ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެންމެ ބޮޑު އެއް އަމާނާތެވެ. އެ އަމާނާތަށް ރައްކާތެރިވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތެވެ. ޚިޔާނާތްތެރި ވެވިއްޖެނަމަ ހިތާމައިގެވެސް ކޮޅެއްނެތެވެ. ދަރިންނަކީ ކިހައި މުހިންމު ބައެއްކަން ޙަޤީޤީ ނަޒަރަކުން ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ. މައިންބަފައިން ދަރިންދެކެ އިންތިހާއަށް ލޯބިވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މަދު ބަޔަކު ފިޔަވައެވެ. ނަމަވެސް މައިންބަފައިންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތައް ދަރީންގެ ދިރިއުޅުންބާވައެވެ. މިކަމާއިމެދު ވިސްނަނީ ކިތައް މައިންބަފައިންބާވައެވެ.

ފަންސަވީސް އަހަރު ނުވަނީސް މީހަކާއި ނުއިނުމަށް އަހަރެންގެ މައިންބަފައިން އަބަދުވެސް ބުނެއެވެ. ކައިވެންޏަށް ރަނގަޅަށް ތައްޔާރުވެވި ހަރުދަނާ މީހަކަށް ވެވޭނީ ފަންސަވީސް އަހަރު ވުމުންކަމަށް އެމީހުން ބުނެދިނެވެ. މީހާއަށް ދިރިއުޅުމާއިމެދު ސީރިއަސްކޮށް ވިސްނޭނީ އެ އުމުރުން ފެށިގެންކަމަށްވެސް ބުނެއެވެ. އެއީ އެމީހުންގެ ވިސްނުމެވެ. ފަހަރެއްގައި އެއީ ރަނގަޅު ވިސްނުމަކަށްވެސް ވެދާނެއެވެ. އަހަރެންގެ ނަޒަރުގައި ކައިވެނި ކުރާކަށް ވަކި އުމުރެއް ނޯންނާނެއެވެ. އެކަމުގައި އޮންނާނީ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި ކައިވެނިކުރަން އުޅޭ ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރާއި ގާތް ގުޅުމެވެ. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. ކޮންމެއަކަސް އަހަރެންނަކީ އަބަދުވެސް މައިންބަފައިންގެ ބަސް ޤަބޫލުކުރި މީހެއްކަމުން އަހަރެން ކައިވެނިކުރީ އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ވުމުންނެވެ.

އަހަރެންނާއި ހުދާގެ ކައިވެނި ކުރެވުނީ ބަޔަކު އަންތަރީސްވާހާ ފުރިހަމަ ބޮޑު ހަފުލާއަކާއި އެކުގައެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ދެއްކުންތެރިކަން ކަމަށްވިޔަސް އަހަރެންގެ ނަޒަރުގައި އެއީ ކުރަން ހަމަ އެންމެ ރަނގަޅު ކަމެކެވެ. އަލަތު ކައިވެންޏަކީ ކޮންމެ އަންހެނަކާއި ފިރިހެނަކުވެސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާނެ ކަމެކެވެ. ޙަޔާތުގައި އެއްފަހަރު އަންނަ އެ އުފާވެރި ދުވަސް އެހާ އާދައިގެ ގޮތަކަށް ކުރިއަށް ގެންދިއުމަކީ އަހަރެން ކަހަލަ ތަނަވަސް އާއިލާއަކުން ކުރާ ވަރަށް ދެރަ ކަމެއްކަމުގައި އަހަރެންގެ އާއިލާއިން ދެކުނެވެ.

އަހަރެންނާއި ހުދާގެ ކައިވެންޏަށް އަހަރެންގެ ބައެއް ރައްޓެހިން ދެކޮޅު ހެދިއެވެ. ހުދާއަކީ އަހަރެންނާއި އެކަށީގެންވާ މީހެއް ނޫންކަމަށް ބުނެއެވެ. ދަރަޖައިގެ ތަފާތު ފާހަގަކުރަމުންނެވެ. އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ހުދާދެކެ ވީ ޙަޤީޤީ ލޯތްބެވެ. ހުދާވެސް އަހަރެންދެކެ ލޯބިވީ އޭގެ އިންތިހާއަށެވެ. އަހަރެންގެ ކައިވެންޏަށް ދެކޮޅު ހެދި ރައްޓެހިންނަށް އަހަރެން ރައްދު ދިނީ ޤިޔާމަތް ދުވަހުން ޖަޒާ ލިބުމުގައި މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު އޮވޭތޯ ސުވާލުކުރަމުންނެވެ. ވީއިރު އަހަރެންނާއި ހުދާގެ ދެމެދުގައި ދަރަޖައިގެ ތަފާތު ކިތަންމެ ބޮޑުވިޔަސް މައްސަލައަކީ ކޮބައިހެއްޔެވެ؟ ދެމީހުން ދެމީހުންދެކެ ލޯބިވަންޏާ ނިމުނީ ނޫންހެއްޔެވެ؟

