އަޖައިބެކެވެ. އަހަރެންގެ ހިތަށް އަންނަ އެއްޗެހި އާނިސް އަށް އެނގެންވީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެން ދުވަހަކުވެސް ހެޔޮ ހިތުން އަނގައިން ވެސް ބުނި މީހެއް ނޫނެވެ. މަންމަމެން އަހަންނަށް ކިތަންމެ އެއްޗެއް ކިޔަސް އަހަރެންގެ ދިފާއުގައި އޭނާ ވާހަކަ ދައްކަންޖެހޭ ހެއްޔެވެ؟ އަހަރެން އޭނާ ދެކެ ރުޅި އާދެއެވެ. މީގައިވެސް ހެއްވާކަމަކީ އަހަރެން އާނިސްދެކެ އެހާ ރުޅި އަންނަނީ ކީއްވެކަން ޚުދު އަހަންނަށް ވެސް ނޭގޭތީއެވެ.
އާނިސް އަކީ މީގެ ތިންއަހަރުު ކުރިން މަންމަމެން ރާއްޖެތެރެއަށް ކުރި ދަތުރެއްގައި މި ގޭގައި އުޅެން ގެނައި ކުއްޖެކެވެ. އޭނާ އަކީ މައިންބަފައިން ނިޔާވެ ޔަތީމު ވެފައިވާ ކުއްޖެކެވެ. އޭނާގެ އެ ހުންނަ ރަށްފުށު ގޮތްގަނޑާއި މަޑުމައިތިރި ގޮތް ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. އަހަރެންގެ ރަހުމަތްތެރިންނާއެކު އާނިސް އަށް އިންތިހާއަށް މަލާމަތްކޮށް ޖެއްސުން ވެސް ކުރަމެވެ. ނަމަވެސް ގިނަ ފަހަރު އޭނާގެ ފަރާތުން އަންނާނީ ލާނެތް ހިނިގަނޑެއް ނޫނީ ކުރުކުރު ރައްދު ޖަވާބެކެވެ. އެކަމާ ހުރެ އޭނާ އަށް ޖެއްސުންކުރުމުގެ ރޫހު އިތުރަށް އާލާވެގެން ދެއެވެ.
އަހަރެންނަކީ ރައްޓެހިންނާއެކު މަޖާ ކުރުމާ ކުޅިވަރުގައި ވަގުތު ހޭދަކުރާ ހިތްވާ މީހަކީމެވެ. ބައްޕަގެ ފައިސާތައް ތަޅައިބުރުވުމަކީ އަހަރެންގެ ހޮބީއެވެ. މިކަމާ މަންމަމެން އަހަންނާ ދިމާއަށް ނިކަން ހަޅޭއް ވެސް ލަވައެވެ. ނަމަވެސް އޭގެ އަސަރެއް ކުރާނީ އަހަރެން އެ ހާސަރުތަކުގެ ބަހެއް އަޑުއަހައި އެއަށް އަމަލެއް ކުރިއްޔާތާ އެވެ. އަހަރެން ދެކޭ ގޮތުގައި އަހަންނަކީ މިނިވަން ހިޔާލެއްގެ މޮޑާން ކުއްޖަކީމެވެ. އަހަންނަށް އަށާރަ ފުރުންވީ އަހަރެންގެ މިނިވަން ކަމަށް އެޅުނު އިތުރު ބޮޅަކަށެވެ.
އަހަރެންގެ ދިރިއުޅުމުގެ މަންޒިލާއި ދޭތެރޭ ވިސްނުމަކީ އަހަރެން ވިސްނާފައިވީ ކަމެއްނޫނެވެ. އަހަރެންގެ ދުވަސް ފެށެނީ ނިދިއައިސްފައިވާ ލޮލަކާއިގެންނެވެ. އަހަންނަށް ރޭގަނޑުވަނީ ދުވާލު އިރު އެރީމައެވެ. ދީނާ ދޭތެރޭ ވިސްނައި ނަމާދަށް ސަޖިދައެއް ޖެހި ދުވަހެއް އަހަރެން ހަނދާނެއް ނެތެވެ. އަހަރެންގެ މައިންބަފައިން ފަދަ ދީނުގެ ކަންތަކަށް އެހާ ލޯބިކުރާ ބައެއްގެ ދަރިއެކޭ އަހަރެންމީ މީހަކު ނުވެސް ބުނާނެއެވެ. އަހަރެންގެ ގިނަ ރޭތައް ހޭދަކުރަމުން ދިޔައީ ބައްޕަގެ ރިސޯޓު ތަކުގައި އެކިއެކި ފިރިހެނުންނާ އެކުގައެވެ. ގިނަ ފިރިހެނުންނާ އެކު ދާއިރު އެއިންން މީހެއްގެ ނަންވެސް އަހަންނަށް ނޭނގެއެވެ. އިރު އަރާއިރު ގެއަށް އައިސް ވަންނައިރު މީހާ ހަމަހޭގައި ނުހުރެވެއެވެ. ރާ ބޮވޭވަރު އަހަންނަށް ބުނެދޭން ވެސް ނޭގެއެވެ. ގޭގެ ބެލް ޖަހައިލެވޭހެން ހީވެއެވެ. ދޮރު ހުޅުވަނީ އާނިސް ހެން ހީވެއެވެ. އަހަންނަށް ދެން ހޭވެރިކަމެއް ވާއިރު ހުންނާނީ އަނެއް ކޮޅުން އިރު އޮއްސިފައެވެ.
