މެންދަމުގެ ވަގުތެވެ. ޖަހާލި ބާރު ގުގުރިއާއިއެކު ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އެ އަޑާއި އެކުވެގެން ކަހަލަ ގޮތަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެލޯ އުނގުޅާލަމުން އަވަސްއަވަހަށް ޖެހިގެން ހުރި ކުޑަ އެނދަށް އަހަރެން ބަލާލީމެވެ. ތިން އަހަރަށްދާ އެ ކުޑަކުއްޖާ ގެނެސް އަހަރެންގެ މޭގެތެރޭ ބޮނޑިކޮށްލީމެވެ. އެ ކުޑަކުޑަ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ.

“ދޫނީ.. އަވަހަށް ހުއްޓާލާ.. ޑެޑީ މިހުރީއެއްނު..” އަހަރެން ވަރަށް ލޯބިން ބުނެލީމެވެ. އެކުއްޖާގެ ރުއިމުގެ އަޑު ކެނޑުނުނަމަވެސް ގިސްލެވިލެވި ހުއްޓެވެ. އަހަރެން އެ ކުޑަކުއްޖާގެ ބުރަކަށީގައި ފިރުމަމުން ދިޔައީމެވެ. އަހަރެންގެ ހިމާޔަތް ލިބުމުން ކަންނޭނގެއެވެ. އަހަރެންގެ މޭގެތެރޭ ބޮނޑިވެލައިގެން އޮވެ އެކުއްޖާއަށް ނިދުނެވެ. އަހަރެން ވަރަށް ލޯބިން އެކުއްޖާ އަހަރެންގެ އެނދުގެ އެއްފަރާތުގައި ބާއްވާފައި އެކުއްޖާގެ މޫނަށް ބަލާލީމެވެ. ވަށް މޫނެކެވެ. ދޮން މޫނުގައި ލަކުނެއް، ބިއްސެއްހާ ހިސާބުވެސް ނެތެވެ. އެހާ އޮމާނެވެ. ބޮޑު ދެލޮލާއި ކުޑަ ނޭފަތެކެވެ. ފިޔާތޮށި ކުލަ އަރާ ކުޑަ ތުންފަތެކެވެ. މައުސޫމުކަމުގެ އިންތިހާއެވެ.

އަހަރެން އެނދުގައި އޮށޯވެ ހަމަޖެހިލީމެވެ. އަދި އެ ކުޑަކުއްޖާގެ މޭމަތީގައި އެއް އަތް ބާއްވާލަމުން ނިދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް ނިދޭ ގޮތެއް ނުވިއެވެ. އަހަރެން ފޯނު ނަގައި ބަލާލީމެވެ. ފޯނުގެ ސްކުރީނުން ފެންނަން ހުރީ އަހަރެން އެމީހެއްދެކެ އިންތިހާއަށް ލޯބިވި އަންހެންކުއްޖާއެވެ. ލިއުޝާއެވެ. ފޯނު ގެނެސް ތުންފަތުގައި ޖައްސާލުމާއެކު އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. މާޒީގެ ޞަފުޙާތައް ހުޅުވެން ފެށިއެވެ.

އަހަރެންގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އަހަރެން އުޅެމުން އައީ ބައްޕައާއި އެކީގައެވެ. އަހަރެންގެ މަންމަ އަހަރެން ދޫކޮށްލާފައި ދިޔައީތީއެވެ. ބައްޕަ އިތުރު ކައިވެންޏެއް ކުރިއެވެ. ދޮންމަންމަ އަހަރެންނަށް ކިތަންމެހާވެސް ހެވެވެ. ނަމަވެސް އަހަރެންގެ ހިތް ދޮންމަންމައަކަށް ހެވެއް ނުވިއެވެ. ދޮންމަންމަ ވާނީ ދޮން ނިޔަނދުރަށޭ ބުނާ އުސޫލު އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ދޮން ނިޔަނދުރަކަށް ނުވާ ދޮންމަންމައަށް އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވާނެއެވެ. ވުމާއެކު އަހަރެން ބެލީ ދޮންމަންމައާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ.