އަހަރެންގެ މަންމަވެސް ފުރަތަމަ ކައިވެންޏަށް ދެކޮޅު ހެދިއެވެ. ހުދާއަކީ އަހަރެންނާއި އެއް ފަންތިއެއްގެ މީހަކަށް ނުވީތީއެވެ. ނަމަވެސް އަހަރެން ހުދާދެކެ ވާލޯބި ފެނިފައި މަންމަވެސް ގޮތް ދޫކުރިއެވެ. ހުދާއާއި ކައިވެނިކޮށްގެން ގެއަށް ގެނައުމަށްފަހު ހުދާގެ ފަރާތުން ފެންނަން ފެށި މުރާލިކަމާއި ގެވެހިކަން، ހިތްހެޔޮކަމާއި އޯގާތެރިކަން އަހަރެންގެ މަންމަގެ ހިތް ފަތަޙަކުރިއެވެ. މަންމަގެ ފަރާތުން ހުދާއަށް އިންތިހާއަށް ލޯބި ލިބުން ވެގެން ދިޔައީ އަހަރެންގެ ހިތް އުދުހެންފެށި ކަމަކަށެވެ. އަހަރެންނާއި ހުދާގެ ކައިވެނީގެ ފަހުން، ކުރީގައި އަހަރެންގެ ކައިވެންނާއި ދެކޮޅު ހެދި ބައެއް ރައްޓެހިންވެސް ހުދާއަކީ އަހަރެންނާއި ހަމަ އެންމެ ގުޅޭ ބައިވެރިޔާކަމަށް ބުނެ އަހަރެންގެ ހޮވުމަށް ސާބަސް ދިނެވެ.

ކައިވެންޏަށް އަހަރު ވީތަނާ އަހަރެންގެ ޙަޔާތަށް އިތުރު މެންބަރަކު އަންނަން އުޅޭކަމުގެ ޚަބަރާއިއެކު އާއިލާއަށް ހީވީ ބަހާރު މޫސުން އައިހެންނެވެ. ހުދާއަށް އެއްވެސް މަސައްކަތެއް ކުރުން އަހަރެންގެ މަންމަ މަނާކުރިއެވެ. ހުދާއަކީ ބަލި މީހެއްކަމުގައި ބުންޏެވެ. ކުޑަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީއެވެ. އެކަމާ ހުދާ ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ބަލިވެ އިނުމަކީ ބަލި އެނދުގައި އޮށޯންނަން ޖެހޭ ސަބަބެއް ނޫންކަމުގައި ހުދާ ބުނަމުން ދިޔައެވެ. މަސައްކަތް ނުކޮށް އެގޮތަށް ނުވަ މަސް ވަންދެން އޮންނަން ޖެހިއްޖެނަމަ އޭނާ ކަންނެތް ވެދާނެކަމަށް ބުނެ ޝަކުވާކުރިއެވެ. ނަމަވެސް އަހަރެންގެ މަންމަ ހުރީ މަންމަގެ ގޮތުގައެވެ. ހުދާ އެއްވެސް މަސައްކަތެއް ގޭތެރޭގައި ކޮށްފިނަމަ އެދުވަހަކު ގޭތެރޭގައި ކުޑަވަރެއްގެ ރޯޅިއެއް އެނބުރޭނެއެވެ. އަހަރެން އެކަމާއި އެއްވެސް އެއްޗެއް ނުބުނީ އަހަރެންނަށް ބުނެވޭ އެއްޗަކުން މައްސަލަ އިތުރަށް ގޯސްވެދާނެތީއެވެ. ނަމަވެސް އަހަރެންނަށް އޭރު އެއްޗެކޭ ނުބުނެވުން އެއީ އަހަރެންނަށް ކުރެވުނު ކުށެކެވެ.

