ހަނދާނުން ފޮހެވޭނީ، ފަހެ ކިހިނަކުން ހެއްޔެވެ. ހިތުން ފިލައިދާނީ، ފަހެ ކިހިނަކުން ހެއްޔެވެ. އަދިވެސް އެ ފަށުވި ޖުމްލަތައް، ހިތުގެ އެންމެ ފުންމިނުގައި ހަރުލާފައިވެއެވެ. އަދިވެސް އެ މަޢުނަވީ ލަފުޒުތައް، ސިކުނޑީގައި އާލާވެ، ތާޒާކަންމަތީގައި ދެމިހުރެއެވެ. އަދިވެސް އެ މޫސީޤީއަޑު، ކަންފަތުގައި ގުގުމާލާފައިވެއެވެ.

އެ ރަންއަޑު ހަމަ އިވުމާއިއެކު، އަހަރެންގެ ނަޒަރު ހުއްޓި، އެ އަޑުގެ ޖާދޫގައިޖެހިދެއެވެ. އެ އަޑުއަހަން އަހަރެންގެ ހިތް، އަހަރެންނަށް މަޖުބޫރުކުރުވައެވެ. އަދިކީއްހެއްޔެވެ. އެ އަޑުން އަހަރެންގެ ހިތަށް ފިނިކަން ލިއްބައިދެއެވެ. އެ އަޑަކީ، އަހަރެންގެ ޖިސްމާއި ރޫޙުގެ ނޫރެއްކަމުގައި ވެދެއެވެ. އެ އަޑަކީ، އަހަރެންގެ ސިކުނޑީގެ ކާނާއެއްކަމުގައި ފުދެއެވެ. ކޮންއަޑެއްތޯއެވެ؟ 

ޝައްކެއްނެތެވެ. އެއީ ހެންވޭރު ހާޖަރާގޭ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ އަޑެވެ. އެބޭފުޅާ ވިދާޅުވެފައިވާ އަދި ހަމަ އެހެންމެ ފަޟީލަތުއް ޝައިޙް އަލްމަރުޙޫމް ޙުސެއިން ޞަލާޙުއްދީން ލިޔުއްވާފައިވާ ކީރިތިރަސޫލާގެ ސިޔަރަތުގެ އަޑެވެ. މިހައި ހިސާބުން ކީރިތިރަސޫލާގެ ސިޔަރަތުގެ ކުޑަމިންވަރެއްނަމަވެސް ކިޔުއްވާލަމާ ހިންގަވާށެވެ. 

