އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް،
އަސަރު ގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ،
އޮޅުމެއްބޮޅުމެއް ނެތެވެ. ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މާދަރީބަހަކީ ވަރަށްވެސް އަސަރުގަދަ ބަހެކެވެ. ފޮނި ބަހެކެވެ. ތަނަވަސް ބަހެކެވެ. މާދަރީ ބަހަށް އިންސާފުގެ ނަޒަރަކުން ބައްލަވައިލައްވައިފިނަމަ، އަޅުގަނޑު މިދަންނަވަނީ ތެދެއްކަން ސާބިތުވެގެންދާނެއެވެ. އަދި ކިއެއްތަ! ދިވެހި ބަހަކީ ފަޤީރު ބަހެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އާދޭހެވެ. ފަޤީރުވަނީ އިންސާނުންގެ ވިސްނުމެވެ. ފަޤީރުވަނީ އިންސާނުންގެ ހިއްސުތަކެވެ. ފަޤީރުވަނީ އިންސާނުންގެ ޖިސްމުތަކެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ގަސްދު ކުރެވެނީ ބޭރު ބަސްބަހެވެ. މަސްތުވެވެނީ ބޭރު ލަފުޒުތަކަށެވެ. އާހް! ތިމާމެންގެ އަސްލު ބަސް ކުރިމަތީގައި ފެންނަން އޮންނައިރު، އެއަށް ފަސްއަޅައި ފޮރުވަން ހެޔޮވާނެތޯއެވެ.
ކަތުންނޭވެ! ދިވެހި ބަހަށް ތަޙްލީލީ ދުރުމީއެއް އަޅުއްވާލަމާ ހިންގަވާށެވެ. އާދެ! ދިވެހި ބަހުގައި އަޑުބަސް ވަރަށް ގިނަ އަދަދަކަށް ހިމެނިގެންވެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ބަހުގައި އެކިއެކި އަޑުތަކަށް ކިޔާ ނަންތައް ވަރަށް ގިނައެވެ. އިންސާފުކޮށްލައްވަމާ ހިންގަވާށެވެ. ދިވެހިބަހުގެ ރަދީފަށް ކަޅިއެއް އެއްލަވަމާ ހިންގަވާށެވެ.
(1) ސީން: [ނަން]
{ހ}ތާހައި ތަވާފަދަ އެއްޗެހީގައި ފޮޅިފަދަ އެއްޗެހި ފިހާއިރު އިވޭއަޑު.
{ށ} ކުޑަކުދިންގެ ބަހުރުވައިގައި ފޮޅި. މިސާލު: އޭނާ ފޮޅި ފިހަމުންދިޔައިރު ސީންލާފައި އަޑު އިވެއެވެ.
(2) ޒީން: [ނަން]
ޖިޕު ފަދަ އެއްޗެހި ބާރަށް ދުއްވާއިރު އިވޭއަޑު.
މިސާލު: ފުލުހުންގެ ޖިޕު ދާލަން މަތިންލައިފައި އެދިޔައީ ޒީން އަޅުވާލައިފައެވެ.
(3) ޒޫން: [ނަން]
އަޑެއްގެ ނަން. މިއީ އެއްޗެއް ވައިކަފައިލައިފައި ދާއިރު އިވޭ އަޑެވެ.
މިސާލު: ހަލިމަގުން ޒޫންއަޅުވާލައިފައި ދުއްވަމުންދިޔަ ސައިކަލު ގޮސް އެޖެހުނީ ލޮރީއެއްގައެވެ.
(4) ޑަން: [ނަން]
ބަރު އެއްޗެއް ކުއްލިއަކަށް ވެއްޓުމުން އިވޭ އަޑު.
މިސާލު: ޑަންލައިފައި ގޭތެރޭގައި ހުރި އަލަމާރި ވެއްޓިއްޖެއެވެ.
