27 މެއި 2019 ގެ ޢަދަދާއި ގުޅޭ….

ތަމްޙާން ކުޑަކޮށް ބޯ އުފުލާލިއެވެ. މަޑުމަޑުން އޭނާގެ ތުންފަތް ގެންގޮސް އަދްފާގެ ތުންފަތުގައި ޖައްސާލިއެވެ. ތަމްޙާން ގެ އެ ހަރަކާތަށް އަދްފާވެސް އިޖާބަ ދިނެވެ.

**************************************

ތަމްޙާން ޕްލޭންކުރި ގޮތަށް އެއްވެސް ކަމެއް ނުދިޔައެވެ. މިއަދަށް މިއީ އެމީހުން ހަންހުށީގައި ތިބޭތާ ދެވަނަ ދުވަހެވެ. ކައްދުއަށް ދާން ޕްލޭން ކޮށްފައިވާ ވަގުތުގައި ކައްދުއަށް ނުގޮސް މަޑުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ތަމްޙާން އަށް މަޢުލޫމާތު ފޯރުކޮށްދޭ މީހުން، އެދުވަހު ނުގޮސް މަޑުކުރުމަށް ލަފާ ދިނުމުންނެވެ.

ނަސީބު ރަނގަޅުކަމުން އެމީހުން ހަންހުށީގައި ތިބި ގޭތެރޭ، ބިމުއަޑީގައި ސަންދަރޯސް ދެ ފީފާ ވަޅުލައި ފެން ރައްކާކޮށްފައި ހުއްޓެވެ. ބެލެވޭގޮތުން އެއީ ކޮންމެވެސް ބަޔަކު އެރަށުގައި ހުއިފިލަނޑާ ނަގައި ހިއްކުމުގެ މަސައްކަތް ކުރުމަށް އަޅާފައިވާ ގެއެކެވެ.

އެތަނުން އެއް ފީފާއިން ފެން ބުއިމަށް ބޭނުންކުރުމަށާއި އަނެއް ފީފާގެ ފެން، ދޮވުމަށާއި ފެންވެރުމަށް ބޭނުންކުރުމަށް އަދްފާވަނީ ނިންމާފައެވެ. އެރަށުގައި ހޭދަވި ދެދުވަސް ތެރޭގައި ތަމްޙާނަށް ފެނިފައިވަނީ އަދްފާގެ ގެވެހިވަންތަ ކަމެވެ. އޭނާ ބޭނުންވާފަދަ ގެވެހި އަތްބަކަށް އަދްފާ ވާނޭކަމާއިމެދު މިހާރު އޭނާގެ ހިތުގައި އެއްވެސް ޝައްކުކަމެއް ނެތެވެ.

ތަމްޙާންގެ ބޮލުގައި އަޅާފައިވާ ހުޑް ނެގިއެވެ. އެއީ އޭނާ ލައިގެންހުރި ޓީޝާޓާއި އެކުގައިވާ ހުޑެކެވެ. ގޭތެރޭގައި އޮތް ބާ ބެޑްޝީޓް ގަނޑަކުން ތަންކޮޅެއް ވީދާލިއެވެ. އެ ފޮތިކޮޅު ބޭނުން ކޮށްގެން ގައިގާ ފެން އުނގުޅަން ފެށިއެވެ. ސްޕޮންޖް ބާތެއް ނަގާގޮތަށެވެ. އޭރު އަދްފާ ހުރީ ގެއިން ބޭރުގައެވެ. ތަމްޙާން މަސައްކަތްކުރަމުން ދިޔައީ އަދްފާ އައުމުގެ ކުރިން ސްޕޮންޖް ބާތު ނަގައި ނިންމާލުމަށެވެ. ކުރީ ދުވަހު ތަމްޙާންގެ ހިއްސުތައް އޮބި ނޯވެގެން ކުރެވުނު ކަންތަކަށްފަހު އެ ދެމީހުންގެ ދެމެދުގައި ވަނީ ބީރައްޓެހިކަމެއް އުފެދިފައެވެ.

އެއީ އެ ދެމީހުން އެ ގޭގައި ހޭދަކުރި ފުރަތަމަ ހެނދުނެވެ. އެދުވަހު، ތަމްޙާންގެ ތުންފަތުން އަދްފާގެ ތުންފަތަށް ހަމަ ރަނގަޅަށް ކަރަންޓް ޖެއްސިއެވެ. އަދްފާ އަށް އެކަމަށް އިޖާބަ ދެވުނެވެ. ނަމަވެސް އަވަސް އަވަހަށް އަދްފާ ދުރަށް ޖެހިލީއެވެ. އެވަގުތު ތަމްޙާންއަށް އިޙްސާސް ކުރެވުނީ އޭނާ ދިން ދަޢުވަތަށް އަދްފާ އިންކާރުކުރީ ކަމަށެވެ. އެކަމަކު އެގޮތަށް އޭނާ އިންކާރު ކުރަންވީ ކީއްވެގެން ބާއޭ ތަމްޙާންގެ ހިތަށް އެރިއެވެ. ގައިމު ކުރީރޭ ކިހާވަރަކަށް އޭނާގެ މޭމަތީގައިވާ ޓެޓޫތަކުގައި އަދްފާ  ފިރުމި ހެއްޔެވެ. ފްލަރޓް ކުރާގޮތަށް ދެއްކިހާ ވާހަކަތަކަކީ އޭނާ ހައްދާލުމަށް ދެއްކި ވާހަކަތަކެއް ހެއްޔެވެ.

