ގިނަބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމު “މާމުއި” ރޭ ޕްރިމިއާކޮށްފިއެވެ. “މާމުއި” ޕްރިމިއާކޮށްފައިވާއިރު ރެއިން ފެށިގެން މީސްމީޑިއާގެ އެކިއެކި މަންސަތަކުން ފެންނަމުންދަނީ ފިލްމުގެ މޮޅުވާހަކަތަކެވެ. ފިލްމަށް ކޮށްފައިވާ ތަޢުރީފުގެ ބަސްތަކެވެ.

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި16 އަށްވުރެން ގިނަ ތަރިން މައިގަނޑުގޮތެއްގައި ފެނިފައިވެވެ.

މާމުއިތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ޝިނާން އާއި ޗިއްޕެގެ ހިތްގައިމު ސިނަމޮޓޮގްރަފީ ފެނިގެންދިޔަ ”މާމުއިބެލުމަށްފަހު ގިނަ ބަޔަކު އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަމުންނެވެ. ފިލްމީ ފަންނާނުންނާއި ފިލްމަށ ލޯބިކުރާ އެތައް ބަޔަކު ފަނީ ފައްސި ތަޢުރީފުތަކެއް ބަންޑުންކޮށްލާފައެވެ.

ފިލްމު ބެލުމަށްފަހު މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒްވަނީ ފިލްމަށް ކުރު ރިވިއުއެއް ލިޔެ ޕޯސްޓްކޮށްފައެވެ. ރިޝްމީ ބުނީ “މާމުއި” އަކީ މިހާތަނަށް ބެލުނު އެންމެ މޮޅު ކޮމެޑީ ފިލްމު ކަމަށެވެ. އަދި އިނގިރޭސި، ހިންދީ އަދި ދިވެހި ކޮމެޑީތައް އެއްކޮށްލައިގެން ގަދަ ފަހެއްގައި މި ފިލްމު ހިމެނޭނެ ކަމަށެވެ.

“މި ފިލްމުގެ ކޮންސެޕްޓް އާއި ތަރިން ބިލްޑްކޮށްފައި ހުރި ގޮތާއި ކޮންމެ ތަރިއެއް ކުޅެފައިވާ އެކްޓަރުން އެ ކެރެކްޓާއެއް ގެނެސްދީފައިވާ ގޮތް އެއްވަނަ. މި ފިލްމު ހަމަ ޔަގީނުންވެސް މި ފިލްމު އުޅޭނެ ގަދަ ފަހެއްގެ ކޮމެޑީ ފިލްމުތަކުގައި،”

ރިޝްމީގެ އިތުރުން ކުރީގެ އިލެކްޝަންސް ކޮމިޝަނަރ ފުޢާދު ތަޢުފީޤް ކުރައްވާފައިވާ ކޮމެންޓްވެސް ޚާއްޞަ ކޮށް ފާހަގަކޮށްލެވެ.

ފުއާދު ވިދާޅުވަނީ މިއީ އޭގެ ދެވަނައެއް ނެތްފަދަ މޮޅު ކޮމެޑީ ފިލްމެއް ކަމަށާއި ފިލްމު ބެއްލެވީ ވަރަށް ބޮޑަށް ގަޔާވެ އިންނަވައިގެން ކަމަށެވެ. ފިލްމު ބެލުމަށް ޝައުޢުވެރިވާ ފަރާތްތަކުން މި ރީތި ފިލްމު ބަލައިނުލައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެސް ފުއާދު ވިދާޅުވިއެވެ.

“ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަވީ. އެންމެ މޮޅު ކޮމެޑީ ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނޭނެ. ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ. ކެރެކްޓާތައް ބިލްޑް ކޮށްފައި ހުރި ގޮތާއި ފްލޯ މެއިންޓެއިންކޮށްފައި ހުރި ގޮތް ވަރަށް ކަމުދިޔަ،” މިއީވެސް ބެލުންތެރިއެއްގެ ކޮމެންޓެކެވެ.

“ދިވެހި ސިނަމާ ދުށް އެންމެ މޮޅު ކޮމެޑީ ފިލްމު މިއީ. ބަލައިލަން ވޯތު ފިލްމެއް. ހަމަ މާސްޓާޕީސްއެއް،” މިފަދަ އެތަކެއް ތަޢުރީފުގެ ބަސްތައް މީސްމީޑިއާއިން ނަގައިގެން ތިލަކޮށްލެވޭހައި މޮޅު ފިލްމަކަށް ”މާމުއި” ވެއްޖެއެވެ. “މާމުއި”ގެ ފޮނިކަން މުޅި މީސްމީޑިއާ އާއި ގޭގޭ ބޮޑުކޮޓަރިތަކާއި ހަމައަށް ފެތުރިއްޖެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