މަޝްހޫރު ކޮމީޑިއަން މުހައްމަދު ޝާޒް (ތަޖޫބެ) މުޅިން އައު ކެރެކްޓަރ އަކާއެކު މި ރަމަޟާންމަހު ގިނަ ޗެނަލްތަކަކުން ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ. “ޝާޒް ޗަޕްލިން”ގެ ނަމުގައި ޝާޒް ހުށައަޅައިދެނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮމީޑިއަން ޗާލީ ޗަޕްލިން ކެރެކްޓަރ އާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ކެރެކްޓަރ އެކެވެ.

ތަފާތު ގިނަ ކެރެކްޓަރ ތަކަކުން މަޝްހޫރުކަން ހޯދާފައިވާ ޝާޒް މުނިއަވަސް އަށް ބުނީ މިފަދަ 15 ވަރަކަށް ކެރެކްޓަރ އޭނާއަށް ކުޅެވިފައިވާ ކަމަށެވެ.

“މިހާރު ގާތްގަނޑަކަށް މިކަހަލަ ތަފާތު ފަނަރަވަރަކަށް ކެރެކްޓަރ ކުޅެވިއްޖެ. އެހެންވީމަ މީ މިހާރު އަނެއްކާ މި ކެރެކްޓަރ ތަކުގެ ތެރެއަށް އިތުރު ކެރެކްޓަރ އެއް މިވަނީ.” ތަޖޫބެ، ރަނޑު މީހެއްގެ ކެރެކްޓަރ ފަދަ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ކެރެކްޓަރ ތަކެއް ކުޅެފައިވާ ޝާޒް ބުންޏެވެ.

ޝާޒް އިތުރަށް ބުނީ ‘ޝާޒް ޗަޕްލިން’ ކެރެކްޓަރ ނޫން މުޅިން އައު އެހެން ކެރެކްޓަރ އެއްވެސް އޭނާ ކުޅެފައިވާނެ ކަމަށާއި ނަމަވެސް އެންމެ އަވަހަށް ފެންނާނީ ‘ޝާޒް ޗަޕްލިން’ ކެރެކްޓަރ ކަމަށެވެ.

ތިމާވެށްޓާއި ރައްޓެހި މެސެޖްތަކަކާއި އެކު ފެން ޓްރީޓްކުރުމުގެ ޚިދުމަތްދެމުން އަންނަ ‘ރިޓޯ ސޮލިއުޝަންސް‘ގެ “ރިޓޯ ދަ މޫވީ” ގެ ނަމުގައި އެ ކުންފުނިން ގެނެސްދޭން ފަށާފައި މިވަނީ ސިލްސިލާ އިޝްތިހާރުތަކެއް ކަމަށް ރިޓޯ ސޮލިއުޝަންގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ޢަލީ ރިފާޢު މުނިއަވަސް އަށް ބުންޏެވެ.

“ރިޓޯ ދަ މޫވީ”ގައި ޝާޒް ޗަޕްލިންގެ މޮޅު މޭކަޕް ކޮށްދީފައިވަނީ ހުނަރުވެރި އެކްޓްރެސް ފާތުމަތު ޒީނަތު އައްބާސް އެވެ. ޒީނަތު ކޮށްދީފައިވާ މޭކަޕާއިމެދު ޝާޒްވެސް ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ޝާޒް ބުންޏެވެ.

“ޝާޒް ޗަޕްލިން”ގެ މޭކަޕް ކުރުމުގައި ޒީނަތު – ފޮޓޯ: މުނިއަވަސް

“ރިޓޯ ދަ މޫވީ” އިން ފެނިގެންދަނީ ޝާޒް ކައިވެންޏެއް ކޮށްގެން އަނބިމީހާ ޒީނަތު ގޮވައިގެން ގެއަށްގެންދާތަނުން، ގޭތެރޭގައި ފުނިޖެހިފައި ހުންނަ ޕްލާސްޓިކް ފުޅިތައް ފެނި ޝާޒް ޗަޕްލިންގެ އަނބިފުޅު އޭނާއަށް ރުޅިގަނޑުބޭލުމަށްފަހު ޝާޒްގެ ގެއިން ނިކުމެގެންދާ ތަނެވެ.