(5) ބަން: [ނަން]
ބޮޑު އެއްޗެއް ވެއްޓިގެން އިވޭ ބުން އަޑު.
މިސާލު: ބަންލާފައި ފުރާޅުމައްޗަށް ބަނބުކޭލެއް ވެއްޓިއްޖެއެވެ.
(6) ގުން: [ނަން]
{ހ} ބާރަށް ފައިޖަހަމުން ހިނގައިފައި ދާއިރު އިވޭ އަޑު.
މިސާލު: ތިޔަހެން ގުންފައިޖަހާފައި ދެވިދާނެ ހެއްޔެވެ.
{ށ} އެއްޗެއް އިތުރު ބާރަކާއެކު ދިރުވައިލާއިރު އިވޭ އަޑު.
(7) ބޫން: [ނަން]
{ހ} މާބުރު މަދިރި ފަދަތަކެތި އުދުހޭއިރު އެ އިވޭފަދަ އަޑު.
{ށ} ކުޑަކުދިންގެ ބަހުރުވައިގައި ވަޔާއި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތި.
{ނ} ބާރަށް ވައިޖެހޭއަޑު.
{ރ} ބާރަށް ދަތުރުކުރާ އެއްޗެއް ވައިކަފާފައި ދާ އަޑު.
މިސާލު: ކަންފަތްދޮށުގައި މަދިރިއެއް ބޫން ލެއްވުމަކީވެސް ހާދަހާ އުނދަގޫވާކަމެކެވެ.
(8) ޓައް: [ނަން]
{ހ} އަތްފައިން ކަށިގޮއްވީމާ އިވޭ އަޑު.
{ށ} ހަންޑި ހިނގާއިރު ފައިގައި ހުންނަ ކައްޓަކުން ގޮވާ ކަމަށް ބުނެ އުޅޭ އަޑު.
{ނ} މުރަނަ އެއްޗެހި ކުއްލިޔަކަށް ބިންދައިގެންދާ އަޑު.
{ރ} އަނގައިން ޓައް ކެނޑީމާ އިވޭ އަޑު.
މިސާލު: ޓައްކިޔާފައި ހިކިދަރުގަނޑެއް ބިންދައިގެން ހިނގައްޖެއެވެ.
(9) ވުސް: [އަކުރު]
އަޑެއްގެނަން. މީހެއް ނުވަތަ އެއްޗެއް ކުއްލިއަކަށް ދިޔަ ހަލުއިކަން ނުވަތަ ބާރުކަން އަންގައިދިނުމަށް ބުނާ ބަހެއް. މިސާލު: ބުޅާ ވުސްލާފައި ގޮސް މީދާ ހިފައިފި.
(10) ޗޫސް: [ނަން]
{ހ} މާބޮޑަށް ކުޅިއެއްޗެތި ކެވުނީމާ އަނގައިން ގޮއްވޭ އަޑެއް.
{ށ}ބާރަށް ހަލުއިކޮށް ދެމިގަނެގެންދާ ދިޔުމަށް ބުނެ އުޅޭ ބަހެއް. މިސާލު: އޭނާ ޗޫސްލާފައި ދެމިގަނެގެން ހިނގައްޖެއެވެ.
މިސާލު: އޭނާ އަނބުމަޖާކަމުން އެދަނީ ޗޫސްލައްވަމުންނެވެ.
(11) ޗޮސް: [ނަން]
{ހ} ކަމަކާ ނުރުހިގެން މަތީތަލީގައި ދޫޖައްސައިފައި ގޮއްވާ އަޑެއް.
{ށ} ޗޮއް
މިސާލު: އޭނާ ރުޅިއައިސްފައި ހުރިވަރުން ޗޮސް ކަނޑައިލައިފައި ހިނގައްޖެއެވެ.
(12) ޗޯސް: [ނަން]
{ހ} ތަނަކުން ފެން ނުވަތަ ދިޔާ އެއްޗެއް ފައިބާއިރު އިވޭ އަޑު.