މަންމަގެ ނުޤަބޫލުގައި ހުދާ، ކުޑަކޮށް ނަމަވެސް މަސައްކަތުގައި އުޅެން ފެށުމާއެކު އަހަރެންގެ މަސައްކަތުގެ ބުރަ ތާވަލުގައި އުޅެމުން މަންމަގެ ތާކުންތާކު ނުޖެހޭ ޝަކުވާތައް އަޑުއަހަން ޖެހުމުން އަހަރެންގެ ބޮލުގެ ރިހުން އިތުރުވާން ފެށިއެވެ. އެ ރުޅި ކޮންމެވެސް ވަރަކަށް ބޭރުވާން ފެށުމުން އަހަރެންނާއި ހުދާގެ މެދުގައި ކުދިކުދި މައްސަލަތައް ޖެހެން ފެށިއެވެ. އަހަރެންނާއި ހުދާގެ މެދުގައި މައްސަލަތައް ޖެހެން ފެށުމުން އަހަރެން ވަރަށް ކަންބޮޑުވިއެވެ. ހުދާވެސް އެކަމާއި ކަންބޮޑުވާކަން އޭނާގެ ޢަމަލުތަކުން އަހަރެންނަށް އެނގުނެވެ. އަހަރެމެން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބެލީމެވެ. ބައެއް މައްސަލަތައް ހައްލުކުރެވުނެވެ. އަނެއްބައި މައްސަލަތައް ހައްލު ނުކުރެވި ބޮޑުވާން ފެށުމުން އަހަރެން މަންމައާއި ވާހަކަދައްކަން ނިންމީމެވެ. ހިތްހަމަނުޖެހިގެނެއް ނޫނެވެ. އެއްވެސް ޙާލެއްގައި ކައިވެނި ރޫޅާލަން ބޭނުން ނުވާތީއެވެ.

އަހަރެން އެތައް ވާހަކައެއް ދެއްކުމުންވެސް މަންމަ ގޮތް ދުލެއް ނުކުރިއެވެ. ހުދާއާއި ވާހަކަ ދެއްކުމުން އޭނާވެސް ގޮތް ދުލެއް ނުކުރިއެވެ. އެއީ އަހަރެންގެ އަމުރަކަށް ހުދާ ނުކިޔަމަންތެރިވީ ފުރަތަމަ ފަހަރެވެ. އަހަރެން އެކަމަކާއި ރުޅިއެއް ނާދެއެވެ. ހުދާ ދައްކާ ވާހަކައަކީވެސް ރަނގަޅު ވާހަކައެކެވެ. މާބަނޑު ދުވަސްވަރު މަސައްކަތް ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއް ނޫނެވެ. އަދި އޭނާ އެގޮތަށް މަސައްކަތްކުރުމުން ދުރުކުރާކަމަށްވާނަމަ އޭނާ ކަންނެތް ވެދާނެކަމަށް ބުނާ ވާހަކަވެސް ރަނގަޅެވެ. ނުވިސްނުނީ މަންމައަށެވެ. ނުވަތަ އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވާގޮތެކެވެ. ކޮންމެ މާނައެއްގައި މަންމަ ކުރާކަމެއް ނަމަވެސް އެކަމުގެ ސަބަބުން ނުބައި އަސަރުކުރަން ފެށީ އަހަރެންގެ ދިރިއުޅުމަށެވެ. ކައިވެނި ރޫޅުމަކީ ދަރިންނަށް ލިބޭ ކިހާ ބޮޑު ނިކަމެތިކަމެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވެއެވެ. އަހަރެންގެ ޙަޔާތުގައި އެގޮތަށް ދިމާނުވި ނަމަވެސް އަހަރެންގެ ބައެއް ގާތް ރައްޓެހިންގެ ދިރިއުޅުން އަހަރެންނަށް ވަނީ ވަރަށް ގާތުން ފެނިފައެވެ.

ދިރިއުޅުމާއިމެދު ވަރަށް ވިސްނުމަށްފަހު އަހަރެންގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކޮށްލަން ނިންމީމެވެ. މަންމައާއިވެސް ވާހަކަދައްކާފައެވެ. މަންމަ ނުރުހުންވާނެކަންވެސް އެނގިހުރެއެވެ. މަންމަގެ މައްޗަށް އަނބިމީހާ އިސްކުރުމަކީ އަހަރެން އެއްއިރެއްގައިވެސް ކުރަން ބޭނުންވީ ކަމެއް ނޫންނަމަވެސް ޙާލަތުގެ ގޮތުން އަހަރެންނަށް މަޖުބޫރުވީއެވެ. މައިމީހާގެ މައްޗަށް އަނބިމީހާ އިސްކުރުމަކީ ކިހާ ނުބައިކަމެއްކަން އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. އަހަރެންގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުވުމަށްފަހުވެސް އަހަރެން ބަރާބަރަށް މަންމަގެ ގާތަށް ގޮސް މަންމަގެ ޙާލު ބަލައި މަންމައާއިއެކު ވަގުތު ހޭދަކުރީމެވެ. ވުމާއެކު މަންމަގެ ހިތުގައި އަހަރެންނާއިމެދު އޮތް ހިތްހަމަނުޖެހުން ނެތިގެން ދިޔައެވެ.

