އިންސާނުންގެ ތެރޭގައި ދެޖިންސުގެ މީހުން ޚާލިޤް ކުރައްވާފައި ވަނީ އެކަކު އަނެކާއަށް ބޭނުންވާނެ ފަދައިންނެވެ. މަތިވެރި އިލާހު މި ދެޖިންސުގެ ދެމެދުގައި މަތިވެރި އިސްކެއް ލައްވަވާ އެކަކު އަނެކާއަށް ރަޙުމް ކުރާނޭ ހިތެއް ލެއްވިއެވެ. އެ ދެމީހުންނަކީ އިންސާނީ ގުލްޝަނުގައި ވަސްމީރު މާމެލާމެލީގެ ގުލްދަސްތާ ތަކުން މި ދުނިޔެއަށް އާރޯކަމާއި ތާޒާކަން ގެނެސްދޭނެ ދެ މީހުންކަމުގައި ލެއްވިއެވެ. އެހެން ގޮތަކަށް ބަޔާން ކުރާނަމަ އެ ދެމީހުންނަކީ އިންސާނީ ދަރިފަސްކޮޅު އާލާކޮށް މި ދުނިޔެ އާރާސްތުކޮށް ބިނާކުރާނޭ ދެމީހުން ކަމުގައި ލެއްވިއެވެ.
އިސްވެދިޔަ ނުކުތާތަކުން ވެސް އަންހެން ފިރިހެން މި ދެޖިންސު އެކަކު އަނެކާއަށް ބޭނުންވާނެވަރު ފަހުމުވެއްޖެ ނޫންތޯއެވެ. އެކަކު އަނެކާއަށް ރަޙުމާއި އޯގާތެރިކަމާއި ކުލުނު ބަހައްޓަންޖެހޭ ވަރު ހާމަވެގެން ގޮސްފި ނޫންތޯއެވެ. ފިރިމީހާ އަނބިމީހާއަށް ލޯބި ބަހައްޓަންވީވަރު ވެސް ސާފުވެއްޖެ ނޫންތޯއެވެ.
އެއްވެސް ޝައްކެއްނެތެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމީހެއްގެ އަނބިމީހާއަށް އެހީތެރިވެ އޯގާތެރިވާ މީހަކު ކަމުގައި ވާން ޖެހެއެވެ. ބަހާއި އަމަލުގައެވެ. ހަމައެކަނި އޯގާތެރި ބަސްތަކެއް އަމުނައިލިޔަކަސް މުޅިއަކުން ނުފުދޭނެ އެވެ. އަޅުގަނޑުމެންނަށް ވީ ފަސޭހައެއް ކޮށްދޭންވާނެ އެވެ. ގޭގެ އިންތިޒާމުތައް އަނބިމީހާ ހަމަޖައްސަމުން ދާއިރު ފިރިމީހާގެ ޒިންމާއަކީ ރެޔާއިދުވާލު އައްޑަން ހަމަވާއިރު މަސައްކަތުގައި އުޅުމެއްވެސްނޫނެވެ. އަނބިމީހާއަށް ވަގުތު ހުސްކޮށްދީ ކުރާ ކަންތައްތަކުގައި ބައިވެރިވާންވާނެ އެވެ.
ޔަޤީނެވެ. ހަތަރުދަމު ގެއިންބޭރުގައި އުޅޭމީހަކަށް ގޭގެ ހާލަތު ހުންނާނީ ކިހިނަކުންކަމެއް ނޭނގޭނެއެވެ. ތިމާގެ ލޯބިވާ އަނބިމީހާ ގޭގައި އުޅޭނީ ކިހައި އަވަދިިނެތިކަމެއް ވެސް ނޭނގޭނެއެވެ. ގިނަ އަންހެނުންނަކީ ގޭގައި ހުންނަ ކުދިކުދި ކަންތައްތައް ކުރަމުން، ގެ ސާފުކޮށް ބަލަހައްޓަމުން އަދި ދަރިން މަސަލަސް ކުރަމުން މިހުރިހާކަމެއް ކުރަމުންދާ ހީވާގި ކަނބަލުންނެވެ. މީގެ އިތުރުން ދަރިން ސުކޫލަށް ފޮނުވުމާއި އަންނައުނު ދޮވެ އިސްތިރިކުރުމާއި ކައްކާ ހެދުމަކީ ފޫހިކަމެއްނެތި ކުރަމުންދާ ކަންތައްތަކެވެ. ވީމާ އަނބިންނަށް އަޅައިލުމަކީ އަޅުގަނޑުމެން ފިރިންގެ މައްޗަށް ލާޒިމުކަމެކެވެ.
މައްސަލައަކީ ކޮބައިތޯއެވެ. މައްސަލައަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިފަދަކަންކަން ނުވިސްނޭ ފިރިހެނުން މަދުން ނަމަވެސް އުޅޭކަމެވެ. އެފަދަ ފިރިހެނުންގެ ނަޒަރުގައި އަނބިމީހާއަށް އެހީތެރިވެ އުޅުމަކީ އަނބިދަށުވުމެވެ. އަނބިމީހާ ކުރާ ކަންތައްތަކުގައި ބައިވެރިވުމަކީ ނާތަހުޒީބީ ކަމެއްކަމުގައި ދެކެއެވެ. އެފަދަ މީހުންގެ ވިސްނުމުގައި އެއީ އަނބިމީހާ ކުރިމަތީގައި ތިމާ ނިކަމެތިވެގަތުމެވެ.
އާދޭހެވެ. މިދެންނެވިފަދަ މީހުންނަކީ ޙަޤީޤަތުގައިވެސް ވަލުބުޑު ނުކެނޑި ތިބޭމީހުންނެވެ. ނުވަތަ ތަހުޒީބުނުވެ ތިބޭ މީހުންނެވެ. ތިމާގެ ލޯބިލޯބި ދަރިފުޅު ގައިން ޠާހިރު ކުރުމަކީ އަނބިދަށުވުންތޯ އެވެ؟ ދަރިފުޅު ސުކޫލަށް ގެންގޮސް ގެނެސްދީ ހެދުމަކީ އަނބިދަށުވުންތޯ އެވެ؟ ތުއްތު ތުއްތު ދަރިފުޅަށް ކާންދީ ހެދުމަކީ އަނބިދަށުވުންތޯ އެވެ؟ އަނބިމީހާ ކައްކާއިރު އަތްގާތްކޮށްދީ ހެދުމަކީ އަނބިދަށުވުންތޯ އެވެ؟ ގޭތެރެފޮޅައި ސާފުކޮށް އަންނައުނު ދޮވެދީ ހެދުމަކީ އަނބިދަށުވުންތޯ އެވެ؟ ވަހުމެއްނެތެވެ. މިދެންނެވި ހުރިހާ ކަންތައްތަކަކީ ވެސް އަނބިމީހާދެކެ ލޯބިވުން ކަމުގައި ނޫނީ ނުވާނެއެވެ. ޒިންމާދާރު ފިރިއަކީ އޯގާތެރިވެ އަޅައިލާ ފިރިމީހާއެވެ.
ޔަޤީނެވެ. އަނބިންނަށް އަޅައިލުމަކީ އަނބިދަށުވުމެއް ނޫނެވެ. އެންމެ ހެޔޮ ފިރިންނަކީ ރައްޓެހިންގެ މަލާމާތުގެ ބަސްތައް ހަޖަމުކުރާ އަދި އަނބިމީހާއަށް އެހީތެރިވުމުގައި ސާބިތުވެހުންނަ މީހާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި