’އައި ފިލްމްސް‘ގެ ނަމުގައި ފީޗާ ފިލްމު އުފައްދަން ފަށާފައިވާ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ ފުރަތަމަ ފިލްމު ”ބަވަތި”ގެ ދެވަނަ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މުޅިން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ވެސް މިހާރު ނިންމާލާފައިވާއިރު ފިލްމުގެ ދެވަނަ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލީ މިއަދު އެވެ. މިފަހަރުގެ ޓީޒާއިން ވެސް ބެލުންތެރިން ހައިރާންކޮށްލާފަދަ މަންޒަރުތަކެއް ފެނިގެންދެއެވެ. މިފަހަރުގެ ޓީޒާއިން ފެނިގެންދަނީ ފިލްމުގެ ލީޑްކުޅޭ އިފްނާޒް، މި ފިލްމުގައި އިބޫގެ ޕޮއިންޓްއޮފް ވިއުއެވެ.

ފިލްމު ”ބަވަތި”ގައި އިފްނާޒް ފެނިގެންދާ ކެރެކްޓަރ އާއިމެދު އޭނާ ބުނީ މިއީ ވަރަށް އާދައިގެ މީހެއްގެ ރޯލެއްކަމަށާއި ވަރަށް ތަފާތު އިމޯޝަންސްތައް ފެނިގެންދާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބެލުންތެރިންނަށް ގެނެސްދޭ މި ފިލްމުގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. އިފްނާޒަކީ ކުރިން ދި ޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުން ފެނިގެންގޮސްފައިވާ ޓީވީ ހޯސްޓެކެވެ. މީގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށް ވީޓީވީން ގެނެސްދިން ކުރު ބައެއް ޑްރާމާތަކުގައި އެކްޓަރެއްގެ ގޮތުން އިފްނާޒް ހަރަކާތްތެރިވެފައިވެއެވެ.

އާސިމް އަލީ އާއި އަހުމަދު ވަހީދުގެ ‘އައި ފިލްމްސް’ އިން އުފައްދާ ”ބަވަތި”ގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.

މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.

ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.