ޖުލައި މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ކުޑަތަންވެފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު ”މާމުއި”ގެ އާ ލަވަ، ”އަރައިގެން އައި އިރާއޭ“ މާދަމާ ރިލީޒްކުރާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ.

އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ގެ ހިތްގައިމު ޝާއިރާނާ ޚިޔާލުން ޖަރީވެފައިވާ “އަރައިގެން އައި އިރާއޭ” ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މި ލަވައިގެ ކޮރިއޮގްރަފީ އާއި ޑައިރެކްޝަން ހަދާފައިވަނީ ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެއް އަސްލަކަށް ބަލައިގެންނެވެ. އެގޮތުން މި ލަވައިން “މަ ހޭނެތި ދާނޭ”، “ފަރިވެފައި ފޮނިވެފައި”، “ދަނީހޭ އައިސްބަލާ” ފަދަ މިހާރުވެސް ދިވެހިންގެ ތެރޭގައި ހިޓް ލަވަތަކުގެ ސްޓެޕްތައް ފެނިގެންދާނެކަމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ބުނެއެވެ.

އަރައިގެން އައި އިރާއޭ“ ލަވައާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ”މާމުއި”ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ލަވައަކީ ފިލްމު ތެރޭގައި ’ލިޕްސިންގ‘ ކޮށްގެން ހުށައަޅައިދޭ ލަވައެއް ކަމަށެވެ. ލަވަ ކިޔާފައިވަނީ މި ލަވައިން ވެސް ފެނިގެންދާނެ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) އެވެ. ބެކިންގ ވޯކަލްސް ކިޔާފައިވަނީ އަޝްރާ އެވެ. ލަވައިގެ ހިތްގައިމު ރާގާއި މި ޒަމާނާގުޅޭ ގޮތަށް އަދި ސަމާސާ އަދަބުގެ ސްޓައިލަށް ލަވަ ހަދާފައިވަނީ ޑާކްރެއިން ގެ ފިލްމުތަކުން ފެންނަ އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ، މިއުޒިކް ހަދާފައިވަނީ އިކްއެޓިކް ވައިބްސްގައި ކުރިން ހަރަކާތްތެރިވި ޙުސައިން ތަޢުފީޤް އެވެ.

އަރައިގެން އައި އިރާއޭ – ޅެން: އަޙްމަދު ޝާކިރު

ލަވައިގެ ވީޑިއޯ އިން ފެނިގެންދާނީ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ) ގެ އިތުން ނުޒުހަތު ޝުޢައިބު (ނުޒޫ) އެވެ. ލަވައިގެ ކޮރިއޮގްރަފީއާއި ކޮސްޓިއުމް ތައްޔާރުކޮށްދީފައިވަނީ އިސްމާއިލް ޖުމާހް (ޖުމާ) އެވެ.

ފިލްމު ”މާމުއިގެ ޕްރިމިއާ ނައިޓްގެ ޓިކެޓު ވިއްކަނީ 150 ރުފިޔާ އަށެވެ. އެހެން ރޭތަކަށް ޓިކެޓް ވިއްކަނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގުކަމަށްވާ 100 ރުފިޔާ އަށެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ”މާމުއި”ދެއްކުމަށް މިހާރުވެސް އެދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަތޮޅުތެރޭގައި އެންމެ ފުރަތަމަ ”މާމުއި އެޅުވުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޖުލައި 04 އަދި 05 ގައެވެ.

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމު ”މާމުއިގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ.

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

“މާމުއި” އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަަރަދެއްކޮށްގެން އުފައްދާ ފިލްމުކަން ޑާކްރެއިނުން ފާހަގަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.