ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތުގައި ތަޖުރިބާތަކެއް ޙާޞިލްކޮށްފައިވާ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”ގެ ޕްރޮމޯ ލަވަ ވީޓީވީން ރިލީޒްކޮށް، އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލާއި ފޭސްބްކް ޕޭޖްގައި އާއްމުކޮށްފި އެވެ.

ބަވަތި”ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ނެރުނީ ހުކުރު ދުވަހު ވީޓީވީން ދައްކާ މެހެމާންސަރާ ޕްރޮގްރާމުގައެވެ. އެއަށްފަހު ރޭ 20:30 ގައި އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލާއި ފޭސްބްކް ޕޭޖްގައި ރިލީޒްކޮށްފައި ވެއެވެ.

ބަވަތި”ލަވައިގެ ޅެމުގައި އެކުލެވިގެންވަނީ ފުން ހިތާމައާއި ކެކުޅުމުގެ އާދޭސްތަކެވެ. މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުގެ އަޑުން އިވިގެންދާ ‘ބަވަތި’ ލަވަ ފެށިގެންދަނީ މި އިބާރާތްތަކުންނެވެ.

“މާކުރީގެ ހަނދާނެކޭ މިއީ  ދީފައިވާ އަނިޔާއެކޭ މިއީ

ނުފިލާނޭ ހިތުން މަގޭ  މިތުރުނޭ އަހާ ހަގީގަތް”

ލަވައިގެ ޅެން ހަދާފައިވަނީ އިލްޔާސް ވަހީދު އެވެ. ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ. ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް) އެވެ. ކޮސްޓިއުމްސް ފޯރުކޮށްދިނީ ރިއުޒް ބުޓިކް އިންނެވެ. ރުޠުބާ އަޙްމަދު މޭކަޕް ހަދައިދީފައި ވާއިރު ހެއަރ ސްޓައިލް ހެދީ ހައްވާ ޒާހިރާ އެވެ.

ލަވައިގެ ސެޓް ޑިޒައިން ހަދައިދިނީ ކުރަހާ ރާއްޕެ އެވެ. ލަވައިން ފެނިގެންދާ ނެށުންތެރިންނަކީ ރަޒާން، ނައިޒަން، އިރުޝާދު އަދި ތޮލާލް ކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ބުންޏެވެ.

ފިލްމު ”ބަވަތި”ގެ ޕްރޮމޯޝަނަލް ލަވައިގައި މި ފިލްމުގެ ހުރިހާ ތަރިންނާއި، ފިލްމު ކްރޫ ފެނިގެންދެއެވެ. ލަވަކިޔުންތެރިޔާ ލަވަ ހުށައަޅައިދީފައިވާ ގޮތާމެދު އެއްޗެއް ބުނެވެން ނެތްއިރު، ލަވައިގެ ޑައިރެކްޝަނާއި ކޮރިއޮގްރަފީ ހަދާފައިވަނީ ވަރަށް ބޮޑަށް އެ ލަވައިގެ ތެރެއަށް ވަދެވި، ފިލްމު ”ބަވަތި”ގެ މައިގަނޑުގައި ބުނެދޭ އިޙްސާސްތައް ބެލުންތެރިންނަށް ކުރުވާ ފަދަ އަސަރުތަކެއް ހިމަނައިގެންނެވެ.

މިފަދަ ތަފާތު އަދި އެހާމެ އަސަރުގަދަ ގޮތަކަށް ދިވެި ފިލްމެއްގެ ޕްރޮމޯޝަން ލަވައެއް އަދި މިހައިތަނަށް ފެނިފައެއް ނުވެއެވެ. ލަވަ ބައިލުމުން ފެނިގެންދަނީ ފިލްމުގެ ޑައިރެކްޓަރާއި ޓީމުން މޮޅު ފިލްމެއް ގެނެސްދޭން ކުރާނެ މަސައްކަތުގެ ކުޑަ މިންވަރެކެވެ. ޕްރޮމޯ ލަވައަށް މިވަރުގެ ބޮޑު މަސައްކަތެއް ކޮށްފައިވުމުން ފިލްމަށް މަސައްކަތްކުރާނެ މިންވަރާމެދު ބުނެވޭނެ އިތުރު އެއްޗެއް ނެތެވެ.

ފިލްމު ”ބަވަތި”ގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިން ކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރަނީ އިލްޔާސް ވަހީދު އެވެ. ”ބަވަތި”ގައި ކިޔައިދޭނީ ކައިވެނިކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ ޒުވާން އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކަމަށް ޑައިރެކްޓަރ ބުނެއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ އާސިމް އަލީ އާއި އަހުމަދު ވަހީދުއެވެ. ”ބަވަތި”ގެ ކެމެރާމަނަކީ މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށް، އެވޯޑް ވެސް ހޯދާފައިވާ އަދި ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރޭގައި ހިމެނޭ އިބްރާހީމް ވިސާމް (ކަނޑި) އެވެ. ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމުގެ ވީޑިއޯ އެފްއެކްސް މަސައްކަތް ކުރަނީ އެ ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒުންނެވެ.

ބަވަތި”ގެ މަންޒަރުތައް ނަގާފައި ވަނީ ކ. ކާށިދު އާއި މާލޭގަ އެވެ.”ބަވަތި”ރިލީޒް ކުރަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.