{ށ} ކުޅިއެއްޗެއް ކާއިރު ކުޅިވީމާ އަނގައިން ލައްވާ އަޑެއް.
މިސާލު: ޗޯސްލައިފައި ދިޔަދޮވިން ފެން އެބަ ފައިބައެވެ.
(13) ބޯސް: [މަސްދަރު]
މީހުން ރުޅިއަރުވަން އިއްވާ އަޑެއް. މިސާލު: ކާސިމުގެކަމަކީ މީހުން ރުޅިއަރުވަން ބޯސްލެއްވުމެވެ.
(14) ރާސް: [ނަން]
{ހ} ކުދިކުދި ހިކިއެއްޗެހިތަކެއް ކުއްލިޔަކަށް ފައިބައިގަތުމުގެ އަޑު.
{ށ} ފޮތިގަނޑެއް ކުއްލިއަކަށް ވީދާލާ އަޑު.
{ނ} ގަހެއްގެ އޮފިގަނޑެއް އިރައިގެންދާ އަޑު.
{ރ} މުރަނަ އެއްޗެއް ހަފާލާ އަޑު.
{ބ} އެތައްބަޔަކު އެއްފަހަރާ އަވަސް އަވަހަށް ތަނަކަށް ވަދެ ނިކުމެވާ އަޑު.
މިސާލު: ފުޓުބޯޅަ މެޗު ބަލަން ދަނޑަށް މީހުން ވަދެގެންދިޔައީ ރާސްލާފައެވެ.
(15) ރޫސް: [ނަން]
{ހ} ބަނޑުގުގުރާ އަޑު.
{ށ} ފޮނުމަތުން ތޮރުފާއިރު އިވޭ އަޑު.
މިސާލު: މާވަޑިޔާ ލަކުޑިގަނޑު ތޮރުފަމުންދިޔައިރު ރޫސްލައިފައި އަޑުއިވެއެވެ.
(16) ރީސް: [ނަން]
އަލިމަސް ކަށްޓަކުން ބިއްލޫރިގަނޑު ކަފާއިރު ނުވަތަ ފޮތިގަނޑެއް ވީދާލާއިރު އެއިވޭފަދަ އަޑުއަޑު.
މިސާލު: ރީސްލައިފައި ފޮތިގަނޑު ވީދާލައިފިއެވެ.
(17) ޑަޑަން: [ނަން]
ބަޑިތަކެއް ތަޅައިގަތުން ފަދަ ނުވަތަ އަޑުގަދަވާކަހަލަ އެއްޗެހިތަކެއް ވެއްޓުންފަދަ ކަމަކުން އިވޭ އަޑު. މިސާލު: ހޭލެވުނީ ޑަޑަންލައިފައި ބަޑިތަޅައިގަތް އަޑަށެވެ.
(18) ޓިންޓިން: [ނަން]
{ހ} ގަޑިންޖަހާ އަޑު.
{ށ} ލޯބަނޑިޔާފަދަ އެއްޗެހީގައި ދަގަނޑުފަދަ މަޢުދަނީ އެތިކޮޅަކުން ޖެހީމާ ގޮވާއަޑު.
މިސާލު: ކަށި އިނގިލީގައި އަޅައިފައި އޮތް އަނގޮޓީގެ ސަބަބުން ބަނޑިޔާގައި ޖަހާލީމާ ޓިންޓިންގެ އަޑުގޮވައިފިއެވެ.
(19) ޑާންޑޫން: [ނަން]
{ހ} މަރަވަޅި ބިންމަތީގައި ކޭއްތޭއިރު އިވޭ އަޑު.
{ށ} މާބާރަށް ހިނގައިފައިދާން ފެށުމުން އެހިނގާ ހިނގުމަށް ކިޔައި އުޅޭ ނަމެއް.
މިސާލު: މުޙައްމަދު ހިނގައިފައި ދިޔައީ ޑާންޑޫންލާފައެވެ.