“މާކަގިނައިރުތަކެއް ނުވަނީސް އިތުރު ރަސޫލުއްﷲ ގެފާނުން ވަޑައިގެން ރުކުނުލްޔަމާނީއާއި ޙަޖަރުލްއަސްވަދާއި ދެމެދުގައި ނަމާދުފުޅުކުރައްވާން ފައްޓަވައިފިއެވެ. ސަޖިދަޔަށް ހަމަ ވަޑައިގަތުމުން، އަބޫޖަހުލު އެއްކަލަ ހިލަހިފައިގެން ފުންމައިގެން ތެދުވެގެން އިތުރު އެކަލޭގެފާނާއި ދިމާޔަށް ހިގައިގެންފިއެވެ. ޤުރައިޝުވަންހައިގެމީހުން، މިއަދަކީ ބޮޑުދުވަހެއްތާއޭ. ޢަބްދުމަނާފުވަންހައިގެ ސިންގާތައް އަންނައިރު ވަރެއްހުންނާނެއޭ. ކިޔަކިޔައިތިއްބައި، އެކަލޭގެފާނާއި ދާދިކައިރިޔަށްގޮސްފައި ކުއްލިޔަކަށް އެބުރިގެން ތުރުތުރުއަޅަމުން ޒާތަކަށްތެޅެމުން ދުވަމުންއަތުވެއްޖެއެވެ. ދެއަތުން ހިފައިފާ އޮތް ހިލަވެސް އަތުން ނައްޓައިލެވުނީ އެހެންމީހުންގެ ބާރާއިލައިގެންނެވެ. މޫނުގެކުލަހުރީ ތަޣައްޔަރުވެ ރީދޫވެފައެވެ. ދެން ޤުރައިޝުވަންހައިގެ ބޮޑުން އެފުށްމިފުށުން އައިސް މަލާމަތްކޮށް އުޅެގަތީމާ އިރުކޮޅަކު އިނދެ ބަލިފިލުވައިގެން ބުނެފިޔޭ. އަހަރެންދިޔައީ، ރޭގައި އެ ވާހަކަދެއްކިގޮތަށް އެކަންތައް ކުރާން ޤަސްދުކޮށްގެންނެވެ. ތިޔަބައިމީހުންނަށްވެސް މަށަށް އެފެނުނުކަންތައް ފެނުނުނަމަކަ ތިޔަ އެއްޗެއްސެއް ނުކިޔާނޫއެވެ. އެކަލޭގެފާނުންގެ އަރިހުގައި އެވަނީ ދުވަހަކު އަހަރެން ނުދެކޭ ޒާތަކުގެ ބޮޑު ފިރިހެން ޖަމަލެކެވެ. އަގަ ހުޅުވައިގަތީމާ މަ އޮތީ އަގައިގެތެރޭގައެވެ. އެ އަގަލައްޕައިލިނަމަކަ މަށަކު ތިޔަބައިމީހުންދެކޭކަށެއް ދެނެއް ނެތީހެވެ. އެމީހުން ބުނެފޫއޭ ތިޔަހަރީވެސް އެކަލޭގެފާނުންގެ ސިހުރުވެރިކަމުގެ ކަންތަކެވެ. އަބޫޖަހުލު ބުންޏޭ، ސިހުރަކަސް ކޮންމެއެއްޗަކަސް އެހެރީޔަކީ އާދަމުގެދަރީންނަކާ ކުޅަދާނަޒާތުގެ ކަންތަކެއްވާނޫނެވެ.”

އާދެ! އަޅުގަނޑު އިސްވެ މިނަކަލުކުރީ، ލިޔުންތެރިކަމުގެ ލާމަސީލް މިސާލެކެވެ. ދެވަނައެއްނުވާފަދަ އަދަބީ ޚަޒާނާއެކެވެ. އަގުބޮޑުވެގެންވާ އަދަބީ ތަރިކައެކެވެ. މަޢުލޫމާތުންފުރިގެންވާ ރަން ޞަފުހާއެކެވެ. މައުފޮޅުވާ ޢިބާރާތްތަކެކެވެ. މިސާލެއް ނެތް ފަދަ ފޭރާންހެޔޮ މިސާލުޖެހުންތަކެކެވެ. މުއްސަނދި ބަސްކޮށާރެކެވެ.  މަންފާހުރި ރައުސްމާލެކެވެ. ބަލާޣާތްތެރިކަން އޭގެ އެންމެ މަތީފެންވަރުގައިވެއެވެ. ޢިބާރާތްތަކުގެ ގެތުން، ލިޔުންތެރިންނަށް ޢިބުރަތަކަށް ފުދޭހައިވެއެވެ. ސިފަކުރެއްވުން، ލިޔުންތެރިންނަށް ޝިފާއެއްކަމުގައި ނޫނީނުވާނެއެވެ. އަދި ކިއެއްތަ! ކޮންމެ ދެޖުމްލައެއްގެ ދެމެދުގައި ގުޅުންބަދަހިވެފައިވާ މިންވަރު،  މާބަނޑު އަންހެނާއާއި، އޭނާގެ ރަހިމުގެތެރޭގައި ގަރުބަގަނެފައިވާ ތުއްތުދަރިފުޅުގެ ގުޅުންފަދައެވެ.

