ކާކު؟“ގެ ޚަބަރެއް ނުވެގެން ތިބި ފިލްމު ބެލުންތެރިންނާ ހަމައަށް، އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލާ ހުނަރުވެރި އެކްޓަރު ހާމިދު މިއޮތީ “ކާކު؟”ގެ ބޮޑު ޚަބަރެއް ގެނެސްދީފައެވެ.

މި އަހަރު ވަރަށް އަވަހަށް ރިލީޒްކުރުމަށް ނިންމާފައިވާ ’އެމްއީ ޕްރޮޑަކްޝަންސް‘ގެ ބިރުވެރި ފިލްމު ”ކާކު؟“ގައި ފެނިގެންދާ ކެރެކްޓަރ ތަކުން ވަރަށް ތަފާތު ރޯލަކުން ހާމިދު ފެނިގެންދާނެ ކަމަށް އޭނާ ބުނެފިއެވެ.

ވީޓީވީގެ ސިނަމާ ޝޯގައި ވާހަކަދައްކަމުން ހާމިދު ބުނީ އޭނާއަށް ވީއެންމެ ފުރިހަމައަކަށް ވަރަށް ތަފާތު ކެރެކްޓަރއެއް މި ފިލްމުގައި ދައްކާފައި ވާނެކަމަށެވެ.

“އަޅުގަނޑުގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާނީ އިނގޭތޯ. ތަފާތު ކެރެކްޓަރއެއް އަޅުގަނޑުު ދައްކާލާފަ ހުންނާނީ. އަޅުގަނޑުގެ ހަމަ މެކްސިމަމް ހުންނާނެ ދައްކާލާފަ އިނގޭތޯ.” ފިލްމުތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި ޑައިރެކްޝަން އަދި އެކްޓިންއަށް ހުނަރުވެރި ހާމިދު ބުންޏެވެ.

ފިލްމު “ކާކު؟” ގައި ހާމިދު ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުންކަމަށް އޭނާ ބުނޭ – ފޮޓޯ: މުނިއަވަސް

“އަޅުގަނޑު މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އަޅުގަނޑަށް ހަމަ ތަފާތު، އަޅުގަނޑަށްވެސް ވިސްނޭ ހަމަ، އަޅުގަނޑު ވަރަށް ހިތްހަމަޖެހިގެން ވަރަށް ތަފާތު ގޮތަކަށް އަޅުގަނޑު މި ފިލްމު ކުޅެލާފަ އިންނާނީ.” ފިލްމު “ކާކު؟”ގައި ހާމިދު ކުޅެފައިވާ ރޯލާއި ބެހޭގޮތުން އޭނާ އިތުރަށް ބުންޏެވެ.

“އަޅުގަނޑު ހަމަ ވަރަށް ޔަޤީންކުރަން މި ފިލްމު ބަލާފަ އޯޑިއަންސް ހަމަ އަޅުގަނޑަށް ވަރަށް ސަޕޯޓްކުރާނެ ކަމަށް. އަޅުގަނޑު ކުޅު ނު ހުރިހާ ފިލްމަކަށް ވުރެން އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑަށް ސަޕޯޓް ލިބޭނެކަމަށް މި ފިލްމަށް.” ހާމިދު އިތުރަށް ބުނީ އޭނާ މި ފިލްމު ކުޅުނީވެސް ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމުގައި އޭނާއަށް ލިބިފައިވާ ރޯލު ކުޅޭހިތުން، ބޭނުންވެގެން ކަމަށެވެ.

2017 ވަނަ އަހަރު މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ގެނެސްދިން ފިލްމަށްފަހު އަނެއްކާވެސް ބެލުންތެރިންނާ ހަމައަށް އޭނާ ގެނެސްދޭން ތައްޔާރުވެފައިވާ ފިލްމު “ކާކު؟” މިއީ ވަރަށް ތަފާތު ބިރުވެރި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ކާކު؟”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ’މުނިއަވަސް‘ އަށް ލިބިފައިވާއިރު، ފިލްމުގެ ފައިނަލް އެޑިޓިން ކުރިއަށްދަނިކޮށް، ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލައިމުގެ ފުރުޞަތު ލިބިފައިވާއިރު، މި ފިލްމުން ފެންވަރު ރަނގަޅު މޮޅު މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

ފިލްމު “ކާކު؟” ގެ މަންޒަރުތައް މުނިއަވަސްގެ ޓީމަށް އެމްއީ ސްޓޫޑިއޯ ތެރޭގައި ދައްކައިލަނީ – ފޮޓޯ މިރޯ (މުނިއަވަސް)

މިހާރު ފިލްމުގެ އެޑިޓިން އެއްކޮށް ނިމި ކްލެފައިވެސް ކޮށްފައިވާއިރު، ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްވެސް މިހާރު ވަނީ ކުރަން ފަށާފައެވެ.

މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

ކާކު؟“ ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި މިހާރު ކުރިއަރަމުން އަންނަ އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. އިރޫގެ ވަރަށް ތަފާތު އެކްޓިންއެއް މި ފިލްމުން ފެނިގެންދާނެ ކަމަށް އެމްއީ ސްޓޫޑިއޯ އަށް މުނިއަވަސް ޓީމުން ކުރި ޒިޔާރަތުން ވަނީ ފެނިފައެވެ. މި ފިލްމުގައި މާއެނބޫ ވެސް ވަރަށް ޚާއްޞަ ފެނިލުމަކުން ފެނިގެންދާނެ އެވެ.

ފިލްމު “ކާކު؟”ގެ ޝޫޓިން ތެރެއިން – ފޮޓޯ: މުނިއަވަސް

ކާކު؟“ މިއީ ބިރުވެރި ފިލްމެއްކަމުން ވަރަށް ގިނަ ސްޕެޝަލް އިފެކްޓްތައް ހުންނާނެ ކަމަށާއި ވަރަށް ފުރިހަމަ ގޮތެއްގައި ސްޕެޝަލް އިފެކްޓްތައް ހަދައިދީފައި ވަނީ ބޮޑު ރިޔާ ކަމަށް ފިލްމުގެ ޑައިރެކްޓަރ މާއެނބޫ ބުންޏެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. މި ފިލްމަކީ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމު ”ކާކު؟“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.