ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރާއި ކިންގް ޚާން، ޝާހްރުކް އެކުގައި ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ކާމިޔާބު އެވޯޑްތަކެއް އުފުލައިލި މަސައްކަތްތަކެކެވެ. ކަރަންގެ ނަސީބުގެ ތަރިއަކީ ޝާހް ކަމަށްވާއިރު، ޝާހް ގެ ނަސީބުގެ ތަރިއަކީ ކަރަން ކަމަށް ޤަބޫލުކުރެވޭ ހިސާބަށް މި ދެ ފަންނާނުން އެކުގައި ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ކާމިޔާބު ލިބިފައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި އިސްމާޢިލް ރަޝީދު (ކޮޕީ އިއްސެ) އާއި މޫމިން ފުއާދަކީ ވެސް މިފަދަ ޖޯޑެކޭ ބުނުމުގެ ޖާގައެއް އޮތްކަމަށް މި ދެ ފަންނާނުންގެ ޓްރެކް ރެކޯޑަށް ބަލައިލުމުން ފެންނަން އެބައޮތެވެ.

ކޮޕީ އިއްސެއަކީ އޭނާއަށް ލިބިފައިވާ ‘ކަޅު ކަމުން’ އިސްކިރީނުން ފުރުޞަތު ދިނުމަށް ބައެއް ޕްރޮޑިއުސަރުން ދެކޮޅު ހެދި ފަންނާނެއް ކަމަށް ހަމަ ގައިމުވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މޫމިން ފުއާދުގެ އެންމެ ފުރަތަމަ ފީޗާ ފިލްމު ‘ހޭލާ’ އިން ކޮޕީ އިއްސެއަށް ފުރުޞަތު ދިނީ އިއްސެގެ ފަރާތުން ކޮންމެވެސް ޚާއްޞަ ކަންތައްތަކެއް ފާހަގަވެގެން ކަމަށް ޤަބޫލުކުރެވެއެވެ. މިކަމަށް ބާރު ލިބިގެން ދިޔައީ ޤައުމީ ފިލްމު އެވޯޑުގައި 2006 ވަނަ އަހަރު ރިލީޒްވި ފިލްމު ‘ހޭލާ’ އިން ކޮޕީ އިއްސެއަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަޤާމާއި ކްރިސްޓަލް އެވޯޑުން އެންމެ މޮޅު ވިލަންގެ މަޤާމު ލިބިގެން ދިއުމެވެ. މިއީ މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް މޫމިން ފުއާދު އާއި ޢަލީ ޝިފާޢު ޗިއްޕެ ޑައިރެކްޓްކުރި ފިލްމެކެވެ.

‘ހޭލާ’ އިން ފިލްމީ ދާއިރާއަށް ކޮޕީ އިއްސެ ރަނގަޅަށް ހެއިލެއްވުނީ ހަމަ ގައިމުވެސް މޫމިންގެ ވަރަށް އަގުހުރި މަސައްކަތުންނެވެ. އޭގެ ނަތީޖާއަކަށްވީ 2011 ވަނަ އަހަރު މޫމިން ލިޔެ ޑައިރެކްޓްކޮށް އުފެއްދި ‘ލޫދިފާ”ގައި އިއްސެ އަދާކުރި ރޯލަށް އެންމެ މޮޅު އެކްޓަރުގެ މަޤާމު މޯލްޑިވްސް ފިލްމު އެވޯޑްސްގައި ހާސިލްކުރެވުމެވެ. ހަމަ އެހެންމެ ޤައުމީ އެވޯޑުން ވެސް އެ މަޤާމު ހާސިލްކުރެވުނެވެ.

‘ލޫދިފާ’އަށް މޯލްޑިވްސް ފިލްމްސް އެވޯޑްގައި އެންމެ މޮޅު އާޓް ޑައިރެކްޝަން އާއި ނޭޝަނަލް އެވޯޑުން ވެސް އެންމެ މޮޅު އާޓް ޑައިރެކްޝަން އެވޯޑް ލިބުނެވެ.