ހާޖަރާގޭ މުހައްމަދު ތައުފީގު (ކ) — ފޮޓޯ/ ފުއާދު ތައުފީގު

މިހައި ހިސާބުން ސިޔަރަތު ވިދާޅުވެފައިވާ  ރަންއަޑުގެވެރިޔާއާއިމެދު، އިންސާފުގެ ނަޒަރަކުން ބައްލަވައިލެއްވުންކީއްތޯއެވެ. އަލްމަރުހޫމް މުޙައްމަދު ތައުފީޤުއޭތޯއެވެ. އާދޭހެވެ. އެބޭފުޅާގެ މަޚުރަޖަގެ ފުރިހަމަކަމާއެވެ. ލަހުޖާގައިހުރި ރިވެތިކަމާއެވެ. ބަސްމޮށުންތެރިކަމުގެ އަސަރުގަދަކަމާއެވެ. ބަސްތައް އަމުނަމުން ގެންދަވާފައިވާގޮތުގެ ފާޑުވެރިކަމާއެވެ. ވާހްވާހް! ހާދަ ފުރިހަމައެވެ. ހާދަ ނަލައެވެ. ހާދަ ހިތްގައިމެވެ.

އެއްވެސް ޝައްކެއްނެތެވެ. ޙުސައިން ޞަލާޙުއްދީންގެ މިސިޔަރަތުން، ދިވެހިބަހަކީ ތަނަވަސް ބަހެއްކަން ހާސާވެއްޖެއެވެ. އަދި ކިއެއްހެއްޔެވެ. އިންސާފުވެރިކަމާއެކު، ސިކުނޑީގެ ތަރާދުން ކިރާލައިފިނަމަ، މި ސިޔަރަތަކީ އަދަބުގެ އެންމެ މަތީދަރަޖައިގެ ލިޔުމެއްކަން ސާބިތުވެގެންދާނެކަމީ ވަސްވާހެއް އޮތްކަމެއްނޫނެވެ. މިއީ ދިވެހިބަހަށް ހަޖޫޖަހާ ފަރާތްތަކަށްހުރި އަޖައިބުންފުރިގެންވާ އަދި  ޢިލްމުންފުރިގެންވާ ދަރުހެކެވެ. 

އާދޭހެވެ. މިއީ އަޑުއަހައި ފޫހިނުވާނެ ވާހަކައެކެވެ. އުޑުފަދަ ތަނަވަސް ވާހަކައެކެވެ. ކަނޑުފަދަ ފުން ވާހަކައެކެވެ. މިއީ ފަނޑުވެގެންނުދާނެ ނޫރެކެވެ. މި ނޫރުން ދިވެހިންގެ ހިތްތަކަށް އަލިކަންފޯރުކޮށްދީފިއެވެ. މިއީ އަދަބީ ގުލިސްތާނުން ފޮޅުނު ވަސްމީރު މަލެކެވެ. އޭގެ ޝަޒާ، އަދަބީ ފަޒާއަށް ފެތުރިގެން ހިނގައްޖެއެވެ. މިއީ ކަސްގަލްއެއްހައި ތަދު އަސްރަފީއަށްވުރެ އަގުބޮޑު ވާހަކައެކެވެ. މި ހަސްތީ ދައުރުވާހާ ހިނދަކު ފަސްލެވިގެންނުދާނެ ވާހަކައެކެވެ. 

ޔާﷲ! އަޅަމެންގެ ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ! އަދި މިޞަލަވާތުގައި އެންމެހާ މުސްލިމުން ޝާމިލްކުރައްވާނދޭވެ! އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން އާއި އަލްމަރުޙޫމް މުޙައްމަދު ތައުފީޤު އަށް ޖަންނަތުލްފިރުދައުސް ދެއްވައި ރަޙްމަތްލައްވާފާނދޭވެ! އާމީން!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.