ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ އަމިއްލަ ނަފުސު ދިފާއުކުރާނެ މީހެކެވެ. އެއީ އިންސާނީ ޠަބީއަތެވެ. ކުރެވޭ ނޭދެވޭ ޢަމަލުތަކުން ބަރީއަވުން ނުވަތަ ރެކުމަކީ އިންސާނީ އާދައެވެ.

މައްސަލައަކީ ޠަބީއަތެއް ނޫނެވެ. މައްސަލައަކީ ދިފާއުވުމެއްވެސް ނުމެނޫންމެއެވެ. މައްސަލައަކީ ދިފާއުވެވޭ ގޮތެވެ. ތެދުގެ މައްޗަށް ދޮގު އިސްކުރެވުމެވެ.

މިގޮތުން ނަފުސު ދިފާއު ކުރުމަށްޓަކައި ދޮގު ހުވާކުރުމަކީ މިއަދުގެ މުޖުތަމަޢުގައި އާންމު ކަމެކެވެ. އަދި ހަމަ އެހެންމެ އަމިއްލަ ނަފުސު ދިފާއުކުރުމުގެ އިތުރުން އެހެންމީހުން ދިފާއުކޮށްދޭން މަސައްކަތް ކުރަނީވެސް މަދުބައެއްނޫނެވެ.

ދަންނައެ، ކޮންމެ މީހަކު ކުރިޔަސް ކުށެއްވާނީ ހަމަ ކުށަކަށެވެ. މީގައި ވަކި ފަންތިއެއްގެ ނުވަތަ ވަކި ގިންތިއެއްގެ މީހަކު އިސްތިސްނާވެގެން ނުވެއެވެ. އެންމެ މީހަކު ކުރާކަމަކުންވެސް މުޅި މުޖުތަމަޢުއަަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ރަސްކަލެއްވިޔަސް ވަޒީރެއްވިޔަސް ކުށުގެ ދާއިރާގައިވާނީ ހަމަހަމައެވެ. އަދި ފަނޑިޔާރެއް ނުވަތަ ވަކީލެއް ނޫންނަމަ ފުލުހެއްވިޔަސް ހަމަ މިފަދައެވެ.

އާހް! ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިއަދުގެ މުޖުތަމައުޢަށް އިންސާފުގެ ނަޒަރަކުން ބައްލަވާލަމާ ހިންގަވާށެވެ. ހުވަަޔަކީ ކުޅިވަރެއްކަމަށް ހައްދަވައިގެން ހުވާގެމައްޗަށް ހުވާކުރައްވައިގެން އިންނަވާ އެހެންމީހުންގެ ޙައްޤު ނިގުޅައިގަތީ ކިތައް ފަނޑިޔާރުންތޯއެވެ؟ ހުވަޔަކީ ސަމާސާއެއް ކަމަށް ހައްދަވައިގެން ކުުށްވެރިޔާއަކީ ކުށުން މައުސޫމުވެގެންވާ މީހަކަށް ހެދުމަށް މަތިމައްޗަށް ހުވާކުރައްވާ ވަކާލާތުކުރެއްވީ ކިތައް ވަކީލުންތޯއެވެ؟ ހުވަޔަކީ މަޖަލެއްކަމުގައި ބައްލަވައިގެން ކުށެއްނެތް މައުސޫމު ރައްޔިތުމީހާ ހުރަގޭގެ ތޭރިތަކުގެތެރޭގައި ގައިދު ކުރުވަން މަސައްކަތްކުރައްވަނީ ކިތައް ފުލުހުންތޯއެވެ؟ އަދި ދޮގު ހުވާ ކޮށްގެން އަނެކާގެ ޙައްޤަށް އަރައިގަންނަން މަސައްކަތް ކުރަނީ ކިތައް މީހުންތޯއެވެ؟

އާދެ! އަޅުގަނޑު މިދަންނަވަނީ ހުރިހާ ފަނޑިޔާރުންގެ ވާހަކައެއްނޫނެވެ. ހުރިހާ ވަކީލުންގެ ވާހަކައެއްވެސް ނޫނެވެ. އަދި ހުރިހާ ފުލުހުންގެ ވާހަކައެއްވެސް ނޫނެވެ. އަދި ކޮންމެ ރައްޔިތަކީ މިފަދަ މީހެކޭވެސް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ރަނގަޅާއި ނުބައި އޮންނަ ފަދައިން ރަނގަޅު މީހުންނާއި ނުބައި މީހުންވެސް އުޅެއެވެ.

ސަހަރޯއެވެ. ދޮގު ހުވާކުރުމާއި ދޮގުހެކިދިނުން އާންމު ވެއްޖެއެވެ. މިއަދު މިފަދަ ކަންތައް މި ކުރެވެނީ ފަސްޖެހުމެއް ނެތިއެވެ. ހަމައެއް ލަަމައެއް ނެތެވެ. ކަންމިހެން ވުމުން މިވެށި ކުށުގެ ހާއްޔަކަށްވުން ނޫން އިތުރުކަމެއްވޭ ހެއްޔެވެ؟ ދޮގު ހުވާތައް ކޮށްގެން މުޖުތަމަަޢު ފަސާދަވުން ނޫންކަމެއް ވާނެހެއްޔެވެ؟ މިއަދު ދޮގު ހުވާގެ ސަބަބުން ބިކަވެފައިވަނީ ކިތައް ޢާއިލާތޯއެވެ؟ ދޮގު ހުވާގެ ސަބަބުން ކިތައް ކިތައް ލޭއޮހޮރުވުން މި ބިމުގައި ހިނގައިފިތޯއެވެ؟ ދޮގު ހުވާގެ ސަބަބުން ކިތައް މީހުންގެ މާލު ފޭރިގެންފިތޯއެވެ؟ ދޮގު ހުވާގެ ސަބަބުން ކިތައް މީހުންގެ ޢަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެން ހިނގައްޖެތޯއެވެ؟ އަދި ދޮގުހުވާގެ ސަބަބުން ނުޙައްޤުން ކިތައް މީހުންނަށް އަދަބު ލިބިއްޖެތޯއެވެ؟

ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. ރައްބީގެ މަތިވެރި އިލާހުގެ ކަލާމްފުޅުގައިވަނީ ކީކޭތޯއެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 224 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ މޫރިތި ބަސްފުޅުގެ މާނައިގައިވެއެވެ. “ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމް ކުޅައުމަަށް އެޅޭ ހުރަހެއްކަމުގައި، ﷲގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.