އަންނަ މަހު ދެވަނަ ދުވަހު ސްރީލަންކާގައި ފެށޭ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިކޮށްފައިވާ ދެ ފިލްމު ކަމަށްވާ “ސޯލް” އާއި “ގޮށްރާޅު” 03 ޖުލައި އާއި 04 ޖުލައިގައި ދެއްކުމަށް ތާވަލުކޮށްފިއެވެ.

އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު “ސޯލް” އަކީ މީގެ ކުރިން ރިލީޒްކޮށްފައި ނުވާ ފިލްމެކެވެ. އެހެންކަމުން މި ފިލްމު ޕްރިމިއާވެގެން ދާނީ ސާކް ފިލްމު ފެސްޓިވަލްގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައި ޖުލައި 03 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައެވެ. “ސޯލް” މިއީ 20 މިނެޓްގެ ކުރު ފިލްމެކެވެ. “ސޯލް” ޑައިރެކްޓް ކުރީ ޢަލީ ސީޒަން އެވެ.

އެސް ޕްރޮޑަކްޝަންގެ ކުރު ފިލްމު “ސޯލް” ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “ގޮށްރާޅު” ދެއްކުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައި ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގައެވެ. “ގޮށްރާޅު” މިއީ 90 މިނެޓްގެ ފީޗާ ފިލްމެކެވެ. “ގޮށްރާޅު” ޑައިރެކްޓްކޮށްފައިވަނީ އަޙްމަދު ޝިނާން އެވެ.

ސާކް ފިލްމު މަހާސަމާ 2019 ގެ ޝެޑިއުލް އަށް ބަލައިލާއިރު، އިފްތިތާހީ ހަފްލާ އޮންނާނީ ޖުލައި 02 ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައެވެ.

ޖުލައި 03 ން 07 އަށް މި މަހާސަމާގައި ބައިވެރިކޮށްފައިވާ ފިލްމުތައް ދައްކާނެއެވެ. 04 ޖުލައި ގައި ފިލްމު ވޯކްޝޮޕެއް ކޮލޮމްބޯ ފިލްމު އެންޑް ޓެލެވިޛަން އެކެޑަމީގައި އޮންނާނެ އެވެ.

ސާކް ފިލްމު ފެސްޓިވަލްގެ އެވޯޑް ދިނުމާއި ނިންމުމުގެ ހަފްލާ އޮންނާނީ ޖުލައި 07 ވަނަ ދުވަހުގެ ރޭ 07:00 ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ’ދަ ސިނަމާ ހޯލް‘ ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.