(20) ޕޮއްޕޮއް: [ނަން]
{ހ} ހަންދޫކޮށް ހުންނަ ބެރުގައި ޖެހީމާ އިވޭ އަޑު.
{ށ} ފާނޫޒާއި ފުޅިބައްތިން ބައެއްފަހަރު އިވޭ އަޑެއް. މިއަޑު އިވެނީ ހުޅުގަނޑަށްވާ ގޮތަކުންނެވެ.
މިސާލު: ޕޮއްޕޮއްލާފައި ގޭސްއުނދުން ނިވިއްޖެއެވެ. ހީވަނީ ގޭސްފުޅި ހުސްވީހެންނެވެ.
(21) ގުގުން: [ނަން]
{1} އާދަޔާޚިލާފު ގަދައަޑެއް އިވިފައި އެ އަޑު މަޑުވަމުންދާއިރު ހުންނަ ހިމަ އަޑު. މިސާލު: އިއްޔެރޭ ވިއްސާރަކުރިއިރު ވަރަށް ބާރަށް ދެތިންފަހަރު ގުގުރާލިއެވެ. އަޅުގަނޑަށް ހޭލެވުނީ ގުގުރީގެ އަޑު ކެނޑެމުން ދިޔަ ވަގުތުގައެވެ. އެއިރުވެސް ގުގުން ހުއްޓެވެ.
{2} ގަދަފަދަ އަޑަކާ ގުޅިގެން ނުވަތަ އެއްޗެއްގައި އެއްޗަކުން ޖެހިގެން އަރާ ލޮޅުން. މިސާލު: އެ ޖެހި ގުގުރިން މުޅިތަންވަނީ ގުގުންވެފައި.
(22) ޓަކުންޓަކުން: [ނަން]
ފުންނާބު އުސްފައިވާން ނުވަތަ އުށްޖެހި މަރަވަޅީގައި ހިނގާއިރު އިވޭ އަޑު.
މިސާލު: އޭނާ ހިނގާފައިދިޔައިރު އަރައިފައިހުރި އުސްފައިވާނުގެ ސަބަބުން ޓަކުންޓަކުންގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދެއެވެ.
(23) ބޮގޮބޮގޮ: [ނަން]
ކުރުނބާ އުނބެއްފަދަ އެއްޗެއް ފެނަށް ވައްޓާލީމާ އެއަށް ފެން ވަންނަ އަޑު.
މިސާލު: ރުކުން ވެއްޓުނު ކޮވި ފެންގަނޑަށް ވެއްޓުމުން ބޮގޮބޮގޮލާފައި އެއަށް ފެންވަދެ އަޑިއަށް ހިނގައްޖެއެވެ.
(24) ބޮނގޮބޮނގޮ: [ނަން]
ބަނޑިޔާފަދަ ތަކެތި
އަރިކުރެވޭ ގޮތަކުން އޭގައި ހުންނަ ފެން ހިފެހެއްޓެމުން ފައިބާއިރު އިވޭއަޑު. މިސާލު: ބަނޑިޔާގައި ހުރިފެން ރުނބަޔަށް އަޅަމުންދިޔައިރު ބޮނގޮބޮނގޮއަޅައިފައި އަޑުއިވެއެވެ.
(25) ބަކަބަކަ: [ނަން]
ބޮޑުބޮކިޖަހައި ކެކޭއިރު އިވޭ އަޑު.
މަންމަ އުދާފައިހުރި ގަރުދިޔަތެލި ބަކަބަކަޖަހައިފައި ކެކެމުންދެއެވެ.
(26) ބަނގަބަނގަ: [ނަން]
{1} ބޮޑެތި ސަތަރުފަދަ އެއްޗެހި ވެއްޓޭއިރު އިވޭއަޑު.