ތަމްޙާނަށް ހުރެވުނީ އެކަންތަކާ ފިކުރު ކުރާށެވެ. ގޭތެރެއަށް އަދްފާ ވަތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އަދްފާގެ އަތުގައި ހުރި ސާމާނުތައް ބިންމައްޗަށް ވެއްޓުނު އަޑު އިވެންދެކަށެވެ. ތަމްޙާން ހުރިގޮތް ފެނިފައި އަދްފާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. އިވުނު އަޑުފަށްގަނޑާއެކު ތަމްޙާން އެނބުރުނެވެ. އަދްފާ ލައިގެން ހުރީ ކުރު ޓޮޕްކޮޅަކާއި ސޯޓެކެވެ.

‘ހާދަ ހިތްގައިމެވެ. ހާދަހާ ސަޅިއެވެ.’ ތަމްޙާންގެ ހިތް ބާރަށް ތެޅެން ފެށުމާއިއެކު އޭނާގެ ހިތު ތެރޭގައި ރާގެއް ކުޅެމުންދާހެން މި ޢިބާރާތްކޮޅު ތަކުރާރުވަމުން ދިޔައެވެ.

“ހައި.” ވަރަށް ތަތް ރާގެއްގައި ތަމްޙާން އަށް ބުނެލެވުނެވެ.

“އޯހް….. އަހް…. ހެއި.” އަދްފާއަށް ކިޔުނު އެއްޗެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާގެ ދޫ އޮޅުނެވެ. ބުނަން ބޭނުންވި ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ތަމްޙާން ގެ ތުންފަތުން ކަރަންޓް ޖެހުނުފަހުން އޭނާއަށް ހުރެވެނީ މިފަދަ ހާލެއްގައެވެ.

‘ޕްލީޒް؟!؟!” އާދޭހުގެ ރާގެއްގައި ތަމްޙާންއަށް ބުނެލެވުނެވެ. ވައި އަޑުން ބުނުމަށްވުރެން ތަންކޮޅެއް ބާރަށެވެ.

“ކޮން ޕްލީޒް އެއް؟” ތަމްޙާންގެ ދެ ލޮލަށް ބަލައިލަމުން ލަދުރަކި ގޮތަކަށް ވައި އަޑުން އަދްފާ ބުންޏެވެ.

“ޕްލީޒް ދުވެފަ ފިލަން ނުދާތި. ދެން އަހަރެން އެކަހަލަ ކަމެއް ނުކުރާނަން. އެކަމަކު ޕްލީޒް އަހަރެން ދޫކޮށް ނުލާތި.” ތަމްޙާން އާދޭސްކުރަން ފެށިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ފޫދެން ފަށައިފިއެވެ.

“ހޫމް . …. އައްދޭ؟” ލާނެތް ފާޑަކަށް އަދްފާ ބުންޏެވެ. އެ ބުނި އެއްޗެއްގެ މާނަ އެނގޭނީ ޚުދު އޭނާއަށެވެ.

“މަށަށް އެނގޭ އެކަމާ އަދްފާ ލައިކް ނުވިކަން. އެކަމަކުވެސް އެކަން ހަނދާން ނައްތާލާފަ އަހަރުމެންނަށް ރަހުމަތްތެރިކަން ބޭއްވިދާނެއެއްނު. އަހަރެން އަދްފާ ބުނިގޮތަކަށް ކަންތައް ކުރާނަން. އެކަމަކު ޕްލީޒް ޕްލީޒް އަހަރެން ދޫކޮށްނުލާތި … ޕްލީޒް!”

“ކާކުބުނީ އެކަމާ އަހަރެން… އަހަރެން ލައިކެއް ނުވެޔޭ!؟” އިސް ޖަހައިލަމުން އަދުފާ ކުރީ ސުވާލެކެވެ. އެހެނަސް އެއީ ތަމްޙާން ބޭނުންވެގެން އުޅުނު ޖަވާބު ލިބިގެންދިޔަ ސުވާލެކެވެ.

“އަސްލުވެސްތަ؟” އުފަލުން ފޮޅެމުން ތަމްޙާން އެހިއެވެ.

“ހޫމް. އަސްލު ވީގޮތަކީ ކުޑަކޮށް ލަދުގަތީ.” އަރައިގެން ހުރި ބޫޓުގެ ކޮޅުން ބިންމަތި ކޮންނަމުން އަދްފާ ޖަވާބު ދިނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.