އެއްދުވަހެއްގެ ހަވީރެވެ. އަހަންނަށް ހޭލެވުނީ މޭނުބައިކޮށް ހޮޑުލަވާތީއެވެ. ކުރީ ރޭގައި ބޮވުނު އެއްޗެހީގެ ބާރުގަދައީ ތޯއްޗެކެވެ. ދެތިން ފަހަރު ހޮޑުލެވުނު އިރުވެސް ރަނގަޅުވާ ގޮތެއް ނުވިއެވެ. އޭރުވެސް އަހަރެންގެ ރަހުމަތްތެރިންކޮޅު އެރޭ ރިސޯޓަށް ދާން ގުޅައި ބާލަނީއެވެ. ނަމަވެސް އެއިން ކޯލަކަށް ޖަވާބު ދެވޭހާ ވެސް އަހަރެންގެ ހިތްވަރެއް ނެތެވެ. ހައިވެގެން މީހާ ތުރުތުރު އަޅަން ފެށިއެވެ. އާނިސް އަށް ގުޅީ ކާއެއްޗެއް ގެނެސްދޭށޭ ބުނާށެވެ.
އާނިސް އައިސް ކޮޓަރިއަށް ވަންއިރު އަހަންނަށް ގަދައަށް ހޮޑުލެވެމުން ދެއެވެ. އާނިސް އައިގޮތަށް އައިސް ވަނީ ފާހާނައަށެވެ. އަހަރެން ހުރީ ދޮރުވެސް ނުލައްޕައެވެ. އާނިސް އަށް ވީގޮތެއް ވެސް ނޭގުނެވެ. އައި ގޮތަށް އައިސް އަހަރެންގެ ނިތްކުރީގައި ހިފަހައްޓާލާފައި ބުރަކަށީގައި ފިރުމާލިއެވެ. އަހަންނަށް ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭގުނެވެ. ގައިގައި އަޅަމުން ދިޔަ ވޭން އެއްކޮށް ފިލައި ދިޔަ ކަހަލައެވެ. އެކަހަލަ އޯގާތެރި ފިރުމުމަކަށް ބޭނުންވެފައި ހުރި ލެއް ބޮޑުވީމާ ތޯއްޗެކެވެ. ހޮޑުލާ ނިމުމުން އަހަންނަށް ރޮއެގަނެވުނެވެ. އަދި އެނބުރިލައި އާނިސްގައިގައި ބައްދައިލެވުނެވެ. އާނިސް ހުރީ އަހަރެން ގައިގައި ބައްދާލަންވެސް ނުކެރި ހުރި ގޮތަށް ގާވެފައެވެ.
އަހަންނަށް ހަމަ ބިމަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. ވަގުތުން އާނިސް ދުރަށް ކޮއްޕާލީމެވެ. އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ކާއެއްޗެއް ގެނެސްފިންތަ؟” ރުޅިވެރި ރާގަކަށް އަހަރެން ބުނެލީމެވެ.
“ލައްބަ” އަދަބުވެރިކަމާއެކު އާނިސް ބުނެލިއެވެ.
“ކޮބާ މަންމަ މެން؟ ބުނޭ ޑޮކަކަށް ގުޅާށޭ” ކެތް ނުވާވަރުވީމަ އަހަރެން ބުނީމެވެ.
“ދައްތަމެން ރާއްޖޭގަ ނޫޅޭ. ރޭގަ ވިޔަފާރި ބައްދަލުވުމަކަށް ފުރީ. އަންނާނީ ހަފްތާއެއް ފަހުން.”
“އެހެންވީރު ކަލޭ ގުޅާ. ގުޅައިގެން ގެނޭ.”
އާނިސް ކޮޓަރީން ނިކުމެގެން ދިޔުމުން އޭނާ ގެނެސްފައި ހުރި ކޮފީތަށިން އެތި ފޮދެއް ބޯލައިގެން އަހަރެން އޮށޯވެލީމެވެ. އަހަންނަށް އަރާމުގެ ނިދިކޮޅެއް ލިބުނެވެ. ހޭލެވުނީ ޑޮކްޓަރ ފަހީމް ގޮވާލީމަ އެވެ. ފަހީމް އަކީ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރި އެއްގެ ދަރިއެކެވެ. ފަހީމް ޑޮކްޓަރ ކަން ކިޔަވަން ބޭނުންވާކަން އެނގުމުން އެކަމުގެ ހުރިހާ ހަރަދެއް ބަލަހައްޓައިދީ ކިޔަވައިދިނީ އަހަރެންގެ ބައްޕައެވެ. އަހަރެން ބޭނުންވާ އެކި އެކި ބޭސްތައް ގެނެސްދިނުމާ ކަންކަން ކޮއްދެނީވެސް ފަހީމެވެ.
“އޭތް. އައީ ދޯ؟ ހޭލީއްސުރެ ހޮޑުލެވޭތީ މިއުޅެނީ. އަދަދު ނޭގެ މިހާރު. ބޭހެއް ނެތްތަ؟”
“ޗެކު ކޮއްލާފައެއްނު ދޯ؟ ކޯއްޗެއްތަ ރޭގަ ބޭނުންކުރީ އަނެއްކާ؟” ފަހީމް ސީރިއަސް ވެލާފައި އަހާލިއެވެ.