{2} މަރުތަބާން ފަދަ ބޮޑު އެއްޗެއް އަރިކުރެވޭގޮތަކުން އޭގައި ހުންނަ ފެން ހިފެހެއްޓެމުން ފައިބާއަޑު. މިސާލު: އަރުވައިފައި އޮތް ސަތަރު ބަނގަބަނގަ އަޅައިފައި ވެއްޓިއްޖެއެވެ.
(27) ރަނގަރަނގަ: [ނަން]
އަޑެއްގެނަން. ޓިނު ނުވަތަ ޑަބިޔާފަދަ އެއްޗެހިތަކެއް ވެރިގަންނަ އަޑު. މިސާލު: ފުރާޅުމަތީގައި ހުރި ޓިނުތައް ރަނގަރަނގަލައިފައި ވެރިގެން ހިނގައްޖެއެވެ.
(28) ރަކަރަކަ: [ނަން]
{1} ގިނަބަޔަކު ތަނަކަށް އެއްވެގެން އުޅޭއިރު އެއުޅެވޭގޮތާ ދައްކާ ވާހަކައިން އިވޭ އަޑުތައް.
{2} އުދުހޭ ދޫންޏާއި މޫދުމަސްފަދަ ތަކެތި އެއްތާކަށް އެއްވެ މާ ބޮޑަށް ބޮނޑިވެގެން އުޅޭއިރު އެ އުޅެވޭގޮތް ނުވަތަ އަޑުތައް. މިސާލު: މުޅި ފަޅުތެރެވަނީ މުށިމަސްތަކައިގެން ރަކަރަކަލައަޅައިފައެވެ.
(29) ރަފަރަފަ: [ނަން]
{1} ލަކުޑިތަކެއް ނުވަތަ ފަލަ ދަރުތަކެއް އެއްފަހަރާ ތަނަކަށް އެޅިގެންދާއިރު އިވޭއަޑު. {2} ގޭގެއާއި ހަރުގެފަދަ ވެއްޓިގެންދާއިރު އިވޭއަޑު.
މިސާލު: ސުނާމީ އެރިދުވަހު ރަފަރަފަލައިފައި އަހަރެންގެ ގެ ވެއްޓުނުތަން ދުށީމެވެ.
މިތުރުންނޭވެ. އިސްވެ މިނަކަލު ކުރީ ދިވެހިބަހުގައި ހުރި ބައެއް އަޑުބަސްތަކެވެ. މިނޫނަސް މިފަދަ ކިތަންމެ ލަފުޒެއް އަދިވެސް ފެންނަން އެބަހުއްޓެވެ. ލިޔުންތެރިން ވިސްނަވާށެވެ. މިފަދަ ލަފުޒުތައް ލިޔުންތަކުގައި ބޭނުންކުރުމަކީ ލިޔުމުގެ ލޮނުހެޔޮވަރުވާނެ ކަމެކެވެ. އަދި މިފަދަ ލަފުޒުތައް ލިޔުންތަކުގައި ހިމެނުމުން ލިޔުންތަކުގެ އަސަރުގަދަވާނެއެވެ. ކަމެއް ބަޔާންކުރާނަމަ، ކިޔުންތެރިޔާއަށް އެކަމެއްގެ މިންގަނޑު ވަޒަންކޮށްލަން ވެސް ފަސޭހަވާނެއެވެ. ވީހާވެސް ބޮޑަށް ސިފަވެގެން ދާނެއެވެ. އާދެ! މިފަދަ ލަފުޒުތަކުން އަޅުގަނޑުމެންގެ ލިޔުން މުއްސަނދިކުރަމާތޯއެވެ!
އާދޭހެވެ. އިސްވެ މިބަޔާންކުރި އަޑު ލަފުޒުތަކަކީ، ދިވެހިބަސް އަސަރުގަދަވާ ސަބަބެކެވެ. އަމީންދީދީ ވިދާޅުވިފަދައިން އަޅުގަނޑަށްވެސް އެންމެ ފޮނި އަސަރުގަދަ ބަހަކީ މިދިވެހިބަހެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި