ޗިކެން ނަގެޓްސް، ސޮސެޖް، ސީރިއަލް، ކޯކް ފަދަ ތައްޔާރީ ބުއިންތައް، ބޭކަން އަދި ޕްރޮސެސް ކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް ފަދަ އެތައް އެއްޗަކުން ކެންސަރަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ލުއިކާ (ސްނެކްސް)ގެ ހަރުގަނޑުތަކާއި ދުރަށް ޖެހިލާށެވެ. އިނގިރޭސިވިލާތުގެ މެޑިކަލް ޖާރނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާގޮތުން، އަހަރުމެންގެ ކެއުމުގައި ‘އަލްޓްރާ-ޕްރޮސެސްޑް ކާނާތައް’ ހިމަނާ މިންވަރުގެ ސަބަބުން އެތަކެއް ވައްތަރެއްގެ ކެންސަރު ބަލިތަކަށް ހުށަހެޅުމަށް ސީދާގޮތުން މަގުފަހިވާކަމަށް ބުނެފިއެވެ. އެހެން އިބާރާތަކުން ބުނަނީނަމަ، ޕެކެޓްގައި ބަންދުކޮށްފައި ހުންނަ، ލޮނު ނުވަތަ ފޮނިރަހަލާ ލުއިކާ ޕެކެޓްތައް ކެއުމަކީ އަހަރުމެންގެ ފުރާނައާ އެކުގައި ކުޅެވޭ ޖުވާއެއް ފަދަ ކަމެކެވެ.

މި ދިރާސާ ބުނާގޮތުން:

ކެއުމުގައި އަލްޓްރާ-ޕްރޮސެސްށް ކާނާގެ ބާވަތްތައް10 އިންސައްތައަށް އިތުރުކުރުމަކީ ކެންސަރުގެ ހުރިހައި ވައްތަރުތަކަށާއި އުރަމަތީގެ

ކެންސަރަށް މީހާ ހުށައެޅޭ މިންވަރު 10 އިންސައްތައަށް އިތުރުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، މިފަދަ ކާނާތައް ކެއުމަށް އަހަރުމެންގެ ހިތްއެދޭ މިންވަރު އިތުރުވުމަކީވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

…… މިހާރު އިތުރުވަމުން މިދާ ނިސްބަތުން އަލްޓްރާ-ޕްރޮސެސްޑް ކާނާތައް ކެއުން އިތުރުވަމުން ދިއުމަކީ ކުރިއަށް އޮތް ދަހަރު

(ޑިކޭޑްސް) ތަކުގައި އިންސާނުންނަށް ކެންސަރު ޖެހޭ މިންވަރު އިތުރުވެގެންދާނެ ކަމެކެވެ.

މި ދިރާސާގައި ހިމަނާފައިވާ އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ލިސްޓްގައި ހިމެނެނީ:- މެޓާ، ސޮޑާ ގެ ބުއިންތައް، ސްޓާޗީ ކާނާ (ޕޮޓޯޓޯ ޗިޕްސް ފަދަ ތަކެތި) އާއި ހެނދުމުގެ ނާސްތާއަށް ބޭނުންކޮށް އުޅޭ ސީރިއަލް އެވެ. މީގެ އިތުރުން ޕްރޮސެސް ކޮށްފައި ހުންނަ އެއްގަމު މަހާއި އޭގެ އުފެއްދުންތަކުގެ ތެރޭގައި ސޮސެޖް، ބޭކަން އަދި ޑިހައިޑްރޭޓެޑް ސޫޕް (ޕެކްޓްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ސޫޕް) ހިމެނެއެވެ. މި ލިސްޓްގައި ސޫޕް ހިމަނާފައިވަނީ އޭގައި މަތީ މިންވަރަކަށް ލޮނު އެކުލެވޭތީ އެވެ. ލޮނުގަދަ ކޮށް ހުންނަ ތަކެތި ކެއުމަކީ މައިދާ ނުވަތަ ގޮހޮރުގެ ކެންސަރަށް މަގުފަހިކުރުވާ ކަމެކެވެ. މި ދިރާސާގައި ދެން އިތުރަށް ހިމަނާފައި ވަނީ، ދުންފަތުގައި ހުންނަ ނިކޮޓީން އާއި ބަނގުރަލެވެ.

މިއީކީ އާދައިގެ ކުޑަކުޑަ ދިރާސާއެއް ނޫނެވެ. މި ދިރާސާގައި 1000،000 ބޮޑެތިމީހުންގެ ކައުމުގެ ވައްޓަފާޅިއަށް 2009 ން ފެށިގެން 2017 ގެ ނިޔަލަށް ބަލާފައި ވެއެވެ. އެ ދިރާސާގެ ނަތީޖާއަށް ބަލައި އެމީހުން ބުނެފައިވަނީ ‘މިންހޮޔޮ އަދި ސިންދަފާތު ކުރެވިފައިވާ (ބެލެންސްޑް އަދި ޑައިވާސިފައިޑް)’ ގޮތްތަކެއް ކެއުމުގެ ވައްޓަފާޅީގައި ގެންގުޅެގެން މެނުވީ ކެންސަރަށް ހުށައެޅުމުގެ ނުރައްކަލުން ސަލާމަތްވެވެން ނެތްކަމަށެވެ.

ލުއިކާ އިން ދުރުހެލިވެ ތިބުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިކަމަކީ އަހަރަމެންގެ ސިއްހަތަށްޓަކައި ކޮންމެހެންވެސް ކުރާން ފަށާން ޖެހިއްޖެ ކަމެކެވެ.

މަސްދަރު: އެސްކުއާ ޑޮޓް ކޮމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.