“ހަމަ އެހެންޏާވެސް ބޭނުންކުރާ އެއްޗެހި.” ފަރުވާ ކުޑަ ގޮތަކަށް އަހަރެން ބުނެލީމެވެ.
އިރު ކޮޅަކު ބަލާލާފައި ފަހީމް ތެދުވެ އަހަންނާ ކުރި ސުވާލަކީ އަހަރެން އުންމީދު ކުރި ކަހަލަ ސުވާލެއްވެސް ނޫނެވެ.
“ފިރާ! އެންޓި ޕުރެގް ބޭސް މިހާރު ބޭނުން ނުކުރަނީތަ؟”
“ވަޓް… ވަޓް ރަބިޝް… އާ ޔޫ މޭޑް.” އަހަރެންގެ ހުރިހާ އިސްތަށިތައް ކޮޅަށް ޖެހުނެވެ.
“ޔޭސް ފިރާ…. އައި ތިންކު ޔޫ އާ ޕުރެގް.” ފަހީމްވެސް ކަންބޮޑުވެފައި ބުންޏެވެ.
“ޑޫ ދަ ޓެސްޓް އެގެއިން ފަހީމް.” އަހަރެން ހާސްވިއެވެ.
“އޯކޭ. ލެޓްސް ސީ…” ފަހީމްގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ.
އަހަރެންގެ ހޮޑުލެވުން ވެސް ހުއްޓުނު ކަހަލައެވެ. ބޭހެއް ދިނުމަށްފަހު މާދަން ކުލިނިކަށް ގޮސް ލޭ ޓެސްޓް ކުރުމަށް ފަހީމް ބުންޏެވެ. އެކަމަކު އެހެންވާންވީ ކީއްވެ ހެއްޔެވެ. ހަމަގައިމުވެސް އެންމެ ދުވަހެއްވެސް ބޭސް ނުކައި ހުރެފައެއް ނޯންނާނެއެވެ. އަހަރެންގެ ސިނކުޑި އިތުރަށް ބަރުވަމުން ދިޔައެވެ. ބޭހުގެ އަސަރު ކަމެއް ނޫނީ ވަރުބަލިވި ވަރުންކަމެއް ނޭގެއެވެ. ނިދުނީއެވެ. ހޭލެވުނުއިރު ހުރީ ވަރުބަލިކަންފިލައި މީހާ ހަމަޔަކަށް ވެސް އެޅިފައެވެ. އިހުސާސްވީ ހަމައެކަނި ބަނޑުހައިކަމެވެ.
ތެދުވުމުން އަނެއްކާވެސް އަނބުރާ ގޮތެއް އިހުސާސްވިއެވެ. އެކަމަކު ގަޑިން ދެގަޑި ބައިވާތީ އާނިސް ނިދާފައި އޮންނާނެކަން ޔަގީންވިއެވެ. ކާއެއްޗެއްވެސް ކެވޭނީ އަމިއްލަ އަތުން ނަގައިގެން ކަން އެނގެއެވެ. އަހަރެން ބަދިގެއަށް ދާންދިޔައިރު އާނިސް ސިޓިްންރޫމްގެ ގޮޑިއެއްގައި ނިދާފައި އޮއްވާ ފެނުނެވެ. ނަމަވެސް އެގަޑީގައި އޭނާއާ ކުރިމަތިލާ މޫޑު އޮފް ކޮއްލާކަށް ބޭނުމެއްނުވިއެވެ. ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ހަދައިގެން އެނބުރިލި އިރު ދޮރުމަތީގައި އާނިސް ހުރިތަން ފެނުމުން ސިއްސައިގެން ދިޔައެވެ.
އަޅައިވެސް ނުލާ ރުންކުރުކަން މޫނުމައްޗަށް ގެންނަމުން ނިކުމެ ސޯފާގައި ޖައްސާލީމެވެ. އިރުކޮޅަކުން އާނިސް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކޮފީތަށި އޭނާގެ މޫނަށް ޖަހާފައި ހެއްދެވި ނުހެއްދެވިއަށް ގޮވައި ހަޅޭއްލަވައިގެންފީމެވެ. އާނިސްގެ ފަރާތުން ފެނުނު ރައްދަކީ އަހަންނަށް އާ ކަމެއްނޫނެވެ. ފަހަތުން ނެގީ ޖޫސް ތައްޓެކެވެ. ނަގައި އަހަންނަށް ދިއްކޮއްލިއެވެ. ކުނިމޫނު ހަދާފައި އަހަރެން ދިޔައީ ކޮޓަރިއަށެވެ. އިރުކޮޅަކުން އަނެއްކާވެސް އާނިސް އައެވެ. ހަމަ އެޖޫސްތަށި ހިފައިގެންނެވެ. ހައިވެފައި ހުރި ވަރުން ޖޫސްތަށީގައި ހިފާ އެއްފަހަރުން ޖޫސްތަށި ދަމާލައިފީމެވެ. ގޮހޮރުގައި ޖޫސްފޮދު ޖެހުނުކަމެއް ނޭގެއެވެ. ހޮޑުލެވެން ފެށުނެވެ. މުޅި އެ ރޭ ދިޔައީ އެކަހަލަ ގޮތަކަށެވެ.
