މިމަހު 12 ގައި ރިލީޒްކުރުމަށް ކުޑަތަން ވެފައިވާ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” އާއިމެދު ފިލްމު ޑައިރެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނީ މިއީ އޭނާގެ ފިލްމީ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު މަސައްކަތް ކަމަށެވެ.

ވީމީޑިއާގެ ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ވަޒީފާވެސް އަދާކުރަމުން އަންނަ ޔޫސުފް ޝަފީއު އިތުރަށް ބުނީ ވަކިން ޚާއްސަކޮށް މިހާ މުހިންމު މައްސަލައަކަށް އުފައްދާފައިވާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކަށްވާތީ ފިލްމުގައި ހާދިސާ އޭގެ އަސްލާއި އެއްގޮތަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.

ވީނިއުސް އަށް މަޢުލޫމާތު ދެމުން ޔޫއްޕެ ބުނީ ސިހުރުގެ މިފަދަ އެހެން ބައެއް ހާދިސާތައްވެސް ދިރާސާކޮށް، އެފަދަ ކަަންކަން ދިމާވާ ގޮތާއި، ސިހުރުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުމާއި، އެކަމުގެ ވޭން ތަހަންމަލު ކުރަމުންދާ މީހުންގެ ހާލަތު ފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށެވެ.

“ހަގީގަތަށް ދަންނަވާނަމަ މިއީ އަޅުގަނޑަށް ކުރެވުނު އެންމެ ތަފާތު މަސައްކަތް. އެންމެ ބުރަކޮށް އެ ފިލްމެއްގެ ސްކްރިޕްޓަށް މަސައްކަތް ކުރެވުނު ފިލްމު. މިއީ ހަގީގީ ހާދިސާއެއް. އެ ހާދިސާ ވަރަށް ފުރިހަމައަށް ފިލްމުގައި ގެނެސްދީފައިވާނެ. މިއީ އިބްރަތުން ފުރިގެންވާ ފިލްމެއް. ހަމަ ޔަގީން ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން. ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށްވުމަކީ ފިލްމު ބަލާލަންޖެހޭ ސަބަބެއްކަމަށް އަޅުގަނޑު ދެކެން. އަނެއްކާ މިއީ އެތަށް އިބްރަތްތަކެއް ލިބޭނެ ފިލްމެއް.” ޔޫއްޕެ ބުންޏެވެ.

“ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

“ދައުވަތު”ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.