މިއަދަކީ 2019 ވަނަ އަހަރުގެ ލިޔުންތެރީންގެ ދުވަހެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. “އަލްއިޞްލާޙް” ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނު ތާރީޚީ ދުވަހެވެ. އާދެ، 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ތާރީޚުން ބަލާނަމަ، 1352 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 13 ވަނަ ދުވަހެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ އަށްވަނަ ދުވަހު އެވެ.

ގައުމެއްގެ ތާރީޚުގައި ލިޔުންތެރިންނަކީ ވަރަށް މުހިންމު ބައެކެވެ. ގައުމުގެ އާންމު ބުއްދި ނުފޯރާ ހިސާބަށް މުޖުތަމައު ގެންގޮސް ދެނީ ލިޔުންތެރިންނެވެ. ގައުމުގެ އާންމު ވިސްނުމުން ވިސްނަން ނޭނގިފައި ހުންނަ ކަންކަން ވިސްނަން ދަސްކޮށްދެނީ ލިޔުންތެރިންނެވެ. ގައުމުގެ އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ނަގަ ހައްޓައި ދަމަހައްޓައިދީ، ޒަމާނުގެ އޮޔާ ވައިގައި ރަނގަޅު މިސްރާބަކަށް ހިފަހައްޓައިދިނުމުގެ އާރުކާޓީންނަކީ ލިޔުންތެރިންނެވެ.

ލިޔުންތެރިންނަކީ ގައުމުގެ ތާރީޚު ލިޔާ މީހުންނެވެ. ލިޔުންތެރިންނަކީ މުޖުތަމައުގެ މޫނުބަލާ ލޯގަނޑެވެ. އެހެންކަމުން ގައުމުގެ މާޒީގެ ތަޖުރިބާތައް އަދުގެ ހާލަތުގެ ނިސްބަތުގައި މިންކޮށް ކުރިމަގު ބައްޓަން ކުރުމުގައި ލިޔުންތެރިންނަކީ އިސް ރޯލެއް އަދާކުރާ ބައެކެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ލިޔުންތެރިކަން ސިފަކުރައްވަމުން ވިދާޅުވަނީ ލިޔުންތެރިކަމަކީ، ތަހުޒީބުގެ މައި ނާރެސް ކަމަށެވެ. ހަމަ އެހެންމެ އެއީ ޖީލުންޖީލަށް ގައުމިއްޔަތު އުފުލައިދޭ ސަވާާރީ ކަމަށާއި އެއީ އިލްމުވެރިކަމާއި ހިކުމަތާއި ނަސޭހަތުގެ ތަރަހަ ކަމަށެވެ.

މުޖުތަމައަށް އަންނާން ހުރި ގޮންޖެހުންތަކާއި، ގައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބުތަކާއި، ބަވަނަވަންތަ ދުނިޔޭގެ ބައިވެރިއެއްގެ ގޮތުން ގައުމު ކުރިއަރައި ދިއުމުގައި ސިކުނޑިތަކުން އެކަށޭނާ ޖާގަ ހަދައިދޭ އެންމެ މުހިންމު ބައިވެރިންނަކީ ލިޔުންތެރިންނެވެ.

ލިޔުންތެރިކަމަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ ވާފަށެކެވެ. ލިޔުންތެރިކަމަކީ ފަރުދުންގެ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ލިޔުންތެރިކަމަކީ ވިސްނަން ދަސްކޮށްދީ، ވިސްނުން ތަރައްގީކޮށްދޭ މުދައްރިސެކެވެ. އަދި ލިޔުންތެރިކަމަކީ މުޖުތަމައުގެ އަޚުލާޤް ބައްޓަންކުރާ މައި ވަސީލަތްތަކެވެ.

މިދެންނެވި ސަބަބުތަކުގެ މައްޗަށް ބިނާވެ، ގައުމީ ހަޔާތުގައި ލިޔުންތެރިންނާއި ލިޔުންތެރިކަމަށް އޮންނަނީ ވަރަށް ޚާއްސަ ޖާގައެއް ދެވިފައެވެ.

ބަވަނަ ވަންތަކަމަށް ހުޅުވިފައިވާ އަދުގެ ދިވެހިރާއްޖެ އަކީ ވެސް އިމެއް މިނެއް ނެތް ގޮވާލުންތަކަށް ހުށަހޮޅިފައިވާ ރާއްޖެއެކެވެ. އެހެންކަމުން މި ފަދަ ފައްތަރެއްގެ މަތިން ގައުމާއިގެން ކުރިއަށް ދިއުމުގައި އިލްމީ މިންގަނޑުތަކާއި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް ނެގެހެއްޓެވުމަކީ ލިޔުންތެރިންގެ ޒިންމާ އެކެވެ.

ގައުމުގެ ގައުމީ ހަޔާތުގައި ލިޔުންތެރިންގެ ދައުރު ރަނގަޅަށް ދަނެގަނެ، ދިވެހިބަހާއި ގައުމިއްޔަތުގެ ރޮނގުގައި، އަދި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްގީގެ ރޮނގުގައި އިލްމީ ގޮތުންނާއި ފަންނީ ގޮތުންނާއި ސުލޫކީ ގޮތުން އަޅުގަނޑުމެން ކުރިއަރައި ދިއުމަކީ އަޅުގަނޑުމެން އެއްމެންގެ އެދުމެވެ.

މި އަހަރު ދިވެހިބަހުގެ ދުވަހަށް ކަނޑައަޅުއްވާފައިވާ ޝިޢާރު ކަމަށްވާ “ބުނާނީ ލިޔާނީ ދިވެހިބަހުން”އަށް ވިސްނަވައިގެން ދިވެހި ލިޔުންތެރީންނާއި ހުރިހައި ދިވެހިން އަބަދުވެސް ދިވެހިބަސް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.