ޖޫން 12 ގައި ރިލީޒްކުރުމަށް ކުޑަތަންވެފައިވާ ފިލްމު “ދައުވަތު” މިއީ ހަމަ ޔަގީނުންވެސް ކޮންމެ މީހަކަށްވެސް ފައިދާއެއް ލިބޭނެ ފިލްމަކަށްވާނޭ ކަމަށް ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮންއައްޔަ) ބުނެފިއެވެ.

މާދަމާ ރޭ ރިލީޒްކުރާ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު”އާމެދު ބުނެލަން ބޭނުންވަނީ ކީކޭތޯ މުނިއަވަސް އިން ސުވާލުކޮށްލުމުން ދޮންއައްޔަ ބުނީ މި ފިލްމުގައި ދައްކުވައިދޭނީ ރާއްޖޭގައި ވަރަށް ކުރީންސުރެން ކުރަމުން އަންނަ ވަރަށް ދެރަ ކަމެއް ކަމަށްވާ ސިހުރު ހެދުމުގެ ކަންތައް ގަނޑެއް ކަމަށެވެ.

“ބުނެލަން ބޭނުމީ މިއީ މި ރާއްޖޭގައި ވަރަށް ކުރީން ސުރެން ކުރަމުން އަންނަ ވަރަށް ދެރަ ކެމެއް. އަދި މިއީ އިސްލާމް ދީނުގަވެސް މުޅިން ހަރާމް ކުރައްވާފައިވާ އެހާމެ ނުބައި އަމަލެއް. އެހެންވެ މިކަންކަމަށް (ސިހުރުހެދުމާއި އެކަމުން ލިބޭ ގެއްލުންތަކަށް) ބޮޑަށް އަލި އަޅުވާލައި ހަދާފަވާ ފިލްމެއް މީ. މިއީ ހަމަ ކޮންމެ މީހަކުވެސް ހަމަ ކޮންމެހެންވެސް ބަލައިލަން ރަނގަޅު ފިލްމެއް.” މި ފިލްމުގައި ސިހުރުގެ ކަންތައްގަނޑު ސީދާ އަމާޒުވާ އައްޒަގެ ބައިވެރިޔާގެ ރޯލު ކުޅޭ ދޮންއައްޔަ ބުންޏެވެ.

ފިލްމު “ދައުވަތު”ގައި ޢަލީ އާޒިމް ތަފާތު މޭކަޕަކުން ފެނިގެންދާ މަންޒަރެއް – ފޮޓޯ: ފިލްމުދައުވަތު

“ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮންއައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސް އިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާ ވެސް ފެނިގެންދާނެއެވެ.

“ތަރިންގެ ފަރާތުން މިހާ މޮޅު އެކްޓިންއެއް ފެނިގެންދިޔަ ފިލްމެއް އަދި އަޅުގަނޑު ކުޅެފައެއް ނުވާނެ. އައްޒަގެ ރޯލާއި، އާނަންދު އަދި ޒިޔާދާގެ ފަރާތުންވެސް ފެނިގެން ދާނީ އާދަޔާ ޚިލާފު މޮޅު އެކްޓިންއެއް. މީގެ އިތުރުން ފައިސަލްގެ ފަރާތުން ފެނިގެންދާ އެކްޓިންއަށް އަހަރެން ސަތޭކަ ދޭނަން.” ފިލްމު ގައި ތަރިންގެ އެކްޓިން އާމެދު އައްޔަ ދެކޭ ގޮތް ހިއްސާކުރަމުން ބުންޏެވެ.

ފިލްމު “ދައުވަތު”ގައި ޢަލީ އާޒިމްގެ މޮޅު އެކްޓިން އެއް ދައްކާފައިވާކަމަށް ޑައިރެކްޓަރ ޔޫއްޕެ ބުނޭ – ފޮޓޯ: ފިލްމުދައުވަތު

“ހަގީގަތުގައިވެސް ތަރިންގެ އެކްޓިން ވަރަށް ރަނގަޅު. އެކަން އަޅުގަނޑަށް ޔަގީން ބެލުންތެރިންވެސް ފާހަގަކުރާނެކަން.” ދޮންއައްޔަ ބުންޏެވެ.

“މި ފިލްމުގަ ކާސްޓުންގެ ތަފާތު މޮޅު އެކްޓިން އެއް ބަލައިލަން ނަމަވެސް ދިވެހި ފިލްމަށް ލޯބިކުރާ އަދި އަޅުގަނޑު، އައްޒަ، އާނަންދު، ފައިސަލް އަދި ޒިޔާދާގެ ހުރިހައި ސަޕޯޓަރުން ވެސް މި ފިލްމި ބަލައިލަން އައުމަށް އަޅުގަނޑު އެދެން.”

ދޮންއައްޔަ ބުނީ “ދައުވަތު” އުފައްދާފައި ވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ ފިލްމުގައި ކޮންމެ މަންޒަރެއްވެސް ހަގީގަތާއި އެއްގޮތަށް ދައްކުވައިދޭން ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެކަމަށެވެ.