އަނެއްދުވަހު ހެނދުނު ހެނދުނާ އަހަރެން ފަހީމްގެ ކުލިނިކަށް ދިޔައިމެވެ. ޓެސްޓްތައް ހެދުމަށް ސާމްޕަލް ދިނުމަށްފަހު އަހަރެން ގެއަށް އައިސް ޖައްސައިލީމެވެ. އަހަރެންގެ ހިތް ސުވާލުތަކުން ފުރެން ފެށިއެެވެ. އެހެންވާންވީ ވަކި ކީއްވެ ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެން ބޭހަށް ފަރުވާ ކުޑަކޮށްފައެއް ނޯންނާނެއެވެ. އަހަރެން ބޭނުން ކުރަމުންދަނީ އޭގެވެސް އެންމެ އިތުބާރު ހުރި ބޭސް ވިއްޔާއެވެ. ޓެސްޓްގެ ނަތީޖާ ނޭނގޭތީ އަހަރެން ހުރީ ކެތްމަދުވެފަ އެވެ. މާ ގިނައިރު ތަކެއް ނުވެ ފަހީމްގެ ކޯލް އަތުވެއްޖެއެވެ. ލިބުނީ އަހަރެން އުންމީދު ކުރިކަހަލަ ޖަވާބެއްނޫނެވެ.
“ފިރާ. ޔޫ އާ ޕުރެގް” ފަހީމްގެ އަޑު އެކޮޅުން އައެވެ.
އައި ރުޅީގައި ފޯނު ނަގައި ހޫރާލީމެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެއީ ދޮގެކެވެ. އައި ރުޅީގައި ކުލިނިކަށް ގޮސް ފަހީމްއާ ދިމާއަށް ހަލޭއްލަވައިގަތީމެވެ. ނަމަވެސް ފަހީމްގެ ފަރާތުން ރަނގަޅު ބަހެއް އަޑެއް ނީވުނެވެ. އޭނާ ދިނީ އިތުރަށް ހިތްނުތަނަވަސް ވާކަހަލަ ޚަބަރެކެވެ.
“ފަހީމް. ލެޓްސް އެބޯޓް ދިސް ރަބިޝް”
“ނޯ ފިރާ. ދެޓްސް އިންޕޮސިބަލް.”
“ވައި، ވައި، ވައި”
“ދެޓް ވިލްބީ ޑޭންޖަރަސް ފޯ ޔޫ. ކުރިންވެސް ބުނީމެއްނު ފިރާ ޕުރެގް ވެއްޖެއްޔާ ވަރަށް ކޮމްޕްލިކޭޝަންސް އަންނާނެއޭ. އެ ބޭނުންކުރި ބޭސްތަކުގެ ސަބަބުން. އެބޯޓް ކުރުން ފިރާއަށް އެއްވެސް ގޮތަކަށް ސޭފެއް ނޫން.”
“ދެން ވަޓް ޔޫ ވޯންޓް މީ ޓު ޑޫ. ވިހަންވީއޭ ތަ ތި ބުނަނީ؟ މަންމަމެން ކީކޭ ބުނާނީ. ވަޓް ވިލް ހެޕެން ޓު މައި ލައިފް؟”
“ފިރާ ހަމަޖެހިގެން ގެއަށް ދޭ ބަލަ. ފަހުން ހަމަޖެހިގެން ތިކަމާ ވިސްނާފަ ގޮތެއް ނިންމާނީ”
އަހަރެން ގެއަށް އައީ ހަދާނެ ގޮތް ހުސްވެގެންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ކަމަކާ ހާސްވާން ޖެހިއްޖެއެވެ. މިކަން މަންމަ މެނަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްބާ އެވެ. ރައްޓެހިންކޮޅު އިންތިހާއަށް މަލާމާތް ކުރާނެއެވެ. އަނެއްކާ ދެން އޮތީ އެއަށް ވުރެވެސް ބޮޑު ސުވާލެވެ. މިދަރީގެ ބައްޕަ އަކީ ކާކުބާވައެވެ؟ އަހަންނަށް އެހެން އުޅެވުނީ ކޮންބަޔަކާ އެކު ކަމެއްވެސް ނޭގެއެވެ.
ކޮޓަރިއަށް ވަން ގޮތަށް ރޯން ފެށީމެވެ. އަހަންނަށް ނިދުނީ އެތައް އިރަކު ރުއި ފަހުންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މަންމަގެ ފިރުމުންތަކަށް އެދެވެން ފެށުނެވެ. ބޮޑު ބަލިމަޑުކަމެއްގެ އިހުސާސް ކުރެވުނެވެ.
އަހަންނަށް ހޭލެވުނީ އާނިސް އައިސް ގޮވީމައެވެ. ކާން އައުމަށް ވަރަށް އަދަބު ވެރިކަމާއެކު ބުނެފައި އާނިސް ބޭރަށް ދާން ހިނގައިގަތެވެ. އަހަންނަށް ފުރަތަމަ ފަހަރަށް އާނިސް އަށް އާދޭހުގެ ރާގެއްގައި ގޮވައިލެވުނެވެ. އާނިސް ބަލައިލީ ހައިރާން ކަމާއެކުގައެވެ.
“އާނިސް! އަހަންނާ މެރީ ކޮށްފާނަން ތަ؟”
“އާނ” އެއްވެސް ޖެހިލުމެއް ނެތި އާނިސްގެ ޖަވާބު ލިބުނެވެ.
