އިހުޒަމާނުއްސުރެ ދިވެހިންނަކީ ބިދޭސީންނާއި ގުޅިލާމެހިފައިވާ ބައެކެވެ. މިގޮތުން ތަފާތު އެކިއެކި ކަންކަމުގައި މިދީބަށް ޒިޔާރަތްކުރާ މީހުން މަދެއްނޫނެވެ. ތަފާތު ދާއިރާތަކުގައި އެބައިމީހުންގެ މަންޒިލެއްކަމުގައި މި ދިވެހިރާއްޖެ ހިމެނިގެންދެއެވެ.

މީގެތެރޭގައި މި ޗާލު ޖަޒީރާގެ ޗާލު މަންޒަރުތަކުން ހިތްއުފާ ކޮށްލުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީވެސް މަދުބައެއްނޫނެވެ. އަދި ހަމައެހެންމެ މި ޙުއްބުލްވަޠަނާއި މެދު ދަހިވެތިވެގެން އައި މީހުންގެ ވާހަކައަކީވެސް ވަންހަނާވެގެންވާ ވާހަކައެއް ނޫނެވެ. މީގެ އިތުރުން މި މަޢުނަވީ މަންޒިލްގެ ވާހަކަތައް ފަތްފުއްތަކުގައި ލިޔުއްވާފައިވާ ޢިލްމުވެރިންވެސް މި މާލްދީބަށް ދުރުވެފައިވާކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހަމައެހެންމެ 1880 ގެ އަހަރުތަކުން ފެށިގެން 1960ވަނަ އަހަރުތަކާ ހަމައަށް ދިވެހީންނަށް އިހާނެތިވި ޝިޢައީންގެ ބޯރާ ޖަމާޢަތުގެ މީހުން ނުވަތަ ވޯރާވިޔަފާރިވެރިންގެ ވާހަކަތަައްވެސް ތާރީޚުން ފެންނަން އެބައޮތެވެ.

އާދެ! އަޅުގަނޑު އިސްވެ ބަޔާންކުރި ނުކުތާތަކުންވެސް ދޭސީންނާއި ބިދޭސީން ގުޅިލާމެހިފައިވާވަރު ހާމަވެއްޖެ ނޫންތޯއެވެ. އެކުވެރިކަމާ އެކުގައެވެ. އަދި ދެކޮޅުވެރިކަމާ އެކުގައެވެ. އަދި ކިއެއްތަ އެއިރުވެސް މިހާރުވެސް ބިދޭސީން ވަނީ އެކިއެކި ގޮތްގޮތުން ދޭސީންގެ މައްޗަށް އަތްގަދަ ކޮށްފައެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދިވެހިރާއްޖޭގެ މިއަދުގެ ހާލަތު ވަރަށް ސާފެވެ. މިއަދު ބައެއް ދިވެހިންނަކީ ކަންނެތް ބައެކެވެ. އަމިއްލަ ކޮނޑުގައި އަޅަންޖެހޭ މަސްއޫލިއްޔަތު އަނެކާގެ އަތްމައްޗަށް ދޫކޮށްލާ ބައެކެވެ. ތުއްތުތުއްތު މައުސޫމް ދަރިފުޅު ބަލަން ހަވާލުކުރަނީ ބިދޭސީ އަކާ އެވެ. މުސްކުޅިވެ ގައިބާރުދެރަވެފައިވާ މައިންބަފައިން ބެލުމުގެ ކަންތައްތައް ހަވާލުކުރަނީ ބިދޭސީއަކާއެވެ. ގެދޮރު ސާފުކޮށް ބަލަހައްޓަނީ ބިދޭސީ މީހާއެވެ. އަމިއްލަ ވިޔަފާރި ބަލަހައްޓަނީ ބިދޭސީ މީހާއެވެ. ނުވިތާކަށް ގޭގެ ކުނިކޮޅު އުކާލަނީވެސް ބިދޭސީމީހާ އެވެ.

މިނޫނަސް ދިރިއުޅުމުގެ ގިނަ ކަންތައްތައް ހަވާލުކުރަނީ ކޮންމެވެސް ބިދޭސީ އަކާއެވެ.

ދަންނައެވެ. އަމިއްލަ ޒިންމާތައް އެހެން މީހަކާއި ހަވާލު ކުރީމާ ތިބާގެ ދަރިފުޅުގެ އަސްލާއި އުސޫލަށް އަދި ވިސްނުމާއި ފިކުރަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްކަން އެނގޭހެއްޔެވެ. ތިމާގެ ގައިގާ ވަރުހުރެ މުސްކުޅި މަންމަ ނުވަތަ ބައްޕަ ބަލަން ބިދޭސީއެއްގެ އަތްމައްޗަށް ދޫކޮށްލީމާ ތިބާގެ ވެރި އިލާހުގެ ކުރިމަތީގައި ޖަވާބުދާރީވާނީ ކޮންފަދައަކުން ހެއްޔެވެ.

ހަމަ ކަށަވަރެވެ. މިއަދު ދިވެހިން މިވަނީ ބޭރުމީހުންނަށް އަޅުވެތިވެފައެވެ. އެމީހުންގެ ފިކުރުތަކަށް އަޅުވެތިވެފައެވެ. އެމީހުންގެ ސަޤާފަތަށް އަޅުވެތިވެފައެވެ. މިއަދު ބައެއް ދިވެހިން ތިބީ އެބައިމީހުން ހޮރަކަށް ވަނަސް އެހޮރަކަށް ވަނުމަށް ތައްޔާރަށެވެ.

މިއަދު އެބައިމީހުން އަތްގަދަކުރީކީ ނޫނެވެ. އެބައިމީހުން ދިވެހިން އަޅުވެތިކުރީކީނޫނެވެ. ނޭނގިތިބެ ނަމަވެސް އަޅުވެތިވެވެނީއެވެ. މިއަދު މި ދިވެހިރާއްޖޭގެ ކަންތައްތައް ބަލަހައްޓަނީ ބިދޭސީންނޭ ބުންޏަސް ދޮގަކަަށް ނުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.