ދޮންމަންމައަށް ދަރިއަކު ލިބެން އުޅޭކަން އަހަރެންނަށް އެނގުމުން އަހަރެން އިންތިހާއަށް ރުޅިއައެވެ. ދޮންމަންމަ އުޅެނީ ބައްޕަގެ މުދާގަނޑު ފެނި އޭގެ ދަހިވެތިކަމުގައިކަމަށް އަހަރެން ޤަބޫލުކުރީމެވެ. އަހަރެންނަށް ޙައްޤުވާ މުދަލުން އެހެން މީހަކަށް ބައި އަޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން މަސައްކަތް ކުރީ ދޮންމަންމަގެ އެ އެދުން ފުދުނަ ނުދިނުމަށެވެ. ދޮންމަންމައާއި ބައްޕަގެ ކޮޓަރި ހުންނަނީ މަތީބުރީގައި ކަމުން އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ދޮންމަންމަ ސިޑިން ވައްޓާލުމެވެ. އެހެންކަމުން ސިޑީގެ މެދަށް އަހަރެން ބެހެއްޓީ ފެން އަޅާފައެވެ. އެކަމުގެ ސަބަބުން ގެއްލުންވާނީ ޚުދު އަހަރެންނަށްކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

ހަވީރު ކުޅެން ދާން ތައްޔާރުވެގެން އަހަރެން މައްޗަށް ދިޔައީ ކާއެއްޗެއް ގަނެލަން ބައްޕަގެ އަތުން ރުފިޔާއެއް ހޯދަންވެގެންނެވެ. އޭރު އަހަރެން ހުރީ ސިޑިމައްޗަށް ފެން އެޅުނުކަން ހަނދާން ނެތިފައެވެ. އަހަރެންނަށް ފެން އެޅި ތަނަށް އެރުމާއެކު އަހަރެންގެ ފައި ކަހާލިއެވެ. ސިޑީގެ އަތްގަނޑުގައި ހިފަންވެގެން އަތް އެއްލައިގެން އަތެއް ނުޖެހުނެވެ. ސިޑިން އަހަރެން ވެއްޓެން ދިޔަ ވަގުތު އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެން މުށިތަކު މަތީގައި ޖެހުމާއެކު އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. ދެލޯ މެރެމުންދިޔަ ވަގުތު “މަގޭ ދަރި”އޭ ކިޔާފައި ދޮންމަންމަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ގައިގައި އަޅަމުންދިޔަ ވޭނުން ގަޔަށް ގުޑުމެއްވެސް އަރުވާނުލެވުނެވެ. ބޮލުގައި ބެންޑޭޖު އޮޅާފައި އޮތްއިރު އެއް އަތާއި އެއް ފައިގައި ވަނީ ޕްލާސްޓަރު އަޅާފައެވެ. އަހަރެންގެ އެނދު ކައިރީގައި ރޮވިފައި ދޮންމަންމަ އިނެވެ. ދޮންމަންމަ އަހަރެން ގައިގައި ލޯބިން ފިރުމިއެވެ. ނަމަވެސް އަހަރެންނަށް އެ ފިރުމުންތަކުން އަރާމެއް އުފަލެއް ނުލިބުނެވެ. އޭގެ ބަދަލުގައި ދޮންމަންމަ އަހަރެންގެ ގައިގައި ހަށިގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު ހީވަނީ އަލިފާން ޖައްސާހެންނެވެ. އަހަރެން ދޮންމަންމައަށް ކުރާ ނަފުރަތެއްގެ ސަބަބުންނެވެ.

އަހަރެން މޫނު އަނބުރާލީ އަހަރެންގެ ބައްޕަ އިން ފަރާތަށެވެ. ނަމަވެސް ބައްޕަގެ މޫނުމަތިން ފެނުނު ކުލަވަރުން އަހަރެންގެ ހިތް ތެޅިގަތެވެ. ބިރުން ރޫރޫ އަޅައިގަތެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ބައްޕައަށް އަހަރެން ކުރަން އުޅުނު ކަންތައް އެނގުނީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ބައްޕަ އަހަރެންނާއި އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ނަމަވެސް ދޮންމަންމަ އަހަރެންނާއި ވަރަށް ވާހަކަ ދެއްކިއެވެ. ކެތްތެރިވުމަށް ބުނެ ހިތްވަރު ދިނެވެ. ދޮންމަންމަގެ ވާހަކަތަކުން އަހަރެންނަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ޙަޤީޤަތުގައި ދޮންމަންމަ އެތާނގައި މަޑުކުރަންވެސް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ބައްޕަ އިނުމުން އެހެންވެސް ބުނާކަށް ނުކެރުނެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގެންދިޔައިރުވެސް ބައްޕަ އަހަރެންނާއި ވަރަށް ދުރެވެ. ކޮންމެހެން ބުނަން ބޭނުންވާ އެއްޗެއް ނޫނީ ނުބުނެއެވެ. ބައްޕަގެ އެ ދުރުކަމުގެ ސަބަބުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ބައްޕަގެ އެ ދުރުކަމުގެ ސަބަބަކީ ދޮންމަންމަކަމުގައި އަހަރެން ޤަބޫލުކުރީމެވެ. ދޮންމަންމަގެ ހުރި ނުބައިކަމާއެވެ. އެންމެފަހުން އަހަރެންނާއި ބައްޕަވެސް ޖެއްސީއެވެ. އަހަރެންގެ ހިތުގައި ދޮންމަންމަގެ މައްޗަށް އުފެދުނު ނަފުރަތުގެ ހުޅުގަނޑު އިތުރަށް އަނދައިގަތެވެ.

“ފާޒިލް ތިކުރީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން.. ފާޒިލް ތިކުރި ކަމަކުން ބަލާބަލަ ފާޒިލްއަށް ވެފައި އޮތް ގޮތް.. ކިރިޔާ މަންމަވެސް ސިޑިން ނުވެއްޓުނީ.. ބައްޕައަށް އެގަޑީ މަންމައާއެކު ނުފޭބުނުނަމަ މަންމަ ވެއްޓުނީސް.. މަންމަ ވެއްޓުނުނަމަ ވާނެގޮތް ނޭނގެ ހިތަށް ގެންނާކަށްވެސް.. އެއީވެސް މި ބައްޕަގެ ދަރިއެކޭ..” ބައްޕަ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ.

“ބައްޕާ.. އަ..”

“ބައްޕައަށް އެނގޭ ފާޒިލް ނޫން މީހަކު އެކަން ނުކުރާނެކަން.. ގެއަކީ އިތުރު އެއްވެސް މީހަކު އުޅޭ ގެއެއް ނޫން.. އަހަރެމެން ތިން މީހުން އެކަނި މި އުޅެނީ..” ބައްޕަ އަހަރެންގެ ޖުމުލަ މެދުކަނޑާލަމުން ބުނެލިއެވެ.

“ފިރާޤު.. އެސޮރާއި ދިމާއަށް އެއްޗެހި ނުކިޔަބަލަ.. އެއީ އަހަރެންގެ އަތުން ވެފައިހުރި ކަމެކޭ.. އަހަރެން ކޮޓަރިއަށް ފެންޖަގު ހިފައިގެން ދަނިކޮށް ބަންޑުންވެފައި ހުރީކަމަށް ވާނީ.. ފާޒިލް ކީއްކުރަންތަ އެކަހަލަ ކަމެއް ކުރަންވީކީ؟ ފާޒިލް އެކަހަލަ ކަމެއް ނުކުރާނެ.. އެއީ އެކަހަލަ ކުއްޖެއް ނޫން..” ދޮންމަންމަ އަހަރެންގެ ދިފާޢުގައި ވާހަކަ ދެއްކުމުން އެކަންވެސް އަހަރެންނަށް ދެކެވުނީ ކަންދެއްކުން ކަމުގައެވެ. އަހަރެންނަށް ދޮންމަންމައާއި ދޭތެރޭ ގޯސްކޮށް ދެކެވެނީ ދޮންމަންމަ އެއްވެސް ކަމެއް ގޯސްކޮށް ކޮށްގެނެއް ނޫނެވެ. އަހަރެންގެ ބޮލަށް އިބިލީސް ސަވާރުވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަހަރެންގެ ނުބައިކަމުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެން ދޮންމަންމައަށް އެކި ގޮތްގޮތުން އުނދަގޫ ކުރީމެވެ. ބައެއްފަހަރު ދޮންމަންމައަށް އެކިވަރުގެ އަނިޔާތައްވެސް ލިބުނެވެ. ނަމަވެސް ދޮންމަންމަ ބައްޕައާއި ހަމައަށް އެވާހަކަތައް ގެންގޮސް ޝަކުވާއެއް ނުކުރެއެވެ. އަހަރެންނާއި ދިމާއަށް ބާރަށް އެއްޗެކޭވެސް ނުބުނެއެވެ. ރުޅިއެއްވެސް ނާދެއެވެ. އަހަރެންނަށް ވިސްނައިދީ ނަޞޭޙަތް ދެވޭތޯ ބެލިއެވެ. ނަމަވެސް އަހަރެން އަޑު އެހިއްޔާތާއެވެ. ބައްޕައާއި ދޮންމަންމަގެ ނަޞޭޙަތްތައް އަހާވަރަށްވުރެ އޭރު އަހަރެން ޖާހިލެވެ. އަހަރެން މިއަދު އެކަމާ ހިތާމަކުރަމެވެ.

ދޮންމަންމަގެ ބަނޑަށް ހަތް މަސްވީއިރު ދޮންމަންމައަށް އެކަނި ކަންކަން ކުރެވޭވަރެއް ނުވެއެވެ. ކައްކަންވެސް ޖެހެނީ ބައްޕައަށެވެ. ބައްޕަ އެކަން ކުރަނީ ކުރާ ހިތުންނެވެ. ނަމަވެސް ދޮންމަންމަ އަރާމުކުރަން އެނދުގައި ބާއްވާފައި ބައްޕަ ބަދިގެއަށް ވަދެ ކައްކައި، އެއްޗެހި ދޮވެ އިސްތިރިކޮށް ގޭތެރެ ފޮޅާ ސާފުކުރުން އަހަރެން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ބައްޕަ ހުރީ އަނބިދަށުވެގެން ގޮސް ހަލާކުވެފައެވެ. އެއީ އަހަރެންނަށް އޭރު ވިސްނުނު ގޮތެވެ. ނަމަވެސް އެއީ އެކަން އޮންނަންވާނެ ގޮތްކަން އަހަރެން މިހާރު ޤަބޫލުކުރަމެވެ. އަނބިމީހާ ބަލިވުމުން ފިރިމީހާ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަކީ އަނބިދަށުވުމެއް ނޫނެވެ. އެއީ އަނބިމީހާދެކެ ފިރިމީހާ ވާ ލޯތްބެވެ.

ދުވަސް ޖެހުމާއެކު ދޮންމަންމަ އެނދުމަތި ކުރެވުނެވެ. ބަނޑުގައި ރިއްސާފައި ނުވިހައި ދޮންމަންމައާއިއެކު އެ ކުޑަ ދަރިފުޅު މިދުނިޔެ ދޫކޮށް ދިޔައީ އަހަރެންގެ ބަދުދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. އަހަރެންގެ ދޫ ނުބައިކަމުގެ މައްޗަށް އަހަރެންނަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވެއެވެ. ދޮންމަންމަގެ ވަކިވެ ދިޔުމާއެކު އަހަރެންނަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. ބައްޕަވެސް އަހަރެންނާ އާދަޔާ ޚިލާފަށް ދުރުވިއެވެ. ބައްޕައަކީ އަހަރެންނަށް ނެތް މީހެއް ފަދައެވެ. ބައްޕައަށް އައި ބަދަލުތަކަކީ ޚުދު އަހަރެންގެ ސަބަބުން އައި ބަދަލުތަކެއްކަން އަހަރެން ޤަބޫލުކުރަމެވެ. ބައްޕަގެ ދިރިއުޅުން ނުހަނު ރަނގަޅަށް ފެށިފައި ވަނިކޮށް އެ ހަމަޖެހުން ނަގާލީ ޚުދު އަހަރެންގެ ދެއަތުންނެވެ.

