ވާހް! ހާދަހާވާ ރީއްޗެވެ. ނުހަނު ހިތްގައިމެވެ. އެހާމެ ފުރިހަމައެވެ. ކުރަނގި ދެލޮލެވެ. ހިތިފަތު ބުމައެކެވެ. އިހި ކަނދުރާއެކެވެ. ގިއުޅު އަތުކުރި އެކެވެ. ތުނިޔަ ނިޔަފަތިތަކެވެ. ސުބުޙާނަﷲ، މަށަށް މިފެންނަނީ ހުވަފެނެއްބާއެވެ! މިފެންނަނީ ހޫރުޕަރީއެއް ބާއެވެ! ނޫނީ ޙޫރަލްޢީނެއްބާއެވެ! އަސްތާ ބުނަންހެއްޔެވެ! ތިޔައީ މި ޢާލަމްގައިވާ އެންމެ ފުރިހަމަ ކަމަނާއެވެ. ތިޔައީ ރީތިކަން ހުސްކޮށްފައިވާ ރީތީގެ ރާނީއެވެ. ތިޔައީ އެންމެ ފުރިހަމަ އިންސާނާއެވެ.

އާދެ! އަޅުގަނޑު އިސްވެ މި ބަޔާންކުރީ އަންހެންކުއްޖަކު ފެނުމުން ގިނަ ފިރިހެނުންގެ ބަސްމަގު ހުންނަގޮތެވެ. މިފަދަ އެތައް ގޮތަކުން ތަޢުރީފުގެ ބަސްތައް އިއްވަމުން، އެންމެ ފަހުން އެކުއްޖަކާ ލޯބީގެގޮތުން ގުޅެން ބޭނުންވެއެވެ. ބަލައިލި ގޮތުން ލޯބިވެވިއްޖެ ކަމަށާއި، ފަރިފަރި ލޫޅާފަތި، ލޯބިވެތި ހިނގުން ފެނިފައި އިތުރަކަށް މި ނިކަމެތި ކުޑަކުޑަ ހިތަކަށް ދެނެއް ކެތެއް ނުވާނެ ކަމުގައި ބުނަމުންނެވެ. އަހަރެންނާއި ގުޅިއްޖެނަމަ ޢިޝްޤުގެ ގުލްޝަނުން މީރުވަސް ދުވާ މާމެލާމެލި ފޮޅޭނެ ކަމަށާއި، އެމާތަކުގެ ހުވަނދު މުޅި ފަޒާގައި ފެތުރިގެންދާނެ ކަމަށް ބުނަމުންނެވެ. އަދި ކިއެއްތަ! އެ މީރުވަސްދުވާ ފަޒާގައި ދޫނިތަކެއް ފަދައިން އުދުހޭނެ ކަމަށް ބުނެ ތަރިރުހަނދު ވެސް ބާލައިދެެއެވެ. މިފަދަ އެތައް މޭރުމަކުން ބަސްތައް އިއްވައި ހިތާވި ކުއްޖާއާއި އެކު ލޯބީގެ ގުޅުން ފެށިގެންދެއެވެ.

ދެންވަނީ ކިހިނެއްތޯއެވެ؟ އާދޭހެވެ. ޢިޝްޤުގެ ގަދަ ކަނޑުގައި ދަތުރުކޮށްފައި އުފާވެރިކަމުގެ އައްސޭރިއަށް މަންޒިލް އެކުރަނީ އަޙުދުތަކާއި، ވަޢުދުތަކާއި ގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އިސްކުގެ ގަދަ ލޯބީގައި ދުވަސްތައް ވޭތުކުރުމަށް ފަހު، ޒަވާޖީ ޙަޔާތާއި ކުރިމަތިލަނީ ލޯބިން ފުރިފައިވި ހިތަކާއިގެންނެވެ. އަދި ހަމައެހެންމެ ދިރިއުޅުމުގެ ތަސައްވުރު ހިތުތެރޭގައި ރާވައިލަމުންނެވެ. މިފަދައިން ލޯބިން އުޅުމަށްފަހު ކައިވެނީގެ ގޮށް ބާރުކޮށްލަނީ ދުވަހަކުވެސް ނުމޮހެވޭނެ ފަދައިންނެވެ.

އުފާވެރިކަމުގެ ކޮޅެއްނެތެވެ. ކައިވެނީގެ ލައްޒަތާއި ރާހަތު އެ ލިބިގަންނަނީ މިނިވަންކަމާއެކުގައި ޙައްޤު ގޮތުގައެވެ. އަަހަރެންގެ އަންހެނުން ހާދަ ފުރިހަމައޭ ބުނަމުންނެވެ. ލޯބީއޭ، ލޯބި ދޫނީއޭ، ލޯބިވެތި މިތުރާއޭ، ލޭފަވެތި ރާނީއޭ، މިފަދަ ނަންނަމުން ފިރިމީހާ، އަނބިމީހާއާ އެމުޚާތަބު ކުރަނީ ނުހަނު ލޯބިންނެވެ. ތިޔައީ އަހަރެންގެ ދެލޮލުގެ ނޫރޭ، މިހިތުގެ ހުވާސްއޭ ނުވަތަ މިހަށިގަނޑުގެ ދިރުމޭ ބުނެފައި އަނބިމީހާ އެ ހިނިތުން ކުރުވަނީ، ކޮޅުނެތް ކޮޅަށެވެ. ތިޔައީ މި ފުރާނައިގެ ކާނާއޭ، މި ޖިސްމުގެ ރޫޙޭ ބުނެފައި އަނބިމީހާގެ ހިތަށް ތާޒާކަން އެގެނެސްދެނީ ކޮންފަދައަކުންތޯ އެވެ. ލޯބި ކައްކާ އެއްޗެހި ހާދަ މީރޭ، ހެދުން އަޅާގޮތް ހާދަ ކަމުދެޔޭ، ކައިރީވީމާ ދުވަނީ ގޮމަކަސްތޫރި ވަހޭ އަދި ކީއްހޭ ތިޔައީ އަހަރެންނަށް ލިބިފައިވާ ރަނިންމަލެކޭ ބުނެއެވެ. މަގުމަތިން ހިނގާފައި ދިޔަސް ދެމީހުން ދޭތެރޭގައި އިންޗިއެއް ކީއްކުރަން ސޫތެއްވެސް ނުހުންނާނެއެވެ. އުޅޭނީ އެހާވެސް ލޯބިކޮށެވެ.

