އުމުރުން ފަސް އަހަރާއި އަށް އަހަރާއި ދެމެދުގެ ކުދިންނަށް ސްކައުޓް ހަރަކާތުގައި ބައިވެރިވުމުގެ މަގުފަހި ކޮށްދިނުމަށްޓަކައި ‘ޕްރީ-ކަބް’ގެ ނަމުގައި ސެކްޝަނެއް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ތައާރަފްކޮށްފިއެވެ. މި ސެކްޝަނަކީ ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުދިންނަށް އަމާޒު ކުރެވިގެން އުފައްދާފައިވާ ސެކްޝަނެކެވެ. ރަސްމީކޮށް މި ސެކްޝަން އިފްތިތާހުކޮށްދީފައިވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 63 އަހަރު ފާހަގަ ކުރުމަށް 30 މެއި 2019ގައި މަޖީދިއްޔާ ސްކޫލްގެ ދާރުލްޢުލޫމްގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

މީގެ ކުރިންވެސް މި އުމުރުފުރާއަށް ހާއްސަކޮށްގެން ބައެއް ސްކޫލްތަކުގައި މިފަދަ ހަރަކާތްތަށް ވަނީ ހިންގާފައެވެ. ރަސްމީކޮށް މި ސެކްޝަން ސްކައުޓް އެސޯސިއޭޝަނުން ތައާރަފް ކުރުމާއި ގުޅިގެން މި އުމުރުފުރާގެ ކުދިންނަށް ސްކައުޓް ހަރަކާތް ހިންގުމަށް ލީޑަރުން ތަމްރީނުކޮށް އިތުރު ސްކޫލްތަކުގައި މި ހަރަކާތް ފެށިގެންދާނެއެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 1956 ވަނަ އަހަރު މޭ 30 ގައި މަޖީއްދިއްޔާސްކޫލްގައެވެ. އިތުރު ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ފެށި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދިފައިވަނީ 1984ވަނަ އަހަރުއެވެ. އަދި 23 ޖުލައި 1990 ވަނަ އަހަރުން ފެށިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ދުނިޔޭގެ ސްކައުޓް ޖަމާއަތުގެ މެމްބަރެކެވެ.

ރާއްޖޭގައި ސްކައުޓް ފެށުނުތާ 63 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވުނު މި ހަފްލާގައި ސްކައުޓް ކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ 3 ޕްރޮގްރާމެއްވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މިގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް ފަރުދީ ޒިންމާގެ މުހިންމު ކަމަށް ބާރުއެޅުމަށްޓަކައި އުފައްދާފައިވާ ‘ވޯލްޑް ސްކައުޓް އެންވަޔަރަމެންޓް ޕްރޮގްރާމް އާއި ބެޖް’ ވަނީ އަލުން ދިވެހިރާއްޖޭގައި ތައާރަފުކުރެވިފައެވެ. އަދި ހަމައެއާއެކު ސުލްހަވެރިކަމާ ދަރުމަވެރިކަމުގެ ވެށްޓެއް ގާއިމުކުރުމަށް ބާރުއަޅާ ‘މެސެންޖާރސް އޮފް ޕީސް’ ޕްރޮގްރާމުގެ އާ ގައިޑްލައިންސް ވަނީ މި ހަފްލާގައި ތައާރަފު ކުރެވިފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި ގާލް ގައިޑްސް އަދި ސްކައުޓް އެސޯސިއޭޝަން ގުޅިގެން އުފައްދާފައިވާ އެނާޖީ އެފިޝަންސީ ބެޖުވެސް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުން، 13 އަހަރަށްފަހު، ސްކައުޓް ހަރަކާތުގެ އެންމެ ބޮޑު އިވެންޓު ކަމުގައިވާ 9 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީއެއް 2020 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަންވެސް ވަނީ އިއުލާންކޮށްފައެވެ. އެންމެ ފަހުން ރާއްޖޭގައި ޖަމްބޮރީ އެއް ބާއްވައިފަވަނީ 2007ވަނަ އަހަރު ހުޅުމާލޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.