“ނާހާނަންތަ އަހަރެން މިކަމަށް މިއެދުނީ ކީއްވެ ކަމެއް؟”
“އާނ. ބޭނުމެއް ނޫން. ފިރާ ތިހާ ރީއްޗަށް އެދުނު ފުރަތަމަ ކަންތައް ހެޔޮ ހިތުން ކޮއްދޭން ތައްޔާރު.”
އާނިސް އެ ޖަވާބު އަހަންނަށް ދިނުމަށްފަހު ހިނގައްޖެއެވެ. އަހަރެން ވިސްނަމުން ދިޔައީ މަންމަމެން އައިމާ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ގޮތަކާ ދޭތެރޭގައެވެ. އަަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ މިއީ އެވެ. އަހަރެންގެ ރައްޓެހިންތައް އަހަންނަށް ވީގޮތެއް ހޯދުމަށް ހޭބޯނާރާ ތެޅެން ފެށިއެވެ. ނަމަވެސް މިވަގުތަކީ އެމީހުންނާ ވެގެން އުޅެވެން އޮތް ވަގުތަކަށް ނުވާތީ އެމީހުންގެ ފޯނު ކޯލުތައް ނުނަގައި ހުއްޓާލީމެވެ. އެއްވެސް މީހަކު ގެއަށް ނުވެއްދުމަށް ބުނެ އާނިސް އަށް އެންގީމެވެ.
މަންމަމެން އައި އިރު އަހަރެން ހުރީ އެވާހަކަތައް ދެއްކުމަށް ތައްޔާރުވެގެނެވެ. ކޮންމެ ކަމަކުންވެސް ހައިރާން ކަމެވެ. މިކަމަކީ މަންމަމެން ދެން މާ ބޮޑަށްވެސް ރުހޭކަމަކަށް ވެއްޖެއެވެ. އަހަންނަށް ވުރެވެސް އަވަހަށް އެކަމުގައި ވާންޖެހޭ ތައްޔާރީތައް ވެ، ކަންކަން ހަމަޖައްސާ ނިންމާލައިފިއެވެ. އާނިސް މިކަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރުން އަހަންނަށް ނިކަން އުނދަގޫ ކަމަކަށް ވިއެވެ. އެންމެ ފަހުން އޭނާ ނުއެހިޔަސް ތެދަށް ބުނަން ނިންމީމެވެ.
“އާނިސް. އަހަރެން މިކަމަށް އެދުނު ސަބަބު ނާހާނަންތަ؟”
“އާނ. ކީއްކުރަން. ފިރާ އަހަންނާ އިންނަން ބޭނުންވީމަ އެއްނު އެދޭނީ. ދެން އެނިމުނީނު.”
އާނިސްގެ ޖަވާބު ސާދާވެފައި ކުރެވެ. އެ ސާދާ ކަމާ ހުރެ އަހަރެން ދައްކަން ދިޔަ ވާހަކަ ދުލުން ބޭރުވާ ގޮތެއް ނުވިއެވެ.
ކުޑަ ދުވަސް ކޮޅެއް ތެރޭގައި އާނިސްއާ އަހަރެންގެ ކައިވެނި ކުރެވުނެވެ. އަހަންނަށް ވަމުން ދިޔަ އުނދަގޫަތައް ވަރަށް ހިތްވަރާއެކު އެހެންމީހުންގެ ކުރިމަތީ ނުދައްކާވޭތޯ ބަލަމުން ގެންދިޔައިމެވެ. ކޮންމެއަކަސް ވެގެން އުޅޭގޮތް ސިއްރު ކުރުމަށްޓަކައި ކިތަންމެ ހިތް ނުރުހުނަސް އަހަންނަށް އާނިސް އަށް އޭނާގެ ހައްގުދޭން މަޖުބޫރެވެ. ކައިވެންޏަށް މަހެއްވެސް ނުވަންދެން އަހަރެން ބަނޑުބޮޑުކަމުގެ ޚަބަރު މުޅި ގޭތެރެއަށް ފެތުރުނެވެ. ގޭތެރެއަށް ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭ ހެންނެވެ.
އާނިސްގެ ފަރާތުން އަހަންނަށް ފެންނަމުން ދިޔައީ ވަރަށްވެސް ތަފާތު ސިފަތަކެކެވެ. އަހަންނަށް މިވީހާ ދުވަހު ލައްކަ ފިރިހެނުންނާ ދިމާވެފައި ހުންނާނެއެވެ. ނަމަވެސް އެ އެންމެންގެ ކިބައިންވެސް ނުފެންނަ ސާފުސީދާ ފިރިހެން ވަންތަކަން އަހަންނަށް އާނިސްގެ ފަރާތުން ފެންނަން ފެށިއެވެ. ތެދެކެވެ. އާނިސް އަހަންނަކަށް އެއްވެސް ކަމެއް ކުރާކަށް އަމުރުކޮށް ނާންގައެވެ. ނަމަވެސް އޭނާގެ އެ އުޅުން އަހަންނަށް ކަމުދާން ފެށިއެވެ.