އެގޮތުން ޔޫއްޕެގެ އިރުޝާދުގެ ދަށުން، ޔޫއްޕެ ހިތްހަމަޖެހޭގޮތަށް ކޮންމެ ސީނެއްވެސް ކުޅެދީފައިވާނެކަމަށް ދޮންއައްޔަ ވަނީ ބުނެފައެވެ.

ފިލްމު “ދައުވަތު”ގައި ޢަލީ އާޒިމް – ފޮޓޯ: ފިލްމުދައުވަތު

ދޮންއައްޔަ ބުނީ ވީމީޑިއާއިން އުފައްދާ ފުރަތަމަ ފިލްމުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއްކަމަށެވެ. އަދި އެ ފުރުސަތަށް ވީމީޑިއާއާއި ޔޫއްޕެއަށް ޝުކުރު ދަންނަވާކަމަށެވެ.

“ކޮންމެ ފަހަރަކުވެސް އައްޔަ އަށް ޔޫއްޕެ އިތުބާރުކޮށްފަ ތި ދޭ ފުރުސަތުތައް އުފަލާއެކު ބަލައިގަންނަން، އުއްމީދަކީ ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް.” ދޮންއައްޔަ އިތުރަށް ބުންޏެވެ.

“ދައުވަތު” މިއީ އަޅުގަނޑުގެ ފިލްމީ ކެރިއަރުގައި ވަރަށް ޚާއްސަ ފިލްމެއް. އަޅުގަނޑު ބެލުންތެރިންނަށް ބުނެލަން ބޭނުންވަނީ

“ދައުވަތު” ބަލާލަން އޮލިންޕަހަށް އަންނާނޭ. ހަމަ ޔަގީނުންވެސް މިއީ ކޮންމެ މީހަކަށްވެސް ފައިދާއެއް ލިބޭނެ ފިލްމަކަށްވާނޭ. މިއީ

އިބްރަތުން ފުރިގެންވާ ފިލްމެއް. އަޅުގަނޑުމެން މަސައްކަތްކޮށްފައިވާނީ އެންމެ މޮޅަށް ފިލްމުގެ ކޮންމެ މަންޒަރެއްވެސް ގެނެސްދެވޭތޯ.

އެހެންވީމަ ހުރިހާ އެންމެންވެސް ފިލްމު ބަލާލަން ދިއުން އަޅުގަނޑުގެ އެދުމަކީ.”

– “ދައުވަތު” މި ފިލްމާއިމެދު ދޮންއައްޔަގެ ބަސް –

“މިއީ އިބްރަތުން ފުރިގެންވާ ފިލްމެއް. އަޅުގަނޑުމެން މަސައްކަތްކޮށްފައިވާނީ އެންމެ މޮޅަށް ފިލްމުގެ ކޮންމެ މަންޒަރެއްވެސް ގެނެސްދެވޭތޯ. އެހެންވީމަ ހުރިހާ އެންމެންވެސް ފިލްމު ބަލާލަން ދިއުމަށް އަޅުގަނޑު ވެސް ދަޢުވަތު ދެން.”

ފިލްމު “ދައުވަތު”ގައި ޢަލީ އާޒިމް އާއި އައްޒަ – ފޮޓޯ: ފިލްމުދައުވަތު

“ދައުވަތު” މިނަމުގައި ވީމީޑިއާއިން ގެނެސްދޭ މި ފިލްމުގައި ސިހުރުޖެހެން ދިމާވާ ކަންކަންވެސް ދައްކުވައިދޭނެއެވެ. އެހެންކަމުން އެފަދަ ކަންކަމުން ކުރިއަށްއޮތްތާ ދުރުވުމަށްވެސް މިއީ ބަލާލުން މުހިންމު ފިލްމެވެ. “ދައުވަތު”އިން ދޭނެ މެސެޖަކީ ސިހުރުގެ ނުރައްކާތެރިކަމެވެ. އެ ފާފައިގެ ބޮޑުކަމެވެ. އެ ނުބައި އަމަލުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކެވެ. ސިހުރުގެ ސަބަބުން ތަހަންމަލުކުރަންޖެހޭ ވޭނެވެ. އަދި ސިހުރުން ދުރުވުމަށް ކުރަންޖެހޭ ކަންކަމެވެ. އެފަދަ ޝައިތާނުންގެ ނުބައިކަމުން ސަލާމަތްވުމަށް ތިމާއަށް ކުރެވޭނެ ކަންކަމެވެ. އެޅޭނެ ފިޔަވަޅެވެ.

ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ “ހަނީމޫނު”ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ފިލްމު “ދައުވަތު”ގައި ޢަލީ އާޒިމް އާއި އައްޒަ – ފޮޓޯ: ފިލްމުދައުވަތު

“ދައުވަތު”ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.