“ޝާޒް ޗަޕްލިންގެ އަނބިފުޅު ގެއްލި މާޔޫސް ވެއްޖެ! ޕްލާސްޓިކް ފުޅީގެ އުނދަގުލަށް ހައްލެއް ބޭނުން!” ޝާޒްގެ ގެއިން ޒީނަތު ނިކުންނަ ހިސާބުން ފެނިގެންދާ މެސެޖަށްފަހު ‘ރިޓޯ ސޮލިއުޝަންސް’ގެ އިޝްތިހާރެއް ޝާޒް ޗަޕްލިން އަށް ފެނެއެވެ. ދެން ފެނިގެންދަނީ ޝާޒް ޗަޕްލިންގެ ގޭގައި ރިޓޯ މެޝިން ހަރުކޮށްގެން އޭގެ އުފާވެރިކަން ޝާޒް ޝަޕްލިންގެ އަނބިފުޅާއި އެކުގައި ހޯދާތަނެވެ.

ރިޓޯ ސޮލިއުޝަން އިން ރިފާޢު ބުނީ މިއީ ވާހަކައެއްގެ ގޮތަށް ގެނެސްދޭ ސިލްސިލާއެއްގެ ފުރަތަމަ ބައި ކަމަށެވެ.

ރިޓޯ ސޮލިއުޝަން އަކީ މައިގަނޑު ތިން ކަމަކަށް ބިނާކޮށް އުފައްދާފައިވާ ކުންފުންޏެކެވެ. އެގޮތުން ފެނަށް ކުރާ ހޭދަ ކުޑަކުރުމާއި ފެން ހޯދުމުގައި އުޅެން ޖެހޭ ތަކްލީފު ކުޑަކޮށްދިނުމާއި ތިމާވެށްޓާއި ރައްޓެހި ގޮތަކަށް ބޯފެން ލިބޭނެގޮތް ހަމަޖެއްސުމަށް އެހީތެރިވުމަށް ކުރިއަށްގެންދާ ވިޔަފާރިއެއް ކަމަށްވެސް ރިފާޢޫ ބުންޏެވެ. އެގޮތުން ‘ރިޓޯ ދަ މޫވީ’ގެ ފުރަތަމަ ބައިން ދައްކައިލަން ބޭނުންވީ ފެން ހޯދުމުގެ ތަކްލީފުބައި ކަމަށް ރިފާޢު ބުންޏެވެ.

ޝާޒްގެ މޭކަޕް ކުރުމުގައި ޒީނަތު – ފޮޓޯ: މުނިއަވަސް

ހުނަރުވެރި ކޮމެޑީ އެކްޓަރ ޝާޒް ގެ މި އުފެއްދުމާއިމެދު ރިޓޯ ސޮލިއުޝަންސް އިން ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިފައި ކަމަށްވެސް ރިފާޢު ބުންޏެވެ. އޭގެ އިތުރުން މި ޕްރޮޖެކްޓާއި ހަވާލުވ،ެ ބުނި ގަޑިއަށް ނިންމައިދިނުމާއި ޕްރޮޖެކްޓްގެ ހުރިހައި ކަމެއް ޝާޒްގެ ޓީމުން ވަރަށް ފުރިހަމައަށް ކޮށްފައިވާކަންވެސް ރިފާޢު ފާހަގަކުރިއެވެ.

ހުޅުމާލޭ ހިތިގަސްމަގުގެ ހަ ނަންބަރު ގޯޅީގައި ހުންނަ ރިޓޯ ޝޮލިއުޝަންސް އިން ސަޕްލައި ފެނާއި ވަޅު ފެނުން މީރު ބޯފެން ހަދާ ރިވަރސް އޮސްމޮސިސް ޕިއުރިފަޔަރ މެޝިނާއި އެ މެޝިނަށް ބޭނުންވާ ފިލްޓަރާއި ސްޕެއާ ފޯރުކޮށްދިނުމާއި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ގެ ތަކަށް މެޝިން ގުޅައިދީ ސާރވިސްކޮށް ބަލަހައްޓާއިދިނުން އެތަނުން ކޮށްދޭނެ ކަމަށް އިޝްތިހާރުގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.