ކޮންމެ ރެއަކު އުނދަގޫވެ ނުނިދިފައި އޮންނައިރު އާނިސް ތެދުވެ ނަމާދުކޮށް ކިޔަވާތަން ފެނުމުން އެކަންކަން ކުރަން އަހަރެންގެ ހިތްވެސް ގޮވަން ފެއްޓިއެވެ. ނަމަވެސް ނަމާދުގެ ރަކުއަތްތަކުގެ އަދަދުވެސް އަހަންނަށް ނޭގޭއިރު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ. ދަސްކުރަން ހަދާނީވެސް ކިހިނެއް ހެއްޔެވެ. އެންމެ ފަހުން ނެޓުން ބަލައިގެން ކިޔާ އެއްޗެހި ދަސްކުރަން ފެށީމެވެ. ހިތް އަލި މީހަކަށްވާތީ ދަސްކުރާކަށް އުނދަގުލެއްނުވި އެވެ.
އާނިސްގެ ފަރާތުން އަހަންނަށް ލިބެމުން ދިޔައީ މީހެއްގެ ފަރާތުން ދުވަހަކުވެސް އުންމީދު ނުކުރާހާ އަޅައިލުމާ ލޯތްބެވެ. އަހަންނާ އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށް އާނިސް ގެ ފަރާތުން ލިބެމުންދާ ލޯތްބަށް ޝުކުރު އަދާކުރާނީ ވެސް ކިހިނެއް ހެއްޔެވެ. ނަމަވެސް ހިތުގައި ވަނީ އެންމެ ބިރުވެރިކަމެކެވެ. އާނިސްއަށް މީ އާނިސްގެ ދަރިއެއް ނޫންކަން އެނގޭ ދުވަހުން ވާނީ ކިހިނެއްބާވައެވެ. އަހަންނަށް މާފުކޮށް އަހަރެން ގަބޫލުކުރާނެބާވައެވެ. އަހަންނަށް މިހާރު ލިބެމުން މިދާ ލޯބި އެދުވަހުންވެސް ލިބޭނެބާވައެވެ.
އަހަރެންގެ ރަހުމަތްތެރިންނާ ދުރުވެ ގޭތެރެއަށް ވަގުތު ހުސްކުރުމުގެ ނަތީޖާ އަކަށްވީ ހެޔޮލަފާ ފިރިއެއްގެ ހެޔޮ އަމަލުތައް ފެނި އިސްލާމްދީނާ ދުރުވެ ގައު ވެފައިވާ ހިތް އެފަރާތުގެ މަގަށް ރުޖޫއަވުމުގެ ހެޔޮ ތައުފީޤު ލިބިގެން ދިޔަކަމެއް ކަމަށެވެ. އެ ދީނުގައިވާ ކަންކަން ހޯދައި ބަލާ ކަންކަން ރަނގަޅު ކުރުމުގެ ރޫޙު ހިތުގައި އާލާވެގެން ދިޔައެވެ. އަހަރެން އެކަމަށް ބެހެއްޓި ޝައުޤު ވެރިކަންވީ އާނިސް އަހަންނަށް ދެމުންދާ ލޯތްބާއި ގަދަރަށް އިތުރު ކޮއްލެވުނު އިތުރު ބޮޅަކަށެވެ.
އާނިސްގެ ފަރާތުން އަހަންނަށް އިތުރަށް އެކަންކަން ކުރާނެ ގޮތާއި އިސްލާމް ދީނުގެ ރިވެތި ގޮތްތައް އެނގެމުން ދިޔައެވެ. ހަމަ އެއާއެކު ހިތުގައި ފާފައިގެ ބިރުވެރިކަން އިހުސާސް ކުރެވެން ފެށުނެެވެ. ފާފަތަކުން މުޅި ހަޔާތް ބަންޑުންވެފައިވާތީ އެކަމަށް ބިރުގަންނަން ފެށިއެވެ. ނަމަވެސް އާނިސްގެ ފުރިހަމަ އެއްބާރުލުމާއެކު ތަޢުބާ އެއީ އޮތް އެއްޗެއްކަން އެނގިގެން ދިޔައެވެ. ފުރިހަމަ ތަޢުބާ އަކުން އަހަރެން ތަޢުބާވާން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ތެރޭ ދިރިދިރި މިއޮތް ފާފައަށް ކުރާނީ ކީއްހެއްޔެވެ. މިކަމުން ތަޢުބާ ވާނީ ކިހިނެއް ހެއްޔެވެ؟
ވަގުތުތައް މާޒީއާއި އެކުވަމުން ގޮސް، ވިހާ ދުވަސްވެސް އައިސް ޖެހެނީއެވެ. ކުރީގެ ފިރާ ހަމަގައިމުވެސް މިހާރު ގެއްލިއްޖެއެވެ. އާނިސްގެ ފަރާތުން ލިބެމުންދިޔަ ލޯތްބާ އަޅައިލުމަށް އެއްވެސް ބަދަލެއްނާދެއެވެ. އެ ލޯތްބާ އަޅައިލުން ދަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންނެވެ.
އަހަރެންގެ ބަނޑުގައި ރިއްސައިގަތް ވަގުތަކީ އަހަރެންގެ ހިތުގައި އަޅައިގެން އުޅުނު ފާފައިގެ ބުރަ ދުލަށް ގެނެސް އާނިސްގެ ކުރިމައްޗަށް ބަންޑުންކޮށްލި ވަގުތެވެ. އަހަރުމެން ތިބީ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދާން ކާރުގައެވެ. އާނިސްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ނަމަވެސް އަރާ ވޭންގަނޑުން މިއީ އަަހަރެންގެ އެންމެ ފަހުވަގުތޭ ހިތަށް އަރާ ކިތަންމެ ފަހަރެއް އާދެއެވެ. އެހާ ބޮޑު ފާފައެއް ހިތުގައި އަޅައިގެން މިދުނިޔެ ދޫކުރާހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ހިތްވަރު ކޮއްފައި އަހަރެން ވާހަކަ ފެށީމެވެ.