މޫމިން އާއި އިއްސެ – ފޮޓޯ: މުނިއަވަސް

މީގެ އިތުރުންވެސް ކޮޕީ އިއްސެއާއި މޫމިން އެކުގައި ކުރި މަސައްކަތްތަކުން ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައިވެއެވެ. އެގޮތުން ‘ސޯލް’ ވީޑިއޯ އަލްބަމާއި ‘އަކްބަރް އެންޑް ބީރްބަލް ސީރީޒް’ ފަދަ އެތަކެއް މަސައްކަތްތަކެއް މި ލިސްޓަށް އަމުނައިލެވެން އެބައޮތެވެ.

މިއީ މޫމިންގެ ސްކްރީންޕްލޭ ތަކުން ކޮޕީ އިއްސެއަށް ލިބިފައިހުރި ކާމިޔާބީތަކެވެ. މޫމިން ފުއާދު އާއި ކޮޕީ އިއްސެ އެކުގައިކުރި މަސައްކަތްތަކަށް މިފަދަ ކާމިޔާބު އެވޯޑްތަކެއް ލިބިފައިވާއިރު، މިއަހަރު އޮފީސް ޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގެނެސްދޭ ޑްރާމާ ‘ނަކަލު’ މިއީވެސް މި ދެ ފަންނާނުން ހިއްސާވާ މަސައްކަތެކެވެ.

އެމްއޭސީއެލް ޑްރާމާ “ނަކަލު” އުފެއްދުމުގެ މަސައްކަތުގައި – ފޮޓޯ: މުނިއަވަސް

މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ޓީވީއެމް އިން ދެއްކުމަށް ހަމަޖެހިފައިވާ “ނަކަލު”ގެ ސްކްރީންޕްލޭ ލިޔުނީ މޫމިން ފުއާދު އެވެ. ޑައިރެކްޓް ކުރީ ކޮޕީ އިއްސެ އެވެ. އެހެންކަމުން މިއީ އަނެއްކާވެސް އިއްސެ އާއި މޫމިން އެކުގައި ކޮށްފައިވާ މަސައްކަތަކަށް އެވޯޑެއް ލިބުމުގެ ފުރުޞަތު ބޮޑު ޕްރޮޖެކްޓެއް ކަމަށް ޤަބޫލުކުރެވެއެވެ.

“ނަކަލު” ޑްރާމާގެ ޑައިރެކްޓަރ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)ގެ އުއްމީދުވެސް ހުރީ މިފަދަ ގޮތަކަށެވެ. ޚާއްޞަކޮށް މޫމިންގެ ސްކްރީންޕްލޭ އާއިމެދު އިއްސެ ހުރީ ނިކަން ހިތްހަމަ ޖެހިފައެވެ. މީގެ އިތުރުން އެމްއޭސީއެލް ޑްރާމާ “ނަކަލު”ގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓިން އާމެދު ވެސް އިއްސެ ހުރީ އެހާމެ ހިތްހަމަޖެހިފައެވެ.

އަހަރުތަކެއް ފަހުން އެކްޓަރެއް ސްކްރީނަށް ގެނެވުނީތީ އުފާކުރާކަމަށް އިއްސެ ވަނީ ބުނެފައެވެ. ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އިއްސެ މިހެން ބުނީ މިއަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގެނެސްދޭ ޑްރާމާ ‘ނަކަލު’ގެ ލީޑް ތަރިންގެ ތެރެއިން އެ ޑްރާމާގެ ފިރިހެން ލީޑް އަޙްމަދު ޝަމާން (ސިމްބަ)ގެ ފޮޓޯއެއް ހިއްސާކުރަމުންނެވެ. މުނިއަވަސް އަށް އިއްސެ ބުނީ ސިމްބައާމެދު އެހެން ބުނާވަރަށް އޭނާގެ އެކްޓިން މޮޅު ކަމަށެވެ.

ކޮޕީ އިއްސެގެ އުއްމީދުތަކުގައި ހުރި ފަންވަރަކާއި ބުންވަރެއް މާދަމާރޭ “ނަކަލު” ބަލައިލުމުން އެނގިދާނެތާއެވެ. ހަމަގައިމުވެސް އިއްސެ އާއި މޫމިން އެކުގައި ކުރި މަސައްކަތްތަކުގެ ޓްރެކް ރެކޯޑަށް ބަލާއިރު މިއީ އަނެއްކާވެސް އިއްސެ އާއި މޫމިން އަށް އެވޯޑެއް ލިބުމުގެ ފުރުޞަތު ބޮޑު ފަހަރެއް ކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.