމެންޓަށް އަރޭ ޝުކުރުއަދާކުރެއެވެ.

ރާއްޖޭގައި މިހައިތަނަށް އުފެއްދި އެންމެ ހިތްގައިމު ލަވަ އަލްބަލް ޒީރޯ ޑިގްރީ އެޓޯލްގެ “ދޯނި” އަލްބަމްގެ ލަވަތައް ހިމެނޭ ‘ފީލް’ގައި ކިޔާފައިވާ ‘އަތިރިމަތި’ން މި ލަވައިން ފެށޭ “އަނގުރު” އަލްބަމްގައި ހިޕްހޮޕް ސްޓައިލާއި ކުރިން މި ފާހަގަކުރި “ދޯނި” އަލްބަމުގެ ރަހަތައް ހިމެނޭ ‘ގަސްފާ’ ލަވައަށްފަހު ދެން އިވިގެންދާ ‘ފިހި’ ލަވަ އަކީ މި އަލްބަމުގައި ހިމެނޭ ވަރަށް ތަފާތު ހިތްގައިމު ލަވައެކެވެ. ހިޕްހޮޕް ސްޓައިލްގެ މި ލަވައަށްފަހު ހަތަރުވަނަ ލަވައެއްގެ ގޮތުގައި ހިމަނާލާފައި ވަނީ ‘ގޯސް’ ގެ ނަމުގައި ކިޔާފައިވާ ލަވައެކެވެ. މީގެ އިތުރުން ‘ސަންސެޓް، ރޯލާތީ، މަޅި، ރޯކުރޭ އަދި އިޙްސާސް’ މި ލަވަތަކަކީ ހުރިހައި އުމުރެއްގެ އެހުންތެރިންވެސް ބަލައިގަންނާނެ ފަދަ މޮޅު ލަވަތަކެއްކަން ފާހަގަކޮށްލެވެއެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ގެ ޒުވާން މެންބަރުންނަކީ ރިސޯޓް ވަޒީފައިގައި ބުރަކޮށް މަސައްކަތް ކުރަމުން، ލިބޭ ހުސްވަގުތުތަކުގައި މިއުޒިކު އުފައްދަމުން އަންނަ ބައެކެވެ. ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ގެ މެންބަރުންގެ ކުރު ތަޢާރަފަކަށް ޖެހިލަމާ ހިނގާށެވެ.

އަރުޝަދު ސަޢީދު (އަރޭ)

އަރުޝަދު ސަޢީދު (އަރޭ)

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ލީޑްކުރަނީ ސްޓޫޑިއޯގެ އޯނަރު އަރުޝަދު ސަޢީދު (އަރޭ) އެވެ. އަރޭ އަކީ މިއުޒިކަށް ހުންނަ ޝަޢުޤުގައި އޮންލައިންކޮށް ދެ އަހަރުވަންދެން މިއުޒިކް ކިޔަވާފައިވާ އަދި މިހާރުވެސް ކިޔަވަމުން އަންނަ ޒުވާނެކެވެ. މީގެ އިތުރުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން (އެމްއެމްއޭސީ) މިއުޒިކް ކޯހެއް ފުރިހަމަކޮށްފައި ވެއެވެ. މުނިއަވަސް އަށް އަރޭ ބުނީ މިހާރުވެސް އޮންލައިންކޮށް އޭނާ މިއުޒިކް ކިޔަވަމުން އަންނަކަމަށެވެ.

އަރޭ އަކީ ރެޕް އާޓިސްޓެކެވެ. ޕިއާނޯ ކުޅުމަކީވެސް އަރޭގެ މައިގަނޑު ޓާސްކެކެވެ. ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ގެ ލަވަތައް ކޮމްޕޯސް ކުރުމާއި މިކްސިން އަދި މާސްޓަރިން ފަދަ ޓެކްނިކަލް މަސައްކަތްތައް ކުރަނީވެސް އަރޭ އެވެ.

އަހްމަދު ޝަރީފް (ސަރިއްޕެ)

އަހްމަދު ޝަރީފް (ސަރިއްޕެ)

އަހްމަދު ޝަރީފް (ސަރިއްޕެ)އަކީ ރާއްޖޭގެ ނިސްބަތުން އެންމެ ކުރީ ސަފުގައި ގުނައިލެވޭ މޮޅު ކުރެހުންތެރިއެކެވެ. ރާއްޖެ ޓީވީގެ ފަރާތުން އިންތިޒާމް ކޮށްގެން ނެޝަނަލް އާޓް ގެލެރީގައި 2013 ވަނަ އަހަރު ބޭއްވި “ދެފިޔަވަޅު ފަހަތަށް” ކުރެހުމުގެ މުބާރާތުގައި ސަރިއްޕެ ވަނީ އެއްވަނަ ހޯދާފައެވެ. ސެޓް ޑިޒައިން ކުރުމަށްވެސް މޮޅު ސަރިއްޕެ އަކީ ބަޒި ރިކޯޑްސް ސްޓޫޑިއޯގެ ރެޕާ އެކެވެ.

މުޙައްމަދު އަޤީލް (ބޮކި)

މުޙައްމަދު އަގީލް (ބޮކި) އަކީ ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ގެ ވޯކަލިސްޓެކެވެ. މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބަޒިގެ ލަވަތަކުގެ ޅެންވެރިކަމަކީ ބޮކިގެ އަލިގަދަ ސިކުނޑިން ލިބެމުންދާ އަލިކަމެކެވެ.  ބަޒިގެ މެއިން ޑްރަމަރ އަކީވެސް މުޙައްމަދު އަގީލް (ބޮކި) އެވެ.

ހުސައިން މުބާރިކް (މާރިއޯ)

އިސްމާޢީލް މުބާރިކް (މާރިއޯ)

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ތިއޭޓާ ރައުންޑާއި ހަމައަށް ދަތުރުކުރި ހުސައިން މުބާރިކް (މާރިއޯ) އަކީ ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ގެ އިސް ވޯކަލިސްޓެވެ. އެމީހުންގެ ގިނަ ލަވަތަކުގައި އާދައިގެ ގޮތަށް ލަވަތައް ހުށައަޅައިދެނީ އޭނާއެވެ.

އިތުރު މެންބަރެއް

މި މެންބަރަކީ ވެސް ‘ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ގެ ހުނަރުވެރި ވޯކަލިސްޓެކެވެ. ހަމަ އެހާމެ ހުރުވެރި ގިޓަރިސްޓެވެ.

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ގެ މަސައްކަތް ކުރިއަށްދާގޮތް ދައްކައިދިނުމަށް އެ ސްޓޫޑިއޯއިން ޕޯސްޓްކޮށްފައިވާ ވީޑިއޯއެއް.

މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި “ރާޅު މަރިޔބަނު” ބަޒި ސްޓޫޑިއޯ ބަލައިލަން ގޮސް – ފޮޓޯ: ބަޒި

ބަޒި ރިކޯޑްސް ސްޓޫޑިއޯ‘ ގެ ރަސްމީ މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.