“އާނިސް! މީ…. މީ އާނިސްގެ ދަރިއެއް ނޫން.” އާނިސް ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަންނަށް ބަލާލިއެވެ. އަހަރެން ތުރުތުރު ޖަހާލިއެވެ. އެހެންނަމަވެސް ހިތްވަރު ކޮއްފައި އަނެއްކާވެސް ފެއްޓީމެވެ.
“އާނ…. މިހެންވެ އާނިސް ކުރެން ކައިވެންޏަށް އެދުނީ. އާނިސްއާ އިންނަން ބޭނުންވެގެނެއްވެސް ނޫން. އެކަ…. އެކަމަކު މިހާރު….މިހާރު ވަރަށް ލޯބިވޭ. ގެއްލޭކަށް ނޭދެން. ސޮރީ ވަރަށް ބޮޑަށް.”
އާނިސް އެއްވެސް އެއްޗެއް ނުބުނެ އަހަރެން ހޮސްޕިޓަލަށް ގެންދިޔައެެވެ. އެންމެ ފަހުވަގުތުގައި ވެސް އާނިސްގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރީމެވެ. ނަމަވެސް އަހަރެންގެ އިންތިޒާރުވީ ބޭކާރު އެއްޗަކަށެވެ. އަހަރެންގެ އެންމެ ފަހުގެ ދުޢާއަކަށް ވީ އަހަރެންގެ ތަޢުބާ ގަބޫލުކޮށް އާނިސް އަހަރެންގެ މީހެއްގެ ގޮތުގައި ލަހައްޓަވައި ދެއްވުމެވެ. ނަމަވެސް އޭރު އަހަރެންގެ އެއްވެސް އުންމީދެއްނެތެވެ. އާނިސް އަހަރެން ދޫކޮއްލާނެ ކަމުގައި އަހަންނަށް ޔަގީން ކުރެވުނެވެ.
ވިހާ ކޮޓަރިއަށް ވެއްދިތާ މާގިނަ އިރުތަކެއް ނުވެ ކުޑަކުޑަ ލޯބިލޯބި ފިރހެން ކުއްޖެއް އަހަންނަށް ލިބުނެވެ. އެތަނުން ނެރުނު ވަގުތުގައިވެސް އަހަންނަށް ބެލުނީ އާނިސް ކޮބައިތޯއެވެެ. ނަމަވެސް އާނިސް ފެންނާކަށް ނެތެވެ. ކަންތައްވީ ހަމަ އަހަރެން ހިތަށް އެރިގޮތަށެވެ. މީހެއްކުރެން އާނިސް ކޮބައިތޯވެސް އަހާކަށް ނުކެރުނެވެ. އަހަރެންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވުމަށް އިންތިހާއަށް މަސައްކަތް ކުރީމެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެވަނީ އާނިސް އެވެ. އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
“ދިސް އިޒް ފޯ މައި ބިއުޓިފުލް ވައިފް، ފޯ ގިވިން މީ ދަ ބެސްޓް ގިފްޓް އިން ދިސް ވޯލްޑް” މިހެންބުނެ އަހަރެންގެ އަތަށް މާބޮޑިއެއް ދިއްކޮއްލިއެވެ. އަހަންނަށް ރޮވެން ފެށުނެވެ. އެއޮތް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. އާނިސް ނިކަން ލޯބިން އައިސް އަހަރެން ގައިގައި ބައްދާލިއެވެ. އެ ބައްދައިލުމުން އަހަރެންގެ ޒަހަމު ވެފައި އޮތް ހިތުގެ ހުރިހައި ވޭނެއް ފަސޭހަ ކޮށްދިން ކަހަލައެވެ. އެމަންޒަރު ނުބަލާ އަހަރުމެންނަށް ވަގުތު ދިނުމުގެ ގޮތުން މަންމަމެން ބޭރަށް ނިކުތެވެ.
އާނިސްއާ ހަތަރު ކަޅި ހަމަކުރަމުން އަހަންނަށް މާފުކުރީތޯ އާނިސްއާ ސުވާލު ކޮށްލީމެވެ. އާނިސް ކުޑަކޮށް ތެދުވެލާފައި ވާހަކަ ދައްކަން ފެއްޓިއެވެ.