އާހް! އެދުވަސްތައް ފަސްދީ އޮބާލައިފިއެވެ. އެ ލޯބިލޯބި ގުޅުމަށް ހީނަރުކަން އަންނަން ފަށައިފިއެވެ. ލޯބިވާ އަނބިމީހާއަކީ މިހާރަކު އެއްވެސް އެއްޗެއްނޫނެވެ. ކުރީގައި ހުރި ރީތިކަމެއް ނެތެވެ. މިހާރު ކައްކާ އެއްޗެހިވެސް އެހާ މީރެއްނޫނެވެ. މާ ލޮނުގަދައީ އެވެ. މާ ފޮނިގަދައީ އެވެ. ރަހައަކުންކުރެ ރަހައެއް ނުލައެވެ. މިހާރު ލޯބިވާ އަނބިމީހާގެ ގައިން މީރުވަހެއް ނުދުވާއިރު، ދުވާ ހުތްބަޑިބަޑިވަހުން ނޯށް ދަމާލަން ނުކެރެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިއީ އެއްކަލަ ލޯބިލޯބި ބަސްތަކުން އަނބިމީހާ އުފާކުރުވި ފިރިމީހާ މިއަދު ބުނާ ބަސްތަކެވެ. އަނބިމީހާ ބަދަލުވީއެއް ނޫނެވެ. އެއީ ހަމަ ކުރީގައި ލޯބިކޮށް ހުރި އަނބިމީހާއެވެ. ބަދަލުވީ ކޯއްޗެއްތޯއެވެ؟ ދަންނައެ ބަދަލުވީ އެއްކަލަ ފިރިމީހާގެ ހިތެވެ. އޭނާގެ ވިސްނުމާއި ފިކުރެވެ.

އިސްވެ މި ބަޔާންކުރީ މިއަދުގެ ހާލަތެވެ. ބައެއް ފިރިހެނުންގެ ޙާލެވެ. ބައެއް ފިރިހެނުންގެ ވިސްނުމުގެ އުނިކަމެވެ. ބައެއް ފިރިހެނުންގެ ނުކުޅެދުންތެރިކަމެވެ. އެއްވެސް ޙާލެއްގައި ހުރިހާ ފިރިހެނުންނަކީ މިފަދަ މީހުންނެކޭ ނުދަންނަވަމެވެ.

ވިސްނައިލާށެވެ. ތިމާއާއި އެއްކޮށް ލޯބިން އުޅުނު އަނބިމީހާއަކީ ކިހައި އޯގާތެރި މީހެއް ހެއްޔެވެ. ވީއިރު މިއަދު ފޫހިވެފައި ދާންޖެހޭ ސަބަބެއް އޮންނާނެ ހެއްޔެވެ. އަންހެނުން ލިބިދާނެއެވެ. ރީތި މީހުންވެސް ލިބިދާނެއެވެ. އެހެނެއްކަމަކު ތިބާއާއި އެއްކޮށް ދިރިއުޅުމުގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްގެން އިންނަ އަލަތު އަނބިމީހާ ފަދަ ދެވަނަ އެހެންމީހަކު ނުލިބޭނެއެވެ. ދެ އަނބިން ނުވަތަ ތިން އަނބިން ވެސް ހޯދިދާނެއެވެ. އެކަމަކުވެސް ތިމާގެ އަނބިމީހާދެކެ ފޫހިވެ، ދެވަނަ މީހެއް ހޯދުމަށް ތިބާ ކުފޫހަމަވާނީ ކޮންފަދައަކުން ހެއްޔެވެ؟ ނުވަތަ އަލަތު އަނބިމީހާ ވަރިނުކޮށް ދެވަނަ މީހެއް ހޯދުމަށް ތިބާ އެކަށީގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟ ތިނޯހުގެ ފަގައިން ޖަމަލު ވަދެއްޖައުމަށް ދާންދެން، ދެ އަނބިންގެ މެދުގައި ހަމަހަމަކުރާކަށް ލާހިކެއްނޫނެވެ.

އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. އަނބި ރީތީ ހެވިއްޔާއެވެ. ވަޅި ރީތީ ތޫނިއްޔާއެވެ. ކަން މިހެން ހުރިއިރު ތިބާ ތިޔަ ބަދަލުވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ ކުރިން ތިބާ ފުރަތަމަ ނަޒަރުން ލޯބިވި ކަމަނާއެވެ. ކަތި ނަޒަރުން ހިތް ލަންބުވައިލި ކަމަނާއެވެ. ވީއިރު މިއަދު ތިދައްކަނީ ކޮން ބަހަނާއެއް ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.