އަހަރެންނަށް ލިބުނު އެކަނިވެރިކަމަށް ޙައްލެއް ހޯދަން އަހަރެން ބޭނުންވިއެވެ. ވުމާއެކު އަހަރެން ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ގިނަކުރީމެވެ. އާ ރައްޓެހިން ހޯދީމެވެ. ތަފާތު މިޒާޖުގެ ރައްޓެހިންނެވެ. މުޖުތަމަޢުން ބާކީކޮށް އެކަހެރިކޮށްލުމުން ކުށުގެ ވެށިން ސަލާމަތްވާނެ ހިތްވަރެއް ނުލިބިފައި ތިބި ކިތަންމެ ބަޔަކާއި ދިމާވިއެވެ. އާއިލާގެ އެއްބާރުލުމާއި ލޯބިން މަޙުރޫމުވުމުގެ ސަބަބުން ކުށުގެ ވެށްޓަށް ހުޅަހެޅިފައިވާ ކުޑަކުދިންވެސް ބައިވަރެވެ. އަހަރެންނާއި އެއް އުމުރުގެ ކުދިންނާއި ބޮޑެތި މީހުންނާއިއެކު އަހަރެން އުޅެން ފެށީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހިތަށްއެރި ކޮންމެ ކަމަކީ ކުރަންޖެހޭ ކަމެކެވެ. ފިކުރެއް ޚިޔާލެއް ނެތިއެވެ. ޙަލާލެއް ޙަރާމެއް ނުބަލައެވެ. މާތް ﷲއަށް ބިރުވެތިވުމަކީ އަހަރެމެންނަށް އޭރު ނެތް ކަމެކެވެ.

ބައްޕައަށް އަހަރެން އުޅޭ އުޅުން އެނގުމުން ވަރަށް ރުޅިއައެވެ. އެއްޗެހި ކިޔެވެ. އަހަރެންވެސް ހުރީ އޭރު ލަދުޙަޔާތް ކެނޑިފައެވެ. ބައްޕައާއި ޒުވާބުކުރަން ފެށީ އެއީ ކިހާ ނުބައި ކަމެއްކަން ހަނދާން ނެތް ޙާލުގައެވެ. ބައްޕަގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. އަހަރެންގެ ގައިގައި ފުރަތަމަ ފަހަރަށް ބައްޕަ ޖެހިއެވެ. އަހަރެންގެ ކުށުންނެވެ. ބައްޕަ އަހަރެން ގެއިން ބޭރުކޮށްލީ ދުވަހަކުވެސް އެގެއަށް އައިސްގެން ނުވާނެކަމަށް ބުނަމުންނެވެ. އަހަރެން ދިޔައީ އަހަރެންގެ އެކުވެރިއެއްގެ ގެޔަށެވެ. އެމީހުން އަހަރެންނަށް އަޅާލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޤާނޫނީ ގޮތުން އަހަރެން ބޮޑު މީހަކަށްވިއެވެ. އަހަރެންނަށް މާ ހިތް އެދޭ ކުއްޖަކު ފެނިގެން މުގޯލި އަޅާތާ މަހެއް ވަނީއެވެ. ނަމަވެސް އެކުއްޖާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަހަރެންނަށް ބަލާލާފައި ދުވަހަކު ފެންވެރި ވައްތަރެއް ނުޖަހާނެއެވެ. ދިގުކޮށްފައިވާ އިސްތަށިގަނޑުން ފިރިހެންވަންތަކަން ގެއްލިފައެވެ. ދިގުވެފައިވާ މަތިމަހުން އަނގަމަތި ހުރީ ފޮރުވިފައެވެ. އަހަރެން ލާ ބާ ޓީޝާޓުގަނޑު ހީވާނީ ދަނޑިގަނޑެއްގައި އަޅުވާލާފައި ހުންނަހެންނެވެ. ޖިންސު އުނަގަނޑުގައި ހަރެއް ނުލާނެއެވެ. އަތާއި ކަރުގައި ބޮޑެތި ޗޭނުތައް އަޅާލާފައި ހުންނައިރު އަތުގެ ކޮންމެ އިނގިއްޔެއްގައި އަނގޮޓިއެއް ނޯންނަ އިރެއް ނުދާނެއެވެ. ދެކަންފަތް ދެތިން ތަނުން ތޮރުފައި މުދި ލާފައި ހުންނާނެއެވެ.