“ފިރާ! ފުރަތަމަ މާފަށް އެދެންވީ އަހަރެން. ފިރާ އަށް ތިލަނޑު ލިބުނީ އަހަންނާ ހެދި. އަހަރެން ފިރާގެ ބޭސް ބަދަލު ކުރީ. އޭގެ ނަތީޖާ ފިރާ ބަނޑު ބޮޑުވީ… އަހަރެން ބޭނުންވީ ތިހާ ނުބައިކޮށް އުޅުމުގެ ހިތި ނަތީޖާ ފިރާއަށް ދައްކަން. އަހަރެން ކުރެން ފިރާ މެރީ ކުރަން އެހުން އެއީ އިއްތިފާޤު. އަހަރެން ފިރާ ގެ އެ އެދުމަށް އާބަސް ބުނީ ފިރާގެ އެ ހިތި ކައިރިން ދެކުމަށް. ނަމަވެސް ފިރާގެ ބަދަލުވަމުން ދިޔަ އުޅުމާ ދީނަށް ދިން ލޯބި އަހަރެންގެ ހިތުގައިވެސް ފިރާއަށްޓަކައި ލޯބި އުފަންކުރުވައިފި. މިއަދު އަހަރެންވެސް ފިރާދެކެ ވަރަށް ލޯބިވޭ. މިއޮތް ކުޑަކުޑަ ދަރިފުޅު ދެކެވެސް. އެކުއްޖާގެ ބައްޕައަކީ ކާކުކަން ނޭގުނަސް އެއީ ފިރާގެ ދަރިއަކަށް ވާތީ. މިކަންތައް އެނގުމަށް ފަހުވެސް ފިރާ އަހަންނާއެކު އުޅެން ހުރުން އެއީ އަހަރެންވެސް އެންމެ އެދޭ އެދުން.” އާނިސް އެއްނޭވައިން ހުރިހާ އެއްޗެއް އަމުނާލިއެވެ. އަހަރެންގެ ހިތު ތެރޭގައި ބަސްތަކުގެ ކޯރެއް ދަތުރު ކުރަން ފެށިއެވެ.
“އާނިސް ދެކެ އަހަރެންވީ ރުޅި އަންނަން ހެއްޔެވެ؟ ރުޅި އަންނަންވީ ކޮންކަމަކާ ހެއްޔެވެ. މި ދުނިޔެއަށް ލޯހުޅުވައި ދިނީތީ ހެއްޔެވެ؟ އެ ކަށިބޯ ޖަންގަލިން އަހަރެން ސަލާމަތްކޮށްދިނީތީ ހެއްޔެވެ؟ އަހަންނަށް ހެވާއި ނުބައި ދަސްކޮއްދިނީތީ ހެއްޔެވެ؟ އަހަންނަށް އެހާ ލޯތްބާ އަޅައިލުން ދިނީތީ ހެއްޔެވެ؟ އަހަރެންގެ ހިތް އެދެނީ އާނިސް އާއެކު އުފާވެރި ދިރިއުޅުމަކަށެވެ. އަހަރެން ހިތް އެދެނީ ފާފައިގެ މަގުން އެއްކިބާވެ ނިއުމަތުގެ މަގުގައި ފައިތިލަ ސާބިތު ކުރުމަށެވެ. އެކަން އެންމެ ފުރިހަމައަށް ވާނީ އާނިސް ކަހަލަ ހެޔޮލަފާ ފިރިއަކާ އެކުގައެވެ. އާނިސް ކުރި ކުށަށް މިއަދު އަހަރެން މާފުނުކޮށް އަނެއްކާވެސް އެނުބައި މަގުން ދާންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މީ ފުރިހަމަ ތަޢުބާ އަކުން ތަޢުބާ ވާން ބޭނުން މީހަކީމެވެ.”
“އާނިސް. އަހަރެން … އަހަރެން އާނިސް ބޭނުން.” ރޮވިފައިވާ އަޑަކުން އަހަރެން ބުނީމެވެ. އާނިސް އައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ. އާނިސްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އެވަގުތު އަހަރެން ދުށީމެވެ. ކުޑަދަރިފުޅު ނަގައިގެން އައިސް އަހަންނަށް ދައްކައިލިއެވެ. އަދި އާނިސްގެ ހިތް އެދެނީ އަހަރުމެން ދެމައިންނާއެކު މުޅި އުމުރު އުފަލުގައި ހޭދަކުރަން ކަމުގައި ބުންޏެވެ.
އެއްވެސް އިންސާނަކީ ފާފައެއް ނުކުރެވޭނެ މީހެއްނޫނެވެ. އެކަމަށްޓަކައި ފުރިހަމަ ތަޢުބާގެ މަގު މާތްﷲވަނީ ލައްވާފައެވެ. ފުރިހަަމަ ތަޢުބާއަކުން ތަޢުބާ ވުމަށްފަހު އެފާފަ ތަކުރާރު ނުކުރާށެވެ. ކޮންމެ މީހަކަށް ރަނގަޅު މަގު ދައްކައިދިނުމަށް އާނިސް ކަހަލަ މީހަކު ނައިސް ހިނައިދާނެއެވެ. ނަމަވެސް އަހަރުމެން އިންސާނުންނަށް ބުއްދި ދެއްވާފައިވެއެވެ. ހެވާ ނުބައި އެބުއްދީގެ ބޭނުންކޮށް ދެނެގަންނާށެވެ. މައިންބަފައިންނަކީ ދަރިންެ ތަރުބިއްޔަތާ ބެހޭގޮތުން ސުވާލު ކުރެވޭނެ ބައެކެވެ. އެމީހުން ހަމައެކަނި ދީނުގެ މަގުގައި ތިބުމަކުން ނުފުދެއެވެ. ދަރިން އެމަގުގައި ހިންގުމަކީވެސް އެމީހުންގެ ވާޖިބެކެވެ. ކީރިތި ޤުރުއާނާ ރަސޫލާގެ ހަދީޘްގައި ހިފާ ހެޔޮމަގުގައި ފައިތިލަ ސާބިތު ކުރާށެވެ. ނަސްރާ ނަސީބު އޮތީ އޭރުންނެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި
Vara salhi
Thnk u
ނަލަ
Thnk u