މިއަހަރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ގެނެސްދޭ ޑްރާމާ ”ނަކަލު“ މިރޭ 2315 ގައި ޓެލެވިޛަން މޯލްޑިވްސް އިން ދައްކާނެ އެވެ.

ޑްރާމާ ”ނަކަލު”ގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ’ވޭރިއަސް އާޓްސް‘ އިން ކަމަށެވެ. ޑައިރެކްޓްކުރީ މަޝްހޫރު އެކްޓަރ އަދި ކުރިއަރަމުން އަންނަ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މިއީ މޫމިން ފުއާދު ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ މެލޯ ޑްރާމާއެކެވެ.

”މި ޑްރާމާ ބޮޑަށް ދާނީ ސެމީ އާޓް ފިލްމެއްގެ ސިފައިގަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މި ޒަމާނުގަ ޑްރާމާތައް ހުންނަން ޖެހޭނީ މިކަހަލަ ގޮތަކަށް. ޑްރާމާ ސްޓައިލަށްވުރެ ފިލްމު ލުކް އައިސްފަ. މީ މިހާރު ޑްރާމާ އުފައްދާ ގޮތަކީ. މި ޑްރާމާއިން އަޅުގަނޑު މިދޭ މެސަޖަކީ އެއްވެސް ހާލެއްގަ ސަމާސާއެއް ނޫން. އެންމެން ބަލަން ޖެހޭ ޑްރާމާއެއް މީ.“ އެމްއޭސީއެލް ޑްރާމާ ”ނަކަލު“ އާމެދު ޑައިރެކްޓަރ ކޮޕީ އިއްސެ މުނިއަވަސް އަށް ބުންޏެވެ. އިއްސެ ބުނީ މީގެ ސްކްރީންޕްލޭ ވަރުގެ މޮޅު ސްކްރީންޕްލޭ އެއް މިފަހަރު އެއްވެސް ޑްރާމާއެއްގައި ނުހުންނާނެ ކަމަށެވެ.

ނަކަލު“ ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ރ. މާކުރަތުގައެވެ. މި ޑްރާމާގެ މައިގަނޑު ކާސްޓްގެ ތެރޭގައި ހިމެނެނީ އަޙްމަދު ޝަމާން ނަޒީރު، އާއިޝަތު ކައުޘަރު ރަޝީދު، ޢަބްދުﷲ މާހިރު، ފާޠިމަތު ޙަނީފާ، މުޙައްމަދު ރަފީޢު، މުސްއަބް މުޙައްމަދު، ޤާސިމް އަބޫބަކުރު، ޙުސައިން ފިރާޤް އަދި އާއިޝަތު ސީމާ އެވެ.

މިދިޔަ އަހަރު އެންސީއޭގެ މޯހިރުކަމުގެ ދަށުން ބޭއްވި އޮފީސް ޑްރާމާ މުބާރާތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ ”އިހާނާތް“ އިން އަބްދުﷲ މާހިރު ހޯދި އިރު، އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް ވެސް ހޯދާފައިވަނީ އެމްއޭސީއެލް ޑްރާމާ ”އިހުމާލު“ން ސިމާހު އަހުމަދު އެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ ”އިހާނާތް“ ގެ ބަތަލާ އަލްމަރްހޫމާ ފާތުމަތު ނާޒްލީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.