ދުވަސް ފުރާ ހުދާ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަހަރެމެންގެ ދަރިފުޅާއެކު ދިރިއުޅެމުން އައީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ދަރިފުޅު ބޮޑުވަމުން އައިއިރު އެ ދަރިފުޅު ބޭނުންވެގެން ބުނި ކޮންމެ އެއްޗެއް އަހަރެމެން އައީ އެ ދަރިފުޅަށް ހޯދައިދެމުންނެވެ. ކޮންމެ އެދުމެއް ފުރިހަމަވަމުން އެ ދަރިފުޅު ބޮޑުވަމުން އައުމުގެ ސަބަބުން އެ ދަރިފުޅުގެ ކިބައިގައި ނޭދެވޭ ސިފަތަކެއް އަށަގަންނަމުން ދިޔައެވެ. ކިބުރުވެރިކަމާއި ބޮޑާކަން އިންތިހާއަށް އަރަމުން ދިޔައެވެ. ބުނާކަމެއް ވަގުތުން ނުވެއްޖެނަމަ ބޮޑާ ހޭކުން އާދައަކަށްވިއެވެ. އަހަރެމެންނަކީ ލިބޭ ބަޔަކަށް ވީތީ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން އާދެވުނީތީ އެ ދަރިފުޅުގެ ދިރިއުޅުން ވީ ހަލާކެވެ. އެ ދަރިފުޅަށް ޤަބޫލުކުރެވުނީ ހިތްއެދޭ ކޮންމެ އެއްޗަކީ އޭނާއަށް ހާސިލުވާންޖެހޭ އެއްޗެއް ކަމުގައެވެ. އަހަރެންނަށް އެކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ.

އަލޫފްގެ އުމުރުން ސޯޅަ އަހަރު ވީއިރު އެއީ އަހަރެންގެ އަތްފޯރާ ހިސާބަށްވުރެ މާ މަތީގައި ހުރި ކުއްޖެކެވެ. އަހަރެންގެ ބަހެއް ނާހާ ތާނގައި ހުދާގެ ބަހެއްވެސް ނާހައެވެ. އަހަރެމެންނަކީ އޭނާއަށް އެއްވެސް ބައެއް ނޫނެވެ. ކަންތައް ވާންޖެހޭނީ އޭނާ ބުނާ ގޮތަށެވެ. މޫނުމަތީގައި ޒުވާބު ކުރުމަކީ އޭނާގެ އާދައެކެވެ. އަހަރެން އެކަމާ ހިތާމަކުރަމެވެ. ދަރިފުޅުދެކެ ލޯބިން އެ ދަރިފުޅު ކުރި އެއްވެސް ގޯސްކަމެއް މަނާ ނުކުރެވުނީތީއެވެ. އަލޫފްގެ އުމުރުން އަށާރަ އަހަރު ފުރުނުއިރު އޭނާ ގެންގޮސް ކުޑަގޮޅިއަށް ލީ މާރާމާރީގެ ކުށް ސާބިތުވެގެންނެވެ. އަހަރެންގެ އަތުގައި ހުރި ފައިސާތައް ޚަރަދުކޮށްގެން އޭނާ ސަލާމަތް ކުރެވުނީހެވެ. ނަމަވެސް އަހަރެން އެގޮތަށް އެކަން ނުކުރީ އަހަރެންގެ ކުށް ޤަބޫލުކުރާ ޙާލުގައި ދަރިފުޅު ކުރި ކުށް އިހުސާސްކުރެވި އިޞްލާޙުވާނެ ފުރުޞަތު ދޭންވެގެންނެވެ.

މާލޭގައި އަހަރެންގެ އަމިއްލަ ގެދޮރު އެބަހުއްޓެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޮޑު ދެ ބޯޓު އަހަރެންގެ ނަންމަތީގައި އެބައޮތެވެ. މާލޭގައި ހިންގާ އެންމެ ބޮޑު ދެ ގެސްޓްހައުސް އަކީވެސް އަހަރެންގެ މިލްކިއްޔާތުގައި ވާ ދެތަނެވެ. ޚުދު އަހަރެން ހުޅުމާލޭގައި ދިރިއުޅެމުން މި ގެންދާ ބޮޑު ގެއަކީވެސް ރާއްޖެއިން ހޮވާލެވޭނެފަދަ ފުރިހަމަ ގެއެކެވެ. ރީތި، އަގުބޮޑު ގެޔާއި މުދަލާއި ފައިސާ ހުރިނަމަވެސް އަހަރެންނަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ލޯބިވާ އަނބިމީހާ ދުނިޔެ ދޫކުރީ ހިތާމައިން ހިތް ހަލާކުވެގެންނެވެ. ދަރިއަކު ހުރީތީ އޭނާ ހުރީ މަގު ގެއްލިފައެވެ. އަހަރެންގެ ސަބަބުންނެވެ. އަހަރެންނަށް ލޯބިން ގޮސް އަހަރެންގެ ދަރިފުޅު ހަލާކުކޮށްލެވުނީތީއެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.