“ލޯބި ބޭނުމިއްޔާ އަމިއްލައަށް ދަންޖެހޭ.. ލޯބިވެޔޭ، ރައްޓެހިވާށޭ ބުނާއިރު ފުރަތަމަ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ތިމާ މީހާގެ ސޫރައަށް ބަލާލަބަލަ، ތިމާގެ ކިބައިގައި މީހަކު ގަޔާވާނެ އެއްވެސް ސިފައެއް ހުރިތޯ.. ކަލޭ މިހާރު ތިހުރި ސިފައިން ކަލެއާއި ދިމާއަށް ބަލާލާނެ މީހަކުވެސް ނުވާނެ.. ނޭނގެ މީން ޒަމާނަކު ފެންވެރިހެނެއްވެސް.. ޗީޗީ..” އަހަރެން އެ އަންހެންކުއްޖާއަށް ލޯބި ހުށަހެޅުމުން އަހަރެންނަށް އޭނާ ދިން ޖަވާބަކީ މިއީއެވެ.

އަހަރެން ގެއަށް އައިސް ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލީމެވެ. ތެދެކެވެ. އަހަރެންގެ ގަޔަކު މީހަކު ގަޔާވާނެ އެއްވެސް ސިފައެއް ނެތެވެ. އަހަރެން އަހަރެންގެ އަމިއްލަ ސޫރަދެކެ ފޫހިވިއެވެ. ވަގުތުން ކަންފަތުގައި ލާފައިވާ މުދިތައް ނެގީމެވެ. އަޅާފައިވާ ގަހަނާތައް ނެގީމެވެ. ޖެހިގެން އައި ދުވަހު ބޯވެސް ކޮށާލައި ތުނބުޅިއާއި މަތިމަސްވެސް ރީތިކޮށްލީމެވެ. ދެވަނަ ފަހަރަށް ލޯބި ހުށަހެޅީ އަހަރެންގެ އުޅުން އިސްލާޙުކުރުމަށްފަހުއެވެ. އޭނާ އަހަރެންނާއި ގުޅުނެވެ. ނަމަވެސް އެކަންވެސް ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ.

އެއީ ޠޫފާނީ ރެއެކެވެ. މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެކެވެ. އެވަގުތު އަހަރެންނަށް އެތާނގައި ހުރެވުނީތީ އަހަރެން އެ ދެމަފިރިންނަށް އެހީތެރިވީމެވެ. އަންހެންމީހާގެ ހޭވެރިކަމެއް ނެތްނަމަވެސް ފިރިހެން މީހާގެ ހޭ ހުއްޓެވެ. ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެ ފިރިހެން މީހާ އަހަރެންނަށް ވަޞިއްޔަތްކުރީ އެމީހުންގެ އާއިލާގައި އެކަކުވެސް ނެތުމާއެކު، އޭގެ ދެމަފިރިން ނެތް ދުނިޔެއެއްގައި އޭނާގެ ތުއްތު ދަރިފުޅު އަހަރެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ގެންގުޅެދިނުމަށެވެ. ﷲއަށްޓަކައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު އެ ދެމަފިރިންވެސް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އަހަރެންގެ ހިތުގައި އެ ކުޑަކުއްޖާއަށްޓަކައި ރަޙުމު އުފެދުނީ މާތް ﷲގެ ކުޅަދުންވަންތަކަމުންނެވެ. އަހަރެންގެ ލޯބިވެރިޔާ، އަހަރެން އެ ކުޑަކުއްޖާ ގެންގުޅުމަކަށް އެއްބަހެއް ނުވިއެވެ. ނަމަވެސް އަހަރެން އެކުއްޖާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ﷲއަށްޓަކައެވެ. ބައެއްގެ އަމާނާތަކަށް ވީތީއެވެ. ހަމައެހެންމެ އަހަރެންގެ ހިތުގައި އެކުއްޖާއަށްޓަކައި ޖެހިފައިވާ ކުލުނެއްގެ ސަބަބުންނެވެ.އަހަރެންގެ ލޯބި ޤުރުބާންކޮށްފައި އަހަރެން އަހަރެންގެ ދަރިއެއްގެ ގޮތުގައި ބަލަމުން މި ގެންދަނީ އެ ކުޑަކުއްޖާއެވެ. ލޯބިލޯބި ޒާންއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.